ޚިޔާލު / ބިދޭސީން

ބިދޭސީންގެ ވާހަކަ ނިކަން ސާފުކޮށް ހަގީގަތަށް ކިޔައިދެއްވާ!

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީކުރަން ދިން ފުރުސަތުގައި، ގަލޮޅު ދަނޑަށް އެއްވެފައި: ހިއުމަން ޓްރެފިކިންގެ ކުށަށް ފެތޭ ގިނަ އަމަލްތަކެއް ރާއްޖޭގައި ހިންގާ --. ފޮޓޯ: މިހާރު

ވަކި ގައުމަކަށް، ވަކި ނަސްލަކަށް އުފަން ވީތީ، ނުވަތަ ބޭރު ގައުމަކުން ހިޖުރަކޮށްގެން އުޅޭ ބަޔަކަށް ވީތީ މީހުންނާ މެދު ތަފާތުކުރުމާއި ބަދުބަސް ބުނުމާ ދެކޮޅަށް ދުނިޔޭގައި އަޑުއުފުލަމުންދާ ޒަމާނެއްގައި ރާއްޖެ އިން ދިމާ އިދިކޮޅު ވާހަކަތަކެއް އެބަ އަޑުއިވެ އެވެ. ރާއްޖޭގެ މަސައްކަތްތައް ކުރަން، ދިވެހިންގެ އިގްތިސޯދު ބިނާކުރަން ސަރަހައްދުގެ ގައުމުތަކުން ގެނެސް ތިބި ގައުމީ ތަރައްގީގެ މުހިއްމު ހިއްސާދާރުންތަކަކާ ދޭތެރޭ ރަސްމީ ބައެއް ފަރާތްތަކުގެ ބަސްމަގު ހުރީ، 2020 ވަނަ އަހަރު، ތަހުޒީބު މުޖުތަމައުއެއްގައި ދިރިއުޅޭ، ހަމަ އާއި އިންސާފަށް ލޯބިކުރާ މީހަކަށް ބަލައިގަނެވޭ ވަރަށް ވުރެ ދަށު ދަރަޖެއްގަ އެވެ.

ބިދޭސީންނާ މެދު ރާއްޖޭގައި ބައެއް އާއްމުންނާއި ސިޔާސީ އަދި ސަރުކާރުގެ އިސް ބައެއް މީހުން މި ފާޅުކުރާ ކަހަލަ ނާތަހުޒީބު ވިސްނުންތަކާއި ޝުއޫރުތަކަށް އަދިވެސް ފުޅާކޮށް ޖާގަ މި ލިބެނީ ކީއްވެގެން ބާވައޭ ހިތަށްއަރަ އެވެ. އަދި، ބޭރު ގައުމެއްގައި ދިރިއުޅޭ ދިވެހިންގެ ބަޔަކަށް އެ ގައުމެއްގެ ރައްޔިތުންނާއި ސަރުކާރުން މިފަދަ ގޮތަކަށް ހިތަން ފަށައިފި ނަމަ ދިވެހިންނަށް ހަމަ ވަރިހަމަވާނެތޯ ވެސް ސުވާލުކުރަމެވެ. ސަބަބަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތު މީހުންނެކޭ، އެހެން ގައުމެއްގައި ދިރިއުޅޭ ދިވެހިންނެކޭ ތަފާތެއް ނެތެވެ. ދެ ބައި މީހުންނަކީ ވެސް އިންސާނުންނެވެ.

ބިދޭސީ މަސައްކަތު މީހުންނާ ބެހޭ ގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އަންގާރަދުވަހު ވާހަކަދެއްކެވި އިރު ގެންގުޅުއްވި ބަސްމަގާ މެދު ކަންބޮޑުވާން ޖެހެނީ އެ ވާހަކަތަކުން ނުރައްކާތެރި މެސެޖުތަކެއް ލިބޭތީ އާއި ބޮޑެތި ހަގީގަތްތަކެއް ފޮރުވިގެންދާތީ އެވެ.

މުސާރަ ނުލިބިގެން މި ފަހުން ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގި މައްސަލަތަކަށް ބަލާ އިރު ބައެއް ބިދޭސީންނަކީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ މީހުންކަން ފާހަގަކޮށް އާއްމުން ފާޅުކުރާ ޝުއޫރުތަކަށް ރައްދު ދެއްވުމަށް، ކަމާ ބެހޭ ރާއްޖޭގެ ގާނޫނާއި އދ.ގެ ޕްރޮޓޮކޯލްގެ މާއްދާތައް ކޮމިޓީގައި އިއްވަވައި މާރިޔާ ވިދާޅުވެފައި ވަނީ "މި ވަގުތުގައި އެ ކުރެވޭ ކަންކަމުގައެއް އަދިއެއް އެ ކަންކަން [ހިއުމަން ޓްރެފިކިން] ފެންނާކަށް ނެތޭ" އެވެ. އެކަމަކު ބޮޑުފިނޮޅު މައްސަލައިގައި ފުލުހުން އެ އޮތީ އެމްޑީޕީގެ މަޖިލިސް މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް ސީދާ ހިއުމަން ޓްރެފިކިންގެ ތުހުމަތުކޮށް ތަހުގީގެއް ފަށައިފަ އެވެ.

"ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭން ޖެހޭ މުސާރަ އާއި އުޖޫރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރުވާފައިވާ" ކަމުގެ ތުހުމަތު ރިޒް އަށް ކުރެވޭ ކަމަށް ފުލުހުން ވަރަށް ތަފްސީލްކޮށް ބުނެފައި އޮއްވާ، މިހާރު މި ހިނގައިގެން އުޅޭ ބިދޭސީންގެ މައްސަލަތަކުގައި ހިއުމަން ޓްރެފިކިންގެ ކަމެއް ނެތޭ މާރިޔާ ވިދާޅުވި ސަބަބެއް ސާފުކޮށްދެއްވަން އެބަ ޖެހެ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް: ބިދޭސީންގެ މައްސަލާގައި މަޖިލިހުގެ ކޮމިޓީގައި ސީރިއަސް ވާހަކަތަކެއް ދެއްކެވި --. ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮމިޓީގައި މާރިޔާ ދެއްކެވި އަނެއް ވާހަކައަކީ ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގާ ހިސާބަށް ކަންތައް ގޯސްވަނީ މުސާރަ ނުލިބިގެން ޝަކުވާ ކޮށްކޮށް ގޮތް ހުސްވެގެންނޭ ބުންޏަސް، "މި އުޅެނީ ކޮންމެހެން މުސާރަ ނުލިބިގެން، މުސާރައިގެ ހައްގުގެ ކަންތަކެއް ނޫންކަން އެބަ ވަރަށް ރީއްޗަށް ސާބިތުވޭ" ކަމެވެ. އޭގެ ހެކީގެ ގޮތުގައި އޭނާ ދެއްކެވި ދެ މިސާލުގެ ތެރެއިން އެއް ކަމަކަށް ވިދާޅުވީ ކޫއްޑު އާއި ހެރަތެރައިގެ މައްސަލަތަކެއްގައި ބިދޭސީންގެ ޑިމާންޑަކީ އަނބުރާ ގައުމަށް ދިޔުން ކަމެވެ. ސުވާލަކީ އަނބުރާ ގައުމަށް ދާން ބޭނުންވީ ކީއްވެގެން ހެއްޔެވެ؟ މުސާރަ ނުދީ އެތައް މަހެއްވެ، ގޮތް ހުސްވެގެން ވެސް އަނބުރާ ގައުމަށް ދާން ބިދޭސީން އެދޭކަން އެހެން ބައެއް މައްސަލަތަކުން އެނގެ އެވެ. ދެވަނަ ހެއްކަކަށް މާރިޔާ ދެއްކެވީ އައިލެންޑް އެކްސްޕާޓްގެ މުވައްޒަފުން ހަމަނުޖެހުން ހިންގީ ކޮންމެވެސް ވަރަކަށް މުސާރަ ދެމުން ދަނިކޮށް ކަމެވެ. އެހެން ކަމަށްވާ ނަމަ އެ މީހުންނަށް ދިނީ ލިބެން ޖެހޭ މުސާރައިގެ ކިހާ މިންވަރެއްތޯ އާއި އެއްބަސްވި ގޮތަށް އެންމެންނަށް ލިބެން ޖެހޭ އެއްޗެއް ލިބުނުތޯ ވެސް އެނގެން ޖެހެ އެވެ. އަނެއް ކަމަކީ، މާރިޔާ ޖުމްލަކޮށް އެ ގޮތަށް ވާހަކަދެއްކެވި އިރު، ބޮޑުފިނޮޅުގެ ބިދޭސީން މުޒާހަރާ އަށް ނުކުތީ މުސާރަ ނުދީގެން ކަމާއި އެ މީހުންނަށް އަދިވެސް މުސާރަ ނުދޭކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ބިދޭސީންގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވަނީ ކިހިނެއްކަން ބަޔާންކޮށްދެއްވަން މޭޖަ ޖެނެރަލް ޝަމާލް ދެއްކެވި ސަބަބުތަކާ މެދު އުފެދޭ ސުވާލުތައް ބައިވަރެވެ. އޭގެ ތެރޭގައި އިތުރަށް ސާފުވާން ޖެހޭ ކަންކަމާއި ނުހަނު ކަންބޮޑުވާން ޖެހޭ ވާހަކަތައް ހިމެނޭތީ އެވެ.

1. ރާއްޖެ އަށް "އަރާ" ތިބި ބަޔަކަށް ވަނީ ކިހިނެއް؟

ފުރަތަމަ ކަމަކަށް، ބިދޭސީންގެ އަދަދު ގިނަވެގެން ގޮސް ދިވެހި ޒުވާނުންގެ އާބާދީ އަށް ވުރެ މައްޗަށް ހިނގައްޖެއޭ ވިދާޅުވެ، ގައުމީ ސަލާމަތާއި އިސްތިގުލާލާއި މިނިވަންކަމުގެ ނަޒަރުން ޝަމާލް ކަންބޮޑުވުން ފާޅުކުރެއްވީ ކޮން ސަބަބަކާ ހުރެތޯ އެނގެން ޖެހެ އެވެ.

ދެވަނަ ކަމަކަށް، ބިދޭސީންގެ "އެތައް ބަޔަކު މި އޮތީ މި ގައުމަށް އަރާފައި" ކަމަށާއި އެ މީހުންގެ ފަރާތުން ފެންނަނީ "ބޭރުގެ އިސްތިއުމާރީ ބާރަކުން ގައުމަކަށް އަރާ ހިފިޔަސް ވެސް މި ފެންނަން ހުންނަ ކަހަލަ" ކަންތައްތަކޭ ޝަމާލް ވިދާޅުވީމާ އެބަ އޮޅުން އަރަ އެވެ. ސަބަބަކީ، ރާއްޖޭގެ ރިސޯޓުތައް ހަދަން، މަޝްރޫއުތައް ހިންގަން، އިމާރާތްތައް އަޅަން، ރާއްޖޭގެ ކުންފުނިތަކާއި ވިޔަފާރިވެރިންނާއި ސަރުކާރުން ބޭނުންވެގެން ބިދޭސީން ރާއްޖެ ގެނައީ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނޭ މި ކިޔާ މީހުން ވެސް ހިމެނޭ ގޮތަށެވެ.

ދެން، ރަސްމީ ލިޔެކިޔުން ނެތް ބިދޭސީން ރާއްޖޭގައި އުޅުމުގައި އެ މީހުންގެ އަމިއްލަ ކުށް އޮތީ ކިހާ ވަރަކަށްތޯ ބަލާ އިރު، އެފަދަ މީހުން ގިނަވީ އެ މީހުން އަމިއްލަ އަށް ކުރި ކަމަކަށް ވުރެ ބޮޑަށް ރާއްޖޭގެ ސަރުކާރުތަކުގައި ތިބި މީހުންނާއި ރެކްރޫޓްމެންޓް އޭޖެންޓުން ގުޅިގެން ހިންގި، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނަށް ވުރެ ވެސް މާ ބޮޑު، "އަނިޔާވެރި ވައްކަމެއް"ގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ. ބިދޭސީން ރާއްޖެ އައިސް ޕާސްޕޯޓް ވީދާލާފައި ފިލައިގެން އުޅޭ ކަމަށް ވާހަކަ ދެކެވުނަސް އެއީ ވަރަށް މަދުން ހިނގާފައި ހުރި ކަންކަން ކަމަށް ފައްޔާޒު މިދިޔަ މަހު ވިދާޅުވީ ހަމަ މަޖިލީހުގެ މި ކޮމިޓީގަ އެވެ.

އެހެންވީމާ، ބަންގްލަދޭޝް، އިންޑިއާ ނުވަތަ އެހެން ގައުމެއްގެ ވިޔަސް، ފަގީރު މަސައްކަތު މީހުންތަކެއް ރޭވުމެއް ރާވައިގެން އެތައް އަހަރެއްގެ ދިގު މުއްދަތަކުން އެ ރޭވުން ކާމިޔާބުކުރަން ރާއްޖެ އަށް "އަރާ"، ޝަމާލް އެ ވިދާޅުވި ފަދައިން ދިވެހިންގެ މުޖުތަމައު "ފޫއަޅުވާލާފައި ވަދެފައި" ތިބި ކަމަކަށް ބުއްދި ގަބޫލެއް ނުކުރެ އެވެ. ސާފުކޮށް ފެންނަން ހުރީ ރާއްޖެ އާއި ރާއްޖޭގައި އުޅޭ އެކި ފަރާތްތަކުން ބޭނުންވެގެން ދިގު މުއްދަތެއް ތެރޭ އެތަކެއް ހާސް ބިދޭސީން، ކުޑަ އުޖޫރަ އަށް މަސައްކަތްކުރުވަން ރާއްޖެ އެތެރެކުރި ކަމާއި އޭގެ ތެރެއިން އެތައް ބަޔަކު އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ހަދާފައިވާކަން، ރާއްޖޭގެ ރަސްމީ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކުން ކަށަވަރުކޮށްދީ ހާމަކޮށްފައި ހުރި މައުލޫމާތުތަކާއި ޝާއިއުކޮށްފައިވާ ރިޕޯޓުތަކެވެ.

ބިދޭސީ މަސައްކަތު މީހުން ގިނަވުމުގެ ނޭދެވޭ ނަތީޖާތަކެއް އެބަ ހުއްޓެވެ. މިސާލަކަށް ރާއްޖޭގެ އިގްތިސޯދުން ބޮޑެތި އަދަދުތަކުން ބޭރު ފައިސާ ބޭރުވުމެވެ. ލިޔެކިޔުން ނެތް ބިދޭސީން އެހާ ގިނަވެފައި، ލިޔެކިޔުން ނެތުމުގެ ސަބަބުން އެ މީހުންގެ މައްޗަށް ގާނޫނު ހިންގެން ނެތިއްޔާ އެއީ ވެސް މައްސަލައެކެވެ. އެކަމަކު އަނެއްކާވެސް ބުނަން ޖެހެނީ، ހުރިހާ ބިދޭސީން ވެސް ގެނައީ ރާއްޖެ އިން ނުވަތަ ރާއްޖޭގައި ތިބި ބަޔަކު ބޭނުންވެގެންނޭ އެވެ. އެހެންވީމާ މިފަދަ މައްސަލަތަކަކީ ވެސް ބިދޭސީންނާ މެދު ތަފާތު ގޮތަކަށް ވާހަކަ ދައްކަން ބޭނުންކުރެވިދާނެ ހުއްޖަތްތަކެއް ކަމަކަށް ނުފެނެ އެވެ. އޭގެ ބަދަލުގައި، ސަރުކާރުގެ ވެރިންނަށް ހޭދަކުރެވެން ހުރި ހުރިހާ ވަގުތެއްގެ ބޭނުން ހިފަންވީ އެ މައްސަލަތަކަށް ހައްލު ހޯދުމުގެ މަސައްކަތަށެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ އަންގާރަދުވަހުގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލާއި އެހެން މުއައްސަސާތަކުގެ އިސް ވެރިން.---ފޮޓޯ: މަޖިލިސް

2. ކައިވެނީގައި ކޮން މައްސަލައެއް؟

ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނާ ކަންކަމުގެ ތެރެއިން އެންމެ ހައިރާންކުރަނިވި ސަބަބަކީ ބިދޭސީން ދިވެހިންނާ ކައިވެނިކުރުމެވެ. އެއީ މި މައުލޫއުގެ ތެރެއަށް ކައިވެނި އަންނަނީ ކިހިނެއްކަން ސާފު ނުވާތީ އެވެ.

ގައިމު ވެސް ރާއްޖޭގެ ކޯޓަކުން ގަދަކަމުން ދެ މީހަކު ނުދެވާނެ އެވެ. އެހެންވީމާ މި ކައިވެނިތަކުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ މިއީ ދިވެހިންގެ ނުރުހުމުގައި ކުރާ ކައިވެނިތަކެއް ހެއްޔެވެ؟ ނުވަތަ ބިދޭސީން ދިވެހި އަންހެނުންނަށް މަޖުބޫރުކަމެއް ކުރިމަތިކުރުވައިގެން ކައިވެނިކުރަނީ ހެއްޔެވެ؟ ނާޖާއިޒު ފައިދާތަކެއް ނަގަނީ ހެއްޔެވެ؟ އަނެއްކާ މިއީ ވެސް ރާއްޖޭގެ މުޖުތަމައު "ފޫއަޅުވާލުމުގެ" ރޭވުމެއް ކާމިޔާބުކުރުން ހެއްޔެވެ؟ ޝަމާލް އަށް އެފަދަ މައުލޫމާތުތަކެއް ލިބިވަޑައިގެންފައިވާ ނަމަ ހާމަކޮށްދެއްވާށެވެ. އެހެން ނޫން ނަމަ، ކައިވެންޏަކީ ޒާތީ ކަމެއްގެ ގޮތުގައި ބާއްވަވާށެވެ.

ދިވެހި އަންހެނުން އިންނާނެ މީހުން އެނގޭނީ އެ މީހުންނަށެވެ. އެ މީހުންގެ ދަރިންގެ ބަފައިންނަށް ހަދާނެ މީހުން ވެސް އެނގޭނީ އެ މީހުންނަށެވެ. ކައިވެނިކުރާނީ ޝަރުއީ ކޯޓުތައް މެދުވެރިކޮށެވެ. އެ ކައިވެނިތަކަށް ފާޑުކިޔުމުގެ އެއްވެސް ހައިސިއްޔަތެއް އަމުދުން ސިފައިންނަށާއި ސަރުކާރަކަށް ނެތެވެ.

3. ކުށްކުރުން

ޝަމާލް ވިދާޅުވި ގޮތުން ނަމަ "ކުށްތަކުގައި ވެސް މި މީހުން ހަމަ ޝާމިލްވެގެން މި މީހުން ހަރަކާތްތެރިވެގެން މި ދަނީ" އެވެ. ސުވާލަކީ ކުށް ކުރަނީ ބިދޭސީން އެކަނި ހެއްޔެވެ؟

އިންސާނުން ދިރިއުޅޭ ކޮންމެ ތަނެއްގައި، ކުށް ކުރާ މީހުން ވެސް އުޅޭނެ އެވެ. ބަންގްލަދޭޝްގެ ރައްޔިތަކަށް ވީތީ، އިންޑިއާ އިން ރާއްޖެ އައިސް އުޅޭ މީހަކަށް ވީތީ ކުށް ކުރަނީއެއް ނޫނެވެ. ވަކި ގައުމަކަށް އުފަންވުމަކުން ކުށްވެރިއަކަށް ނުވެ އެވެ.

ކުށްވެރިއެއް ނަމަ ދިވެއްސެއް، ބިދޭސީއެއް ނުބަލައި ހައްގު އަދަބު ދިނީމާ އިންސާފު ގާއިމްވީ އެވެ. ޖުމްލަކޮށް ބިދޭސީ އެންމެންނަށް އިނގިލި ދިއްކޮށްފައި، ކުށް ކުރާ ވާހަކަ ދެއްކުމަކީ އިންސާފެއް ނޫނެވެ.

4. ދިވެހިން ރަހީނުކޮށް ފުލުހުންނާ ކުރިމަތިލައި ހަމަލާދިނުން

މީހުން ރަހީނުކުރުމާއި އަނިޔާވެރިވުމާއި މުދަލަށް ގެއްލުންދިނުމަކީ ހަމަ ގަބޫލުކުރާ އެކަކު ވެސް ބަލައިގަންނާނެ ކަމެއް ނޫނެވެ. ބޮޑުފިނޮޅުގަ އާއި ހުޅުމާލޭގައި ހިންގި ހަމަނުޖެހުންތަކާއި ދިވެހިންގެ ބަޔަކު ރަހީނުކުރުމާއި ފުލުހުންނަށް ހަމަލާދިނުމަކީ ސީރިއަސް މައްސަލަތަކެވެ. އެކަމަކު އެކަން ގަބޫލުކުރާ ސިކުނޑި އޮތް ހަށިގަނޑުގައި ހިތެއް އޮވެފައި އެ ހިތުގައި ކުލުނެއް ހުރި ނަމަ، އެފަދަ ހަމަނުޖެހުންތަކާ ހަމައަށް ކަންތައް ދާ ގޮތާއި ރާއްޖޭގައި ބިދޭސީ މަސައްކަތު މީހުންނަށް ޖެހޭ ހާލާ މެދު، ފެންނަން ހުރި ހަގީގަތްތަކަށް ބުރަވެ، ހަމްދަރުދީ ވާނެ އެވެ. އެ ހާލު ޖައްސާ މީހުން ކުށްވެރި ވެސް ކުރާނެ އެވެ. އެކަމަކު، އެއިން ކަމެއްގެ ނަން ވެސް ނުގަނެ، އެއީ ނުހިނގާ ކަމަކަށް ހަދާ މޭރުމަކުން ގައުމީ ސަލާމަތުގެ ވާހަކަ ދައްކާ އިރު މި ބޭނުންކުރަނީ ވެސް މަދު ބަޔަކު ކުރި ކަމެއް ހުރިހާ ބިދޭސީންނަށް ނިސްބަތްކުރާ ފަދަ ބަސްމަގެކެވެ. މައްސަލައަކީ މި އެވެ.

ބިދޭސީންގެ މުޒާހަރާތަކާއި ހަމަނުޖެހުންތަކުގެ އަޑީގައި، ރައްޔިތުން ކަންބޮޑުވާން ޖެހޭ ފަދަ "ސިޔާސީ އެލިމެންޓެއް" ނުވަތަ "ފޮރުވިފައިވާ ފަރާތްތަކެއް" ވާ ކަމަށް ވަޒީރުން ތުހުމަތުކުރައްވާ ނަމަ އެއީ ކޮން ކަމެއްތޯ އަދި ކޮން ބައެއްތޯ ހާމަކުރުން ސަރުކާރުން އަވަސްކުރާށެވެ. ކަމެއްގައި ޝައްކެއް އުފައްދައި ސިއްރުކޮށްފައި ބޭއްވުމަކީ މަސްލަހަތު ހުރި ގޮތެއް ނޫނެވެ.

ހަގީގަތަކީ، ބިދޭސީންނަކީ ގައުމީ ސަލާމަތަށް ނުރައްކަލެކޭ ބުނެ މާ ކުރިންސުރެ ވެސް އެކި ސަރުކާރުތަކުގެ އެކި އިދާރާތަކުގެ ވެރިން އައީ ވާހަކަދައްކަމުންނެވެ. އޭރު ބަޔަކު ރަހީނެއް ވެސް ނުކުރެ އެވެ. ފުލުހަކަށް ހަމަލާއެއް ވެސް ނުދެ އެވެ. އުޖޫރަ ނުލިބިގެން ހިތްހަނުޖެހުން ފާޅުކުރަން ކިތަންމެ ސުލްހަވެރި އެއްވުމެއް ބިދޭސީ ބަޔަކު ބޭއްވިޔަސް ގައުމީ ސަލާމަތަށް ނުރައްކާވީ އެވެ. އެކަމަކު އެ މީހުންގެ ކަރާމާތް ނަގާލައި އަޅުވެތިކުރެވޭ ގޮތަށް ގައުމުގެ ހުރިހާ ކަމެއް ބައްޓަންވެގެން ދިޔަ އިރު ވެސް ސަރުކާރުތައް ހަމަ ބަލަަހައްޓައިގެން ތިބީ އެވެ. އެކަމަށް ޖާގަ ދިނީ އެވެ. ބިދޭސީން އެތެރެކުރުމުގެ ބޮޑު ކޮރަޕްޝަން ހިންގީ އެވެ. މިހާރު މި އޮތީ މި ދުވަސް އައިސްފަ އެވެ. އޭރާއި މިހާރުގެ އިސް ވެރިން ޒިންމާ ނަގާށެވެ.

ފުލުހުންނަށް ހަމަލާދީ، ތަންތަނަށް ގެއްލުންދިން ބިދޭސީންނަށް ހައްގު އަދަބު ދޭންވީ އެވެ. އެފަދަ ކަމެއް ތަކުރާރުކުރަން އުޅޭ ނަމަ ހުއްޓުވަން ވެސް ވީ އެވެ. އެކަމަކު ބިދޭސީ މަސައްކަތު މީހުން ރާއްޖެ "އަރާ" ރާއްޖޭގެ ހުރިހާ ދިމާލެއް "ފޫއަޅުވާލާފައި ވަދެ"އްޖެއޭ ބުނުން ފަދަ ވާހަކަތައް ހުއްޓައިލާށެވެ. ތިޔަ ބަސްމަގުން އުފެދެނީ އިތުރު ނަފްރަތެވެ. ބިދޭސީ މަސައްކަތު މީހުންނަށް ވީތީ އެ މީހުން ދެކެ ރުޅިއަންނަ ދިވެހި ޒުވާނުން މަދެއް ނޫނެވެ. އެ ދިވެހިންގެ ހިތްތަކުން ނަފްރަތު އުތުރިއަރައިގެން ދާ ބުރައިގައި ހަގީގަތުގައި ވެސް އަމަން ގެއްލިގެން ދާނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ.

38 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 4%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަޒުބާތުގަ ނުޖެހޭ

25 July 2020

ދިވެހި ބައެއް އަންހެނުން ބިދޭސީ ފިރިހެނުން ނާހެދި މަރުދަންޖެހި، ޖަޒުބާތުގަޖެހި ޙަޤީޤަތް ނުބަލާ ވަކިއަތަކަށް ޖެހިފަ ވާހަކަ ދައްކާ. ހުރިހާދިވެހިން ރޭސިސްޓުކަމަށް ދޭހަވާގޮތަށް ލިޔޭ. ބަނގުލަދޭޝްމީހުން ރޮހިންޖާ މުސްލިމު އަންހެނުން ޓުރެފިކު ކުރާވާހަކަޔެއް ނުދައްކާނެ.

The name is already taken The name is available. Register?

ހަބޭސް34

25 July 2020

ނޫސްވެރިއާ ވިސްނުންހުރީ ދިފާއީ ވަޒީރާއި، ޖެނެރަލް ޝަމާލަށް ރައްދެއް ދެވޭތޯ. އެކަމަކު ލިޔުމުގައި ހުރީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ދިވެހިން ޤަބޫލެއް ނުކުރާނެ މިވާހަކަތައް

The name is already taken The name is available. Register?

ކަމަކު ނުދޭ

25 July 2020

ފަހުގެ ތާރީހެއްގައި މިހާރުން ކިޔާލަން ލިބުނު އެންމެ ކަމުނުދާ ލިޔުންމީ...

The name is already taken The name is available. Register?

މުޠްލަޤު މަސްޢޫލިއްޔަތު

25 July 2020

ދިވެހި އަންހެނުން އިންނާނެ މީހުން އެނގޭނީ އެމީހުންނަށްށޭ ބުނިއިރު އެ އަންހެނުން ބިދޭސީންނާއި އިނދެގެން ވަކި ހިސާބަކުން ވަރިކޮށްފަ ދަރިންތައް ޖަހާފަ ފިރިމީހާ ގައުމަށް ދިއައީމަ އެއީ ސަރުކާރު ހިންގަން ތިބޭ މީހުންނާވެސް ބެހޭ ކަމެއް....ތި ގޮތަށް ދިވެހި އަންހެނުން ބިކަވާކަށް ދުލެއް ނުކުރެވޭނެ އިނގޭތޯ..

The name is already taken The name is available. Register?

ހޯދާބަލަމާ

25 July 2020

ނޫސްވެރިޔާ އޮތީ ހަޤީޤަތް އޮޅުވަން މަސައްކަތްކޮއްފަ. ބިދޭސީއަކަސް ދިވެއްސަކަސް ކުއްކުރާ އިންސާނަކާ ކުއްނުކުރާ އިންސާނަކާ ހަމަހަމަނުވާނެ. އެހެންވާންމަ ރޭޕިސްޓަކާ ޢިއްފަތްތެރިއަކާ ހަމަހަމަވާނެ. މިތާޤަވާއިދާ އެއްގޮތަށް ބިދޭސީންނަށް ޤަދަރުކުރޭ. އެކަމަކު ޤަވާއިދާޚިލާފަށްއުޅޭ ބިދޭސީންނަށް ނަފްރަތުކުރަނީ. އެއްވެސް ހުއްދައެއްނުނަގާ ބިދޭސީން ހޮޓާ މާރުކޭޓު ހިންގުމުގަ ކޮބާއިންސާފަކީ

The name is already taken The name is available. Register?

ގައުމީރޫހް

25 July 2020

ގައުމީ ރޫހް ނެތި ގޮސް ދުރަށް ވިސްނުން ގެންގުޅެން ނޭނގުނީމާ ލިޔެވޭނީ މިކަހަލަ އެއްޝިއްސެވެ. މިއީ ވަރަށް ތާކުންތާކު ނުޖެހޭ ލިޔުމެކެވެ. ދިފާއާއި ގުޅޭ މީހުން އެދެއްކީ މަދު ވާހަކަތަކެކެވެ. މީގަ ގައުމީ ސަލާމަތަށް ނުރައްކާވާ ބައިވަރު ކަންތައްތައް އެބަހުއްޓެވެ.

The name is already taken The name is available. Register?

އޭން34

25 July 2020

ހާދަ ތާކުންތާކު ނުޖެހޭ ލިޔުމެކޭ މީ، ޤައުމީ ސަލާމަތައް ނުރައްކާ ވާކަންކަން އަހަރެމެން ކިޔައިދޭންތަ. އެއީ މުޒާހަރާކުރާއިރު ތަންތަން ރޯކޮށް ޖެހުނު މީހަކު މަރާލަންވެސް ފަހުނުދާނެ ބައެއް އަދި މީހުންގެ މުދަލަށް ގެންލުން ދޭނޭ. މުޒާހަރާތަކުގައި. އެމީހުންގެ ގައުމުގައވެސް މުޒާހަރާ ކުރަނީ މިހެން،،، ދެން 90.000 ވަރަކަށް ހާސް ބަންގާޅީން މި މާލޭގައި މުޒާހަރާ ކުރަން ފަށައިފިއްޔާ ހުންނާނީ ތަލިންކުޅުހިިފަ ހިތައް އަރާނެ މިއާޓިކަލް މަތިން..

The name is already taken The name is available. Register?

ނަން

25 July 2020

ތާކުންތަކު ނުޖެހޭ ލިޔުމެއް...މީގަ މީހުންނާއި އިންނަ ވާހަކަ އެބައޮތް. އެނގޭބާ ވިޔަފާރިކުރަން ފަސޭއަކަށް ދިވެހިންނާ އިނދޭ ދަރިންތަކެއް އަންހެން މީހާއަށް ދިނުމަށްފަހު ވިޔަފާރިކޮށް ފައިސާ ލިބުމުން އަންހެންކުއްޖާ ވަރިކޮށް ޤައުމަށްދާކަން..

The name is already taken The name is available. Register?

ޙަސަން އަޙްމަދު

25 July 2020

މި ކޮމެންޓުތައް ކިޔާލީމާ ހާމަވާ އެއްކަމަކީ ލިޔެފައި އޮންނަ އެއްޗެއް ރަނގަޅަށް ދޭހަ ނުވާ މީހުން ވަރަށް ގިނަކަން. ލިޔުމުގައި މިހިރީ މައްސަލައަށް އިންކާރު ކޮށްފައެއް ނޫން. މީގައި މިހިރީ މައްސަލައިގެ އަސްލަށް ވާސިލުވާން ކުރަންޖެހޭ ސުވާލު ކޮށްފައި. ދިވެހިންނަކީ މާ ތަހުޒީބު މާ ޒަމާނީ ބަޔަކަށް ހެދިގެން އުޅުނަސް ޒަމާނީ ވިސްނުމެއް ނެތް. ނުވިތާކަށް ދީންވެރިކަމަށް ހެދިގެން އުޅޭ އިރު ރަޙްމަތުގެ ދީން ގޮވާލާ ހަގީގީ އިންސާނިއްޔަތުކަމެއް ނުހުރޭ. ބަޔަސް ވުމާ ތަޢައްޞުބު.

The name is already taken The name is available. Register?

އަލި

25 July 2020

ޙަސަން އަހުމަދަށްވެސް ތިހުރީ އެހެން އެންމެނަށް ވުރެ ބޮޑަށް އިނގިފަ. މިލިއުމުގަ ހުރި އެއްޗެއް ނޭންގިގެނެއް އެކަކުވެސް ނޫޅޭ. ވަގަށް ވަނަސް، ހުއްދަ ދީގެން ވަނަސް 250000 މަސައްކަތު މީހުން 500000 އެެއްހާ އާބާދީ އެއްގައި އުޅޭތީއާއި އެމީހުންގެ ފަރާތުން ދިމާވާ މައްސަލަތަކުން ގައުމަށް ވަރަށް ނުރައްކާއޮތްވާހަކަ މިދައްކަނީ. ދީނީވެގެން އެހީވާން ބުނާ މީހާއަށް ނުފެނޭތަ ދުނިޔޭގެ އެކިއެކި ހިސާބުގައި ހާލުގައި އުޅޭ އިންސާނުންގެ ހާލުހުރިގޮތް.

The name is already taken The name is available. Register?

ައަފުރާސިޔާބު

24 July 2020

އެއީ ބިދޭސީ މަސައްކަތު މީހުންނެއްނޫން. އެއީ ވަގަށް ވަދެގެން އުޅޭ ބައެއް. ވަގަށް ވަންނަނީކީ ކޮންމެހެން ދައުލަތުގެ މުއައްސަސާތަކަށް ނޭގިއެއްނޫން. ވަގަށްވަނަނީ ރަސްމީ ލިޔެކިއުންތަކުން އެމީހާ ވަންކަން ނޭގޭ ގޮތަށް ގެއްލުވާލުމުގެ ޑީލްތައް ހަދައިގެން. މިޑީލްތައް ހަދަނީ އިމިގްރޭޝަން މީހުންނާ ބޯޑަރ ގާޑުން ހިންގާ ވަގު ޑީލްތަކުގެ ތެރެއިން. އެމީހުން ލައްވާ މަސައްކަތްކުރުވުމާއި އެމީހުން ފިލުވައިގެން އެއްތަނުން އަނެއްތަނަށް ގެންދިއުމަކީ ހިއުމަންޓްރެފިކިން.

The name is already taken The name is available. Register?

މަސަލަސް

25 July 2020

ވަގަށް ވަދެގެން އުޅޭ ބައެއް ނޫން. ވަގަށް ވައްދައިގެން އުޅޭ ބައެއް. ދިވެހި ބަޔަކު ފައިސާގެ ބޭނުމުގައި އެމީހުން ވަގަށް ގެންނަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454