ބޯހިޔާވަހިކަމުގެ ޔަގީންކަން، ސަރުކާރު ކޮބާ؟

މިހާރު މި އޮތީ އެ މޫސުން އައިސްފަ އެވެ. ބޯމަތިވެފައި މި އޮތީ ވަރުގަދަ އިންތިޚާބެކެވެ. އެ އިންތިޚާބަށް އަހުދާއި ވައުދުވުން އޮތީ މެކުހަށެވެ. ހާސިލް ކުރެވޭނެ ވައުދެއްތޯ ނުވަތަ ނޫންތޯ ބަލާނެ ކަމެއް ނެތެވެ. ކުރީގެ ސަރުކާރުން ގޯސްކޮށް ކުރި ބައެއް ކަންތައްތައް ވެސް މިއަދު މި އޮތީ ރަނގަޅުވާ ދަރަޖަ އަށް ގޮސްފަ އެވެ. އިންތިޚާބާ ދިމާކޮށް ބޮޑެތި މަޝްރޫއުތައް އިއުލާން ކުރުމާއި ތިމާމެންގެ އާރާއި ބާރު އޮތްކަން ދައްކައި ވޯޓުލާ މީހުންނަށް ނުފޫޒު ފޯރުވޭނެ ހުރިހާ ކަމެއް ވެސް އޮތީ ހަމަ ކުރިއަށެވެ. ކުރިން ކޮރަޕްޝަނަށް ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން މިއަދު ހަމަ ރަނގަޅެވެ. އެ ކަމެއް ދިފާއު ކުރެވޭނެ ހުއްޖަތްތައް މަތިމައްޗަށް ދައްކަންވީ އެވެ.


މާލޭގައި ވޯޓުލާ މީހުންގެ ސިކުނޑިއާ އެންމެ ރަނގަޅަށް ކުޅެވޭނީ ބޯހިޔާވަހިކަމުގެ ތެރެއިންނެވެ. މާލެ އަށް އުފަން މާލޭގެ މީހުން ދިރިއުޅެނީ ވަރަށް ދަތި ހާލުގަ އެވެ. ރަށްރަށުން މާލެ އައިސް އުޅޭ މީހުންނަށް ވުރެ މާލެ އުފަން ބައެއް މީހުންގެ ނިކަމެތިކަން މާ ބޮޑު ކަމަށް ފެނެ އެވެ. އެ މީހުންނަށް އެ ދަތިކަމުން ހައްލެއް ހޯދައި ދޭން ޖެހެ އެވެ. މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ކަހަލަ ގޮތަކަށް އެ ވާހަކަ އެބަ ދައްކަވަ އެވެ. މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެބަ ވިދާޅުވެ އެވެ. އެންމެ ފަހުން ބޭއްވި އާންމު އިންތިޚާބުގެ ކެމްޕެއިނަށް ވުރެ މި ފަހަރު އެ އަޑު ގަދަ އެވެ. ހަމަ ރަނގަޅު ކަމެކެވެ. އެކަމަކު މައްސަލަ އަކީ ތިމާމެންގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަންކަން ކުރަން އުޅުމެވެ.

މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް 'ވެށިފަހި މާލެ' ޕްރޮގްރާމް ފެއްޓެވީ ކުރީގެ ރައީސް އަދި މި އިންތިޚާބުގައި މައްޗަންގޮޅި މެދު ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެއީ އެމަނިކުފާނުގެ ވެރިކަން ބަދަލުވުމާ ހަމައަށް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރެއްވި މުހިންމު މަޝްރޫއެކެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓު ނުލިބުނު މީހުންނަށް އެމްޑީޕީން މިރޭ ބައްދަލުވުމެއް ބާއްވައި ފްލެޓުގެ ޔަގީންކަން އިންތިޚާބާ ދިމާކޮށް ދިނުމަކީ އާންމު އިންތިޚާބާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނަށް ރިއާޔަތް ކުރި ނަމަވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ.

އެކަމަކު، މިއަދު މި ފެނުނީ 'ވެށިފަހި މާލެ' ޕްރޮގްރާމް އަލުން ފަށާނެ ކަމަށް ސަރުކާރުން ބުނުމެއް ނެތި ކުއްލި ގޮތަކަށް ނަޝީދުގެ ކެމްޕެއިން އޮފީހުންނާއި އެމްޑީޕީންނާއި އެ ޕާޓީގެ ޓިކެޓުގައި މާލެ ދާއިރާ އަށް ވާދަކުރައްވާ އެހެން ކެންޑިޑޭޓުންގެ އޮފީސްތަކުން އިސްވެ އެ ވާހަކަ ދައްކަވަން ފެށި ތަނެވެ. އެ ޕްރޮގްރާމްގެ ދަށުން ފްލެޓް ނުލިބޭ އެންމެ ނިކަމެތި 4،000 މީހުންގެ ލިސްޓެއް އެމްޑީޕީގެ އޮފީހުގައި އެބަ އޮތެވެ. އެ ލިސްޓަށް ބަލައިގެން މީސްމީހުންނަށް ގުޅައިގެން ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ބައެއް ފޯން ކޯލްތަކުގައި ދީފައި ވާ ކަމަށް ވެ އެވެ. އަދި މިރޭ އޮންނަ ބައްދަލުވުމުގައި ފްލެޓާ ހަވާލުވާން ދިއުމަށް ވެސް ބައެއް ކޯލްތަކުގައި އަންގާފައިވާ ކަމަށް ވެ އެވެ. މިއީ، ވަކި ކެންޑިޑޭޓަކު ނުވަތަ ވަކި ޕާޓީއަކުން ވޯޓަށް ނުފޫޒު ފޯރުވުން ނޫން ދެން ކޮން ކަމެއް ހެއްޔެވެ؟ ސަރުކާރުގެ ތެރޭގައި ގެންގުޅޭ ލިސްޓެއް ހަމައެކަނި އެމްޑީޕީ އާއި އެ ޕާޓީގެ ކެންޑިޑޭޓުންނަށް ލިބުމަކީ އެހެން ކެންޑިޑޭޓުންގެ ހައްގަށް ލިބޭ އުނި ކަމެކެވެ. އިންތިޚާބަށް ނުފޫޒު ފޯރުވެނީ ނުވަތަ ކޮރަޕްޝަނަށް މަގުފަހި ވަނީ ހަމައެކަނި ފުޓުބޯޅަ މެޗެއް ބޭއްވުމަކުން ނޫނެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓު ނުލިބުނު މީހުންނަށް އެމްޑީޕީން މިރޭ ބައްދަލުވުމެއް ބާއްވައި ފްލެޓުގެ ޔަގީންކަން އިންތިޚާބާ ދިމާކޮށް ދިނުމަކީ އާންމު އިންތިޚާބާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނަށް ރިއާޔަތް ކުރި ނަމަވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ.

އިންތިޚާބަށް އިއުލާންކުރާ ތާރީޚުން ފެށިގެން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާތާ 30 ދުވަހުގެ ނިޔަލަށް، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ޚިދުމަތެއް ދިނުން ނުވަތަ މަންފާއެއް ފޯރުކޮށް ދިނުން ނުވަތަ އެއިން ކަމެއް ކުރަން އުޅުމަކީ ވެސް ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުން ކަމަށް ގާނޫނުގައި ވެ އެވެ.

ގާނޫނުތަކުގައި މިހާ ސާފުކޮށް ކަންކަން ބަޔާންކޮށްފައި ވަނިކޮށް، އެ އަށް އަމަލުކޮށް ތަބާވުމަށް ބާރު އަޅާ ބަޔަކު އެފަދަ ކަމެއް ކުރަން އުޅުމަކީ ނުވަތަ އެފަދަ އަމަލަކަށް މަގުފަހިވާ ފަދަ ކަމެއް ކުރުމަކީ މައްސަލައެކެވެ. އަޅުގަނޑަށް ގޯސްވީ ހެޔޮވެރިކަމާއި ގާނޫނީ އިމުގެ ތެރެއިން ނޫން ގޮތަކަށް ކަންކަން ނުކުރާނެ ކަމަށް ވައުދުވެ އަދި ނުރަނގަޅު ނުފޫޒު ނުފޯރުވާނެ ކަމަށް ބުނާ ބަޔަކު އެކަން ކުރުމުންނެވެ.

ބޯހިޔާވަހިކަމުގެ ވާހަކަ ހުރިހާ ކެންޑިޑޭޓުން ވެސް އެބަ ދައްކަ އެވެ. ގާނޫނީ ނިޒާމުގެ ތެރެއިން އެކަން ހައްލު ކޮށްދޭނެ ވާހަކަ އެވެ. ސިޔާސަތުތަކެއް ވެސް ބައެއް ކެންޑިޑޭޓުން އެބަ ގެންގުޅެ އެވެ. އެކަމަކު، އެމްޑީޕީގެ ސަރުކާރަކުން ކަމަށް ވިޔަސް ހިންގާފައި އޮތް މަޝްރޫއެއްގެ ވާހަކަ ކެމްޕެއިންގެ ތެރޭގައި އަލުން ފަށައި ގޯތިގެދޮރުގެ ޔަގީންކަން އެތައް ދޭ އިރު ހައުސިން މިނިސްޓްރީއަކަށް ރޭކާވެސް ނުލަ އެވެ. ސަރުކާރުގެ ސިޔާސަތު އޮތް ގޮތެއް ވެސް ނޭނގެ އެވެ. 'ވެށިފަހި މާލެ' ޕްރޮގްރާމް އަލުން ފަށަން އުޅޭ ކަމެއް ވެސް ހައުސިން މިނިސްޓްރީ އަށް އެނގޭ ކަމަކަށް ނުވެ އެވެ.

މާލޭގެ ރައްޔިތުންގެ ވޯޓު ކޮންމެ ބަޔަކަށް ވެސް ހޯދޭނެ އެންމެ ފަސޭހަ އެއް ގޮތަކީ ބޯހިޔާވަހިކަމުގެ ވާހަކަ ދެއްކުމެވެ. އެކަމަކު އެކަން ކުރަން ޖެހެނީ ސަރުކާރުގެ ބަހެއް ނެތި ވަކި ޕާޓީއަކުން ކަމަށް ނަމަ އެއީ ގޯހެކެވެ. ގޯއްޗާއި ފްލެޓު ދޭނެ ކަމުގެ ޔަގީންކަން ވަކި ޕާޓީއަކުން ނުވަތަ ކެންޑިޑޭޓަކު ދޭ ނަމަ އެއީ ރަނގަޅު ކަމެއް ނޫނެވެ. މިފަދަ ސިޔާސަތުތަކާއި އުސޫލުތައް އަންނަން ވާނީ ސީދާ ސަރުކާރުންނެވެ. މާލޭގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ހަފުތާގައި ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެ ސިޔާސަތު ހާމަނުކުރައްވަނީސް ވަކި ބަޔަކު ބޯހިޔާވަހިކަމުގެ ޔަގީންކަން ދިނުމަކީ އިންތިޚާބަށް ސީދާ ނުފޫޒު ފޯރުވުމެވެ.

މިފަދަ ކަންކަން ހުއްޓުވައި ފިޔަވަޅު އަޅަން ޖެހެނީ ވަކި ބަޔަކު ވީމައެއް ނޫނެވެ. އެންމެންގެ ހައްގަށްޓަކަ އެވެ. ވަކި ބައެއް ކުރީމާ ރަނގަޅު ވެފައި އަނެއް ބަޔަކު ކުރީމާ އެއީ ގޯސްކޮށް ކަމަށް ދެކޭ ނަމަ މި ގައުމެއް އިސްލާހެއް ނުވާނެ އެވެ.