މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ޕެންޝަން ފަންޑުގެ އަދަދު 30.3 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ދުސިތު ޑީ2 ފޭދޫ މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގައި 204،549 މީހުން ބައިވެރިވެފައިވާ ކަމަށެވެ.
ޕެންޝަން ފަންޑު 30 ބިލިއަނަށް ވުރެ މައްޗަށް އަރާފައިވާ އިރު މިދިޔަ 12 މަސް ތެރޭގައި އެ ފަންޑުން 16.8 މިލިއަން ރުފިޔާ ރިޓަޔަމެންޓް ޕެންޝަންގެ ގޮތުގައި ދޫކޮށްފައިވެ އެވެ. އަދި ސަރުކާރުން ދޫކުރާ ޕެންޝަންގެ ގޮތުގައި މިދިޔަ 12 މަސްތެރޭ 158 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
މޯލްޑިވްސް ފައިނޭންސް ފޯރަމަކީ 2012 ވަނަ އަހަރުން ފެށިގެން ޕެންޝަން އޮފީހުން ބާއްވާ ފޯރަމް އެކެވެ. މި އަހަރުގެ ފޯރަމްގައި އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގައި ގްރީން ފައިނޭންސް ކުރިއެރުވުމަށް ހުރި ހުރަސްތަކާއި، އަމަލީ ހައްލުތަކުގެ އިތުރުން ބޭނުންކުރެވިދާނެ މާލީ ވަސީލަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.
ޔަޒްމީދު ވިދާޅުވީ، ޕެންޝަން އޮފީހުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް ޑައިވާސިފައިކޮށް އެންމެ ފައިދާ ހުރި ގޮތުގައި ޕޯޓްފޯލިއޯ އެކުލަވައިލުން ކަމަށެވެ. އަދި އީއެސްޖީ (ތިމާވެށި، އިޖުތިމާއީ، އަދި ހިންގުން) ގެ މިންގަނޑުތަކަށް ފެތޭ މަޝްރޫއުތަކާއި، ކްލައިމެޓް ފައިނޭންސިންއަށް މަގުފަހިވާނެ އާ ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދު އަހަރެމެން ނިންމާ ނިންމުންތަކުން ސީދާ ކަނޑައަޅާނީ ދުރު މުސްތަޤްބަލުގައި އަހަރެމެންގެ މެމްބަރުންނާއި ޕެންޝަނަރުންގެ މާލީ ރައްކާތެރިކަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަންނަ އޮތް ޖީލަށް މާލީ ރައްކާތިކަން ކަށަވަރުކުރުމަށްޓަކައި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިންވެސްޓްމެންޓްތަކަށް އިސްކަން ދޭން ޖެހޭ ކަމަށެވެ.
"ކޮންމެ އިންވެސްޓްމަންޓަކީ ވެސް ހަރުދަނާ ހިންގުމުގެ ނިޒާމެއްގެ ތެރެއިން، ހިރާސްތައް ވަޒަންކުރެވިފައިވާ، އަދި މާލީ ގޮތުން ފައިދާ ހުރި ކަމެއްކަން ސާބިތުވާ އިންވެސްޓްމަންޓަކަށް ވާންޖެހޭނެ" އޭނާ ވިދާޅުވި އެވެ.
ޔަޒްމީދު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި މާލީ ފައިދާ އެކުލެވިގެންވާ، ފަންޑަށް ދިގުމުއްދަތުގެ ނަފާ ލިބޭނެ ފުރުސަތުތައް ދެނެގަތުމަށެވެ.
އޭނާ ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން އިގްތިސާދުގެ މުހިންމު ސިނާއަތްތައް ކަމަށްވާ މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ކުދި ވިޔަފާރިތަކަށް ކުރިމަތިވާ ގެއްލުންތަކުގެ ސަބަބުން، އާމްދަނީ ދަށްވުމާއިއެކު ޕެންޝަން ކޮންޓްރިބިއުޝަން މެދުކެނޑުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ. އެހެންވެ، ޕެންޝަން ފަންޑުގެ ދިގު މުއްދަތުގެ ކުރިއެރުމާއި މެންބަރުންގެ ރިޓަޔަމަންޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގައުމުގެ އިގްތިސާދު ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ޔަޒްމީދު ވިދާޅުވި އެވެ.