އޮޅުންބޮޅުން: ވާ ގޮތް ނޭނގުން

ޕީޕީއެމްގެ ސަރުކާރުން މިހާރު ގެންގުޅޭ ގެދޮރުވެރިކޮށް ދިނުމުގެ ސިޔާސަތަކީ އެންމެނަށް ވެސް ރަނގަޅު ސިޔާސަތެކެވެ. ޚާއްޞަކޮށް ގެދޮރު ނެތް ޢާއިލާތަކަށެވެ. ގެދޮރުވެރިވާން ބޭނުންވާ ފަރުދުންނަށެވެ. ރަނގަޅު ކަންތައްތަކެއް ކޮށްދެވޭ އިރު ވެސް ބައެއް ފަހަރަށް ކަންތައް ވާ ގޮތް އަމިއްލަ ހިތްހަމަޖެހުމަށްޓަކައި ވެސް އޮޅުން ފިލުވާލަން ބޭނުންވެ އެވެ. މިހެން ދަންނަވާއިރު ވެސް ޕީޕީއެމްގެ ސަރުކާރުގެ ވެރިކަމުގައި ކަންތައް ކުރާ ގޮތަށް ބަލާއިރު ވާނުވާ ގޮތް ސާފުކޮށްދިނުމުގެ ސިޔާސަތެއް ނުގެންގުޅޭކަން ވެސް އެނގެ އެވެ. ވާނުވާ ގޮތް އެނގޭކަށް ނުވެސް ޖެހެ އެވެ.


ކަމާ ބެހޭ ފަރާތުން ބޮޑު މަސައްކަތަކުން، ބޮޑު ޚަރަދެއްކުރުމަށް ފަހު އިމާރާތެއް ކުރުމަށް ފަހު، އެ އިމާރާތުގައި ހުރި އެޕާޓްމެންޓުތައް ކުއްޔަށް ދޫކުރާނެ އުޞޫލުތައް އިޢްލާނުކުރުމަށް ފަހު އެޕާޓުމެންޓުތައް ވިއްކުމަށް، ނުވަތަ ކުއްޔަށް ދޫކުރުމަށް، އެކަމަށް އެދިފައިވާ މީހުންގެ ތެރެއިން މީހުން ހޮވާނީ އެކަން ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކަށެވެ. މާކްސް ދޭ އުޞޫލުން މާކްސް ދީގެން 90 ޕޮއިންޓު ލިބުނު މީހަކަށް އެޕާޓްމެންޓެއް ނުލިބި، ފަސްދޮޅަހަކަށް ޕޮއިންޓު ލިބުނު މީހަކު ހޮވިގެން އެޕާޓްމެންޓެއް ލިބުނުކަމުގައި ވިޔަސް އެއީ މައްސަލައަކަށް ވެގެންނުވާނެ އެވެ. މިހެން ވިޔެކޭ ފަހަރެއްގައި ވެސް އަޅުގަނޑު ނުދަންނަވަމެވެ. އަޅުގަނޑަށް ނޭނގޭތީވެ އެވެ. ބައެއް ފަހަރަށް ރާއްޖޭގެ ރަށެއްގައި ދިރިއުޅޭ، މާލޭގައި އެއްގޮތަކަށް ދިރިނޫޅޭ މީހަކަށް ވެސް ހުޅުމާލެއިން އެޕާޓްމެންޓެއް ލިބިދާނެ އެވެ. ދުރުން، މިފަދަ ކަންތައްތައް ފެންނަ މީހަކަށް ހީވާނީ އޭނާއަށް އެޕާޓްމެންޓް ލިބުން ހައްގު ނޫން ކަމަށެވެ. ކޮންމެވެސް ލިސްޓަކަށް ބެލެވިގެން ދިން ތަނެއްގެ ގޮތުގަ އެވެ. ނުވަތަ ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓުރީގައި އޮވެގެން ލިބުނު ތަނެއް ކަމުގަ އެވެ. ނުވަތަ ކޮންމެވެސް ސިޔާސީ ޕާޓީއެއްގައި ޢާއްމުންނަށް އުނދަގޫވާ ވަރަށް އަޑުބޭރުކުރާ ތާޅަފިއްޔަކާ ގުޅުން ހުރި ފަރާތެއް ކަމަށެވެ. މިއީ ވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. މިގޮތަށް މީހަކަށް އެޕާޓްމެންޓެއް ލިބުނަސް ލިބޭނީ ހަމަގައިމުވެސް ދިވެހި ރައްޔިތުންގެ ރެޖިސްޓުރީގައި އޮވެގެންނެވެ.

އެޕާޓްމެންޓުތައް ދޫކުރާ އޮފީހުން، އެޕާޓްމެންޓް ދޫކުރުމަށް ހޮވުނު ފަރާތަށް މާކްސް ލިބުނު ވަރު އިޢްލާނެއް ނުކުރެ އެވެ. އެޕާޓްމެންޓު ލިބުނު ފަރާތުގެ ފަރުދީ ޙައްޤު ރައްކާތެރިކުރުމުގެ ގޮތުންނެވެ. ވަރަށް ރަނގަޅު ނިންމުމެކެވެ. ޕީޕީއެމްގެ މި ސަރުކާރަކީ ރައްޔިތުންގެ ފަރުދީ ހައްގަށް ވަރަށް ބޮޑަށް ބަލާ ސަރުކާރެކެވެ. ޙިމާޔަތްކުރާ ސަރުކާރެކެވެ. ޑިމޮކްރަސީއޭ، އިންޞާފޭ ކިޔައިގެން ވާހަކަ ދައްކާ މީހުން ބައެއް ފަހަރު މިކަހަލަ ޕޮއިންޓު ނަގާފާނެ އެވެ. އަޅުގަނޑުމެން ޑިމޮކްރަސީ އާއި ޢަދުލުއިންޞާފްއޭ ކިޔައިގެން ވާހަކަ ދައްކަންވާނީ ފުރަތަމަ ބަނޑުފުރާނަ މުއްތިކޮށްގެންނެވެ. ނިވާވާ ވަރަށް އަންނައުނު ލިބިގެންނެވެ. ބައްލަވާށެވެ! އަޅުގަނޑުމެންގެ އެންމެ ގާތް އެކުވެރި ދެ ގައުމުގެ ރައްޔިތުން ޑިމޮކްރަސީއޭ ޢަދުލުއިންޞާފްއޭ ކިޔައިގެން ވާހަކަދައްކައެއް ނޫޅެ އެވެ. ކޮންމެ ރަމަޟާން މަހަކު ހިލޭ ކަދުރު ވެސް ލިބެ އެވެ. އަދި ބޭނުން ވައްތަރެއްގެ އެއްޗެއް އުފެއްދުމަށް ފަހު ބޭނުން ވައްތަރެއްގެ ނަމެއް ޖަހާފައި މާރުކޭޓަށް ވެސް ނެރެވެ އެވެ. ރިޝްވަތުގެ ބޮޑެތި މައްސަލަތަކުގެ "ކުށްވެރިން" ވެސް ބަންދުކޮށްފައި ބައިތިއްބަނީ ބޮޑެތި ހޮޓަލުގަ އެވެ. ޑިމޮކްރަސީގެ އެއްވެސް މައްސަލައެއް ނެތެވެ. އަޅުގަނޑުމެން ކުރާ ކަންތައްތަކާ ބެހި އަޅުގަނޑުމެންނަށް ފާޑުކިޔާ ހަދާނީ ފަރަންޖީންނެވެ. އަޅުގަނޑުމެން ކުރާ ކަންތައްތަކާ ނުބެހި ތިބޭނީ އަޅުގަނޑުމެންގެ ގާތް އެކުވެރިންނެވެ. އެމީހުންނަކީ އަޅުގަނޑުމެންގެ ޢަޤީދާއާ ފުށުއަރާ ގޮތަކަށް ކަންތައް ކުރާ ބަޔަކަށް ވިޔަސް އެމީހުން ފަރަންޖީންގެ ތެރޭގައި ހިމެނިގެން ނުވާނެ އެވެ. މި ވާހަކަ މި ދެންނެވީ އެއްގޮތަކަށް ވެސް "ހަކުރު ދެންޏާ ބޮޑު ބޭބެ" އޭ ބުނާ އުޞޫލަކުން ނޫނެވެ.

އަޅުގަނޑުމެންގެ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމެއް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމުގެ ސިޔާސަތުގެ ދަށުން ކުންފުނިތަކުން ވެސް އުސް އިމާރާތްތައްކުރުމަށް ފަހު، އެޕާޓްމެންޓުތައް ކުއްޔަށް ދޫކުރަން ނުވަތަ ވިއްކާލުމުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ފަށައިފި އެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނަމުން ގެންދަނީ ކުންފުނިތަކުން ވެސް އިޖުތިމާޢީ ޒިންމާ އުފުލުމުގެ ގޮތުން މި ބާވަތުގެ ކަންތަކުގެ ތެރެއަށް ވަންނަނީ ކަމަށެވެ. ރާއްޖޭގައި އެންމެ ބޮޑު ފައިދާ ހޯދާ ކުންފުނިތަކަކީ މުވާޞަލާތީ ޚިދުމަތްތައްދޭ ކުންފުނިތަކެވެ. އެ ކުންފުނިތަކުން އަދި މި ވިޔަފާރީގެ ތެރެއަކަށް ނުވަދެ އެވެ. ވަންނާނެހެން ހީއެއް ވެސް ނުވެ އެވެ. ދެން އޮތީ ބޭންކުތަކެވެ. އެތަންތަނުން ބޭނުންވާނީ ދަރަންޏަށް ފައިސާ ދޫކޮށްގެން، ކަނޑައެޅިފައި އޮތް މުއްދަތުގެ ތެރޭގައި އެފައިސާ ނުދައްކައިފި ނަމަ އެތަނެއް ވިއްކާލައިގެން ފައިސާ ހޯދާށެވެ. މިހެންވުމާ އެކު މި އިޖްތިމާޢީ ޚިދުމަތުގެ ތެރެއަށް ބޭންކަށް ވެސް ނުސީދާ ގޮތަކަށް ވަދެވެ.

ރަސްފަންނު ކުރިމަތިން އޮންނަ ހުސް ބިން: މި ތަނުގައި ލަގުޒަރީ އަދި އުސް އިމާރާތްތަކެއް އަޅަން ވަނީ ހަމަޖައްސާފައި ފޮޓޯ: މިހާރު

ރާއްޖޭގައި އަމިއްލަ ވިޔަފާރިކުރާ ކުންފުނިތަކުން މާ ކުރީއްސުރެ ވެސް ވަނީ އެ ވިޔަފާރީގެ ތެރެއަށް ވަދެފަ އެވެ. ނަމަވެސް މިހާރު މި ފެންނަހާ ފުޅާކޮށެއް ނޫނެވެ. ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުނިތަކުންނާއި، ސަރުކާރާއި ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުނިތަކުން ވެސް މި ވިޔަފާރީގެ ތެރެއަށް ވަންނަނީ އެވެ. އެތައް ސަތޭކަ މިލިއަން ރުފިޔާގެ އިންވެސްޓްމެންޓެއް ކުރެވޭހާ ފައިދާ އެ ކުންފުނިތަކުން ލިބޭ ބާވަ އެވެ؟ ކުންފުނިތަކުން ޢާއްމުކުރާ ހިސާބުތަކުން އެހާ ބޮޑު ފައިދާއެއްވާ ކަމަކަށް ނުދައްކަ އެވެ. ސަރުކާރުގެ ކުންފުނިތަކުން ނުވަތަ ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކުން ބޭރުގެ ކުންފުނިތަކާ ގުޅިގެން އިންވެސްޓު ކުރާ ނަމަ، އިންވެސްޓްކުރާ ފައިސާ ލިބޭނެކަމުގެ ގެރެންޓީއެއް ސަރުކާރުން ދޭން ނުޖެހޭނެ ބާވަ އެވެ؟ ކަސްޓަމްސް އަކީ ކުންފުންޏެއް ބާވަ އެވެ؟ މިއީ ހެޔޮ ނިޔަތުގައި ކޮއްލި ސުވާލެކެވެ. އެތަނުން ވެސް އިންވެސްޓަރުން ހޯދަން ދަތުރުކުރާ ޚަބަރު ލިބޭތީވެ އެވެ. އެ ދަތުރުތައް ކުރާނީ އަޅުގަނޑުމެންގެ އަތުން ޓެކްސްގެ ގޮތުގައި ސަރުކާރުން ނަގާ ފައިސާ ބަޖެޓުގެ ތެރެއިން ހޯދައިގެން ނޫންކަން ޔަޤީނެވެ. އެތަނުގެ ހުރިހާ މުވައްޒަފުން މި މަސައްކަތަށް އެއްކުރާ ފައިސާ އިން ކަމަށް ވެސް ވެދާނެ އެވެ. އާ އަހަރުގެ، އަޅުގަނޑުގެ ފުރަތަމަ ދުޢާ އަކީ ކުންފުންޏެއްގެ ދަރަޖަ މީރާއަށް ލިބޭ ގޮތަށް ހަމަޖެހޭ ގޮތް ނުވުމެވެ. އެތަނުން އަމިއްލަ އަށް އުސް އިމާރާތެއް ކުރުމުގެ ފުރުޞަތު ލިބުމުގެ ބަދަލުގައި ސަރުކާރުން ނުވަތަ ބޮޑު މަހުޖަނަކު ވެސް އެކަމުގެ މެދުވެރިއަކަށް ވުމެވެ.

މާލޭގެ މޫނުމަތި ބަދަލުވަމުން ދާއިރު މާލޭގައި ދިރިއުޅޭ މީހުންގެ ހާލަތާ މެދު ޕީޕީއެމްގެ ސަރުކާރުން މާ ބޮޑު ސަމާލުކަމެއް ދޭހެނެއް ހީއެއް ނުވެ އެވެ. ސަމާލުކަން ދެވެނީ އިމާރާތްކުރުމަށެވެ. ރަސްފަންނު ކައިރި ސަރަހައްދުގައި އޮތް ހުސް ބިންކޮޅު ޓަވަރުތަކެއް އެޅުމަށް ދޫކޮށްލުމުން ގިނަ ބަޔަކަށް ބޯހިޔާވަހިކަން ލިބޭނެ އެވެ. އެކަމަކު އެތަނުގައި ދިރިއުޅޭ ބަޔަކު ވެސް ކޮންމެވެސް ވަގުތަކު ބޭރަށް ނުކުންނަން ޖެހޭނެ އެވެ. މުނިފޫހިފިލުވުމަށް، ކުޅިވަރު ކުޅުމަށް އެ ސަރަހައްދުން ބިންކޮޅެއް ލިބެން އޮންނާނީ ވެސްޓު ޕާކް ސަރަހައްދުންނެވެ. ތެދުފުޅެކެވެ. ތަރައްގީކުރެވޭ ސަރަހައްދުގެ ތެރޭގައި، އެތަނުގައި، ދިރިއުޅޭ މީހުންގެ ބޭނުންތަކަށް މުނިފޫހިފިލުވުމުގެ ބައެއް ޚިދުމަތްތައް ލިބެން ހުރެދާނެ އެވެ. އެހެން މީހުންނަށް ވާނީ ކިހިނެއްތޯ އެވެ؟

ތަރައްޤީ އާއި ރީތިކަމަކީ ހަމައެކަނި އުސް ކޮންކުރީޓު އިމާރާތުން އަންނަ ކަމެއް ނޫނެވެ. އެހެނިހެން ގޮތްގޮތަށް ވެސް ތަރައްޤީ އާއި ރީތިކަން ގެނެވިދާނެ އެވެ. މާލޭގެ ތޮއްޖެހިފައިވާ މާހައުލުން ދުރަށް ގޮސް ހިތްފަސޭހަކޮށްލަން އޮތް ކުޑަބަޑޮސް އެއޮތީ އަގަށް ވުރެ ބޮޑަށް އެތެރޭގެ ނުފޫޒުން ދޫކޮށްލާފަ އެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު، އަދި ފަހުން ނައިބު ރައީސްގެ އަރިއަހުގައި ޢާއްމު ފަރުދަކު ކުޑަބަޑޮހަކީ ދިވެހިން ޗުއްޓީގެ ގޮތުގައި ދެވޭނެ ރަށެއްގެ ގޮތުގައި ބޭއްވުމަށް އާދޭސް ދެންނެވި އިރު އަޅުގަނޑު ހުރީ އެދެކެވުނު ވާހަކައިގެ އަޑުއިވޭ ހިސާބުގަ އެވެ. އެއިރު އޭނާ ވިދާޅުވީ ކުޑަބަޑޮސް އޮންނާނީ ދިވެހިން ދަތުރު ދާ ރަށެއްގެ ގޮތުގައި ކަމަށެވެ. ބޭރުގެ ފަތުރުވެރިންނަށް ޚިދުމަތް ދޭ ގޮތަށް ހަމަޖައްސަނީ ރަށް ބެލެހެއްޓުމަށް އާމްދަނީއެއް ހޯދަން ކަމަށެވެ. ދާދި ފަހުން ފޭދޫފިނޮޅުގެ ރަސްމިއްޔާތަކަށް މިނިސްޓަރަކު ވަޑައިގެންނެވި ޚަބަރު ލިބުމުން އަޅުގަނޑު ވަރަށް ދެރަވި އެވެ. މި ސަރަހައްދުގައި ދިވެހިން ޕިކްނިކް ދާން އޮތް އެންމެ ފަހު ރަށް ވެސް ދިޔައީ އެވެ. އަޅުގަނޑުގެ ކައިރީގައި އިން މީހަކު އަޅުގަނޑުގެ ހިތްހަމަޖައްސާލަން ބުންޏެވެ. "މިދުވަސް ވެސް ހިނގައި ދާނެ އެވެ." އަޅުގަނޑު ބުނީމެވެ. މި ދުވަސް ދާއިރު އަޅުގަނޑުމެންގެ ދުވަސް އޮންނާނީ ގޮސްފަ އެވެ.