އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރުވާން ފަލަސްތީނުގެ ގައުމީ ޓީމު، ކ. ގުރައީދޫގައި ކޭމްޕް ކޮށްފި އެވެ. 

ގާތްގަނޑަކަށް 10 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ކުރިއަށްގެންދާ ޓްރޭނިން ކޭމްޕަށް، ފަލަސްތީނުގެ ޓީމު ރާއްޖެ އައީ މިއަދު މެދުންދުރު ފަހު އެވެ. އަދި ހަވީރު ގުރައިދުއަށް ގޮސް، އެ ރަށުގައި ވަނީ ކޭމްޕްކޮށްފަ އެވެ. 

މައިގަނޑު ސެޝަންތައް ކުރިއަށްގެންދާނީ ގުރައިދޫގެ ފުޓްބޯޅަ ދަނޑުގަ އެވެ. އެ ޓީމުގެ ރާއްޖޭގައި ހުރުމާއި ކެއުމާއި އެތެރޭ ދަތުރުތަކުގެ ހަރަދުތަކެއް އެފްއޭއެމާއި ސަރުކާރާއި ގުރައިދޫ ކައުންސިލް ގުޅިގެންނެވެ.  

ފަލަސްތީނުގެ ޓީމު ގުރައިދޫގައި: އެ ޓީމަށް މަރްހަބާ ކިޔުމަށް އެ ރަށުން ވަނީ ހަރަކާތެއް ބާއްވާފައި --- ފޮޓޯ: އެފްއޭއެމް
ފަލަސްތީނުގެ ޓީމު ގުރައިދޫގައި: އެ ޓީމަށް މަރްހަބާ ކިޔުމަށް އެ ރަށުން ވަނީ ހަރަކާތެއް ބާއްވާފައި --- ފޮޓޯ: އެފްއޭއެމް

މިއަދު އެ ޓީމު ގުރައިދުއަށް ދިއުމުން، އެ ރަށު ކައުންސިލުން ވަނީ ޓީމަށް މަރްހަބާ ކިޔުމަށް، ބަނދަރު ސަރަހައްދުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. 

މިދިޔަ އަހަރު ވެސް ފަލަސްތީނުގެ ޓީމުން ވަނީ، އޭޝިއާގެ 17 އަހަރުންދަށުގެ މުބާރާތުގެ ކޮލިފައިން މެޗުތަކަށް ތައްޔާރުވާން ރާއްޖޭގައި ކޭމްޕް ކޮށްފަ އެވެ. އަދި ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމާ އެކު އެކުވެރިކަމުގެ ދެ މެޗު ކުޅުނެވެ. 

މިފަހަރު ވެސް ފަލަސްތީނުގެ ޓީމާ ދެކޮޅަށް ރާއްޖޭން ޓްރޭނިން މެޗުތަކެއް ކުޅޭނެ އެވެ. އެ ދެ މެޗު ވެސް އޮންނާނީ މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ. 

ފަލަސްތީނުގެ ޓީމު ގުރައިދޫގައި: އެ ޓީމުގެ ތަމްރީނުތަކުގެ މައިގަނޑު ސެޝަންތައް ކުރިއަށްގެންދާނީ އެ ރަށު ފުޓްބޯޅަ ދަނޑުގައި --- ފޮޓޯ: އެފްއޭއެމް
ފަލަސްތީނުގެ ޓީމު ގުރައިދޫގައި: އެ ޓީމުގެ ތަމްރީނުތަކުގެ މައިގަނޑު ސެޝަންތައް ކުރިއަށްގެންދާނީ އެ ރަށު ފުޓްބޯޅަ ދަނޑުގައި --- ފޮޓޯ: އެފްއޭއެމް

ފަލަސްތީނު ހިމެނޭ ގުރޫޕްގެ ކޮލިފައިން މެޗުތައް އަންނަ މަހު އަށްވަނަ ދުވަހުން ފެށިގެން، 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނީ އިންޑިއާގަ އެވެ. އެ ގައުމަށް ފަލަސްތީނުގެ ޓީމު ދާނީ ރާއްޖޭގެ މަގުންނެވެ. އެ ޓީމު ރާއްޖޭން ފުރާނީ އަންނަ މަހު ފަސްވަނަ ދުވަހު އެވެ. 

އެ ގުރޫޕްގައި ފަލަސްތީނާއި އިންޑިއާގެ އިތުރުން ދެން ހިމެނެނީ މެލޭޝިއާ އާއި ސިނަގަޕޫރު އަދި ގުއާމެވެ.

ފަލަސްތީނުގެ ޓީމަށް މަރްހަބާ ކިޔަން ގުރައިދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް
ފަލަސްތީނުގެ ޓީމަށް މަރްހަބާ ކިޔަން ގުރައިދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ހަރަކާތުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ރާއްޖޭން ވެސް ތައްޔާރުވަމުން އަންނަނީ އޭޝިއާގެ 17 އަހަރުންދަށުގެ މުބާރާތުގެ ކޮލިފައިންއަށެވެ. 

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕްގެ މެޗުތައް ކުޅޭނީ ތައިލެންޑްގަ އެވެ. ރާއްޖެ އާއި ތައިލެންޑްގެ އިތުރުން އެ ގުރޫޕްގައި ދެން ހިމެނެނީ އިރާގާއި ހޮންކޮން އަދި ޗައިނީޒް ޓައިޕޭ އެވެ.