މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ މެމްބަރުންގެ ހަތަރު މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ޕެންޝަން އޮފީހުގެ ބޯޑު މެމްބަރުގެ ހަތަރު މަގާމު ހުސްވެފައިވަނީ ޕެންޝަނާބެހޭ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ގާނޫނު މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު ތަސްދީގު ކުރުމާ ގުޅިގެން, އެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލްކުރާ މެމްބަރުންގެ އަދަދު 4 އިން 5 އަށް އިތުރުކޮށްފައި ވާތީ އެވެ.

އޭގެ އިތުރުން ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލްކުރާ މެމްބަރުންގެ ތެރެއިން ދެ މަގާމު ހުސްވެފައިވާތީ އަދި އިތުރު މެމްބަރެއްގެ ދައުރު އަންނަ މަހުގެ ދެވަނަ ދުވަހު ހަމަވާތީ ޖުމްލަ ހަތަރު މަގާމަށް ކުރިމަތިލާން އެ އޮފީހުން ވަނީ ހުޅުވާލައިފަ އެވެ.

އެ މަގާމަށް ކުރިމަތިލެވޭނީ ޕެންޝަނާބެހޭ ގާނޫނުގެ އަށް ވަނަ މާއްދާގެ ބ. އަދި ޅ. ގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

- ދިވެހި ރައްޔިތެއް ކަމުގައިވުން

- އުމުރުން 35 އަހަރު ފުރިފައިވުން

- އިފްލާސް ކުރެވިފައިވާ މީހަކު ކަމަށް ނުވުން

- ޕެންޝަންގެ ދާއިރާ ނުވަތަ މާލީ ދާއިރާ ނުވަތަ އިންވެސްޓްމަންޓުގެ ދާއިރާ ނުވަތަ އޮޑިޓްގެ ދާއިރާ ނުވަތަ އިގްތިސޯދީ ދާއިރާ ނުވަތަ ވިޔަފާރީގެ ދާއިރާ ނުވަތަ ގާނޫނީ ދާއިރާ ނުވަތަ އިންފޮމޭޝަން ޓެކްނޮލަޖީގެ ދާއިރާ ނުވަތަ  ސޯޝަލް ސެކިއުރިޓީގެ ދާއިރާ ނުވަތަ ޕަބްލިކް ޕޮލިސީގެ ދާއިރާ ނުވަތަ ހިއުމަން ރިސޯސަސް ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލްކޮށް މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ އާއި ފަންނީ ގާބިލުކަން ހުރުން

މީގެ އިތުރުން އެ މަގާމަށް ކުރިމަތިލެވޭ އިތުރު ޝަރުތުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލުތައް އެ އޮފީހުން ޝާއިއުކޮށްފައިވާ އިއުލާނުގައި ވަނީ ހިމަނައިފަ އެވެ.

އެމި މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ގޫގުލް ފޯމު  (https://forms.gle/rocN9hn9wCcowxcy6) މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

ޕެންޝަނާބެހޭ ޤާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލް މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އަދި އެ އިސްލާހުގެ މައިގަނޑު މަގުސަދަކީ އަސާސީ ޕެންޝަން ދިނުމުގެ އުސޫލުތައް ހަރުދަނާ ކުރުމާއި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރެވޭނެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން ޕެންޝަންގެ ނިޒާމުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމެވެ. 

އެ ގާނޫނަށް ގެނައި މައިގަނޑު ބަދަލުތަކުގެ ތެރޭގައި ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ މަގާމެއް ފުރަމުންދާ މުއްދަތުގައި ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ މުއްދަތުގައި އަސާސީ ޕެންޝަން މެދުކަނޑާލުމާއި އަސާސީ ޕެންޝަނުގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އެ ފަރާތަކަށް ލިބޭ އާމްދަނީ އިތުރުވާ ހާލަތްތަކުގައި އަސާސީ ޕެންޝަން މެދުކަނޑާލުން ހިމެނެ އެވެ.

މީގެ އިތުރުން ގެދޮރު އިމާރާތް ކުރުމާއި މަރާމާތު ކުރުމަށް ޕެންޝަން ފައިސާ ބޭނުން ކުރުމާއި ޓާމިނަލް އިލްނަސް ތަހައްމަލުކުރާ ފަރާތްތަކަށް ޕެންޝަން ފައިސާ ދިނުމާއި ހައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ރިޒާވްކުރުމަށް ޕެންޝަން ފައިސާ ބޭނުން ކުރުން ވެސް އެ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.

އޭގެ އިތުރުން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ރިޓަޔާމަންޓް ޕެންޝަން ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު އެ އިސްލާހުގެ ދަށުން ވަނީ އިތުރަށް ފުޅާކޮށްފަ އެވެ. އަދި އެ އިސްލާހުުތަކުގެ ތެރޭގައި ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓްތަކުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ފަންޑުގެ އެސެޓްތައް ބެލެހެއްޓުމާއި އިންވެސްޓް ކުރުމުގެ އުސޫލުތައް އެ އިސްލާހުގެ ދަށުން ވަނީ އިތުރަށް ހަރުދަނާކޮށްފަ އެވެ.