"އަހަރެމެން ނޫން އެންމެން ގޯސް"

އެ މީހަކު ހުރި ތަނަކުން އެ މީހަކަށް ވީ ގޮތަކުން އަޑު އުފުލަމުން މި އަންނަނީ ހައްގުތައް ހޯދުމަށާއި އިންސާފަށެވެ. އަދި އަމުދުން އެހެން މީހެއްގެ ހައްގަކަށް އުނިކަން އަތުވެއްޖެ ނަމަ ނުވަތަ އިންސާފު ނުލިބޭ ކަމަށް ފެންނަ ނަމަ ވަކިން އަޑު ގަދަވާނެ އެވެ. ކިހާ އުފާވެރި މަންޒަރެއް ހެއްޔެވެ؟


އެކަމަކު އެންމެން އެއް އަޑަކުން އިންސާފާއި ހަމަހަމަކަމާއި ހައްގުތަކަށް ވަކާލާތުކުރާއިރު ވެސް އެފަދަ މައްސަލަތައް މަދުނުވަނީ ކީއްވެބާވައޭ ހިތަށް އަރަ އެވެ.

ކުންފުންޏަކުން މުވައްޒަފުންނަށް މުސާރަ ނުދީގެ އެކަން މައްސަލައަކަށް ހަދައިގެން އުޅޭ މީހާ މުވައްޒަފުން ގެންގުޅޭ ނަމަ މުވައްޒަފުންގެ ހައްގުތައް އޮންނާނީ އަދާކޮށްފައި ނޫން ހެއްޔެވެ؟ އިންސާފުން ބޭރުން ވަޒީފާ ދެނީއޭ އެކަން ހުއްޓާށޭ ބުނާ މީހާ ތިމާ އަށް ނުވަތަ ތިމާ ރުހޭ މީހަކަށް ކޮންމެ ގޮތަކުން ވަޒީފާ ލިބުނަސް އެކަން ބަލައިގަންނާނެ ހެއްޔެވެ؟ ބުލީ ނުކުރާށޭ ބުނާ މީހާ ހަމަ ގައިމުވެސް އެހެން މީހަކަށް ބުލީއެއް ނުކުރާނެ އެވެ. ނުފޮށޭށޭ، ފުރައްސާރަ ނުކުރާށޭ ބުނާ މީހާ ވެސް ވާން ޖެހޭނީ ހަމަ މިހެންނެވެ. އެވެނި، މިވެނި މީހަކު ކޮރަޕްޓޭ ވައްކަން ކުރިޔޭ ބުނާ ނަމަ ތިމާ އާއި ތިމާގެ އެކުވެރިން އެފަދަ ކަމަކަށް ތުހުމަތުވާ ހިނދު ވެސް ހަމަ އެހާ ބާރަށް، އެކަމާ ދެކޮަޅަށް ވާހަކަ ދައްކާނެ އެވެ.

މިހެން ވީމާ ގައުމު އޮންނާނީ އިސްލާހު ވެފަ އެވެ.

އެކަމަކު މި ހުރިހާ ކަމަކީ ވެސް އެ ބަޔަކާ ހިސާބަށް އެ ކަމެއް ނާންނައިރު ދައްކަން ހުރި ވާހަކަ އެވެ. މި މައުލޫ ސިޔާސީކޮށްލަން ހިނގާށެވެ. އެއީ ހަމަ މިސާލެއްގެ ގޮތުންނެވެ؛ ގައުމެއްގެ ވެރިކަން ހޯދަން އުޅޭއިރު އެ މީހަކު ވާނީ ހައްގުތަކުގެ ޗެމްޕިއަނަކަށެވެ. ޑިމޮކްރަސީގެ ދެ ވަނައެއް ނެތް ލީޑަރަކަށެވެ. އަބަދުވެސް ދައްކާނީ ވެރިކަމުގައި ހުރި މީހާގެ ހުދުމުހުތާރު ކަމުގެ ވާހަކަ އާއި އެހެން މީހުންގެ ހައްގުތައް ގެއްލުވާލާ ވާހަކަ އެވެ. އެ ވާހަކަ ދައްކައިގެން ވެރިކަން ލިބުނީމާ ހައްގުތަކުގެ ވާހަކަ ދައްކާނީ ވެރިކަން ގެއްލުނު މީހާ އެވެ. ވެރިކަމުގައި ގޯސްކޮށް ކުރެވުނު ކަމެއް އޮތް ކަމަކަށް އެ މީހަކަށް ހިއެއް ނުވާނެ އެވެ. - މިއީ ދުނިޔެ ހިނގާ ގޮތެވެ!

ކަންކަން އިސްލާހުކުރުމުގެ ނަމުގައި އަޑު އުފުލަނީ ފޮރުވިފައިވާ އެހެން މަގްސަދެއް ހާސިލްކުރަން ކަމުގައި ވެއްޖެ ނަމަ ކަންކަން ދުވަހަކު ވެސް ރަނގަޅެއް ނުވާނެ

މައްސަލަތައް ހައްލުކުރަން އަޑު އުފުލުން މައްސަލައަކަށް ވަނީއެއް ނޫނެވެ. ގޯސްވެގެން މި އުޅެނީ ހައްލު ހޯދަން އުޅެވޭ ގޮތެވެ. މަގުމަތި ގޮނޑުވެއްޖޭ މިތަން ސާފުކޮށްލާނެ މީހަކު ނެތީހޭ ކިޔާފައި ޓްވީޓްކުރަން ހުންނައިރު ސުޕާރީ ޕެކެޓް ނުވަތަ ސިނގިރެޓް ފިލްޓަރު މަގުމައްޗަށް ދޫކޮށްލެވޭ ނަމަ ކަމަކު ނުދާނެ އެވެ. ބިދޭސީ މަސައްކަތްތެރިންގެ ހައްގު ދޭށޭ ބަންގާޅީއޭ ނުކިޔާށޭ ބުނާ މީހާ އެއިން މީހަކާ ޖެހިގެން އެއް ތަނެއްގައި އިށީނދެ އިންނަން ނުވަތަ އެ މީހުން ގޮސް އުޅޭ ތަނަކަށް ދާން އަދި އާންމުކޮށް އެ މީހުން ކޮށް އުޅޭ މަސައްކަތެއް ނުވަތަ ވަޒީފާއެއް އަދާކުރަން ލަދު ގަންނަ ނަމަ އެ ޖެހެނީ ކޮންތާކު ހެއްޔެވެ؟

ސޯޝަލް މީޑިއާގައި އަބަދުމެ ދައުރުވާ ޕޯސްޓެއްގައި އެ ބުނަނީ ހަމަ ރަނގަޅަށެވެ. ސޯޝަލް މީޑިއާގައި ކޮންމެ މީހަކު އެ މީހަކު އެ ޝެއާކުރާ އިބުރަތްތެރި ވާހަކަތަކާއި ވަކާލާތުކުރާ ކަންކަމާ އެއްގޮތަށް އެ މީހަކު އުޅޭ ނަމަ މި ދުނިޔެ ވާނީ ހާދަ އަމާން ތަނަކަށެވެ. ކޮންމެ މީހަކީ ހައްގުތަކަށް ނަގަހައްޓާ އެހެން މީހުންގެ ހައްގުތަކަށް މަރުދޭ މީހެކެވެ. ތިމާވެއްޓަށް ގެއްލުމެއް ނުދޭނެ އެވެ. އެހެން މީހުންގެ އިހްސާސްތަކަށް އިހްތިރާމްކުރާނެ އެވެ. ތިމާއާ ގުޅުމެއް އޮންނަ މީހަކު އެހެން މީހަކަށް ތުހުމަތެއް ކޮށްލާއިރަށް، ހަމައެކަނި އެއްކޮޅުން ވާހަކަތައް އަހާފައި އަނެކާ ހަވަރަކަށް ވެސް ނުދޭނެ އެވެ.

އެއީ ތެދެކެވެ. އަހަރެމެން އެންމެންނަކީ ވެސް ފާޑުކިޔައި ކުށް ދައްކަން ތިބި މީހުންނެވެ. އަބަދުވެސް އެހެން މީހެއްގެ ޒިންމާ އަދާނުކުރެވޭކަން ދައްކަން އުޅުން ނޫން ކަމެއް އަހަރެމެންނަކަށް ނުވެ އެވެ. މިއީ ޒިންމާދާރުކަން އެންމެ ކުޑަ މީހުންގެ ސިފަ އެވެ. ތިމާގެ އުނިކަން ފޮރުވައި މަތި އަޅާނީ އެހެން މީހުންގެ މައްސަލަތައް ދައްކައިގެންނެވެ. ފާޑުކިޔުން ބަލައިގަންނަން ނޭނގޭ މީހުންނޭ، ކުށް ގަބޫލެއް ނުކުރޭ ބުނާއިރު ތިމާ އަށް އެފަދަ ކަމެއް އަމާޒުވުމުން ނޫނީ ތިމާ މީހާގެ އަސްލު ސޫރަ ހާމައެއް ނުވެ އެވެ. އެހެން އެ ވަނީ އިސްލާހުކުރުމުގެ މަސައްކަތް އަމިއްލަ ނަފްސާ ހިސާބުން ނުފަށާތީ އެވެ.

އަމިއްލަ ނަފްސު އިސްލާހު ނުކޮށް ކަންކަމުގައި ކިތަންމެ ވަރަކަށް ކެމްޕޭނު ކުރިޔަސް ނަތީޖާއެއް ނުފެންނާނެ އެވެ. ކަންކަން އިސްލާހުކުރުމުގެ ނަމުގައި އަޑު އުފުލަނީ ފޮރުވިފައިވާ އެހެން މަގްސަދެއް ހާސިލްކުރަން ކަމުގައި ވެއްޖެ ނަމަ ކަންކަން ދުވަހަކު ވެސް ރަނގަޅެއް ނުވާނެ އެވެ.