އޮޅުންބޮޅުން- ރާއްޖެތެރެ

ޤަދީމީ ދިވެހިރާއްޖޭގައި ރާއްޖެތެރެ އާއި މާލެއާ އަޅާކިޔުމުގައި ވަރަށް ބޮޑު ތަފާތެއް ގެންގުޅުނެވެ. އެ ތަފާތު އެހާ ބޮޑަށް ގެނެވިފައި އޮތީ މާލެ އަކީ އެ ޒަމާނުގައި ރާއްޖޭގައި އޮތް އެންމެ ބޮޑަށް ތަރައްޤީ ވެފައި އޮތް ރަށަށް ވީމަ އެވެ. އަދި މާލެ އަކީ ވެރިކަން ކުރާ ރަށަށް ވީމަ އެވެ. މާލޭގެ އާބާދީ އެހެން ރަށްރަށަށް ވުރެ ބޮޑު ވެފައި މާލޭގައި ކާރޫބާރު ބޮޑު ވުމުންނެވެ. ޒަމާނީ ބޭސްފަރުވާ ކިތަންމެ ކުޑަކޮށް ވިއަސް ކުރެވެނީ މާލޭ ގައި ކަމުގައި ވާތީ ވެ އެވެ. ކިޔަވާ ފުރާވަރުގެ ކުދިން ކިޔަވަން ދާނެ ރަގަޅު ސްކޫލް ވެސް ހުންނަނީ މާލޭގަ އެވެ. ވަޒީފާ ލިބުމުގެ މަގު ބޮޑަށް ތަނަވަސް ވެފައި އޮންނަނީ ވެސް މާލޭގަ އެވެ. ލައިސެންސެއް ނަގަން ޖެހުނަސް، ޕާސްޕޯޓެއް ހައްދަން ޖެހުނަސް އަންނަން ޖެހެނީ މާލެ އަށެވެ. ރާއްޖެ އިން ބޭރަށް ފުރަން ޖެހެނީ ވެސް މާލެ އިންނެވެ. މަގުމަތީގައި ދުއްވޭ ވަރުގެ އެއްޗެއް އޮތިއްޔާ އެ އެއްޗެއް ވެސް އޮންނަނީ މާލޭގަ އެވެ.


އެ ޒަމާނުގައި ރަސްކަން ކުރައްވާފައިވާ ބައެއް ބޭފުޅުންގެ ޢާއިލާގެ ބޭބޭފުޅުންގެ ގޭގެ އަށް އަތޮޅުތަކުގެ މީހުން ދިއުމުން އެ މީހުންނާ މެދު އެ ބޭފުޅުން ދެކެވަޑައިގަންނަވަނީ ވަރަށް އެހެން ކަހަލަ ގޮތަކަށެވެ. އަތޮޅުގެ ތެރެއިން އައުމުންނެވެ. ނާތަހުޒީބު ސަރަހައްދަކުން އައުމުންނެވެ. އެ ތަންތަނުން ވެސް އަންނަ ކިޔަވައިގެން ތިބޭ މީހުންނަށް އެ ބޭފުޅުން އިޙްތިރާމް ކުރައްވަ އެވެ. އެބޭފުޅުން އެ ގެންގުޅުއްވާ މިންގަނޑެއްގެ ތެރެއިންނެވެ. އެބޭފުޅުންގެ ގޭގެ ތެރޭގައި ވާހަކަ ދައްކަވާ ބަހުރުވަ ވެސް އާދައިގެ މީހުންގެ ގޭގެ ތެރޭގައި ވާހަކަ ދައްކާ ބަހުރުވައާ ކުޑަކޮށް ތަފާތެވެ. ވަރަށް ޢާއްމުކޮށް ގެންގުޅުއްވަނީ "ފުޅު" ބަހުރުވަ އެވެ. ފެންވަރަން ދިއުމަށް، ނާނާފުޅު ފިިއްލަވަން، ބޭބެ އަށް ބޭބޭފުޅު، ބައްޕަ އަށް ބައްޕާފުޅު، މަންމަ އަށް މަންމާފުޅު، ގިފިއްޔަށް، ނުވަތަ ވަޅު ކޮޓަރި އަށް، އަވަހާރަގަނޑުވަރު ފަދަ ބަސް ބަހެވެ. މި ގޮތަށް ވާހަކަ ދައްކަވަނީ ހަމައެކަނި ސީދާ ރަސްކަލުންގެ ޢާއިލާ އިން ވަޑައިގެން ތިއްބެވި ބޭފުޅުންގެ މެދުގަ އެވެ. މިހާރު ވެސް ރަސްކަލުންގެ ޢާއިލާ އިން ވަޑައިގެން ތިއްބެވި ބައެއް ބޭފުޅުންގެ ގޭގެތެރޭގައި އެބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް މިގޮތަށް ވާހަކަ ދައްކަވަ އެވެ. އެބޭފުޅުން ބޮޑާ ކަމަކުންނެއް ނޫނެވެ. އާދައަކަށް ވެފައި އޮންނާތީ ވެ އެވެ. އެ ބޭފުޅުންގެ ސަގާފަތަކަށް ވާތީ ވެ އަދިވެސް ބައެއް ބޭފުޅުންނަށް އެ އާދަތައް ދޫކޮށްލައްވަން ދަތިފުޅު ވަނީ އެވެ. ރަސްކަމެއް ނެތް ތަނެއްގައި ރިޔާސީ ގަނޑުވަރުގައި އުޅުއްވާ ބޭފުޅުންނަކީ ވެސް "ފުޅު" ކަމަށް ފޫޅު ކަނޑާލެވޭނެ ބޭފުޅުންނެއް ނޫނެވެ. އެތާނގައި ތިއްބަވާނީ ވެސް ބައްޕަ އާއި ދަރިކަލުންނާއި މަންމަ އެވެ. "ފުޅާ" ނުލަ އެވެ. އިޙްތިރާމް ކުރުމުގެ ގޮތުން ވެސް "ފުޅު" ނުލާން ވާ މީހަކަށް "ފުޅު" ލައިފި ނަމަ އެ މީހަކީ "ފުޅު" ބޭނުން ކުރެވޭ އުޞޫލު އެނގޭ މީހަކަށް ވާ ނަމަ ވަރަށް ލަދު ގަންނާނެ އެވެ. "އަޅުގަނޑުގެ ހުންނަނީ ބައްޕައެކެވެ. ބައްޕާފުޅެއް ނޫނެވެ." ބުނެ ފައި ހުރި އަޑު އަޅުގަނޑަށް އިވިފައި އެބަ ހުއްޓެވެ.

ރަސްކަމާ އެއްވެސް ގުޅުމެއް ނެތް މާލޭގެ ބައެއް ޒަމާންވި ރަށްވެހިން އެ މީހުންނަކީ އަތޮޅު ތެރެއާ އެއްވެސް ގުޅުމެއް ނެތް ބައެެއް ކަމަށް ދެއްކުމަށް އެ މީހުންނަކީ ހަތަރު މަތިފުށް މާލޭގެ މީހުން ކަމަށް ފަޚުރުވެރި ކަމާ އެކު ބުނެ އެވެ. ހަތަރުމަތި ފުށޭ ބުނަނީ މަންމަ އާއި ބައްޕަގެ މަންމަ އާއި ބައްޕަ މާލެ އަށް އުފަން ވުމުންނެވެ. މި ޒަމާނުގެ ބައެއް ލިއުންތަކުން ހަތަރު ކަށިމަތީގެ ވާހަކައެއް ދައްކަ އެވެ. އުނދަގުލަކަށް ވާނީ އެ ހަތަރު ކަށިމަތި ގުނާނެ ގޮތެކެވެ. މި ޒަމާނުގައި އަތޮޅުތަކުން އަންނަ މީހުންނާއި މާލޭގައި ދިރިއުޅޭ ދެ ތިން ހަތަރު މަތިފުށް މާލޭ މީހުންނާ ތަފާތެއް ގެނެވޭ ކަހަލަ ގޮތަކަށް، ނުވަތަ ތަފާތެއް ފެންނަ ގޮތުގައި ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެކަމަކު ޙަޤީޤަތަކީ މިހާރު ވެސް މާލޭގެ ޒަމާންވި ބައެއް ގޭގޭގައި މި ޚިޔާލު ގެންގުޅޭ ކަމެވެ. މާލޭގެ ރަޖިސްޓަރީގައި ޖެހުމުން މާލޭގެ މީހަކަށް ވީ އެވެ. މާލޭގެ މީހުންނާއި އަތޮޅުތަކުގެ މީހުން ތަފާތުވާ ގޮތަށް ވާހަކަ ދެކެވިގެން ނުވާނެ އެވެ. އެކަމުގެ ސަބަބުން ބައެއް މީހުންގެ ހިތްތަކުގައި ތަފާތު ކަން އިޙްސާސް ވުމުގެ ރާޅު ބާނީއެއް އުފެދުމުގެ ފުރުޞަތު އޮވެދާނެ އެވެ. މިހާރު ވެސް ސަރުކާރުގެ އެންމެ އިސް މަޤާމްތަކުން ފެށިގެން ދަށުގެ ގިނަ މަޤާމްތަކުގައި ވެސް ތިއްބެވީ އަތޮޅުތަކުން ވަޑައިގެންނެވި ބޭފުޅުންނެވެ.

މާލެ އާއި ރާއްޖެތެރެއާ ބެހޭ ގޮތުން ލިޔެފައިވާ، އަޅުގަނޑަށް ފެނުނު ކުރީ ޒަމާނުގެ ގިނަ ލިއުންތަކުގައި، ރާއްޖެތެރެ ބޭނުން ކޮށްފައި އޮންނަނީ ދެ ތަފާތު ސަރަހައްދެއް ދެއްކުމަށް ވުރެ ބޮޑަށް ފެންވަރުގެ ގޮތުން ދަށު ދަރަޖައިގެ ސަރަހައްދެއް ދެއްކުމުގެ ބޭނުމުގަ އެވެ. މިއީ ބައެއް ބޭފުޅުން ސުވާލު އުފައްދަވާފާނެ ވިސްނުމަކަށް ވެސް ވެދާނެ އެވެ. ކޮންމެއަކަސް މި ވިސްނުން އަޅުގަނޑުގެ ސިކުނޑި އަށް ގަދަވެގަތުމުގެ ސަބަބުން އަޅުގަނޑުގެ އަމިއްލަ ދިވެހި ބަސް ފޮތުގައި ރާއްޖެތެރެ ނުއޮވެ އެވެ. އަޅުގަނޑު ބޭނުން ކުރަނީ އަތޮޅުތެރެ އެވެ.

މިހާރު ވެރިކަން ކުރާ ޕާޓީން ރިޔާސީ އިންތިޚާބުގައި ރަނިންމޭޓަކަށް ނެންގެވީ އަތޮޅު ތެރެއިން ވަޑައިގެންނެވި ބޭފުޅެކެވެ. އެކަކު ވެސް އޭނާ ވަޑައިގެންނެވި ތަނެއްގެ ވާހަކައެއް ނުދައްކަ އެވެ. ދެއްކީ އޭނާގެ ޤާބިލިއްޔަތާއި ތަޖުރިބާގެ ވާހަކަ އެވެ. އެ އަށް ފަހު، ޤާނޫނުއަސާސީގެ މާއްދާއެއް އިޞްލާޙް ކޮށްގެން ގެނެވުނު ނައިބް ރައީސްއާ ބެހޭ ގޮތުން އެއްޗެއް ދަންނަވާކަށް ނޭނގެ އެވެ. މިހާރު ހުންނެވި ނައިބް ރައީސަކީ ވެސް އަތޮޅުގެ ތެރެއިން ވަޑައިގެންނެވި ބޭފުޅެކެވެ. އޭނާއާ ބެހޭ ގޮތުން ވެސް ދައްކަނީ އޭނާގެ ޤާބިލިއްޔަތާއި، ތަޖުރިބާގެ ވާހަކަ އެވެ. އޭނާ ވަޑައިގެންނެވި ތަނަކީ މުހިއްމު ތަނަކަށް ނުވެ އެވެ. މިހާރުގެ ސިޔާސީ އުދަރެހަށް ބަލާލާއިރު ރިޔާސީ އިންތިޚާބަށް ޤާނޫނުގައި ބުނާ ޝަރުތުތައް ހަމަވެގެން ކެންޑިޑޭޓެއް ނެރޭ ނަމަ ފެންނަން ތިބީ މުޅިން ވެސް އަތޮޅުތަކުގައި މޫ ހުރި ކެންޑިޑޭޓުންނެވެ. މި ކަހަލަ ކަންތަކުގައި މާލެ އާއި އަތޮޅުތައް ތަފާތު ކުރެވޭ ރާގަށް ވާހަކަ ދެއްކުމަކީ މުޖުތަމަޢުގައި ނުސީދާކޮށް ބައިބައި ވުން އުފެދުމަށް ހިތްވަރު ލިބިދާނެ ކަމަކަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ.

ފަހަކަށް އައިސް މާލެ އާއި އަތޮޅުތަކުގެ ވާހަކަ ދައްކާ އިރު އެންމެ ގިނައިން އިވޭ އަޑަކީ މާލޭގައި ގެދޮރު ހުރި މީހުން އަތޮޅުތަކުން އަންނަ މީހުންގެ އަތުން ބޮޑު ކުއްޔެއް ނަގާ ވާހަކަ އެވެ. މާލޭގެ ގެދޮރުގެ ކުލި ބޮޑެވެ. މާލެ އަކީ ވެރިކަން ކުރާ ރަށަށް ވީމާ ކަމަށް ވެސް ވެދާނެ އެވެ. މިހާރު ހުޅުމާލޭގައި ވެސް ކުއްޔަށް ދޭ ތަންތަނުގެ ކުލި ބޮޑު ވެއްޖެ އެވެ. ކަަލަމްބޯގައި ކުލި ބޮޑެވެ. ނިއުދިއްލީގައި ކުލި ބޮޑެވެ. ކަޓުމުންޑޫގައި ކުލި ބޮޑެވެ. ލަންޑަނުގައި ކުލި ބޮޑެވެ. ޓޯކިޔޯ އާއި ވޮޝިންގްޓަން ކަހަލަ ތަންތާގައި ވެސް ކުލި ބޮޑެވެ. މާލޭގެ ގެދޮރުގެ ކުއްޔާ ބެހޭ ގޮތުން ބައެއް ނޫސްތަކުގައި ލިޔެފައި ހުންނަ ލިޔުމަކީ ވެސް ކަންތައް އޮންނަ ގޮތަށް ބަލާފައި ލިޔެފައި އޮންނަ ލިއުމެއް ނޫނެވެ. މާލޭގައި ގެދޮރު އިމާރާތް ކުރާ މީހުން ގެދޮރު އިމާރާތް ކުރަނީ ދެ ގޮތަކަށެވެ. އެއް ގޮތަކީ ލޯނެއް ނަގައިގެންނެނެވެ. އަނެއް ގޮތަކީ ދިގު މުއްދަކަތަކަށް ވިޔަފާރި ވެރިއަކަށް ބިންކޮޅު ކުއްޔަށް ދީގެން އިމާރާތް ކުރުމެވެ. މިހާރު 23 އަހަރުން، 30 އަހަރުން 35 އަހަރުގެ މުއްދަތަށެވެ. ލޯނެއް ނަގާ ނަމަ ބޭންކުތަކުން ލޯނު ދޫކުރަނީ 11 ޕަސެންޓުގެ އިންޓަރަސްޓަށެވެ. ރީތިކޮށްލަން އެ 11 ޕަސެންޓުގެ އިންޓަރެސްޓަށް ކޮންމެ ނަމެއް ކިޔަސް ބޭންކުން ދޫކުރާ ކޮންމެ 100 ރުފިޔާއަކަށް 11 ރުފިޔާ އިތުރުކުރެ އެވެ. ލޯނު ދޫކުރުމަށް ފަހު އެ ލޯނެެއް ދައްކަން ފަށަން ބޭންކުން ބުނާ ތާރީޚުން ފެށިގެން ލޯނަށް ނެގި ފައިސާ ކޮންމެ މަހަކު އިންޓަރަސްޓާ އެކު ދައްކަން ޖެެހެ އެވެ. އެންމެ ދުވަހެއް ލަސްވިޔަސް އެ ތަނުން އެ ހަދާ ހިސާބަކުން އިތުރަށް ފައިސާ ދައްކަން ޖެހެ އެވެ. ލޯނަށް ފައިސާ ނަގައިގެން ކުރާ އިމާރާތް ނިމުނަސް ނުވަތަ ނުނިމުނަސް، އެ ތަނުން އާމްދަނީއެއް ލިބުނަސް ނުވަތަ ނުލިބުނަސް ކަނޑައެޅިފައި އޮތް މުއްދަތުން ލޯނަށް ނެގި ފައިސާ އިން ކޮންމެ މަހަކަށް ޖެހޭ އަދަދަށް ބޭންކަށް ފައިސާ ދައްކަން ވެ އެވެ. މާލޭގައި ކުއްޔަށް ދޫކުރާ ތަންތަނުގެ އަގު ކަންޓުރޯލު ކުރަން ބޭނުން ނަމަ، އަގު ތިރި ކުރެވޭތޯ ބަލަން ވެސް ބައިވަރު ކަންތައްތައް ކުރަން ޖެހެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ބޭންކުން ލޯނަށް ދޫކުރާ ފައިސާގެ އިންޓަރެސްޓު ކުޑަކުރުމެވެ. އެ އީ މުޅި އިޤްތިޞާދަށް އަސަރު ކުރާނެ ކަމެކެވެ. ބޭންކުތަކަކީ އެ ތަނުން ފެންނަ ގޮތަކަށް ކަންތައް ކުރާ ބަޔެކެވެ.

އަތޮޅުތަކުގެ ބައެއް ރަށްރަށުގައި އޭސީ ކޮށްފައި ހުންނަ ބައެއް ގެސްޓު ހައުސްތަކުން ދުވާލަކަށް ކޮޓަރިއަކަށް ނަގާ ކުއްޔަކީ 500 ރުފިޔާ އެވެ. ޑަބަލް އެނދަކާއި ކޮޓަރި ތެރެއިން ވަދެވޭ ފާޚާނާއެއް ހުރެ އެވެ. ޓީވީ ހުންނަނީ ބޮޑު ކޮޓަރީގަ އެވެ. ފައިސާކޮޅެއް ގެންގުޅޭ އަރާމު ބޭނުންވާ މީހާ އަށް މި އަގު ރަނގަޅު ވެދާނެ އެވެ. ނަމަވެސް އާދައިގެ ދިރިއުޅުމެއްގެ މީހަކަށް އެއީ މާ ހިތްހަމަޖެހޭ އަގަކަށް ނުވެދާނެ އެވެ.

ޚިދުމަތްތަކުގެ އަގު އަޅާ ކިއުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޚާއްޞަކޮށް ތަފާތު ސަރަހައްދުތަކުގަ އެވެ. އެއީ ބަލަން ޖެހޭ ބައިވަރު ކަންތައްތައް ހުންނާނެތީ ވެ އެވެ.