އިންތިޚާބަކީ ބާތިލްކުރާ އެއްޗެއް ހެއްޔެވެ؟

"އުންޑައިގެ ބާރަށް ވުރެ ގަދައީ ވޯޓުގެ ބާރު،" އެމެރިކާގެ މަޝްހޫރު ރައީސެއް ކަމަށްވާ އެބްރަހަމަ ލިންކަން އިންތިޚާބާ ގުޅޭ ގޮތުން ވިދާޅުވެފައިވެ އެވެ.


ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެބާރު ރައްޔިތުން ދައްކަނީ އިންތިޚާބުގައި އެމީހުން ލާ ވޯޓުންނެވެ. މި ވޯޓުގައި، އެމީހުންގެ މައްޗަށް ވެރިކަން ހިންގާނެ މީހަކު ކަނޑައަޅަ އެވެ. ހަމަ އެގޮތަށް އެމީހުން އެދޭ ސިޔާސަތާއި އުސޫލުތައް ވެސް ވޯޓުން އެމީހުން ކަނޑައަޅަ އެވެ. އެހެންކަމުން ޑިމޮކްރަސީގައި ހަގީގަތުގައި ވެސް އުންޑައަށް ވުރެ ވޯޓުގެ ބާރު ގަދަވެ އެވެ.

ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސަކީ މިނިވަން، އިންސާފުވެރި އިންތިޚާބެވެ. މިނިވަން، އިންސާފުވެރި އިންތިޚާބުގައި ރައްޔިތުން އެމީހުންނަށް ފެންނަ ގޮތް ބަޔާންކުރެ އެވެ. ނުވަތަ ރައްޔިތުން އެމީހުންގެ އަޑު ވޯޓުން އިއްވަ އެވެ. ޑިމޮކެރެޓިކް ހަމަތަކުން ހިނގާ ގައުމުތަކުގައި އިންތިޚާބު އިންސާފުވެރިކޮށް މިނިވަންކުރާ މައިގަނޑު ބަހާއަކީ އެމީހުންގެ މެދުގައި އޮންނަ އިތުބާރާއި އެމީހުން ޤަބޫލުކުރާ އުސޫލުތަކާއި އާދަތަކެވެ. އެގޮތުން އިންތިޚާބުގެ ނަތީޖާ ބަލައިގަނެ ގަބޫލުކުރުމަކީ އެމީހުންގެ ކިބައިގައިވާ އާދައެކެވެ. ބަލި ގަބޫލުކުރުމަކީ އެމީހުންގެ ސިފައެކެވެ. ނަތީޖާއަކަށް ވަނީ ބާތިލްކުރާ އެއްޗަކަށް އިންތިޚާބު ނުވުމެވެ.

އެމެރިކާގައި 2000 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ފްލޮރިޑާ ސްޓޭޓްގެ ވޯޓު، ޤާނޫނީ ހަމަތަކުގެ މަތިން އަލުން ގުނަން ޖެހުނެވެ. އެއީ އިންތިޚާބު ކާމިޔާބުކުރެއްވި ޖޯޖް ބުޝް އާއި ބަލިވި ކެންޑިޑޭޓް އަލް ގޯގެ ނަތީޖާގައި ހުރި ފަރަގު ކުޑަކަމުންނެވެ. ފްލޮރިޑާގެ އިންތިޚާބުގައި ބުޝް މޮޅުވީ .009 ޕަސެންޓް، (537 ވޯޓު) ގެ ކުޑަ ތަފާތުންނެވެ. މިފަދަ ކުޑަ ތަފާތުވުމެއްގައި އަލުން ވޯޓު ގުނުން ފްލޮރިޑާގެ ގާނޫނު ލާޒިމްކުރެ އެވެ. އެކަމަކު ފްލޮރިޑާގެ ވޯޓު ބޮޑު މައްސަލައަކަށްވެ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. ނަތީޖާއަކަށް ވީ އެ ނަތީޖާ ރަނގަޅު ކަމަށް ސުޕްރީމް ކޯޓުގެ އަގުލަބިއްޔަތުން ނިންމުމެވެ.

އެމެރިކާގެ މި އިންތިޚާބުން އެނގުނު އެއް ކަމަކީ އިންތިޚާބެއްގައި ސުވާލު އުފެދެނީ ނަތީޖާގައި ހުންނަ ފަރަގު ، ނިހާޔަތަށް ކުޑަވުމުން ކަމެވެ. މިނިވަން، އިންސާފުވެރި އިންތިޚާބެއްގައި ވާދަކުރި ވާދަވެރިންގެ ފަރަގު މާ ބޮޑަށް ކުޑަވުމުން ކަންކުރާ ގޮތަކީ ދެވަނަ ފަހަރު ވޯޓު ގުނުމެވެ. އެވަރުން މީސްތަކުންގެ މެދުގައި ނުތަނަވަސްކަން ކުޑަނުވެއްޖެ ނަމަ މައްސަލަ ކޯޓަށް ހުށަހެޅެ އެވެ. ކޯޓުން އާންމުކޮށް ބަލަނީ މައްސަލަ ޖެހުނު ވޯޓު ފޮށީގެ ނުވަތަ ދާއިރާގެ އިންތިޚާބު ބާއްވަން ޖެހޭ ފަދަ ކަމެއް ހިނގާފައިވޭތޯ އެވެ؟ އެހެންކަމުން ޑިމޮކްރެޓިކް ބީދައިން ހިނގާ ގައުމުތަކުގައި ކޯޓު މަރުހަލާއިން މުޅި އިންތިޚާބު ބާޠިލުކުރުމަކީ ވަރަށް ޚައްސާސް ހާލަތެއްގައި މެނުވީ ކުރާ ކަމެއް ނޫނެވެ.

ޑިމޮކްރެޓިކް ވެއްޓެއްގައި ދުނިޔޭގައި ފުރަތަމަ ފަހަރަށް ރިޔާސީ އިންތިޚާބެއް ބާޠިލްކުރީ 2013 ގައި ރާއްޖޭގަ އެވެ. ރާއްޖޭގައި އެ ނިންމުން އައިއިރު ހައިރާންކުރުވި އެންމެ ބޮޑު ކަމަކީ ބާތިލްކުރި އިންތިޚާބު، އިންތިޚާބުގެ ފުރަތަމަ ބުރަށް ވުމެވެ. މާނަޔަކީ އިންތިޚާބުގެ ފަހު ބުރުގައި ވާދަކުރާ ދެ މީހުންގެ މައްސަލައަކަށް ނުވާހިނދު ވެސް އިންތިޚާބު ބާތިލްވާން ޖެހުމެވެ. އަދި އަލުން އިންތިޚާބު ބޭއްވުމުން، ޝަކުވާ އުފުލި ކެންޑިޑޭޓަށް ލިބުނު ވޯޓު ދެ ޕަސެންޓް ވީ މަދެވެ.

ދުނިޔޭގައި ރިޔާސީ އިންތިޚާބެއް ދެވަނަ ފަހަރަށް ބާތިލްކުރީ 2016 ގައި އޮސްޓްރިއާގަ އެވެ. ގްރީން ޕާޓީގެ ކެންޑިޑޭޓް އެލެގްޒެންޑަ ވެން ޑާ ބެލެން ކާމިޔާބުކުރީ އެއް ޕަސެންޓް (31،026 ވޯޓު) އިންނެވެ. އިންތިޚާބު ބާތިލްކުރަން އޮސްޓްރިއާގެ އެންމެ މަތީ ކޯޓުން ކުރި ހުކުމް ބަޔާންކުރި ގޮތުގައި އިންތިޚާބު ބާތިލްކުރަން ޖެހުނު އަސާސަކީ ގާނޫނީ ޙުކޫމަތާއި ޑިމޮކްރަސީއަށް ރައްޔިތުންގެ އިތުބާރު ކަށަވަރުކުރުމެވެ. އަދި އިންތިޚާބު ބާތިލްކުރުމުގެ މާނަޔަކީ ވާދަކުރި ވަކި ކެންޑިޑޭޓަކު މޮޅުކޮށް އަދި ދެރަކުރުމެއް ނޫނެވެ. އަލުން ބޭއްވި އިންތިޚާބު ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބުކުރީ ވެސް ކުރިން މޮޅުވި ބެލެން އެވެ.

މިފަދަ މަދު މިސާލުތަކެއް ހުއްޓަސް ޑިމޮކްރަސީގެ ހަމައިން ހިނގާ މުޖުތަމައުތަކުގައި މުޅި އިންތިޚާބަކީ ބާޠިލުކުރާ އެއްޗެއް ނޫނެވެ. އެހެނީ އެފަދަ ގައުމުތަކުގައި ބާއްވަނީ މިނިވަން، އިންސާފުވެރި އިންތިޚާބަށް ވާތީ އެވެ. މުޅި އިންތިޚާބު ބާތިލްކޮށްފި ނަމަ އެއިން އަންގައިދެނީ އިންތިޚާބަކީ އިންސާފުވެރިކަމެއް ނެތް، މިނިވަންކަމެއް ވެސް ނެތް އެއްޗެއްކަމެވެ. އެފަދަ ހާލަތެއްގައި އަލުން މިނިވަން، އިންސާފުވެރި އިންތިޚާބެއް ކަށަވަރުކުރާނެ ޖާގަ ކުޑަވެ އެވެ. މިފަދަ ހާލަތަކަށް ގައުމު ވެއްޓުމުން ދެން އެކަމުން އަރައިގަންނަން ޒަމާންތަކެއް ނަގަ އެވެ.

ރާއްޖެ މިހާރު އޮތީ މި ހާލަތުގަ އެވެ. ރާއްޖެއަށް ބަލާއިރު 2013 ވަނަ އަހަރު އިންތިޚާބު ބާތިލްކުރުމުގެ ނަތީޖާއަކަށް ވީ މިއަދު އަނެއްކާވެސް ބަޔަކު އެކަން ބޭނުންވުމެވެ. މާދަމާ މިކަން ހިނގުމާއި ނުހިނގުން ބިނާވާނީ މިއަދު ނިކުންނަ ނިންމުމުގެ މައްޗަށެވެ.

ޑިމޮކްރަޓިކް ވެށީގައި އިންތިޚާބަކީ އިރުއިރުކޮޅާ ބާއްވާ އެއްޗެއް ނޫނެވެ. އެއީ އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން އިންތިޚާބުގެ އަގުބޮޑުކަމުންނެވެ. މި ބަހުގެ މާނަޔަކީ ފަހަރެއްގައި ވެސް އިންތިޚާބެއް ބާއްވަން ކުރާ ޚަރަދުގެ ވާހަކައެއް ނޫނެވެ. އެކަމަކު އެކަމަށްޓަކައި އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން އެ މުޖުތަމައަކުން ވާ ބޮޑު ގުރުބާނީ އެވެ. އިންތިޚާބު ކުޅޭކުޅޭ ކަމަކަށް ވެއްޖެ ނަމަ އެއިން އަންގައިދެނީ އެބައެއްގެ މެދުގައި ޑިމޮކްރަސީ ބީރައްޓެހިވަރެވެ. ގާނޫނީ ޙުކޫމަތާއި ޑިމޮކްރަސީ އާލާވަނީ ގައުމުގެ ހުރިހާ ހިއްސާދާރުން މިނިވަން، އިންސާފުވެރި އިންތިޚާބު ބާއްވަން ޖާގަ ދީގެންނެވެ. ވަކިން ޚާއްސާކޮށް އެވަގުތަކު އޮންނަ ސަރުކާރަކުން އެކަމަށް މަގުފަހިކޮށްގެންނެވެ. އަދި ހުރިހާ ހިއްސާދާރުން އިންތިޚާބުގެ ނަތީޖާއަށް އިހުތިރާމްކޮށް އޭގެ ސައްހަކަން ދިފާއުކުރުމުގައި ދެމިތިބެގެންނެވެ.

އެޑިޓަރުގެ ނޯޓު

ފަޔާޒަކީ 2013 ގެ ރިޔާސީ އިންތިހާބު ބޭއްވިއިރު އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އެވެ. ހިންގުމުގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލުކުރައްވާފައިވާ ފަޔާޒު މިހާރު ގެންދަވަނީ އެ ރޮނގުން ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓް ކޯސްތަކުގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.