މިއީ ތައުބާވެ ނަފްސު އިސްލާހު ކުރުމުގެ މޫސުމެއް

އިސްލާމް ދީނުގައި ފަރުޟު ކުރައްވާފައިވާ އަޅުކަންތައްތަކަކީ އޭގެ ސަބަބުން އިންސާނާ ކުށްތަކުން ދުރުހެލިކޮށް އަބަދާއި އަބަދު ތައުބާވުމަށް ލިބޭ ފުރުސަތުތަކެކެވެ. ކޮންމެ ދުވަހަކު އަދާކުރާ ނަމާދުތަކާއި ކޮންމެ ހަފުތާއަކު އެއް ފަހަރު ކުރާ ހުކުރު ނަމާދާއި ކޮންމެ އަހަރަކު އެއް މަހު ހިފާ ރޯދަ އާއި އަހަރަކު އެއް ފަހަރު ނެރޭ ޒަކާތާއި އުމުރުން އެއް ފަހަރު އަދާކުރުމަށް އޮންނަ ހައްޖަކީ ތައުބާވުމުގެ ބައި އެ އަޅުކަންތަކުގައި އެކުލެވޭ އަޅުކަންތަކެވެ. މި އަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަސް އަޅުގަނޑުމެންނާ ކުރިމަތިލާން ގާތްވަމުން އަންނަ ހިނދު އަދި އެ ދުވަސް ހިމެނޭ ބަރަކާތްތެރި ދިހަ ރޭ ގެ ދުވަސްވަރު އައިސް އެ ދުވަސްތަކުގައި ކުރާ ހެޔޮ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދޭ އިރު ތައުބާގެ މަތިން ހަނދާން އާކޮށްލުން މުހިންމެވެ.


އެހެން ނަމަވެސް އަބަދުވެސް ދަންނަން ޖެހޭ ހަގީގަތަކީ ތައުބާވުމަކީ ވަކި މޫސުމެއްގައި އޮންނަ ކަމެއް ނޫން ކަމެވެ. އެއީ މުޅި އުމުރުގައި އަބަދުވެސް ކުރަން ޖެހޭ ކަމެކެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް ވެސް ދުވާލަކު ސަތޭކަ ފަހަރު އިސްތިޣްފާރު ކުރައްވައި ތައުބާވެ ވަޑައިގަންނަވާ ކަމަށް ހަދީސް ކުރައްވާފައި ވެއެވެ. ކީރިތި ޤުރުއާނުގެ އައްނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި ހުރިހާ މުއުމިނުންނަށް މާތްﷲ، އަމުރު ކުރައްވާފައި ވަނީ އެކަލާނގެ އަށް ތައުބާ ވުމަށެވެ. ކޮންމެ ނަބީބޭކަލެއްގެ ދަޢުވަތުގައި ވެސް އެބޭކަލެއްގެ ގައުމުގެ މީހުންނަށް ތައުބާވުމަށް ގޮވާލައްވާފައި ވެއެވެ.

ތައުބާ އަކީ ކޮބައިތޯ ބަލައިލާ އިރު އޭގެ ލަފުޒީ މާނައަކީ އެނބުރި އައުމެވެ. ޝަރުޢީ އިސްތިލާހުގައި އޭގެ މާނައަކީ މާތްﷲގެ އެންގެވުންތަކަށް ބޯލެނބުމަށް އެނބުރި ރުޖޫޢަވުމެވެ. މި ރުޖޫޢަވުން ޞައްޙަ ވާނީ އޭގައި ޝަރުޠުތަކެއް ފުރިހަމަ ވެގެންނެވެ.

މިގޮތުން އެންމެ ފުރަތަމަ ޝަރުޠަކީ ކުރަމުން އައި ފާފަތަކުން ދުރުހެލިވެ އެކަން ހުއްޓާލުމެވެ. ދެވަނަ ކަމަކީ، ފާފަ ކުރެވުނު ކަމަށްޓަކައި ހިތާމަ ކުރުމެވެ. ތިން ވަނަ ކަމަކީ، ދެން ދުވަހަކު ވެސް އެކަމުގެ ތެރެއަށް އެނބުރި ނުދިއުމުގެ ޢަޒުމް ކަނޑައެޅުމެވެ. ހަތަރު ވަނަ ޝަރުޠަކީ، ކުރެވުނު ފާފަތަކުގައި އެހެން މަޚްލޫޤެއްގެ ހައްގެއް އެކުލެވިފައިވާ ނަމަ އެހައްގު އަނބުރާ ދިނުމެވެ. ނުވަތަ ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް އެފަރާތުން މަޢާފު ހޯދުމެވެ.

ތައުބާވުމަކީ މުޅި އުމުރުގައި ކުރަން އޮންނަ ކަމެއް ކަމުގައި ވިއަސް ތައުބާ ގަބޫލު ނުކުރެވޭނެ ހިސާބެއް އޮވެއެވެ. އެކަން ކީރިތި ޤުރުއާނުގެ އައްނިސާއު ސޫރަތުގެ 18 ވަނަ އާޔަތުން އެނގެ އެވެ. އެ އާޔަތުގައިވާ ގޮތުން ނުބައި ކަންތައްތައް ކޮށްކޮށް ތިއްބައި، މަރު އައިސް އެމީހެއްގެ ގާތަށް ހާޒިރުވެއްޖެ ހިނދު، ތިމަން މިހާރު ތައުބާ ވެއްޖައީމޭ ބުނާ މީހުންނާއި ކާފިރުން ކަމުގައި ތިބެ މަރުވާ މީހުންނަށް ތައުބާ ގަބޫލު ކުރެއްވުމެއް ނެތެވެ. ތައުބާ ގަބޫލު ކުރައްވަނީ ނޭނގި ތިބުމާއެކު ނުބައިކަންތައް ކޮށް އެއަށް ފަހު އެ ނުބައި ކަމެއް ކުރުމާއި ވިދިގެން އަވަހަށް ތައުބާވެ އުޅޭ މީހުންނަށެވެ. (އައްނިސާއު 17)

ވީމާ މާދަމާ ތައުބާވުން ފަސް ކުރުމަކީ އޮންނަ ކަމެއް ނޫނެވެ. މާދަމާގެ ކުރިންވެސް މަރު އަތުވެދާނެ އެވެ. ތައުބާވުމުގައި ސަމާލުވާން ޖެހޭ އަނެއް ކަމަކީ ތެދުވެރި ގޮތެއްގައި ތައުބާ ވުމެވެ. އައްތަޙްރީމް ސޫރަތުގެ އަށް ވަނަ އާޔަތުގައި މާތްﷲ އަންގަވާފައިވަނީ ތެދުވެރި ގޮތެއްގައި ވެވޭ ތައުބާވުމަކުން ތައުބާވުމަށެވެ. މީގެ މާނައެއް ކަމުގައި ޢިލްމުވެރިން ވިދާޅުވަނީ ކުށަށް ދެ ވަނަ ފަހަރު އެނބުރި ނުދާ ގޮތެއްގައި ތައުބާވުމެވެ. ނުވަތަ ކުރިން ކުރި ފާފަ އަށް ނަފްރަތުކޮށް އެކަން ހަނދާންވާ ކޮންމެ ފަހަރަކު އިސްތިޣްފާރު ކުރުމެވެ.

ކުށް ކުރެވުމަކީ އިންސާނާގެ ޠަބީޢަތުގައިވާ ކަމެކެވެ. ވީމާ ކުށެއް ކުރެވުމުން އެކަމާ ދެރަވެ ހިތާމަ ކުރި ނަމަވެސް އެ ހިތާމައިގައި ދެމި ހުރުމަކީ އޮތް ކަމެއް ނޫނެވެ. ސަބަބަކީ ތައުބާގެ ދޮރު ހުޅުވިފައި ވާތީ އެވެ. އަދި ތައުބާވާ މީހުން ދެކެ މާތްﷲ ލޯބިވެ ވޮޑިގަންނަވާތީ އެވެ. އެކަލާނގެ އޯގާވަންތަ ކަމުންނެވެ. އެކަލާނގެ ފުއްސެވުމާއި މަޣްފިރަތު އަބަދަށްވެސް އޮންނާތީ އެވެ.

ތިމާ ކުރާ ކުށަށްވުރެ ބޮޑެތި ކުށްތަކާއި ފާފަތައް ކުރާ މީހުންވެސް ތައުބާ އަށް އެދެ އެވެ. އަދި އެފަދަ މީހުންގެ ފަރާތުން ތައުބާވުމަށް މާތްﷲ އަމުރު ވެސް ކުރައްވަ އެވެ. ޞާލިޙު މުއުމިނުން މަރައި އަލިފާނަށް ލައި އަންދައި އުޅުނު ބައެއްގެ ވާހަކަ ބުރޫޖް ސޫރަތުގައި ވެއެވެ. އެމީހުންނަށް ވެސް ތައުބާގެ ދޮރު ހުޅުވިފައި ވިކަން އެސޫރަތުން ދޭހަވެއެވެ. (އަލްބުރޫޖް 10)

މިފަދަ އެހެން ހާދިސާއަކީ ކީރިތި ރަސޫލާގެ ޒަމާނުގައި އުޅުނު އަންހެނެއްގެ ވާހަކަ އެވެ. އޭނާ ޒިނޭކޮށް ބަލިވެއިނުމަށް ފަހު ކީރިތި ރަސޫލާގެ އަރިއަހަށް އައިސް އެ ކަމަށް އިޢުތިރާފު ވިއެވެ. އަދި ތައުބާވެ ނަފްސު ތާހިރު ކުރުމުގެ ގޮތުން ޒިނޭގެ އުގޫބާތް ލިބިގަތުމަށް އެދުނެވެ. އެހިނދު އޭނާގެ އެ އިޢުތިރާފުގެ ސައްހަކަން އެތައް ގޮތަކުން ކީރިތި ރަސޫލާ ކަށަވަރު ކުރެއްވުމަށް ފަހު އޭނާ ރަޖަމް ކުރެވުނެވެ.

މި ހާދިސާ އާ ވިދިގެން ބައެއް އަޞްޙާބުން މި އަންހެން މީހާގެ ނުބައި ކަމުގެ ވާހަކަ ދައްކަމުން ދިޔަ އެވެ. އެ ހިނދު އޭނާގެ ތައުބާއާ ބެހޭ ގޮތުން ކީރިތި ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅުން ދޭހަވާ ގޮތުގައި މަދީނާގެ އަހުލުވެރިންގެ ތެރެއިން ހަތްދިހަ މީހުންނަށް އޭނާގެ އެ ތައުބާ ބަހާލެވުނު ކަމުގައި ވިއަސް އެ އެންމެންނަށް ފުދި އިތުރުވެގެންދާނެ އެވެ.

މާނަ އަކީ މިފަދަ ކުށެއް ކުރެވުނަސް ތެދުވެރި ތައުބާއަކުން ތައުބާވެއްޖެ ނަމަ އެއީ އެކަމުން ސަލާމަތް ވެވޭނެ ކަމެކެވެ. ހަމަ މިއާ އެކު ހަނދާން ކުރަން ޖެހޭ ކަމަކީ ފާފަ ކުރުމުގައި އިސްރާފުގެ ދަރަޖަ އަށް ދެވިފައިވީ ނަމަވެސް މާތްﷲ ގެ ރަޙްމަތާ މެދު މާޔޫސް ނުވުމަށް އެކަލާނގެ އަންގަވާފައި ވާކަމެވެ. އެކަލާނގެ ހުރިހާ ފާފައެއް ވެސް (ޝިރުކު ކުރުން ފިޔަވައި) ފުއްސަވާނެ ކަމެވެ. (އައްޒުމަރު 53)

ވީމާ އިންތިޒާރު ކުރަންވީ ކޮން ކަމަކަށް ހެއްޔެވެ؟ ކުށްކުރުން ދޫކޮށްލަމާ ހިނގާށެވެ. އެކަމާ ދެރަވަމާ ހިނގާށެވެ. ކިތަންމެ ދެރަވި ނަމަވެސް އެއީ ފާއިތުވި ތަން ކަން ހަނދާން ބަހައްޓަން ޖެހެ އެވެ. ސަބަބަކީ މާޒީ އަނބުރާ ނުގެނެވޭނެތީ އެވެ.

އެހެންނަމަވެސް އަހަރެމެންގެ އަތްމަތީގައި "މިއަދު" އެބައޮތެވެ. ކުރިމަތީގައި މުސްތަގުބަލު އެބައޮތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގަންނަވާ މީހުންގެ ތެރޭގައި ތައުބާވާ މީހުން ހިމެނެ އެވެ. ރަޙުމަތާއި އޯގާވަންތަކަން އެއީ ﷲ ގެ ޙަޟްރަތުގައި ލޯބިވެވޮޑިގެންވާ ސިފައެކެވެ. ތައުބާވާން މީސްތަކުންނަށް ފުރުސަތު ހުޅުވާލެވިފައި އެވަނީ ވެސް އެހެންވެގެންނެވެ.

ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވާ ގޮތުގައި ﷲގެ އަޅަކު އެކަލާނގެ އަށް ތައުބާވުމުން އެކަލާނގެ އެކަމާ އުފާވެ ވޮޑިގަންނަވާނީ ދަތުރެއްގެ މަތީގައި އުޅެނިކޮށް އޭނާ އަށް ނިދާލެވުނު ވަގުތެއްގައި އޭނާގެ ކާބޯތަކެއްޗާއި އެހެން ހުރިހާ ސާމާނެއް އަދި އޭނާގެ އަމިއްލަ ނަފްސު ވެސް އޭގައި އުފުލާ ސަވާރީ ގެއްލިގެން އެކަމާ ދެރަވެ ހިތާމަ ކުރުމަށް ފަހު އެ ސަވާރީ އަނބުރާ ރުޖޫއަ ވުމުން ލިބޭ އުފާވެރި ކަމަށް ވުރެ ވެސް ބޮޑު މިންވަރަކަށެވެ.

ވީމާ މިހާރު މިއީ ފާއިތުވި ކަންކަމާ މެދު ހިތާމަ ކޮށް މާޔޫސް ވާންވީ ވަގުތެއް ނޫނެވެ. މުސްތަޤުބަލަށް ވިސްނަންވީ ވަގުތެވެ. ކުށްފާފަ ކުރަން ދެވަނަ ފަހަރަކު ރުޖޫޢަ ނުވުމަށް އަޒުމް ކަނޑައަޅަންވީ ވަގުތެވެ. މާތްﷲ ގެ ދަރުބާރުގެ ދޮރޮކޮޅުގައި ޓަކި ޖަހަންވީ ވަގުތެވެ. އެކަލާނގެ އަޅަކު އެކަލާނގެ ރަޙްމަތާއި ފުއްސެވުމަށް އެދި ދަންނަވައިފި ނަމަ އެ އަޅަކާ އެކު ވޮޑިގެންވާނެ އެވެ.(އަލްބަޤަރާ 186)