އޮޅުންބޮޅުން: އިންތިޚާބީ ވާހަކަތަކުގައި ފަތުރުވެރިކަމުގެ ވާހަކަ ފޮރުވިފައި

އާންމު އިންތިޚާބުގައި ރައްޔިތުންގެ ތާއީދު ހޯދުމަށް ކެންޑިޑޭޓުން، ފަތުރުވެރިކަމުގެ ސިނާއަތުގައި އެބޭފުޅުންގެ ތަސައްވަރު ފުރިހަމައަށް ދެއްވާފައެއް ނުވެ އެވެ. އެ ބޭފުޅުންނަށް ތާއީދު ހޯއްދެވުމަށް ވާހަކަ ދައްކަވަމުން ގެންދަވާ ބޭފުޅުން ވެސް ފަތުރުވެރިކަމުގެ ސިނާއަތަށް އެބޭފުޅުން ގެންނަވަން ބޭނުންފުޅުވާ ބަދަލާ ބެހޭ ގޮތުން ސީރިއަސްކޮށް ވާހަކަ ދައްކާވާފައި ވާ ކަމަށް އަޅުގަނޑަށް ފާހަގައެއްނުކުރެވެ އެވެ. މިއީ އޮޅިގެން ކުރައްވާ ކަމެއް ކަމަކަށް އަޅުގަނޑަށް ގަބޫލެއްނުކުރެވެ އެވެ. ފަތުރުވެރިކަން ކުރިއެރުވުމަށް އެ ބޭފުޅުންގެ ތަޞައްވަރެއް ނުއޮންނާނެ ކަމަށް ވެސް އަޅުގަނޑަށް ގަބޫލެއްނުކުރެވެ އެވެ.


ފަތުރުވެރިކަން ކުރިއެރުވުމަކީ ކޮންމެ އަހަރަކު އެތައް ރިޒޯޓެއް އަލަށް ހުޅުވުންތޯ އެވެ؟ ނުވަތަ އެތައް ރަށަކަށް ރިޒޯޓު ހެދުމުގެ ހުއްދަ ދިނުމަށް ފަހު، ކޮންމެވެސް ދުވަހަކުން އެ ރަށްތައް ހަދައިގެން ހުޅުވޭނެ ކަމަށް އިންތިޒާރު ކުރުންތޯ އެވެ؟ ފަތުރުވެރިކަން ކުރިއެރުވުމަކީ ކޮންމެ އަހަރަކު ދިހަވަރަކަށް ފެއާގައި ބައިވެރިވުންތޯ އެވެ؟ ކޮންމެ އަހަރަކު ވެސް ހައެއްކަ މަސް ދުވަސް ވާންދެން ރިޒޯޓުގައި އެކަށީގެންވާ އަދަަދަކަށް ފަތުރުވެރިން ތިބުމުން ފުދުނީތޯ އެވެ؟ ފަތުރުވެރިކަމުގެ އަހަރީ ތަފާސްހިސާބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަގީގީ މަންޒަރު ނުދައްކަ އެވެ. ކުރިސްމަހާއި އާ އަހަރުގައި ވެސް ރާއްޖޭގެ ހުރިހާ ރިޒޯޓެއްގެ ހުރިހާ ކޮޓަރިތަކެއް މުޅިން ނުފުރެ އެވެ. ފަތުރުވެރިކަމަށް ބޭނުންވަނީ ކޮންމެ އަހަރަކު ވެސް ރަށަކަށް ފަހު ރަށެއް ހުޅުވުން ބާވަ އެވެ؟

ފަތުރުވެރިކަމާ ބެހޭ އިސް އޮފީހުން ދޭތެރެ ދޭތެރެ އިން ފަތުރުވެރިކަމާ ބެހޭ އާ މާސްޓަޕުލޭނެއް ތައްޔާރުކުރާ ވާހަކަ ދައްކަ އެވެ. އަށްޑިހައިގެ އަހަރުތަކަށް ފަހު ކިތައް މާސްޓަޕުލޭން ތައްޔާރު ކުރެވިއްޖެތޯ އެވެ؟ މާސްޓަޕުލޭންގައި އޮންނަ ގޮތަށް ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ގެންދެވުނީ ކިތައް ފަހަރުތޯ އެވެ؟ މާސްޓަޕްލޭންގައި ބުނެފައި އޮންނަ ގޮތަށް ކޮންމެވެސް ކަމެއް ކޮށްފާނެ އެވެ. ގިނަ ނިންމުންތައް ނިންމަނީ އެއިރެއްގައި ވެރިކަމުގައި ތިބި ބަޔަކަށް ނުފޫޒު ފޯރުވޭ ހިސާބުގައި ތިބި ބަޔަކު ބޭނުން ގޮތަކަށެވެ. ވަރަށް މޮޅަށް ފަންޑިތަ ހަދާ މީހަކު އޭނާގެ ރަށާ ކައިރީގައި އެއާޕޯޓެއް ހަދަން ބޭނުން ވެދާނެ އެވެ. "ވޯޓު ބޭންކް"އަކުން އެމީހުންގެ ރަށް ކައިރީގައި ނުވަތަ ރަށުގައި އެއާޕޯޓެއް ހަދަން ބޭނުން ވެދާނެ އެވެ. އެކަން ކޮށްދިނުމަށް ފަހު ބަލަނީ އެ އެއާޕޯޓު ރަނގަޅަށް ހިންގޭނެ ގޮތެއް ހޯދުމަށެވެ. އެކަމަށް އޮތް ހަމައެކަނި ގޮތަކީ ފަތުރުވެރިކަމެވެ. ފަތުރުވެރިކަން ފުޅާކުރުމަށް ދެން ބޭނުންވަނީ އެ އެއާޕޯޓަކީ ބައިނުލްއަގުވާމީ އެއާޕޯޓަކަށް ހެދުމަށެވެ. ބޭރު ގައުމުތަކުން ފަތުރުވެރިން އުފުލާ ބޯޓުތައް ސީދާ އެ ސަރަހައްދަށް ދެވޭ ގޮތް ހެދުމަށެވެ. އަޅުގަނޑު ދަންނަވަން މިއުޅެނީ މި ކަންތައްތައް ކުރެވެނީ ރޭވިގެނެއް ނޫން ވާހަކަ އެވެ. ކުއްލިކުއްލި އަށެވެ. އެއާޕޯޓެއް ހަދައިދޭ ކަމަށް ވާ ނަމަ ހަދިޔާއަކަށް ފަތުރުވެރިކަމަށް ތަރައްޤީ ކުރުމަށް ރަށެއް ދޭ ގޮތަށް ހަމަޖެހުނު ދުވަސްކޮޅެއް ވެސް ދިޔަ އެވެ. ރޭވިގެން ކުރިއަށް ދާ ފަތުރުވެރިކަން ދަނީ މިގޮތަށްތޯ އެވެ؟

ރޭވިގެން ފަތުރުވެރިކަން ކުރިއަށް ދާ ނަމަ ވައިގެ ބަނދަރާ އެކު ފަތުރުވެރިކަމުގެ ރަށްތައް ވެސް ތަރައްޤީ ކުރަން ފެށޭނެ އެވެ. އަދި އެ ސަރަހައްދަށް ބޭނުންވާ މުދާ ފަސޭހަކަމާ އެކު ގެންދެވޭނެ ކަނޑުގެ ބަނދަރެއް ވެސް ތަރައްގީކުރާނެ ރަށްތަކާ ކައިރި ހިސާބެއްގައި ތައްޔާރު ކުރެވޭނެ އެވެ. ރޭވުމެއް ނެތި ކުރިއަށް ދާ ފަތުރުވެރި ކަމުގައި ވެސް ފައިދާ ވާނެ އެވެ. އެހެންނަމަވެސް ގައުމަށް ފައިދާ ބޮޑުވެފައި، ގައުމަށް ލިބެން ހުންނަ ވަސީލަތްތައް ބޭކާރުނުކޮށް ހެޔޮ ގޮތުގައި ބޭނުން ކުރެވޭނީ ރޭވިގެން ދާ ފަތުރުވެރިކަމެއްގަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ މައި އޮފީހުގައި، މަސައްކަތް ކުރާތާ ތިރީހަކަށް އަހަރު ވެފައި ތިބި ތަޖުރިބާކާރުން އެބަ ތިއްބެވެ. އެ މީހުންނަށް ފަތުރުވެރިކަމުގެ ރަނގަޅާއި ނުރަނގަޅު، އަޑިގުޑަންތަކާއި، ކަނޑުފަޅު، ބީހޭނެ ހިސާބާއި ނުބީހޭނެ ހިސާބު ރަނގަޅަށް އެނގެ އެވެ. މައްސަލަ އަކީ އެމީހުން ދަތުރުކުރަން ޖެހެނީ ބަސް ނުވިކޭ އޮޑިއެއްގައި ކަމަށް ވުމެވެ. މި ދެންނެވީ ހައްލުކުރަން ޖެހޭ މައްސަލަތަކުން ފުނިޖެހިފައި އޮތް ފަތުރުވެރިކަމުގެ ދާއިރާގެ އެއް މައްސަލައެއްގެ ވާހަކަ އެވެ. ފުޓްބޯޅަ އެސޯސިއޭޝަންތަކުން މާ "ހަޑިކޮށް" އުޅޭ ކަމުގައި ވަނީ ނަމަ އެ ތަންތަން ހަމައަކަށް އެޅުވުމަށް ބޮޑު ދަނޑިބުރި ހިފައިގެން "ފީފާ" އިން އަންނާނެ އެވެ. ފަތުރުވެރިކަމުގެ ދާއިރާ ހަމައަކަށް އެޅުވުމަށް ބާރު ގަދަ ބައިނަލްއަގުވާމީ ފަރާތެއް ނާންނާނެ އެވެ. އެ އީ އަޅުގަނޑުމެން އަމިއްލަ އަށް ކުރަން ޖެހޭ ކަމެކެވެ.

އަޅުގަނޑު އެންމެ ހައިރާންވާ ކަމަކީ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ އަދި ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ސަރުކާރުން، އެއްވެސް ފައިސާއެއް ހޭދަނުކޮށް ވެސް ދެވެން އޮންނަ ލުޔެއް ނުދޭ ކަމެވެ.

އަޅުގަނޑުގެ މި ލިއުމުގައި، މި އިންތިޚާބީ މޫސުމުގައި، ފާހަގަކޮށްލަން އެންމެ ބޮޑަށް ބޭނުންވާ ނުކުތާ އަކީ ފަތުރުވެރިކަމުގެ ފައިދާ ސީދާ ދިވެހި ރައްޔިތުންނަށް ލިބޭނެ މަގެއް ސަރުކާރުން ކޮށައި ދިނުމެވެ. ފަތުރުވެރިކަމުގެ ސިނާޢަތުގެ ބޮޑެތި ވިޔަފާރި، ސަރުކާރުގައި އަޅުވާފައި އޮތް ނުފޫޒުގެ ކަސްތޮޅުން މިނިިވަންވެ، ސަލާމަތް ވުމެވެ. ރާއްޖޭގެ ފަޅުރަށްތައް ފަތުރުވެރިކަމަށް ތަރައްޤީކުރަން ކުއްޔަށް ދޫކޮށްގެން ރަށްތަކުގެ ވިޔަފާރި ހިނގައިގަންނަ އިރު ފަހަތުގައި ތިބޭ ތަން ފެންނަނީ ދާދި އެއް ބައެކެވެ. ބިދޭސީ ކުންފުނިތަކުން ނަގާ ތަންތަނުން ވެސް ކޮންމެވެސް ހިސާބަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ތަރިއެއް ފެނެ އެވެ. އެކަމުގައި އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް އޮތީ އަކީ ނޫނެވެ. އަޅުގަނޑުމެންގެ ޒައްރެއްގެ މިންވަރުގެ ހަސަދަވެރިކަމެއް ވެސް އޮތީ އެއް ނޫނެވެ. އަޅުގަނޑުމެން ބޭނުންވަނީ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ސީދާ ރައްޔިތުންގެ ބައިވެރިވުން ބޮޑު ކުރުމެވެ. ސަރުކާރުން ފަތުރުވެރިކަމަށް ރަށްތައް ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކުރުމުގެ ނިޒާމަށް، ބޮޑު ބަދަލެއް ގެނައުުމެވެ. އާދައިގެ ދިވެހި ރައްޔިތުން ޝާމިލުވާ ގޮތަށެވެ. އާދައިގެ ދިވެހި ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ފަތުރުވެރިކަމުގެ ޞިނާޢަތު ބަދަލު ކޮށްލުމެވެ. އެ އިރުން ފަތުރުވެރިކަމުގެ ޞިނާޢަތާ ބެހޭ ގޮތުން ޢާއްމު ރައްޔިތުން ދެކޭ ގޮތް ބަދަލު ވެގެން ދާނެ އެވެ. ޢާއްމު ރައްޔިތުންގެ ހިތްހަމަނުޖެހުން ކުޑަކުރެވޭނެ އެވެ. މިކަމަށް އޮތް ހައްލަކީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ކޮޅަށް ޖެހުމެވެ. އެ ކޯޕަރޭޝަންއާ މެދު ސަރުކާރުން ކަންތައް ކުރަމުން އަންނަ ގޮތް ބަދަލު ކުރުމެވެ.

އިހު ޒަމާނުގައި ބައެއް މީހުން ދޮންދަރިންނާ މެދު ކަންތައް ކުރާ ގޮތަށް އެ ކުންފުންޏާ މެދު ކަންތައް ކުރުން ސަރުކާރުން ހުއްޓުމަކަށް ގެންނަންވީ އެވެ. އަޅުގަނޑު އެންމެ ހައިރާންވާ ކަމަކީ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ އަދި ރައްޔިތުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ސަރުކާރުން، އެއްވެސް ފައިސާއެއް ހޭދަނުކޮށް ވެސް ދެވެން އޮންނަ ލުޔެއް ނުދޭ ކަމެވެ. ސަރުކާރުގެ ވިޔަފާރިކުރާ ތަންތަނަށް ބޮޑެތި ބިން ވެސް ކުއްޔަކާ ނުލައި ދޫކޮށްފައި ވެ އެވެ. ނަތީޖާއަކަށް ވަނީ އެތަން ތަނުން ކުރާ ވިޔަފާރީގެ ފައިދާ ބޮޑު ވުމެވެ. އެމްޓީޑީސީ ވުޖޫދަށް ގެނެވުނީ ވެސް އެ ކުންފުނި އުފެއްދުމުގެ ހުށައެޅުން މޭޒުމަތީގައި އޮންނަތާ އެތައް އަހަރަކަށް ފަހުގަ އެވެ. އެ އިރު ބަންޑޮސް ވެސް އޮތީ ސީދާ ސަރުކާރުގެ ބެލުމުގެ ދަށުގަ އެވެ. މި ކަންތައްތަކަށް ބަލައިލާ އިރު ނުސީދާކޮށް ސަރުކާރުގެ ބެލުމުގެ ދަށުން، ސަރުކާރާއި ރައްޔިތުންގެ ގިނަ ބަޔަކަށް ފައިދާވާ ގޮތަށް ފަތުރުވެރިކަމުގެ ވިޔަފާރި އަށް ވަނަ ނުދިނުމަށް ބާރު ގަދަ ކޮންމެވެސް ފަރާތްތަކަކުން މަސައްކަތް ކުރެ އެވެ. އެންމެ އާދައިގެ ގޮތަށް ފަތުރުވެރިކަމުގެ ވިޔަފާރި އަށް ވަންނަ ގޮތަށް ބީލަމުން ރަށެއް ހޯދައިގެން އެ ރަށަށް އިންވެސްޓަރަކު ހޯދައިގެން ރަށެއް ތަރައްޤީ ނުކުރެވެންވީ ސަބަބެއް ނެތެވެ. ފަތުރުވެރިކަމުގެ ވިޔަފާރީގައި އުޅޭ ބައިވަރު މީހުން އެ ގޮތަށް ކަންތައް ކޮށްފައި އެބަ ހުއްޓެވެ. ސަރުކާރުގެ ހިއްސާ އޮންނަ ތަނެއްގެ ބައިވެރިއަކަށް ވެގެން ރަށެއް ތަރައްޤީ ކުރުން ވާނީ ފަސޭހަ އަކަށެވެ. ސަރުކާރު މެދުވެރިވެގެން ކުރަން ޖެހޭ ބައެއް ކަންތައްތައް ކުރުމަށް ފަސޭހަ ވެފައި އަވަސް ވާނެ ތީ ވެއެވެ.

މިހާރު ސަރުކާރުން ވަރަށް ގިނަ ރަށްތައް އަމިއްލަ ފަރާތްތަކަށް ތަފާތު ގޮތް ގޮތަށް ކުއްޔަށް ދޫކޮށްފައި ވެއެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުގައި ބައިވެރިވާން ބޭނުންވާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބައިވެރި ވެވޭނެ ގޮތަށް މަގުފަހި ކުރުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަމެވެ. ފަތުރުވެރިކަމުގެ ޞިނާޢަތު މިހާރު ގޮސްފައި އޮތް ވަރުން އާދައިގެ މީހަކަށް އެ ޞިނާޢަތުގައި ބައިވެރިއެއް ނުވެ ވޭނެ އެވެ. ރަށެއް ތަރައްޤީ ކުރެވޭނީ ޑޮލަރު މިލިއަނަރަކަށެވެ. ނޫން ނަމަ ބޭންކުން އެތައް މިލިއަން ޑޮލަރު ދަރަންޏަށް ހޯދޭނެ ފަދަ މުއްސަނދިކަން ނުވަތަ ގާބިލުކަމާއި އިތުބާރު ލިބިފައިވާ މީހަކަށެވެ. މިހެންވުމާ އެކު މުސްތަގުބަލުގައި ރަށްތައް ތަރައްގީ ކުރެވެން ވީ އެމްޓީޑީސީގެ ތެރެއިންނެވެ. އޭގެ މާނަ އަކީ އެތަނާ ގުޅިގެން އެކި ގޮތް ގޮތަށް އެކި ފަރާތްތަކާ އެކު ފަތުރުވެރިކަމަށް ރަށްތައް ތަރައްގީކުރުމުގެ ފުރުސަތު އޮތުމެވެ. ދިވެހިންނާއި ބިދޭސީންނަށް ވެސް މެ އެވެ. ތަފާތަކީ ލިބޭ ފައިދާ އިން ސަރުކާރާއި ރައްޔިތުންނަށް ބައެއް އެޅޭ ކަމެވެ. އެމްޓީޑީސީން ރަށްތައް ހިންގުމުގެ ތެރެއަށް ވަނުމެއް ނޫނެވެ. މިކަމުގައި ނާޖާއިޒް ފައިދާ ނެގުމާއި ކޮރަޕްޝަން ކުޑަކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރަން ޖެހޭނެ އެވެ. މިފަދަ ނިޒާމެއްގައި ވެސް މަސައްކަތް ކުރާ މީހާ އާއި، މަސައްކަތް ބަލަން ހުންނަ މީހާ އާއި ގޯހެއް ހިނގުމުން ފިޔަވަޅު އަޅަން ހުންނަ މީހާ އެއްބަސްވެގެން ވައްކަމެއް ކުރެވިދާނެ އެވެ. އެކަމަކު އަވަހަށް، ނުވަތަ ލަހުން އެފަދަ ވައްކަމެއް ވެސް ފަޅާއަރާނެ އެވެ.