ފަތުރުވެރިކަަން، "ރެގިޔުލޭޓަރީ ކެޕްޗާ" ފަހަނައަޅައި ހިނގައްޖެތަ؟

ފަތުރުވެރިކަމުގެ ސިނާއަތަކީ، އެ ސިނާއަތެއްގެ މައްޗަށް ދިވެހި އިގްތިސޯދު ބަރޯސާވެފައިވާ، އެންމެ ގިނަ މީހުން ވަޒީފާގައި ގެންގުޅޭ، އެންމެ ގިނަ އަދަދުން ބޭރު ފައިސާ އެތެރެކުރާ، އެންމެ ގިނަ ބިން، ފަޅު، ފަރު، ފިނޮޅު، މޫދު އަދި ގޮނޑުދޮށް ކޮންޓްރޯލް ކުރާ ސިނާއަތެވެ. އެ ސިނާއަތް ބަނޑުޖެހުމުން ދިވެހި އިގްތިސާދަށާއި ދިވެހި މުޖްތަމައަށް ވާނޭ ގޮތް އަޅުގަނޑުމެން މިދަނީ ތަހައްމަލު ކުރަމުންނެވެ.


ބޮޑެތި ސިނާއަތްތަކާއި ކުންފުނިތަކުން އެ ސިނާއަތެއްގެ މައްސަލަތައް ބެލެހެއްޓުމަށް ދައުލަތްތަކުން އުފައްދާ، އެ ސިނާއަތެއްގެ ރެގިޔުލޭޓަ 'ކެޕްޗާ' ކުރާކަން ލިޔުންތަކުން ފެންނަ ހިނދުގައި، ރާއްޖޭގެ އިގްތިސާދުގައި، ފަތުރުވެރިކަމުގެ ސިނާއަތުން ރެގިޔުލޭޓަރީ ކެޕްޗާ ފަހަނައަޅައި ނުދޭތޯ ސުވާލު ކުރުމަކީ މިލިޔުމުގެ މަގްސަދެވެ.

ހ. ރެގިޔުލޭޓަރީ ކެޕްޗާ އަކީ ކޮބާ؟

އިކޮނޮމިސްޓް ޖޯޖް ސްޓިގްލާ 1971 ގައި 'ރެގިޔުލޭޓަރީ ކެޕްޗާ' ތައާރަފްކުރެއްވީ، ސިނާއަތެއް މޮނިޓަކޮށް ރެގިޔުލޭޓް ކުރުމަށް އުފައްދާފައި ހުންނަ ގައުމީ އިދާރާތަކުގެ މައްޗަށް، އެ ސިނާއަތަކުން ނުފޫޒް ފޯރުވައި، ރައްޔިތުންގެ މަންފާ އާއި ލާބައަށް ވުރެ، ސިނާއަތަށް ފައިދާ ހުރި ގޮތުގައި އެ އިދާރާގެ ނިންމުންތައް ނިންމަމުން ގެންދާ ގެންދިޔުމަށް ހަވާލާ ދެއްވުމަށެވެ.

ސްޓިގްލާ އޭރު ރެގިޔުލޭޓަރީ ކެޕްޗާ މިބަސް ބޭނުންކުރެއްވީ އަލަށް ކަމަށް ވިޔަސް، މިއަދު ދުނިޔޭގެ ހުރިހާ އިގްތިސާދުގައިމެ ރެގިޔުލޭޓަރީ ކެޕްޗާގެ މިސާލުތައް، ބޭންކިން، ފައިނޭންސް، އޭވިއޭޝަން ފަދަ ބޮޑެތި ސިނާއަތްތަކުގައި ހިނގާފައިވާ ގޮތުގެ ތަފްސީލްތައް އިލްމީ ލިޔުންތަކުގަ އާއި ވިޔާފާރި އާއި އިގްތިސާދީ މަޖައްލާތަކުގައި ލިޔެ ޕަބްލިޝްކޮށްފައިވެ އެވެ.

ބޯއިން 737 މެކްސް މަރުކާގެ މަތިންދާ ބޯޓްގެ ސަލާމަތީ މުހިންމު ބައެއް ކަންތައް ނިންމުމުގެ ބާރާއި މިނިވަންކަން އެމެރިކާގެ އެފްއޭއޭއިން ހުދު ބޯއިން ކުންފުންޏަށް ހަވާލުކުރުމުގެ އާހިރު ނަތީޖާއެއްގެ ގޮތުން ދެ އެކްސިޑެންޓެއްގައި 346 މީހުން މަރުވަން ދިމާވުމަކީ ރެގިޔުލޭޓަރީ ކެޕްޗާގެ ސަބަބުން ސީދާކޮށް ގިނަ ބައެއްގެ ފުރާނަ ގެއްލުނު އެންމެ ބޮޑު ކާރިސާ ކަމަށް ބެލެވެ އެވެ.

ގިނަ ބައެއްގެ ފުރާނަ ސީދާކޮށް ގެއްލުމުގެ މި ހާދިސާ ކުރިމަތިނުވި ކަމަށް ވިޔަސް، ރެގިޔުލޭޓަރީ ކެޕްޗާ މެދުވެރިކޮށް ބޮޑެތި ސިނާއަތްތަކުންނާއި ބޮޑެތި ކުންފުނިތަކުން ގައުމީ އިދާރާތަކަށް ނުފޫޒު ފޯރުވާ، ރައްޔިތުންގެ މަސްލަހަތަށް ވުރެ ކުންފުނީގެ އަދި ސިނާއަތުގެ މާލީ ފައިދާ އަށް ފަހިވާނޭ ގޮތަށް ކަންތައްތައް ކުރަމުން ގެންދިއުމުގެ ސަބަބުން، ޖުމްލަ އިގްތިސާދަށް، އާހިރުގައި ރައްޔިތުންނަށް، ގެއްލުމާއި ނިކަމެތިކަން ލިބެމުން ގޮަސްފައި އެބަ ހުރިކަމުގެ ހެކިތަކެއް، މިއަދުގެ އިލްމީ ލިޔުންތަކުން އެނގެ އެވެ.

ށ. ފަތުރުވެރިކަމަށް ގައުމީ އިގްތިސާދު ބަރޯސާކުރުވުން

ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށް، ކުރިއަރަމުން އަންނަ ގައުމުތަކުގެ ސަފުގައި ރާއްޖެ ހިމަނައިދިނީ ފަަތުރުވެރިކަމުގެ ސިނާއަތުގެ ސަބަބުން ލިބުނު ކުރިއެރުންތަކުން ކަމަށް ޝައްކުކުރުމުގެ ޖާގައެއް ނެތެވެ. މިއަދު ދިވެހި އިގްތިސާދުގައި އެންމެ މުހިންމު ދައުރެއް އަދާކޮށް، އެންމެ ގިނަ މުވައްޒަފުންނަށް ވަޒީފާދީ، އެންމެ ގިނަ ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ.

ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން މިއަދު ފަތުރުވެރިކަމުގެ ހިއްސާއަކީ 23.5 ޕަސެންޓް ކަމަށް ވިޔަަސް އެހެނިހެން ސިނާއަތްތައް ކަމަށް ވާ ކޮންސްޓްރަކްޝަން، ޓެލެކޮމިޔުނިކޭޝަން، ޓްރާންސްޕޯޓް ފަދަ ސިނާއަތްތަކުގެ ދިރުން ސީދާކޮށާއި ނުސީދާކޮށް ގުޅިފައިވަނީ ފަތުރުވެރިކަމާ އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުން އުފައްދާ ތަކެތީގެ ވަރަށް ބޮޑު ނިސްބަތެއްގެ ބާޒާރަކީ ރިސޯޓްތަކާއި ގެސްޓް ހޮޓާތަކެވެ. އެހެންކަމުން ފިޝަރީޒް، އެގްރިކަލްޗަ، ކޮންސްޓްރަކްޝަން، ޓެލްކޮމިޔުނިކޭޝަން، ޓަރާންސްޕޯޓް ފަދަ ހައިބަތު ބޮޑެތި އިނގިރޭސި ނަންނަން ކީ ކަމަށް ވިޔަސް، ޖުމްލަ އިގްތިސާދު ކޮޅަށް ހުންނަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ އިގްތިސާދުގެ ހަކަތައިގެ މައްޗަށެވެ. މިކަން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް މިހުރީ ފެންނާށެވެ.

ދިވެހި އިގްތިސާދު ވަނީ ފަތުރުވެރިކަން ފަދަ ނާޒުކު ސިނާއަތަކަށް ބަރޯސާ ވެފައިކަމާއި އިގްތިސާދު ސިންދަފާތު (ޑައިވާސިފައި) ކުރުމަށް މަޖްބޫރުކަމަށް 2000 ވަނަ އަހަރުން ފެށިގެން ވެސް ސަރުކާރުގެ ލިޔުންތަކުގައި ފެންނަން ހުރި ކަމަށް ވިޔަސް، ފަތުރުވެރިކަމަށް ގައުމު ބަރޯސާކުރަމުން ގެންދިޔަ ދުވެލި ދިޔައީ އިއްޔެއާ ހަމައަށް ހަލުއިކުރަމުން، އިތުރު ރަށްތަކާއި ފަޅުފަރުތައް އެ ސިނާއަތަށް ހާއްސަކުރަމުންނެވެ.

މި މުއްދަތުގައި ޕްރައިމަރީ އިންޑަސްޓްރީޒްގެ ގޮތުގައި ހިމެނޭ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް، 1970ގެ ކުރީކޮޅުގައި ޖުމްލަ 20 ޕަސެންޓާ ހިސާބުގައި ހުރުމަށް ފަހު 3.5 ޕަސެންޓަށް ދަށްވެ، ޖުމްލަ އިގްތިސާދުގައި ޕްރައިމަރީ އިންޑަސްޓްރީޒްގެ އާރު ވަނީ ހީނަރުވެފަ އެވެ.

ރާއްޖެއަށް ވެސް 2004ގައި ކުރިމަތިވި ސުނާމީ އާއި 2008ގެ މާލީ މައްސަލަގަނޑާއި، ސްވައިން ފްލޫ، އެޗް1އެން1 ފަދަ ކާރިސާތަކާ ގުޅިގެން ފަތުރުވެރިކަމަށް ބަރޯސާވުމުގެ ބިރުވެރިކަމުގެ ރަނގަބީލު އަޅައި، އިގްތިސާދު ޑައިވާސިފައިކުރުމުގެ މުހިންމުކަމުގެ އަޑު ގަދަވެ ގުގުމަށް ފަހު، ދާދި އަވަހަށް އެ އަޑު މަޑުވެ، އަޑު ކެނޑި، ހަނދާން ނެތި، ބަކީ ހުރި ފަޅުތަކާއި ފަރުތައް ވެސް ފަތުރުވެރިކަމަށް ޚާއްސަ ކުރުމަށް އަވަސްވެގަތުމަށް އަޅުގަނޑުމެންނަށް ވަނީ އާދަވެފަ އެވެ.

ނ. އެންމެ ގިނަ މީހުން ވަޒީފާގައި ގެންގުޅޭ ސިނާއަތް

ފަތުރުވެރިކަމުގެ ސިނާއަތަކީ އެންމެ ގިނަ މުވައްޒަފުން ވަޒީފާގައި ގެންގުޅޭ ސިނާއަތެވެ. ގިނަ ދިވެހި ޒުވާނުންނާއި ހަރު މީހުން، ރަށާއި އަނބިދަރިން ދޫކޮށް، ވަޒީފާ އަދާކުރަން އެތައް މަހެއް ވަންދެން އުޅެނީ ރިޒޯޓްތަކުގަ އެވެ. ނަމަވެސް މި ސިނާއަތުން މުވައްޒަފުންނާ މެދު އަމަލުކުރާ ނޭދެވޭ ގޮތުގެ ތަފްސީލުތަކުގެ ފޮޓޯ، އަޑު އަދި ވީޑިއޯ މަންޒަރު ސޯޝަލް މީޑިއާގައި އަބަދުމެ ފެންނަން ހުރުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ޖުމްލަކޮށް މުވައްޒަފުންނާ ބެހޭ ގޮތުން އަމަލު ކުރަނީ އެންމެ ރަނގަޅަށޭ ބުނެވޭކަށް ނޯވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ރިސޯޓެއްގެ ދިވެހި މުވައްޒަފުން މަސައްކަތުގައި: އެންމެ ގިނަ ވަޒީފާ އޮތީ ވެސް ޓޫރިޒަމްގައި -- ފޮޓޯ: ނިޝާން އަލީ /މިހާރު

ރިޒޯޓްތަކުގެ މުވައްޒަފުންގެ މުސާރަ ދަށްކަމުގެ ޝަކުވާތައް ތަކުރާރުކޮށް ރާއްޖޭގެ ވުޒާރާތަކަށާއި ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅެމުގެ އިތުރުން އެ ޝަކުވާތައް ވަނީ އައިއެލްއޯ. އޮފީސްތަކާ ހަމައަށް ވެސް ފޯރައިފަ އެވެ. މުވައްޒަފުން ދިރިއުޅެން ހަމަޖައްސާފައިވާ ތަންތަނުގެ ހާލަތުގެ ފަގީރުކަން ދައްކުވައިދޭ ފޮޓޮ އާއި މަންޒަރަކީ ސޯޝަލް މީޑިއާގައި އާންމު ތަކެއްޗެވެ. ރިޒޯޓްގައި މުވައްޒަފުންނާ މެދު ކަންހިނގާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފި ނަމަ، ދާދި ފަސޭހައިން ވަޒީފާ ގެއްލި، ބުރަކަށީގައި ބެކްޕެކް އަޅުވައިގެން ފުރަައިގެން ދާން ޖެހޭ މަންޒަރު ވެސް ދެކެފީމެވެ.

މި ބަލިމަޑުކަމާ ގުޅިގެން އެޕްރީލް މަހު ރިޒޯޓްތައް ބަންދުކުރުމުގެ ކުރިޔަށް ވެސް، ހަރަދުތައް ކުޑަކުރުމުގެ ނަމުގައި މުވައްޒަފުންނާ މެދު ފިޔަވަޅުތައް ވަނީ އަޅަން ފަށައިފަ އެވެ. މުވައްޒަފުން ގެއަށް ފޮނުވާނުލުމަށާއި ވަޒީފާގައި ގެންގުޅުމަށް ދައުލަތުގެ ވަޒީރުންނާއި ވުޒާރާތަކުން އެދެމުން ގެންދިޔަ ވެސް މެއެވެ. ނަމަވެސް ވިޔަފާރިތަކުން އަމަލުކުރީ ވިޔަފާރިތަކަށް ރަނގަޅަށެވެ. މުވައްޒަފުން ތިބީ ގޭގަ އެވެ. ދައުލަތުގެ އެދުންތައް ހުރީ ކަރުދާހުގަ އެވެ.

ރިޒޯޓްތަކުގައި ބިދޭސީން ގެންގުޅެވޭނެ އެންމެ ބޮޑު ނިސްބަތަކީ 55 ޕަސެންޓް ކަމަށް އިއުލާންކޮށްފައި ވީ ނަމަވެސް، ރިޒޯޓްތަކުގައި ބިދޭސީންގެ ނިސްބަތް އިންތިހާއަށް ގިނަކަމާއި ދިވެހިން ވަޒީފާއަށް ނަގަން ރިޒޯޓްތަކުން ފަސްޖެހި، ބިދޭސީންގެ އަދަދު ގިނަވަމުންދާ ވާހަކަ، ތަފްސީލާ އެކު ރިޒޯޓް މުވައްޒަފުންނާއި ވަޒީފާއަށް ފެންބޮވައިގެންފައި ތިބި ޒުވާނުން ގެނދިޔައީ ދައްކަމުންނެވެ. ހަމައެކަނި އެންމެ ދިވެއްސެއް ވަޒީފާގައި އުޅޭ ރިޒޯޓެއްގެ މައުލޫމާތު މީޑިއާއަށް ތިލަވެ ދިޔައިރުގައި ވެސް، ރެގިޔުލޭޓަރުގެ ރަސްމީ އިއުލާނުގައި ވަނީ 55 ޕަސެންޓަށް ވުރެ ބިދޭސީން ގިނަވެގެން ނުވާނޭ ކަމަށް ލިޔެފަ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ މާކެޓިން މެޓީރިއަލްސްގައި ބޭރަށް ދައްކާފައި ހުންނަ އޮފުގެ ކުލަވަރެއް، ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުން ބައިތިއްބާފައި ތިބޭ ތަންތަނަކު ނުހުރެ އެވެ. މުވައްޒަފުންނާ ބެހޭ ގޮތުން އަމަލުކުރާ މިންގަނޑުތަކުގަޔާއި، ވަޒީފާގެ ހައްގުތައް ރައްކާތެރިކުރުމުގަ އާއި، ލިބޭ މުސާރައިގެ މިންވަރުގައި ރިޒޯޓްގެ ބޭރު ފުށުގެ ނަލަކަން ވެސް ފެންނާކަށް ނުހުރެ އެވެ.

ރ. ދިވެހި ގައުމީ ވަސީލަތްތައް ކޮންޓްރޯލް ކުރާ މިންވަރު

ދިވެހި ރާއްޖާއަކީ ކުޑަ ޖަޒީރާ ގައުމެކެވެ. ޖުމްލަކޮށް ދިވެހިން ދިރިއުޅެނީ 300 އަކަކިލޯމީޓަރަށް ވުރެ ކުޑަ ބިމުގަ އެވެ. މީރާއަށް ޓުއަރިޒަމް ލޭންޑް ރެންޓް 2019 ގައި ދައްކާފައިވާ އަދަދަށް ބަލާއިރު ދިވެހިން ދިރިއުޅޭ ބިމުގެ ނިސްބަތުން ނުވަ ޕަސެންޓަށް ވުރެ ބޮޑު ސަރަހައްދަކަށް ރިޒޯޓްތަކުން ކުލި ދައްކަ އެވެ.

އެ އަހަރުގެ ލޭންޑް ރެންޓް ދައްކާފައިވަނީ 157 ރިޒޯޓަކުންނެވެ. އަދި 2020 ވަނީ އިތުރު ނުވަ ރިޒޯޓް ހުޅުވައިފަ އެވެ. އަދި 124 ރިޒޯޓް ތަރައްގީކުރަމުން އަންނަ ކަމަށް ބަޔާން ކޮށްފައިވެ އެވެ. މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައިމެ، ޖުމްލަ 626 ގެސްޓްހައުސް އާއ އެ ގެސްޓް ހައުސްތަކާ ގުޅިގެން އިން ވަކި ކުރެވިފައިވާ 'ބިކިނީ ބީޗް' ތަކަކީ ވެސް ފަތުރުވެރިކަމުގެ ސިނާއަތުގެ ހިމާޔަތުގައި ހުރި ބިން ކަމަށް ނޫނީ ނުވާނެ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ކޮންޓްރޯލްގެ ދަށުގައި ވަނީ ހަމައެކަނި ރިޒޯޓްތަކުން ކުލި ދައްކާ ބިމުގެ މިންވަރު އެކަންޏެއް ނޫނެވެ. ރިޒޯޓާ ގުޅިފައި އޮންނާ ފަރާއި، ފަޅާއި، މޫދާއި އަދި ޕިކްނިކް އައިލެންޑްސްގެ ގޮތުގައި ކަނޑައަޅައިފައިވާ ފިނޮޅުތަކަކީ ގެސް ރިޒޯޓުގެ އަމުރުމައުރޫފް ހިނގާ ތަންތަނެވެ. މި ގޮންޑުދޮށްތަކާއި، ފަރުފަރާއި، ފަޅާއި، ފިނޮޅުތަކުގެ ގުދްރަތީ މުއްސަނދިކަމަށް ވާސިލުވުމުގެ ފުރުސަތެއް ދިވެހި ޕްރައިމަރީ އިންޑަސްޓްރީޒަކަށް ނެތެވެ. އެކަންކަމުން ދިވެހިން ވަނީ މަހުރޫމްކޮށްފަ އެވެ.

އެހެންކަމުން ބިމުގެ ވަސީލަތާއި ގުދުރަތީ މުއްސަނދިކަން މަދު ދިވެހި ރާއްޖޭގެ ގައުމީ މުއްސަނދިކަމުގެ ބޮޑު މިންވަރެއް މިހާރު ވެސް މިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މުށުތެރޭގަ އެވެ. މިހާރު ވެސް ހިއްކަމުންދާ ފަޅުތަކާއި، އަލަށް ހަދަމުން ގެންދާ ރިޒޯޓްތަކާއި ނިމެމުންދާ ގެސްޓް ހައުސްތަކާ އެކުގައި، ފަތުރުވެރިކަމުގެ ސިނާއަތުގެ ކޮންޓްރޯލް ދިވެހި ގުދުރަތީ ވަސީލަތްތަކަށް ދާނީ އިތުރުވަމުންނެވެ.

މަސްވެރިކަން ކުރުމަށާއި ދަނޑުގޮވާން ހެއްދުމަށް ބޭނުންކުރާނެ ވަސީލަތްތައް ދާނީ މަދުވަމުންނެވެ.

ރ. ރެގިޔުލާޓަރީ ކެޕްޗާ ފަހަނައަޅައި ދިޔައީ ބާ؟

ބޮޑެތި ސިނާއަތްތަކުންނާއި މުއްސަނދި ކުންފުނިތަކުން، ދައުލަތުގެ އިދާރާތައް ކޮންޓްރޯލްކޮށް، އެ ސިނާއަތެއް ނުވަތަ ކުންފުންޏަކަށް އަރަނި ވާނޭ ގޮތުގައި ގަވާއިދުތައް ހަދަން މަގުފަހިކުރާނޭ ކަން ޝައްކު ނުކުރެވޭހާ ގިނަ މިސާލުތަކާ އެކު މިއަދު ފެންނަން އެބަ ހުއްޓެވެ.

މި ވާހަކަ މިމޭރުމުން ލިޔުމުގެ މަގްސަދަކީ އަޅުގަނޑުމެން މިއަދު މިދެކޭ ތަރައްގީ އަޅުގަނޑުމެންނާ ހަމައަށް ގެނެސްދިނުމުގައި ފަތުރުވެރިކަމުގެ ސިނާއަތަށް، ގައުމު ދަރާފައިވާ ދަރަނީގެ މަތިން ހަނދާން ނައްތާލުމެއް ނޫނެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމުކަން ކުޑަކުރުމެއް ވެސް ނޫނެވެ. މި ސިނާއަތުގެ ސަބަބުން، ދިވެހި ގައުމު އާރާސްތުކޮށް، ރައްޔިތުން ތަހުޒީބުކޮށް، ބައިނަލްއަގްވާމީ މަސްރަހުގައި ދިވެހިރާއްޖޭގެ ނަމަށް ގަދަރާއި އިހްތިރާމް ހޯދައިދީފައިވާ ކަމަށް ދެބަސްވުމެއް ވެސް ނޫނެވެ. މާދަން ނޫން އަނެއް ދުވަހު ކުއްލިއަކަށް، މިކަންކަން ބަދަލުވާނޭ ކަމަށް ހީކުރުމެއް ވެސް ނޫނެވެ.

ނަމަވެސް މިއަދު މި ސިނާއަތަށް ގައުމީ އިގްތިސާދު މިވަނީ މާ ބޮޑަށް ބަރޯސާވެފަ އެވެ. އިގްތިސާދުގެ އެހެން އެއްވެސް ސިނާއަތެއް 10 ޕަސެންޓް މިންވަރެއްގެ ހިއްސާއެއްގައި ވެސް ނުހިފެއްޓޭ ހިނދު، ކުދި އެހެން ސިނާއަތްތަކުގެ ވިންދު ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ދިރުމާ ގުޅިފަ އެވެ. ދައުލަތުގެ އިދާރާތަކުން ނެރެފައިވާ ރިޕޯޓްތަކަށް ބަލާއިރު، ކޮވިޑް 19 އާ ގުޅިގެން ރިޒޯޓްތަކުން އެކަނި 44،000 މުވައްޒަފުންގެ ވަޒީފާއަށް ނޭދެވޭ އަސަރު ފޯރި އެވެ.

ރާއްޖޭގެ މަދު ގުދުރަތީ މުއްސަނދިކަމުގެ ބޮޑު ބައެއް ކޮންޓްރޯލްކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. އެ ސިނާއަތަށް އާމްދަނީގެގެ ގޮތުގައި ލިބޭ ބޭރު ފައިސާގެ ބޮޑު ބައި، ގައުމުން ބޭރުގެ އޯފްޝޯ ބޭންކްތަކުގައި ރައްކާކުރުމަށް ފަހު ވެސް، ގައުމަށް އެތެރެކުރެވޭ ބޭރު ފައިސާގެ ބޮޑު ބައި އެތެރެކުރަނީ ފަތުރުވެރިކަމުންނެވެ. މިހާ ބޮޑުތަނުން އެއް ސިނާއަތަކަށް ބަރޯސާވުމުގެ ނުރައްކާތެރިކަމުގެ ވާހަކައަކީ ހުވަފެނެއްގައި ފެނުނު ކަމެކޭ މިއަދަކު ކިޔާކަށް ނުޖެހެ އެވެ. މިކަމުގެ ނުރައްކާތެރިކަމުގެ އަސަރު ހަފޮޅުން އެތެރޭގައި ނުކުރާ އާއިލާއެއް މިއަދަކު ނެތެވެ. މި ހަގީގަތް މިއޮތީ ކުރިމަތިން ފެންނާށެވެ.

ގައުމުގެ އިގްތިސާދީ އިންޖީނަށް ހަކަތަ ލިބެނީ ފަތުރުވެރިކަމުން ކަމަށް ވާހިނދު، ގައުމީ ނިންމުންތައް ނިންމުމުގައި، ގަވާއިދުތައް ހަދައި، ގާނޫނުތައް ފާސްކުރުމުގައި އެ ސިނާއަތަކަށް ފަހި ގޮތަށް ކަންކަން ނިމެމުން ދާތަން ފެނުމަކީ ނާދިރުކަމެއް ނޫނެވެ. ވަޒީފާގެ ބާޒާރުގައި ދިވެހި މަސައްކަތްތެރިންގެ އާދޭހުގެ އަޑުގެ މައްޗަށް ސިނާއަތުގެ ފައިދާގެ އަޑު ގަދަވަނީ ކީއްވެ ކަން ނޭނގޭ ފަރުދަކު ނެތެވެ. ގައުމަށާއި ރައްޔިތުންނަށް އެންމެ ރަނގަޅު ނޫން ނަމަވެސް ސިނާއަތަށް ފައިދާ ހުރި ގޮތަށް ކަންކަން ހިނގުމުން އެކަމާ މިއަދު ހައިރާންވާކަށް ނުޖެހެ އެވެ.

މިއަދުގެ ސުވާލަކީ ދިވެހި އިގްތިސާދުގައި ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ރެގިޔުލޭޓަރީ ކެޕްޗާގެ އިންތައް ފަހަނައަޅައި ނުކުމެ 'ސްޓޭޓް ކެޕްޗާ'ގެ ސަރަހައްދަށް ވަދެފައި ބާވަ އެވެ؟

އެޑިޓަރުގެ ނޯޓު

މިއީ މޯލްޑިވްސް ނެޝެނަލް ޔުނިވަސިޓީގެ "ނެޝެނަލް ޖާނަލް އޮފް ރިސާޗް"އަށް އާފިތް ލިއުއްވި މަޒުމޫނެއްގެ ކުރު ދިވެހި ތަރުޖަމާއެކެވެ. އޭނާ ތަފްސީލީ ލިޔުމަށް ޝައުގުހުރި ފަރާތްތަކަށް އެ ޖާނަލުން އެ މަޒުމޫން ފެންނާނެ އެވެ.