އޮޅުންބޮޅުން- ހަމަހަމަކަން

ރާއްޖޭގައި ޢާއްމު ރައްޔިތުންނަށް ކުރިމަތިވާ އެންމެ ބޮޑު އުނދަގުލަކީ ކަންކަން ކުރުމަށް ހެދިފައި އޮންނަ ޤަވައިދު ނުވަތަ ޤާނޫނުގެ ތެރެއިން ކަންތައް ކުރުމަށް ރައްޔިތުންނަށް ކުރިމަތިވާ ދަތިކަމެވެ. ޤާނޫނުތައް ފާސްކޮށްފައި އޮންނަ ގޮތް ވެސް ގިނަ ފަހަރަށް ރަނގަޅެވެ. ޤަވައިދުތައް ހެދިފައި އޮންނަ ގޮތް ވެސް ބަލާލާ ބެލުމަށް ރަނގަޅެވެ. އެ ޤާނޫނެއް ނުވަތަ ޤަވައިދެއް ތަންފީޒު ކުރަން ފެށުމުން އެ އަށް ފަހު ނުކުންނަ މައްސަލަތަކާ މެދު ޤާނޫނު ހަދާ ފަރާތުން ވެސް ނުވަތަ ޤާނޫނު ތަންފީޒު ކުރަންޖެހޭ ފަރާތުން ވެސް ޢާއްމުންގެ ފަޅިން ވާ އުނދަގުލަށް ބަލާލެވިފައެއް ނުއޮވެ އެވެ. އެ ޤާނޫނެއް ނުވަތަ ޤަވައިދެއް ތަންފީޒު ކުރަންޖެހޭ ފަރާތަށް އުނދަގުލެއް ވާނަމަ، ނުވަތަ ލިބެންޖެހޭ ފައިސާއެެއް ލިބުމުގައި ދަތިތަކެއް އޮވެއްޖެ ނަމަ އެ ޤާނޫނެއް ނުވަތަ ޤަވައިދަކަށް ބަދަލު ގެނެވެ އެވެ.


އެހެން ނަމަވެސް ޢާއްމުންގެ ފަޅިން ވިސްނަން ރައްޔިތުން، ބޮޑު މުސާރަ ދީފައި، ނަމުގެ ކުރިއަށް، ރީތި ނަންއިތުރެއް ލާފައި ބައިތިއްބާފައި ތިބި މީހުންނަށް ވެސް އެފަދަ ކަންކަމާ މެދު ވިސްނާލަން ވަގުތެއް ނުވެ އެވެ. ވިޔަފާރި ކުރުމާއި، ބޯޓު ގަތުމާއި، އެހެން މީހެއްގެ ނަމުގައި ހޯދާފައި އޮންނަ ފަޅު ރަށެއް ތަރައްޤީ ކުރުމަށް އިންވެސްޓަރުން ހޯދުމާއި، ސަރުކާރުން ލިބެން ހުންނަ ފުރުޞަތުތައް ހޯދައި ޖާއިޒް ގޮތުގައި އެ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް މަސައްކަތް ކުރަން ޖެހޭތީވެ އެހެންކަމަކާ މެދު ވިސްނުމަށް އެމީހުންނަށް ވަގުތު ނުލިބެނީ އެވެ.

ބައެއް ޤާނޫނުތަކާއި ޤަވައިދުތައް ވުޖޫދަށް އަންނަ އިރު އެ އެއްޗެތީގެ ސަބަބުން ޢާއްމުންނަށް ވަރަށް އުނދަގޫ މައްސަލަތަކާ ބައެއް ފަހަރު ކުރިމަތިލާން ޖެހެ އެވެ. ގިނަ ޤާނޫނުތަކާއި ގަވައިދުތައް ހެދެނީ އަވަސްއަރައިގެން އެކަށީގެންވާ ދިރާސާއެއް ނުކުރެވި ކަމަށް ވާތީވެ އެވެ. ސަރުކާރުން ހުށައަޅާ އެއްޗަކަށް ވީތީވެ ރަނގަޅު ދިރާސާއެއް ކުރުމެއް ނެތި ވަރަށް ގިނަ ފަހަރު އެ އެއްޗެއް ފާސްކޮށްލަ އެވެ. ދެން ނުކުންނަ މައްސަލައަކީ އެ ޤާނޫނެއް ނުވަތަ ޤަވައިދެއްގެ ސަބަބުން ދަތިތަކާ ކުރިމަތިވާ މީހާ އަށް ހައްލެއް ހޯދަން ބޭނުން ވުމެވެ. އޭނާ އެ ހައްލު ހޯދަނީ ޤާނޫނުގައި ނުވަތަ ޤަވައިދުގައި ނެތް މަގަކުންނެވެ. އޭނާގެ ހާލާތު މަޖުބޫރު ކޮށްގެންނެވެ.

ކޮންމެ ވެރިކަމެއް ރާއްޖޭގައި އޮތް ކަމުގައި ވިޔަސް ނުކުންނަ އެންމެ ބޮޑު މައްސަލައަކީ އެންމެންގެ މެދުގައި ހަމަހަމަކޮށް ޤާނޫނު ތަންފީޒު ނުކުރެވުމެވެ. ތެދުފުޅެކެވެ. ޤާނޫނުގައި ބުނާގޮތުގައި ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވެގެންވެ އެވެ. އެހެން ނަމަވެސް ޢަަމަލީ ގޮތުން ކަންކަން ހިނގަނީ އެހެނެއް ނޫނެވެ. ކަންކަން ހިންގުމުގައްޔާއި، ތަންފީޒު ކުރުމުގައި މުގުލުގައި ތިބޭ މީހުން، އެމީހުންގެ ރަސްމީ ހައިސިއްޔަތުން މިކަން ޤަބޫލެއް ނުކުރާނެ އެވެ. އެހެން ނަމަވެސް ނުރަސްމީކޮށް މިކަމަށް އެއްބަސްވާނެ އެވެ. ޤާނޫނު ތަންފީޒު ކުރުމުގައި ގިނަ ފަހަރަށް އެކި މީހުންނާ މެދު ބެލެނީ އެކި ގޮތަށެވެ. އެއް ކަމެއްގައި ވެސް އެވެ. ޤާނޫނު ތަންފީޒު ކުރަން ތިބޭ ބައެއް މީހުން ބުނާގޮތުގައި އެގޮތަށް ކަންތައް ކުރަން ޖެހެނީ އެމީހުންނަށް، އެމީހުންގެ މަތިން އަންނަ އަމުރުގެ ސަބަބުންނެވެ. އަޅުގަނޑުގެ ނަޒަރުގައި ބައެއް ފަހަރަށް އެފަދަ އަމުރުތަކުން ބަރީއަވެވޭނެ މަގު ވެސް އޮވެ އެވެ. ތިމާ ތެދުވެރިނަމަ އެވެ. އިޚްލާޞްތެރި ނަމަ އެވެ. އެންމެ އިސްކަން ޤާނޫނަށް ދޭ ނަމަ އެވެ. އިންޞާފް ޤަބޫލުކުރާ ނަމަ އެވެ.

ކުށެއްގެ ތުހުމަތުގައި ހުރި މީހަކީ ކުށްވެރިއެއް ނޫނެވެ. އެއްބަސްވަމެވެ. އެކަމަކު އެމީހަކާ މެދު ކަންތައް ކުރެވެން ވާނީ އެފަދަ ތުހުމަތުގައި ތިބޭ މީހުންނާ މެދު ކަންތައް ކުރެވޭ ގޮތަށެވެ. ތުހުމަތު ކުރެވޭ މީހަކީ ސަރުކާރުގެ މަތީ މަޤާމެއްގައި ހުރި މީހަކަށް ވެސް ވެދާނެ އެވެ. ނުވަތަ ރައްޔިތުންގެ މަތީ ވަޒީފާއެއްގައި ހުރި މީހަކަށް ވެސް ވެދާނެ އެވެ. ނުވަތަ އެފަދަ ވަޒީފާތަކުގައި ތިބޭ މީހުންނާ، މަސައްކަތުގެ ގޮތުން ނުވަތަ ލޭގެ ގުޅުން އޮންނަ މީހަކަށް ވެސް ވެދާނެ އެވެ. އެހެން ނަމަވެސް އެފަދަ މީހުންނާ މެދުގައި ވެސް އަމަލު ކުރެވެން ވާނީ ޤާނޫނު ބުނާ ގޮތަށެވެ. ލިޔެފައި އޮތް ގޮތަށެވެ. "ތަރުޖަމާނުން" ބުނާ ގޮތަކަށެއް ވެސް ނޫނެވެ. ލުޔެއް ދޭނަމަ، އެފަދަ ލުޔެއް ވެސް ދެވެން ވާނީ ޤާނޫނުން މަގު ދައްކާދޭ ގޮތަކަށެވެ.

ވަކި ގޮތަކަށް ކުރިޔަށް ގެންދަން ލިޔެކިއުމުން ހަމަޖެހިފައި އޮންނަ ކަންތައްތައް، ބުރަދަން ހުރި މީހަކު ފޯނެއް ކޮށްލުމާ އެކު އެހެން ގޮތަކަށް ބަދަލުކޮށްލުމުގެ ސަގާފަތު ބަދަލުކުރަން ވެއްޖެ އެވެ. މިއީ އެހެން ޖީލެކެވެ. އެހެން ޒަމާނެކެވެ. މިހާރު އޮތީ އެހެން ވިސްނުމެކެވެ. މަންޒަރު ވެސް ވަނީ ބަދަލުވެފަ އެވެ. މި ޒަމާނުގައި ގަލަން އަތުލައިގަތުމުން، ނުވަތަ އަނގައިގާ ޓޭޕް ތަތްކުރުމުން ވެސް ޤާނޫނުގެ ހުދޫދުގެ ތެރޭގައި ކުރެވޭނެ ބައިވަރު ކަންތައްތައް އެބަހުއްޓެވެ. މި ބަދަލުވެފައި އޮތް ޒަމާނުގައި، ޤާނޫނާ އެއްގޮތަށް ކަންތައް ކުރުމަށް ޖެހިލުން ވާންވީ އެއްވެސް ސަބަބެއް ނެތެވެ. ތެދުފުޅެކެވެ. ފަހަރެއްގައި ކައްސާލަފާނެ އެވެ. އެކަމަކު އެއީ ވެއްޓުމެއް ނޫނެވެ.

މިހެން މިކަން އޮންނައިރު ދިމާވާ އެހެން މައްސަލައެއް ވެސް އެބައޮތެވެ. ރައްޔިތުންނަށް ޚިދުމަތް ދޭ ދާއިރާތަކުގައި މަސައްކަތް ކުރާ މީހުން ގެންގުޅޭ ވިސްނުމެވެ. އެ މީހުންނަށް ހަވާލުކުރެވިފައި އޮންނަނީ ރައްޔިތުންނަށް ވަކި ޚިދުމަތެއް ދިނުމަށެވެ. އެ މަސައްކަތް އެމީހުން ކުރަނީ ހިލޭސާބަހަކަށެއް ނޫނެވެ. މުސާރައަށެވެ. ކިތަންމެ އަގު ބޮޑު ރީތި ހެދުމެއް ލައިގެން އިނަސް އެ މީހަކީ ރައްޔިތުން އެ ކަމަކަށް އެދުމުން އެ ޚިދުމަތެއް ދޭން އިންނަ މީހެކެވެ. އެއީ ސަރުކާރުގައި މަސައްކަތް ކުރާ މީހަކަށް ވާނަމަ އެ މީހަކީ ރައްޔިތުންގެ ޚާދިމެކެވެ. ރާއްޖޭގެ އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ގިނަ މީހުންގެ އަމަލު ހުންނަ ގޮތުން، ހީކުރެވެނީ، ޚިދުމަތް ހޯދަން ދާ މީހުންނަކީ އެ މީހުންގެ ޚާދިމުން ހެންނެވެ. އޮފީހަކުން ޚިދުމަތެއްް ހޯދަން ދާ މީހަކަށް ވެވުނުހާ އުނދަގުލެއް ކުރުމަށް ފަހު އެކަމެއް ކޮށްދިނުމަކީ ތިމާގެ މޮޅު ކަންކަމަށް ރައްޔިތުންނަށް ޚިދުމަތް ދޭ ދާއިރާތަކުގައި މަސައްކަތް ކުރާ ގިނަ މީހުން ދެކެ އެވެ. މިކަން އަޅުގަނޑުމެންނަށް ފެންނަނީ އެ މީހުންގެ އަމަލުންނެވެ. ކުރަން ބުނާ ކަންތަކުންނެވެ. ވާހަކަ ދައްކާ ރާގުންނެވެ.

އެންމެ ހައިރާން ވާންޖެހޭ ކަމަކީ ބޭންކު ތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ވެސް ގިނަ މީހުން މިގޮތަށް ވިސްނުމެވެ. ބޭންކުތަކަށް އަޅުގަނޑުމެން ދަނީ، އެ ތަނުގައި ރައްކާކުރަން އަޅުގަނޑުމެން ބަހައްޓާފައި ހުންނަ ފައިސާ ނަގާށެވެ. ނޫން ނަމަ އެހެން މީހަކު އެތަނުގައި ރައްކާކުރަން ބަހައްޓާފައި ހުރި ފައިސާއިން އަޅުގަނޑުމެންނަށް ދިނުމަށް ބޭންކަށް އަންގާފައި އޮތް ފައިސާއެއް ނަގާށެވެ. އެ ޚިދުމަތް ލިބިގަތުމަށް ދަނީ ކިތަންމެ ނިކަމެތި މީހަކަށް ވިޔަސް އެ މީހަކާ މެދު ކަންތައް ކުރަން ވާނީ އެންމެ ކުޑަމިނުން ހިތްހެޔޮކަމާ އެކުގަ އެވެ. އެމީހަކާއި މުޚާތަބު ކުރެވެން ވާނީ ރީތި ބަހުރުވައިންނެވެ. އެ މީހަކީ ބޭރު ޤައުމަކުން އައި ބިދޭސީއަކަށް ވިޔަސް އެވެ. މިވާހަކަ މިގޮތަށް ދެންނެވިޔަސް ބައެއް ބޭންކުތަކުގެ ބައެއް ޚާއްޞަ ގޮފިތަކުންނާއި ފަތުރުވެރިކަމާ ބެހޭ އޮފީހަށް ޚިދުމަތެއް ހޯދުމަށް ކޮންމެ މީހަކު ދިޔައަސް އެ ތަންތަނުން މަރުޙަބާ ކިޔަނީ ވަރަށް މުހިއްމު މީހަކަށް މަރުޙަބާ ކިޔާގޮތަށެވެ. ރައްޔިތުންނަށް ޚިދުމަތް ދޭންވާނީ އެގޮތަށެވެ.

ސަރުކާރުން ކުރަންޖެހޭ ކަމެއް ކުރުމަށް އެކަމެއްގެ މައި އިދާރާ އަށް ދިއުމުން އެކަމެއް ކުރުމަށް އެހެން އިދާރާތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް އެ އިދާރާގެ ތެރެއިން ކުރުމަށް ހަމަޖެހެން ވީ އެވެ. އެކަމަކާ ގުޅޭ ހުރިހާ ފޯމެއް އެއްފަހަރާ ހުށައެޅިގެންނެވެ. އެއިރުން މައި އިދާރާއިން ކަމާ ބެހޭ އެހެން ތަންތަނަށް އެ ލިޔުންތައް ފޮނުވާ ލިބެންޖެހޭ ހުރިހާ ހުއްދައެއް ކަނޑައެޅިފައި އޮންނަ ވަކި މުއްދަތެއްގެ ތެރޭގައި ހޯދިދާނެ އެވެ. މިހާރު އެއްކަމެއް ހިނގާގޮތުގެ މިސާލެއް ދަންނަވާލާނަމެވެ. ފަތުރުވެރިކަމާ ބެހޭ ޚިދުމަތެއް ދިނުމަށް ތަނެއް ހުޅުވުމަށް ފަތުރުވެރިކަމާ ބެހޭ އޮފީހުގެ ލައިސަންސް ބޭނުންވެ އެވެ. އެ ހުއްދަ ލިބެނީ އެތަން ހިންގުމުގެ ހުރިހާ ކަމެއް ހަމަޖެހުމުންނެވެ. މުވައްޒަފުންނާ އެކުގަ އެވެ. ބިދޭސީ މުވައްޒަފުން ގެނައުމަށް ކޯޓާ ލިބެނީ އެ ޚިދުމަތެއް ދިނުމަށް ފަތުރުވެރިކަމާ ބެހޭ އޮފީހުގެ ހުއްދަ ލިބިގެންނެވެ. މިކަން އެބުނާ ގަވައިދާ އެއްގޮތަށް ކުރާނީ ކިހިނެއްތޯ އެވެ؟ މިކަހަލަ ބައިވަރު މިސާލުތައް އެބަހުއްޓެވެ.