ރާއްޖެ ހިފިދާނެ؛ ނާހަމަ ތެދެއް؟

ނާ ހަމަ ތެދެއް ހެއްޔެވެ؟ އިންޑިއާ އަކީ ބޭނުންވެއްޖެ ހިނދެއްގައި ރާއްޖެ ހިފައި އަޅުވެތިކުރެވޭހާ ބާރުގަދަ އަސްކަރިއްޔާއެއް އޮތް ގައުމެއް ހެއްޔެވެ؟ އިންޑިއާ އިން ރާއްޖޭގައި ރާޑަރުތަކެއް ވެސް ބަހައްޓަނީ އެ މީހުންގެ ބޭނުމަކު ވެސް ނޫން ހެއްޔެވެ؟ އެ މީހުންގެ އަމިއްލަ ސެޓެލައިޓުން ރާއްޖޭގެ ސަރަހައްދުން ކޮންމެ ތަނެއް ވަގުތުން އެހަރަ ބަލައިލަނީ އެވެ. އެހެންވެ އެ މީހުން ކީއްކުރާ ރާޑަރުތަކެއް ހެއްޔެވެ؟


މިއީ އިންޑިއާ އިން ރާއްޖޭގައި ހިންގާ އަސްކަރީ ބައެއް މަސައްކަތްތަކާ މެދު ކަންބޮޑުވާ މީހުންނަށް ރައްދު ދެއްވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދެއްކެވި ބައެއް ވާހަކަތަކާއި އުފެއްދެވި ސުވާލުތަކެވެ. އަދިވެސް ވާހަކައެއް އިތުރުކޮށްލަން ހިނގާށެވެ؛

އިންޑިއާ އިން ރާއްޖޭގައި ހެލިކޮޕްޓަރުތަކެއް ގެންގުޅެނީ ވެސް ހަމަ އެއްވެސް އަމިއްލަ އެދުމެއް ނެތި، ދިވެހިންނަށް އެހީވާށެވެ.

މިނިސްޓަރު ވިދާޅު ނުވިޔަސް އިންޑިއާގެ އަސްކަރީ ގާބިލްކަން އަހަރެމެންނަށް އެނގެ އެވެ. އެކަމަކު ދެރަ ކަމަކީ ބައެއްގެ ކަންބޮޑުވުންތަކަށް ދިފާއީ ވަޒީރު ރައްދު ދެއްވި ގޮތެވެ. ގައުމާއި އަސްކަރިއްޔާ ކިތަންމެ ބިޔަވެފައި ހައިބަތު ހުއްޓަސް، އަހަރެމެން ދިވެހިންނަށް މިވަރުގެ ގައުމެއް ނޯންނާނެ އެވެ. ގައުމުގެ ދިފާއީ ކަންކަމާ ހަވާލުވެވަޑައިގެން ހުންނެވި ވަޒީރު، މިއީ އާރެއް ބާރެއް ނެތް ގައުމެކޭ އެހެން ގައުމުތަކުން ހެދި ގޮތެއް ހެދިގެން، ބުނި ގޮތަކަށް ރުހިގެން ތިބުން ނޫން ގޮތެއް ނެތެއް ނޫންހޭ ބުނާ މޭރުމަކުން ވާހަކަ ދެއްކެވީމާ އެއީ ގައުމާ މެދު ކިރިޔާ ވެސް ކުލުނެއް ހުރި މީހަކު ޝަކުވާ ނުކޮށް ދޫކޮށްލާނެ ކަމެއް ނޫނެވެ. ވަޒީރުގެ އެ ވާހަކަތައް މީޑިއާ އިން އޮޅުވާލީއޭ ބުނުމަކުން އަދި ނުފުދެ އެވެ. އެއީ އެއަށް ވުރެ ބޮޑު ވާހަކައެކެވެ.

މި ވާހަކައިގެ ތެރެއިން، އިންޑިއާ އިން ރާއްޖޭގައި ރާޑަރުތަކެއް ބަހަންޓަން އެއްބަސްވީ މި ސަރުކާރުން ނޫން ކަމަށް ވިދާޅުވެ އެކަމުގައި ވެސް ދެއްކެވީ ދެކޮޅު ނުޖެހޭ ވާހަކައެކެވެ. ވިދާޅުވީ އެއީ އިންޑިއާ އަށް އެއްވެސް ބޭނުމެއް ހިފޭނެ އެއްޗެއް ނޫން ކަމަށާއި ހުރިހާ ފައިދާއެއް އޮތީ ރާއްޖެ އަށް ކަމަށެވެ. މިކަމުގައި ވެސް ގޯސްވީ މީޑިއާ އެވެ. ރާއްޖެ އާއި އިންޑިއާގެ މީޑިއާ ވެސް ގޯސްވީ އެވެ. މިކަމުގައި ބުނެވެން އޮތްހާ ވެސް ވާހަކަ އަކީ، މުޅި ރާއްޖެ ކަވަރުވާ ގޮތަށް އެކި ހިސާބުގައި ބަހައްޓާ ރާޑަރު ސިސްޓަމްތަކަކީ އިންޑިއާގެ ސަވައިލެންސް ސިސްޓަމުގެ ބައެއްކަމެވެ. މިއީ ރާއްޖެ އަށް ފައިދާ ނުވާނެ އެއްޗެއް ނޫނެވެ. އެކަމަކު މިނިސްޓަރު މިކަމުގައި ވެސް ވާހަކަ ދެއްކެވީ ހަގީގަތް އޮޅޭ ގޮތަށެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން ވެސް ރާޑަރު ސިސްޓަމްތައް ބޭނުންކުރަނީ އެ މީހުންގެ އަތުގައި، މިނިސްޓަރު އެ ވިދާޅުވާ ފެންވަރުގެ ސެޓެލައިޓް ނެތިގެންނެއް ނޫނެވެ.

ޑިފެންސް މިނިސްޓަރު މާރިޔާގެ އިންޓަވިއު

އެނގެން ބޭނުންވެގެން މި އުޅެނީ ރާޑަރުތަކުން ކުރާނެ ބޭނުމާއި ރާއްޖެ އަށް އޭގެ ކޮންޓްރޯލް އޮތީ ކިހާ ވަރަކަށް ކަމާއި ހެލިކޮޕްޓަރު ބަލަހައްޓަން އިންޑިއާގެ ފައުޖެއް ރާއްޖޭގައި ގާއިމުކުރި ގޮތަށް ކޮންމެ ރާޑަރަކާ އެކު ވެސް ހަމަ އެހާ މީހުން ތިބޭނެތޯ އެވެ؟ ދިވެހިންނާއި ދިވެހި ގައުމަށް މަލާމާތް ރައްދު ނުވާ ގޮތަށް މި ސުވާލުތަކަށް ޖަވާބު ދެއްވެން ނެތީތޯ އެވެ؟

އިންޑިއާގެ މި ވާހަކަތަކާ އެކު ހެލިކޮޕްޓަރުގެ ވާހަކަ ވެސް އައިސްގެން ނޫނީ ފުރިހަމައެއް ނުވެ އެވެ. އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކަމަށް ބުނާ ދެ ހެލިކޮޕްޓަރު ފޮނުވާލަން ކުރީގެ ސަރުކާރުން ކުރި މަސައްކަތް ހުއްޓާލައި އާ ސަރުކާރުން ހެލިކޮޕްޓަރުތައް އުދުއްސަން ފެށީ އެވެ. ހެލިކޮޕްޓަރުތަކުގެ މުހިންމުކަން ވެސް ވިސްނައިދެނީ އެވެ. އެ އެއްޗެހި އޮޕަރޭޓްކުރަނީ އިންޑިއާ ސިފައިން ކަމަށް ވިޔަސް، އަސްކަރިއްޔާގެ ވެރިން އެ ވިދާޅުވަނީ ދިވެހި ސިފައިންގެ ސީދާ ކޮންޓްރޯލް އެބަ އޮތް ކަމަށެވެ. ދަތުރު ފަށާނީ ވެސް، ނިންމާނީ ވެސް ދިވެހި އަސްކަރިއްޔާ އިން އަންގާ ގޮތަށް ކަމަށްވެ އެވެ. އެކަމަކު ލީކުވެފައިވާ އެއްބަސްވުމުގައި އޮތީ އެހެންނެއް ނޫނެވެ. އޮޕަރޭޝަނަކަށް ހެލިކޮޕްޓަރު ބޭނުންވެގެން އެދުނަސް، އެ އުދުހޭނީ އެ ހެލިކޮޕްޓަރުތަކުގެ ކޮމާންޑް އޮންނަ އިންޑިއާގެ ކޯސްޓް ގާޑުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގަ އެވެ. ދަތުރު ކުރުމާއި ނުކުރުމުގެ ބާރު އިންޑިއާ ސިފައިންނަށް އޮވެ އެވެ. އެހެންވެ މިއީ ކޮން ކަހަލަ ހަދިޔާއެއް ހެއްޔެވެ؟ ދިވެހިންގެ އެއްޗެކެވެ. ދިވެހިންނަކަށް މިއެއް ނުދުއްވޭނެ އެވެ. ރާއްޖޭގެ އަސްކަރިއްޔާއިން އެދުނަސް ނުދީ ހިފަހައްޓައިގެން ވެސް އޮވެވޭނެ އެވެ. މިއީ މޮހޮނަށް އޮޑި ދިން ގޮތުގެ ޒަމާނީ މިސާލަކަށް ނުފުދޭ ހެއްޔެވެ؟

އެއްބަސްވުން ފަހުން ބަދަލު ނުކުރާ ކަމެއް ނޭނގެ އެވެ. ބަދަލު ކުރި ނަމަ އެ ވާހަކަ ސާފުކޮށްދެއްވާށެވެ.

ރަށަކުން މާލެ އަށް ބަލި މީހަކު ގެނައުމަށް ކުރި ދަތުރަކަށް ފަހު، ހެލިކޮޕްޓަރުން ފޭބި އިންޑިއާ ސިފައިންގެ މީހެއް. ---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ހެލިކޮޕްޓަރަކީ ރާއްޖޭގައި ބަލި މީހުން އުފުލުމަށާއި ދިވެހި ސިފައިންގެ އެކި ބޭނުންތަކަށް މުހިންމު އެއްޗެކެވެ. އިންޑިއާގެ އެހީތެރިކަމަށް ޝުކުރިއްޔާ އެވެ. އެކަމަކު ބުނެބަލާށެވެ. އިންޑިއާގެ ހެލިކޮޕްޓަރުތައް ބޭނުން ނުކުރަން ނިންމައި، އަމިއްލަ ހެލިކޮޕްޓަރު، ސީދާ ދިވެހި ސިފައިން ތިބެގެން އުދުހެން ފެށުމަކީ އިންޑިއާ ރުހޭނެ ކަމަކަށް ވާނެ ހެއްޔެވެ؟ އިންޑިއާގެ އަމިއްލަ އެދުމެއް ނެތިއްޔާ ދިވެހި ޕައިލެޓުން ހޯދައި، އެ މީހުންނާ އެ ދެ ހެލިކޮޕްޓަރު ހަވާލުކުރުމުން އިންޑިއާ އަށް ވެސް ހައްޓަށް ފަސޭހަ ނޫން ހެއްޔެވެ؟

މިކަމުގައި ވެސް ބޮޑުވެގެން މި އުޅެނީ ރާއްޖެ މަތިން ހެލިކޮޕްޓަރުތަކެއް ދުއްވާތީއެއް ނޫނެވެ. އެއިން ކޮންމެ އުޅަނދަކާ އެކު، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް އެ ބައެއްގެ މައްޗަށް ނުހިނގާ ގޮތަށް އިންޑިއާގެ އެތައް ސިފައިންނެއް ގާއިމުވެ ތިބޭތީ އެވެ. އިންޑިއާގެ އަސްކަރީ ބޭހެކޭ ނުކިޔެއް ކަމަކު އެ ހުރިހާ ސިފަތަކެއް ޖެހެމުން އަންނާތީ އެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި، އެހެން ގައުމެއްގެ އަސްކަރިއްޔާ ގާއިމުވެ ތިބުން އެއީ ކުޑަ ކަމެއް ނޫނެވެ. އަދި އަމުދުން، ކުދި ގައުމުތަކުގަ އެވެ.

އިންޑިއާ އަކީ ދިވެހިންނަށް ވަރަށް ގިނަ ކަންކަން ކޮށްދީފައިވާ މުހިންމު އެކުވެރިއެކެވެ. ނަމަވެސް މީގެ މާނަ އަކީ އިންޑިއާގެ އުނގަށް ވެއްޓުމެއް ނޫނެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު މައްސަލަ ގޯސްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެންގުޅުނު ސިޔާސަތުގެ ސަބަބުން ކަމަށް ކިޔައި އުޅެ އެވެ. އަދި އާ ސަރުކާރާ އެކު މިކަން ބަދަލުވެއްޖޭ ވެސް ބުނެ އެވެ. އެކަމަކު އިންޑިއާ އިން ވިސްނަން ޖެހޭ ހަގީގަތަކީ، އެ ގައުމުގެ ސިޔާސަތުގެ ސަބަބުން ދިވެހިން އިންޑިއާ އަށް ނަފުރަތުކުރުން އިތުރުވެފައިވާ ކަމެވެ. ރާއްޖޭގައި ހިންގާ ބިޔަ މަޝްރޫއުތަކަށް އިންޑިއާ އެކި ގޮތްގޮތުން ހުރަސްއަޅާ ކަމާއި އިންޑިއާ އިން ރާއްޖޭގެ ހުރިހާ ކަމެއް ކޮންޓްރޯލްކުރަން އުޅޭކަން، އިންޑިއާގެ މީޑިއާގައި އެ ދައްކާ ވާހަކަތަކުން އެނގެ އެވެ. ރާއްޖޭގައި ކިރިޔާ ކަމެއް ހިނގާއިރަށް އަސްކަރިއްޔާ ފޮނުވުމުގެ ވާހަކަ ދެއްކުމާއި 1988 ގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތްކުރުމަށް އިންޑިއާ އެހީވިޔަސް އެކަން ދިވެހިން ބަލައިނުގަންނަ ކަމަށް ބުނެ މަލާމާތުގެ ރާގުގައި ވާހަކަ ދެއްކުން ފަދަ ކަންކަމުން އިންޑިއާގެ ނިޔަތާ މެދު ޝައްކު އުފައްދާ މީހުން ގިނަ އެވެ.

މި ހާލަތުގައި އޮއްވައި އިންޑިއާގެ އަނގައިން ދިވެހި ވަޒީރުން ވާހަކަ ދެއްކެވީމާ ގުޅުން ބަދަހިވާނީ ކޮން ގޮތަކުން ހެއްޔެވެ؟ ރާއްޖެ-އިންޑިއާ ސިޔާސަތު ބަދަލުކުރަން ޖެހެ އެވެ. އެހެން ނޫނީ މި ގުޅުމުގައި އޮތް އިހްތިރާމު ދާނީ ކުޑަވަމުން، ގެއްލެމުންނެވެ.