މީހަކު ހިލޭ ކެއުމެއް ދިނުމުގެ މާނައަކީ މުޅިން ހިލޭވުމެއް ނޫން، އެއަށް އެހެން ބަޔަކު ހަރަދެއް ކުރޭ:
27 ޑިސެމްބަރ 2018 - 08:44
"ނޯ ފްރީ ލަންޗް" މިއީ މަޝްހޫރު އިނގިރޭސި މުހާވިރާ ބަހެކެވެ. ހިލޭ ޖެހޭ ކެއުމެއް ނުހުންނަ ވާހަކަ އެވެ. ތިމާގެ ޖީބުން ޚަރަދު ނުކުރި ނަމަވެސް، ކޮންމެވެސް މީހެއްގެ ޖީބުން ކެއުމަށް ޚަރަދު ހިނގާނެ ވާހަކަ އެވެ. ކޮންމެ މީހަކު އަގު ދެއްކި ނަމަވެސް، ކެއްކުމަށް ބޭނުންކުރި ހަނޑުލާއި، މަހާއި، ހަވާދާއި، ތެޔޮ އަދި ފިޔާ މިރުސް ގަތުމަށް ޚަރަދު ހިނގާނެ އެވެ. ރައްޓެއްސަކު، ހިލޭ އެތަކެތި ދިން ކަމުގައި ވިޔަސް، އޭނާ އެތަކެެތި ހޯދާފައި ހުންނާނީ ހިލެއަކު ނޫނެވެ. ފިހާރައަކުން "ސިއްރުން" ނެގި އެއްޗެތި ކަމުގައި ވިޔަސް، އެފިހާރައާ ހަމައަށް ތަކެތި އަންނާނީ ކޮންމެވެސް ބަޔަކު އުފައްދާ، އެތަކެތި ވިއްކައިގެންނެވެ. މިރުހާއި ފިޔާ ހެއްދީ ގޭގައި ކަމުގައި ވިޔަސް، އެކަމަށް ވެސް ޚަރަދާއި ވަގުތު ހިނގަ އެވެ. ކެއްކީ ތިމާގެ ދެ އަތުން، ކަމުގައި ވިޔަސް، ކެއްކުމަށް ކޮންމެވެސް ބާވަތެއްގެ ހަކަތައެއް ބޭނުން ކުރަން ޖެހެ އެވެ. އަދި ތިމާގެ ވަގުތަކީ އަގެއް އެކުލެވިގެންވާ، މުދަލެކެވެ. ހިލޭ ޖެހޭ ކެއުމެއް، ޚިދުމަތެއް ނުހުރެ އެވެ.
ރައްޓެއްސަކު ދަޢުވަތު ދިނީތީ މާކުންބެ ލަދުން އިސްޖަހަލާ މިންވަރަށް ކައިގެން ބަނޑުދަމާލާއިރު، ތިމާގެ ޖީބުން ކެއުމަށް އަގު ދައްކަން ނުޖެހުނު ކަމުގައި ވިޔަސް، އެއަކީ ހިލޭ ޖެހުނު ކެއުމެއް ނޫނެވެ. ކޮންމެވެސް މީހަކު، ނުވަތަ ބަޔަކު އެކެއުމަށް އަގު ދައްކަ އެވެ. ފަރުދަކު ކުރި ނަމަވެސް، ކުންފުންޏަކުން ކުރި ނަމަވެސް، ކޮންމެ މުދަލަކަށް، ކޮންމެ ޚިދްމަތަކަށް، އަގެއް ޖެހެ އެވެ. އެއްވެސް މުދަލަކީ، ޚިދްމަތަކީ ހިލޭ ޖެހޭ އެއްޗެއް ނޫނެވެ. މިއީ އިންތިޚާބު ބޯމަތި ވުމަކުން، ނުވަތަ، ފުރަތަމަ 100 ދުވަސް ވިޔަތީ ބަދަލު ނާންނާނެ އިޤްތިޞާދީ މުހިންމު އަސާސެކެވެ.
ކޮންމެ މުދަލަކަށް، ކޮންމެ ޚިދްމަތަކަށް އަގެއް ދައްކަން ޖެހޭކަން ޔަގީން ވާހިނދު، ދައުލަތުން ފޯރުކޮށްދޭ ޚިދްމަތްތައް ހިލޭ ޖެހޭނޭ ކަމުގައި ދެކެންވީ ސަބަބެއް ނެތެވެ. ދައުލަތުން ފޯރުކޮށްދޭ ކޮންމެ ޚިދްމަތެއްގެ ވެސް އަގެއް ހިމެނެ އެވެ. ޚިދްމަތް ލިބިގަންނަ ފަރާތަށް އަގު ހެޔޮ ކޮށްދެވޭނީ، ކޮންމެވެސް އެހެން ނިސްބަތަކުން އެ ޚިދްމަތުގެ އަގު ދައްކައިގެންނެވެ. ސަބްސިޑީ ފޯރުކޮށްދެނީ އެގޮތުންނެވެ. ޚިދްމަތް ލިބިގަންނަ ފަރާތުން އަގު ނުނަގާ، ދައުލަތުން އެ ޚިދްމަތަށް އަގު ދެއްކުމުންނެވެ. ޚިދްމަތް ލިބިގަންނަ ފަރާތުން އެ ޚިދްމަތަށް އަގު ދައްކަން ނުޖެހުމުން، އެ ޚިދްމަތަކީ ހިލޭ ޖެހޭ ޚިދުމަތަކަށް ނުވެ އެވެ. ހަމައެކަނި އަގު ދައްކާ ފަރާތް ތަފާތުވުން ފިޔަވައި އިތުރު ބަދަލެއް ނާދެ އެވެ. މެންދުރުގެ ކެއުމަށް، ދަޢުވަތުދިން މީހާގެ ޖީބުން ކެއުމަށް އަގު ދެއްކިބީދައިންނެވެ.
ނަމަވެސް ދައުލަތަކީ އޭގެ ޒާތުގައި އަމިއްލަ މުއްސަނދި ކަމެއް ހުންނަ މުއައްސިސެއް ނޫނެވެ. ޢާންމު ގޮތެއްގައި ދައުލަތުގައި ހުންނާނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާ އެވެ. ޚިދްމަތް ލިބިގަންނަ ފަރާތަށް ލުއި ދިނުމުގެ ގޮތުން، އަގު ހެޔޮ ކޮށްދީފި ނަމަ، ނުވަތަ އެއްވެސް މިންވަރަކަށް އަގު އަގުދައްކަން ނުޖެހެނީ ނަމަ، މަދުވާ ބައި ދައުލަތުން ދައްކަން ޖެހެ އެވެ. މީ އާންމު އުސޫލެވެ. މިގޮތުން އިތުރަށް ދައްކަން ޖެހޭ މިންވަރު ހަމަޖައްސަން ޖެހޭނީ ރައްޔިތުން އަތުން އިތުރަށް ޓެކްސް ނަގައިގެންނެވެ. މި އަސާސަކަށް ބަދަލެއް ނާންނާނެ އެވެ.
މީގެ އިތުރުން ދައުލަތަށް މިހާރު ލިބެމުންދާ އާމްދަނީއެއް މަދުކުރަނީ ނަމަ، އެގޮތުން ނުލިބިދާ އާމްދަނީ ވެސް، ކޮންމެވެސް އެހެން ގޮތަކުން ހޯދައިގެން މެނުވީ، މިހާރު ވެސް ދަރަނިވެފައިވާ ބަޖެޓުގެ ފުލެއް ނޭޅޭނެ އެވެ. ތެލުން ނަގާ ޑިޔުޓީ ކަނޑާލުމުން، ދައުލަތުގެ އާމްދަނީ އެހެން ގޮތަކުން އިތުރު ކުރަން މަޖްބޫރުވާނެ އެވެ.
އައިޖީއެމްއެޗުގެ ލެބޯރަޓަރީ: އާސަންދައަކީ ހިލޭ ހިދުމަތެއް ނަމަވެސް އެއަށް ހަރަދުކުރަނީ ހުރިހާ ރައްޔިތުން
ޚިދްމަތް ލިބިގަންނަ ފަރާތުން، އެ ޚިދްމަތުގެ އަގު ދައްކަން ނުޖެހެނީ ނަމަ، އަގުގެ ތަފާތު "ފާލަން" ކުރަން ޖެހޭނީ ހުރިހާ ރައްޔިތުން އަތުން ނަގާ އިތުރު ޓެކްސް އިންނެވެ. އާސަންދަ ޚިދްމަތަކީ އެންމެނަށް ހުޅުވާލެވިފައިވާ ހިލޭ ޚިދްމަތެކެވެ. އެ ޚިދްމަތަށް އަގު ދައްކަނީ ޓެކްސް ދައްކާ ހުރިހާ ރައްޔިތުންނެވެ. މަދުން ބޭސްކުރާ ފަރާތްތަކާއި، އެއްވެސް ގޮތަކަށް ޑަކްޓަރުގެޔެއް ފެންނަ ހިސާބަށް ދާން ނުޖެހޭ ނަސީބުވެރިޔާ ވެސް އެ ޚިދްމަތަށް ޓެކްސް ދައްކާނެ އެވެ.
އެހެންކަމުން، ޚިދްމަތުގެ އަގު ހެޔޮކުރުމަށް، ނުވަތަ ޚިދްމަތުގެ އަގު އެއްކޮށް ކަނޑާލުމަށް، ދައުލަތުގައި އެދޭ އިރު، އެގޮތުން ދައުލަތަށް މަދުވާ މިންވަރު، ކޮންމެވެސް ގޮތަކުން ދައުލަތަށް ލިބޭނޭ ގޮތެއް އޮންނަން ޖެހޭނޭކަން ޤަބޫލުކުރެވެން ޖެހެ އެވެ. ތިމާއަށް ދައްކަން ނުޖެހޭ އަގު، ހުރިހާ ރައްޔިތުން އަތުން ހޯދުމަށް ދައުލަތަށް މަޖްބޫރުވާނެކަން އެނގެން ޖެހެ އެވެ.
އިންތިޚާބު ބޯމަތި ވުމުން، ނުވަތަ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި ހިމެނިގެން ނަމަވެސް މިގޮތުން އަގުހެޔޮ ކޮށްދެވޭ ޚިދްމަތުގެ އަގު އެހެން ނިސްބަތަކުން ދައުލަތުން ހޯދާން މަޖްބޫރުވާނެ ކަމުގައި އަޅުގަނޑުމެން ދަންނަން ޖެހޭނެ އެވެ. މިއީ ރައްޔިތުން ދަސްކޮށް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ. އެއްވެސް މުދަލެއް، ޚިދްމަތަކީ ހިލޭ އެއްޗެއް ނޫނެވެ. އެ ޚިދްމަތް ލިބިގަންނަ ރައްޔިތުމީހާ، ޚިދްމަތަށް ދައްކަން ޖެހޭ އަދަދު ނުދައްކަނީ ނަމަ، ހުރިހާ ރައްޔިތުން އަތުން ނަގާ ޓެކްސްގެ މިންވަރު އިތުރުވާނެ އެވެ. މިއީ ވަކި ދާއިރާއަކަށް، ވަނި ސިނާޢަތަކަށް، ވަކި ޚިދްމަތަކަށް، އަދި ވަކި ބަޔަކު ވެރިކަމުގައި ތިބުމަކުން ބަދަލު އަންނަ ސިފައެއް ނޫނެވެ. އިޤްތިޞާދީ އަސާސެކެވެ.
އާތިފަކީ އިގުތިސާދީ ދާއިރާ އިން ކިޔަވާވިދާޅުވެގެން ހުންނެވި އިގުތިސާދީ ދާއިރާގެ މައުލޫއުތަކަށް ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މަތީ މަގާމުތައް ވެސް ފުރުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިޖޭ
06 January 2019
މިބީދައިން،، ދައުލަތަށް ނަގާ ޓެކްސް ތަކަށް ބަދަލު އަންނައިރު، ދައުލަތުން ކުރިން ނަގަމުން އަައި ބައެއް ފީ ތަކަށްވެސް ބަދަލެއް ގެންނާން ޖެހޭ. މިސާލަކަށް ކުރިން ޓޫރިޒަމް ބެޑް ޓެކްސް ކަނޑާލި ބީދައިން، ކުންފުނި ތަކުގެ އަހަރީ ފީ ވެސް ކަނޑާލަން ޖެހޭ، އެހެނީ މިހަރު ބީޕީޓީ ފަދަ އެތަށް ޓެކްސް އެއް އެބަ ނަގާދދޯ
އީދަމް
28 December 2018
އެހެންވީމާ ސަރުކާރުން ކުރިން ހިލޭދިން ޚިދުމަތްތަކަށް މިހާރު ކޮށްދޭއަގު 10 އަކާއި ގިނަކޮށްފައި ރައްޔިތުންގެ އަތުން ލާރިނަގާގޮތަށް ހަމަޖައްސަންވީނު. ހެޔޮވެރިކަމެއް ކުރަން ބޭނުމިއްޔާ
adam
28 December 2018
ނޯފްރީ ލަންޗް ގެ ކޮންސެޕްޓް ގެނެސްދިންލެއް އެހާ އެހާ އެއް ނޫން. ނޯ ފްރީލަންޗަކީ މަސައްކަތަކާ ނުލާ އެއްވެސް ކަމެއް ހާޞިލް ނުވާވާހަކަ. ކޮންމެ ކަމަކަށްވެސް އަގެއް އޮންނާނެ. އަދި އެކަމެއް ހާޞިލްކުރުމަށް އެ އަގު ދައްކަންޖެހޭނެ. މިސާލަކަށް ހިކެން ބޭނުންވާ މީހާ ދައްކަންޖެހޭ އަގަކީ ކަސްރަތުކުރުމާ، ޑައިޓްކުރުން، އެކަން ނުކޮށެއް ނުހިކޭނެ. މީ އޭގެ ހުލާސާ މާނަައަކީ
އަޑަފި
27 December 2018
ނޯ ފްރީ ލަންޗް ގެ ދިވެހި މާނަ ބޭނުންކޮއްފައިވާ ގޮތް އެހާ ރަނގަޅެއް ނޫނެއެވެ. ކާއެއްޗެއް ހިލޭ ނުލިބޭނެ.
އެލްއެލް
27 December 2018
ކޮންމެވެސް "ފްރީ" އެއްޗެއް ދޭނަމޭ ބުނާއިރަށް އެމީހަކާ މެދު ހިތްލެނބެނީ ވަކި ވަރަކަށް ނޫން ބައެއް މީހުންގެ. ވިސްނާލުމެއްނެތް އެކަން އެވަނީ ކިހިނެތްކަމެއް. ވިޔަފާރިގޮތް ބޮޑު މި ޒަމާނުގައި "ފްރީ" ތަކެތި ހަމަ އަސްލުވެސް ދޭން އުޅެނީތޯ ވިސްނާލާނީ މަދު ބަޔަކު. ޝޭމްޕޫއެއް ގަންނައިރު ހިލޭ ސައިބޯންޏެއްލިބޭތީ އެ ޝޭމްޕޫ ގަންނައިރު ހިލޭ ސައިބޯނީގެ އަގު އެއްކަލަ ޝޭމްޕޫގެ އަގުގަ ހިމެނިފަ އޮވެދާނެތޯ ބައެއް ފަހަރު ނުވިސްނޭނެ.
ރޮކެޓް ސައިންސް
27 December 2018
އަހަރުމެން އަތުން ސަރުކާރަށް، އުޅަދުފަހަރުގެ އަހަރީފީއާއި ޖީއެސްޓީއާއި އެހެނިހެން ލާރިދެނީ ހިލެއްނުނޫނެވެ. ގައުމަށް ވަންނައެއްޗަކުން އެންމެ ބޮޑު އަދަދެއް ބޮލަކަށް ޖެހޭ ގައުމުތަކުގެ ތެރޭގަ ރާއްޖެހިމެނޭއިރުވެސް ރައްޔިތުން ފެލާ ވަކި ބަޔަކު އޭގެ ފައިދާނެގުން ނޫން އެހެންކަމެއް އެބަވޭހެއްޔެވެ. މާލޭ މީހާގެ ގެ ބުރިބުރިއަށް ނަގަން ލޯނު ދިނުމާއި މާލޭ މީހާއަށް ބޮޑެތި ޕޮރޮޖެކްޓް ހަވާލުކުރުން ނޫން ކަމެއް ވާތަން ދައްކަބަލާށެވެ.
ފަގީރުކޮއި
27 December 2018
ރަނގަޅު. އަޅުގަނޑުމެނަށް މިހާރު އެނގިއްޖެ ހިލޭ ނުޖެހޭކަން. ދެން ފަހަރަކުން ލިޔުއްވާ އޮން 'އިކުއިޓަބަލް ޑިސްޓްރިބިއުޝަން އޮފް ވެލްތު'؛ މިއީ ވަރަށް ބޮޑަށް ގުޅުން ހުރި ދެ ޓޮޕިކް.
ފޮސްކަލޯ
27 December 2018
"ނޯފްރީލަންޗް" ކޮންސެޕްޓް ދިވެހިން ބަދަލުކުރީ "ފެލާލާ ފްރީލަންޗް" ކޮންސެޕްޓަކަށް، ހޮޓަލަށް ފޮސްކަލޯ ތިދިވެހިން ގޮވައިގެން އަރައިފިތަ، ހީވާކަހަލަ ގަރުނެއް ވަންދެން ކާންނުދީ އެފްރީކާ ގައުމަކުން އައިސް ތަނެއްދައްކާފަ މިހިރީކާށޭ މާކުންބެ ކާލިހެން. އަދި ހީވާކަހަލަ ފޮސްކަލޯއަށް ބަލަދު އަރާފަ ތިބޭބައެއްހެންވެސް.
ބުރަދަރ
27 December 2018
ހިލޭކެއުންވެސް ލިބެއެވެ. މާލޭ މީހުން ގޭގެ ކުއްޔަށްދީގެން ފައިސާހޯދަނީ ހިލޭ. އަތުންނުދާނެ އެއްވެސް އެއްޗެއް. އެންމެކުޑަމިނުން ފެންމޯޓަރުގަނޑު ހަލާކުވިއަސް އެހަދަންޖެހެނީ ކުއްޔަށްއުޅޭމީހާ. ކޮޓަރީގަ ހަތަރުފާރު ހަމަނުވޭގިނަފަހަރަށް.
އެފޭ
27 December 2018
ދެން ތިބުނާ މާލެގެ ގޭގެ ހެދެނީ އަމިއްލައަށް ވިނަގަސް ފަޅާހެން ތަ؟ ނުކިވެޔިސަ ގަމާރު ވިޔަސް ބޮޑުވަރުތީ.. ނަފްރަތު އުފެއްދުން ނޫން ކަމެއްނޭގެ ދޯ ތިވެރިންނަށް ކުރާކަށް.
ބަޑީ
27 December 2018
އެގޮތަށް ލިބިފަހުރި ބަންޑާރައެއްޗެހިން ނަގާ ނަފާއިން ސަރުކާރަށް އެބަޖެހޭ "ރަގަޅު" ޓެކްސްއެއްނަގަން.
ޢަބްދުﷲނާފިޒް
29 December 2018
ބުރަދަރ، މާލޭ މީހާ ކުއްޔަށް ދީގެން ހިލޭ ފައިސާ ހޯދާކަމަށް ތިބުނާ ގެއަކީ ނިދާފަ ހޭލި އިރު އެބިމުގަ އުފަންވެފަހުރި ބޮޑު އިމާރާތެއްތަ؟ ބުރަދަރުގެ ވިސްނުން ހާދަކޮށްޓޭއުތަ، ބަލަގަ ކުއްޔަށް ދީގެން ފައިސާ ހޯދާ ގެއަކީ ފައިސާތަކެއް ޚަރަދުކޮށްގެން ހަދާފަ ހުރި އިމާރާތެކޭ، އިމާރާތްކުރަން އަނބިދަރީންނަށް ދަންދެން ބޭންކުގަ މޯގޭޖުކޮށްގެން ފައިސާ ހޯދަނީ، ތިޔަ ވިސްނުން ބަދަލުކޮށްބަލަ، އަބަދުވެސް މީހާ ރުންކުރުވެފަ ތިހުންނަނީ ކޮންކަމަކާތަ.
ރަމް
12 April 2019
ތިކަމެއް އިރާދަކުރެއްވިޔާ ލަހެއްނުވެ ހައްލުވާނެ ދެން އެޔަށްފަހުވެދާނުގޮތެއް ނޭގެނީ
12345
27 December 2018
ދިވެހިން ބޭނުން ވަނީ ހުރިހާ އެއްޗެ ހިލޭ. ހިލޭ ބަސް ދަތުރު، ހިލޭ އެއާ ޓިކެޓް، ހިލޭ ބުރިޖް މަތިން ދަތުރު، ހިލޭ ކަރަންޓް. މިހޭ ކިޔާކަ ނެއި. ނުވިސްނޭ ނޫނީ ވިސްނާކަ ބޭނުމެއް ނުވޭ މި ފައިސާ އަންނަނީ އަމިއްލަ ޖީބުން ކަމެއް. ފިހާރެޔަ ގޮސް ކިރު ދަޅެއް ގަތަސް ނޫނީ ސޭމް ޕޫން ފުޅިޔެއް ގަތަސް އާސަންދަ ނޫނީ ސްކޫލް ކުދިންހެ ނާސްތާއައް ލާރި ނެގޭނެ. ޢެއްވެސް އެއްޗެ ހިލެއެއް ނުލިބޭނެ.
އެ ކަޑަ މީ
27 December 2018
ފަތިސް ނަމާދުގެ އިހު ސުންނަތު ދެ ރަކުއަތުން ހިލޭ އެލިބޭ އެއްޗެއްގެ ބޮޑުކަން ތިޔަބައިމީހުންނަށް އެގޭނަމަ ކޮންފަދަ....
އިކުތިސާދީ ޗޯރ
28 December 2018
އެ ކަޑަ މީ.. ކޮންގޮތަކުން ހިލޭވަނީ.. އެޔޮއް އަރާމު ނިދި ދޫކޮއްލާފަގޮސްނުން ފަތިސް ނަމާދުގެ އިހު ސުންނަތު ދެ ރަކުއަތް ކުރަނީ... ނަމާދު ގަޑިން ގަޑިން ކުރުމަކީ މިޒަމާނުމީހުން ނައް ވަރަށް ބުރަަކަމެއް..