އޮޅުން ބޮޅުން: ސިޔާސީ ޕާޓީއެއް ރަޖިސްޓުރީ ކުރުމުން ފައިސާ ދޭން ޖެހޭނެތޯ؟

ސިޔާސީ ޕާޓީއެއް ރަޖިސްޓުރީ ކުރުމުން އެ ޕާޓީއެއްގައި މެމްބަރުން ތިބި އަދަދަށް ބެލުމަށް ފަހު ކޮންމެ ޕާޓީއަކަށް ވެސް ވަކި އަދަދަކަށް ސަރުކާރުން ފައިސާ ދޭ ގޮތަށް މިހާރު ހަމަޖެހިފައި އޮވެ އެވެ. ބަޖެޓުން މިކަމަށް ފައިސާ ކަނޑައެޅިފައި އޮވެ އެވެ. ސިޔާސީ ޕާޓީ އުފައްދަނީ ފުދުންތެރިންނެވެ. ބައެއް ނޫސްތަކުން މައުލޫމާތު ލިބޭ ގޮތުގައި ބައެއް ސިޔާސީ ޕާޓީތައް އަލަށް ވުޖޫދަށް ގެނައުމުގެ ފަހަތުގައި ތިބީ ދިވެހި ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާ އަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންނެވެ.


ނަން މަޝްހޫރު ސިޔާސީ ޕާޓީތަކުގެ އަޑު އުފުލާނެ ޓެލެވިޒަން ސްޓޭޝަނާއި ރޭޑިއޯ ސްޓޭޝަނާއި އޮންލައިނ ް ނޫސްތައް ވެސް ހުރެ އެވެ. އެއީ ސީދާ އެ ޕާޓީއަކުން ހިންގާ ތަންތަން ކަމަށް ދެންނެވޭކަށް ނުއޮވެ އެވެ. ސަބަބަކީ އެއީ އެ ޕާޓީގެ ތަންތަން ކަމަށް ރަސްމީ އެއްވެސް ލިއުމަކުން ފެންނަން ނުއޮންނާތީ ވެ އެވެ. އެހެންނަމަވެސް އެ ތަނަކުން ގެންގުޅޭ ސިޔާސަތާއި، ފިކުރާއި، ކުރިއެރުވުމަށް މަސައްކަތްކުރާ އުސޫލުތަކާއި، ތަރުހީބު ދޭ ސިޔާސީ މީހުންނަށް ބަލައިލުމުން އެއީ ކޮން ޕާޓީއެއްގެ ފިކުރެއްގައި މަސައްކަތް ކުރާ ތަނެއް ކަން ރަނގަޅަށް ސާފުވެ އެވެ.

ސިޔާސީ ޕާޓީތަކަށް ކޮންމެވެސް ފަރާތަކުން ނުވަތަ ފަރާތްތަކުން ފައިސާ ވެސް ލިބެ އެވެ. ޚާއްސަކޮށް އެއިރަކު ވެރިކަމުގައި އޮންނަ ޕާޓީއަކަށެވެ. ދާދި ފަހުން ކުރީގެ ވެރިއަކު ހާމަކުރެއްވި ގޮތުގައި އޭނާ އަށް ޕާޓީ އަށް ޚަރަދު ކުރުމަށް ވިޔަފާރިވެރިން މިލިއަނުން ފައިސާ ދިނެވެ. (އެއީ އެއްގޮތަކަށް ވެސް ސަރުކާރަށް ނުފޫޒު ފޯރުވުމަށް ދޭ ފައިސާއެއް ނޫނެވެ.)

ސިޔާސީ ޕާޓީއެއް އުފައްދަނީ، ގައުމު ހިންގުމަށް، އެ ޕާޓީގެ މެމްބަރުންނަށް ރަނގަޅުވާނެ ކަމަށް ދެކޭ ސިޔާސަތެއް އާއްމުކުރުމަށެވެ. އެ ސިޔާސަތަށް ރައްޔިތުންގެ ގިނަ ބައެއްގެ ތާއީދު ހޯދުމަށެވެ. ވެރިކަން ކުރާށެވެ. ބާރު ހޯދާށެވެ. ރައްޔިތުންނަށް ވިއްކާ ސިޔާސަތަކީ ގިނަ ރައްޔިތުން ޤަބޫލުކުރާ ސިޔާސަތަކަށް ވާ ނަމަ އެ ޕާޓީ ވެރިކަމަށް އަންނާނެ އެވެ. އެކަމުގެ އެންމެ ބޮޑު ފައިދާ ވަނީ ކޮން ބަޔަކަށްތޯ އެވެ. ޕާޓީ އަށެވެ. ޕާޓީގައި އިސްކޮށް އުޅޭ މީހުންނަށެވެ. ޑިމޮކްރަސީއާ އެއްގޮތަށް ވެރިކަން ކުރާ ގިނަ ގައުމުތަކުގައި، ކޮންމެ ފަސް އަހަރުން އެއް ފަހަރު ނުވަތަ ހަތަރު އަހަރުން އެއް ފަހަރު ވެރިކަން ހޯދުމަށް ޕާޓީގެ ޢާއްމު ސިޔާސަތު ޢާއްމު ރައްޔިތުންނަށް ހާމަކުރެ އެވެ. ދޮގުހެދުމުގެ މައި މޫސުން އަންނަނީ އިންތިޚާބުގެ ތެރޭގަ އެވެ. މިހާރު މިއޮތީ ރާއްޖޭގެ ދޮގު ހެދުމުގެ މޫސުން އައިސްފަ އެވެ. ވެރިކަން ލިބިއްޖެ ނަމަ ތިމާ ކުރާނެ ކަމަށް ވަޢުދުވާ ބައެއް ކަންތައްތަކަކީ މައިކް އަތުން ދޫވުމުން އެކަން ކުރާނެ ގޮތެއް ޚުދު ތިމާ އަށް ވެސް ސާފު ނުވާ ފަދަ ވަޢުދެވެ. ބުނެވުނު އެއްޗެއްގެ މަތިން ހަނދާނެއް ވެސް ނުހުރެ އެވެ. މިހެންވުމާ އެކު ސިޔާސީ ޕާޓީއެއް އޮތުމުން ނުވަތަ ނެތުމުން އެކަމުގެ ސަބަބުން އާދައިގެ ރައްޔިތަކަށް ވާނެ ސީދާ ފައިދާއެއް ނުވަތަ ގެއްލުމެއް އޮވެދާނެ ކަމަށް، ފެންނަން ހުންނަ މަންޒަރުތަކަކުން ނުދައްކަ އެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީ ރަޖިސްޓުރީ ކުރުމަށް ހުއްދަކުރި ދުވަސްވަރު، އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ޕާޓީއެއްގައި މެމްބަރުން ރަޖިސްޓުރީކޮށްފައި އޮތް ނިސްބަތަށް ބެލުމަށް ފަހު ކޮންމެ ބޮލަކަށް ވަކި އަދަދެއްގެ ފައިސާ ދޭ ގޮތަށް ހަމަޖެހުނީ ކަމަށް ވެދާނެ އެވެ. އެ އިރުވެސް އެކަން ހަމަޖެހިފައި އޮތީ ޢާއްމުކޮށް އެ ޚިދުމަތް ދޭ، ޑިމޮކްރެސީގެ އުޞޫލުތަކަށް ތަބައަވެގެން ހިންގާ ގައުމުތަކުގައި އޮންނަ ގޮތަކަށް ނޫނެވެ. މި އުސޫލު މިހާރު ބަދަލުކުރަން ވެއްޖެ އެވެ. ރަޖިސްޓުރީ ކޮށްފައި އޮންނަ ސިޔާސީ ޕާޓީއެެއް ރަަޖިސްޓުރީ ކުރީތީވެ އަޅުގަނޑުމެން ފައިސާ ދޭންވީ ކީއްވެތޯ އެވެ؟ އަޅުގަނޑުމެން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ ސަރުކާރުން ހޭދަކުރަން ވާނީ އެ ކުރާ ހޭދައެއްގެ ސަބަބުން ރައްޔިތުންނަށް ނަފާއެއް ވާ ނަމަ އެވެ. ހަމައެކަނި ނަމެއްގައިި އޮންނަ ސިޔާސީ ޕާޓީއަކަށް ވެސް އެ ޕާޓީގެ ނަމުގައި ރަޖިސްޓުރީ ވެފައި ތިބި މެމްބަރުންގެ މައްޗަށް ބިނާކޮށްފައި އެ ޕާޓީ އަށް ސަރުކާރުން ދޭންވާ ފައިސާއެއް ދޫކުރެ އެވެ. ޕާޓީން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވާ ތަން ނުފެންނަ އިރުގައި ވެސް މެ އެވެ.

ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ފައިސާއިން ހޭދަކުރާ ނަމަ ހޭދަކުރެވެންވީ ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ މެމްބަރުން ތިބި އަދަދަށް ބެލެވިގެންނެވެ. ނޫން ނަމަ ޖުމްލަކޮށް އެ ޕާޓީއަކަށް ޢާއްމު އިންތިޚާބުގައި ވޯޓު ލީ އާބާދީން ވޯޓު ލިބިފައި އޮތް އަދަދަށް ބަލައިގެންނެވެ. އަދި އެ ޕާޓީން ހިންގާ ޤާނޫނު ހެދުމުގެ، ނުވަތަ ޤާނޫނުތައް މުރާޖަޢާ ކުރުމުގެ އެޖެންޑާ އަށް ރިޢާޔަތް ކުރެވިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ޕާޓީ އަށް ކާމިޔާބު ނުކުރެވޭ ނަމަ އެ ޕާޓީއަކަށް ސަރުކާރުން ޕާޓީތަކަށް ދޭ އެހީ ނުލިބެންވީ އެވެ. ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ގޮަނޑިއެއް އެ ޕާޓީ އަށް ކާމިޔާބު ނުކުރެވޭ ނަމަ، އޭގެ މާނައަކީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ މީހުން އެ ޕާޓީގެ ސިޔާސަތު ޤަބޫލުނުކުރަނީ އެވެ. މިފަދަ ހާލަތުގައި ވެސް ސިޔާސީ ޕާޓީއެއް ތިން ސަތޭކަ ސޮޔާ އެކު ރަޖިސްޓުރީ ކުރެވިފައި އޮތުމުން، ސަރުކާރުން އެ ޕާޓީއަކަށް ފައިސާ ދޫކުރަން ޖެހޭ ބާވަ އެވެ؟ ކޮންމެހެން ސިޔާސީ ޕާޓީ އަށް އެހީއެއް ދޭން ޖެހޭ ނަމަ އެ އެހީ ވާންވާނީ ރާއްޖޭގައި ރަޖިސްޓުރީކޮށްފައި އޮންނަ ކުލަބް ޖަމިއްޔާތަކަށް ވެސް އެހީއެއް ދެވޭ ނަމަ އެފަދަ އެހީއަކަށެވެ. ސިޔާސީ ޕާޓީތަކަށް ދޫކުރާ އެހީގައި އަޅުގަނޑުމެންނަށް ބަލައިގަންނަން އެންމެ އުނދަގޫވާ އެއް ކަމަކީ ރައްޔިތުންގެ މަޖިލީހުގައި ގޮނޑިއެއް ކާމިޔާބުކުރެވިފައި ނުވާ ޕާޓީއަކުން ވެސް އެ ޕާޓީގައި ނެތް ފައިސާއެއް ފަހުން ދޭ ގޮތަށް ޚަރަދު ކުރުމަށް ފަހު، އެ ދަރަނި އަދާކުރުމަށް ވެސް އަޅުގަނޑުމެން ޓެކްސްގެ ގޮތުގައި ދޭ ފައިސާ އިން ޚަރަދު ކުރެވޭތީވެ އެވެ.

ރާއްޖެ އަކީ ފަގީރު ގައުމެކެވެ. ވަސީލަތްތައް މަދު ގައުމެކެވެ. ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާ ވާ ގައުމެކެވެ. އެކަމަކު ރާއްޖޭގެ އިގުތިސާދީ ބައެއް މާހިރުންނާއި، ބޭރުގެ ބައެއް އިގުތިސާދީ މާހިރުން ބުނާ ގޮތުގައި، ރާއްޖޭގެ ރައްޔިތުން އުފާވެރިކަމާ އެކު ދިރިއުޅެވޭނެ ފަދަ އާއްމު ޚިދުމަތްތައް ދެވޭނެ އާމްދަނީ ސަރުކާރަށް ލިބެ އެވެ. ސަރުކާރަށް ދެކޮޅުނުޖެއްސެނީ ބޭކާރު ޚަރަދު ގިނަކަމުންނެވެ. ބޮޑުކަމުންނެވެ. ނާޖާއިޒު ފައިދާ ނެގުމާއި ކަރަޕްޝަން އާއި އަމިއްލަ އެދުން ބޮޑު ކަމުންނެވެ. ހިންގުމުގެ އުޞޫލުތައް ދޯހަޅި ކަމުންނެވެ. ފިޔަވަޅު އެޅުމުގެ ނިޒާމް ބަލިކަށި ކަމުންނެވެ.

މިހާރު މިއޮތީ ގުޅިފައި އޮތް ސަރުކާރެކެވެ. ވެރިކަމަށް އަންނަން ގުޅިފައި އޮތް ސަރުކާރެކެވެ. ވެރިކަން ކުރުމަށް ރޫޅިފައި އޮތް ސަރުކާރެކެވެ. މަތި ބަރުކަމުން ބޮލާ އަޅަން ކައިރި ވަނީ އެވެ. ދުވަސްކޮޅަކުން ސްޓޭޓް މިނިސްޓަރުންނާއި ޑިޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ ތަފާތު ނަންތައް ކިޔާ މަގާމުތަކުގައި ތިބި މީހުންނަށް މުސާރަ އާއި އިނާޔަތް ދިނުމަށް ފަހު އެހެން ކަމަކަށް ޚަރަދު ކުރާނެ ފައިސާ ހޯދުން ދަތިވެދާނެ އެވެ. އަޅުގަނޑުމެން އަލަށް ސްކޫލު ކުދިންނަށް ހެނދުނުގެ ނާސްތާ ދޭން ފަށައިފީމެވެ. މިހާރު ވާހަކަ ދެކެވެނީ ކޮންމެވެސް ކަމަކާ ހުރެ ރާއްޖެ ކަމުނުގޮސްގެން ރާއްޖެ ދޫކޮށް އެހެން ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް އާސަންދައިގެ ޚިދުމަތް ދޭ ވާހަކަ އެވެ. ރާއްޖޭގައި ދިރިއުޅޭ މީހުންނަށް އާސަންދައިގެ ޚިދުމަތް ބޭރު ގައުމުތަކުން ލިބެނީ ރާއްޖެ އިން ބޭސްފަރުވާ ނުކުރެވޭ ކަންކަމަށެވެ. ދުވަހެއް ދުވަހަކަށް އަޅުގަނޑުމެން ދޭ ހިލޭ ޚިދުމަތްތައް ގިނަވަމުން އަންނަ އިރު ޚަރަދު ކުޑަކުރެވޭނެ ގޮތްތަކަށް ބަލަން ޖެހެ އެވެ.

ފެށުމެކެވެ. ޕާޓީތަކަށް ދޭ ފައިސާ ކަނޑާލާށެވެ. ހަމައެކަނި އިންތިޚާބު ކާމިޔާބު ކުރާ ޕާޓީތަކަށް ފައިސާ ދޫކުރާ ނިޒާމެއް ހަމަޖެހެންވީ އެވެ. މި ވާހަކަ މިގޮތަށް ދައްކަން އަޅުގަނޑު މިއީ ކާކުތޯ އެވެ؟ ޓެކްސް ދޭ މީހެކެވެ. ލިބޭ އާމްދަނީން ޓެކްސް ނަގަން ފެށުމުން މިފަދަ ވާހަކަތައް މިއަށް ވުރެ ގިނަ އިން، މިއަށް ވުރެ ބާރަށް ދެއްކޭނެ އެވެ. އަޅުގަނޑުމެންގެ މަންދޫބުންނަށް އަޅުގަނޑުމެންގެ ބޭނުންތައް ނުފެނެ އެވެ. އަޅުގަނޑުމެންގެ ކަންބޮޑުވުންތަކުގެ އަޑެއް ނީވެ އެވެ. އަޅުގަނޑުމެންގެ އުދާސްތައް ތަސައްވަރު ނުކުރެވެ އެވެ. އެފަދަ ޙާލަތުގައި ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ހަރަކާތްތެރިވާން ޖެހެ އެވެ. ނޫސްވެރިންނެވެ. ކަން އޮތް ގޮތް، ނުވަތަ އޮންނަންވީ ގޮތް އޮޅުން ފިލުވައިދިނުމަށެވެ. އަޅުގަނޑަށް އެނގެ އެވެ. ގަލަމުން އަޅުގަނޑު ކަތިިލެވޭނެ އެވެ. އަޅުގަނޑު ދެކޭނީ އެއީ ނޫސްވެރިކަމުގެ "ޝަހީދެއް" ކަމަށެވެ.