ދުނިޔެ / ރައީސް ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕް ދެކޮޅު ހެދި ލިޔުންތައް ދޭން ކޯޓުން އަންގައިފި

ޓްރަމްޕުގެ ސަޕޯޓަރުން ޖެނުއަރީ 6 ވަނަ ދުވަހު ކެޕިޓަލް ހިލް އަށް ވަދެ ހަމަނުޖެހުން ހިންގަނީ. --އޭއެފްޕީ ފައިލް ފޮޓޯ

10 ނޮވެމްބަރ 2021 - 11:52

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކުގެ ތަހުގީގަށް ބޭނުންވާ ލިޔުންތައް، ގާނޫނު ހަދާ މަޖިލީހަށް ދިނުން ހުއްޓުވުމަށް، ޓްރަމްޕް ކުރެއްވި މަސައްކަތް ކޯޓުން ހުއްޓުވައިފި އެވެ.

މި އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހު، ޓްރަމްޕުގެ ސަޕޯޓަރުން ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅޭ ގޮތުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީން ކުރަމުން އަންނަ ތަހުގީގަށް ބޭނުންވާ ލިޔުންތައް ހޯދުމަށް ވައިޓް ހައުސްގައި އެދުމުން، ޓްރަމްޕު ވަނީ އެ މައްސަލަ ވޮޝިންޓަން ޑީސީގެ ސަރަހައްދީ ކޯޓަށް ހުށަހަޅުއްވައިފަ އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ޓްރަމްޕް އެދިވަޑައިގެންފައި ވަނީ، ގާނޫނު ހަދާ މަޖިލީހުން ކުރާ ތަހުގީގުގެ ބޭނުމަށް، ހޯދުމަށް އެދިފައިވާ ލިޔުންތަކަކީ، އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން އޭނާއަށް ލިބިވަޑައިގެންފައިވާ އިމްތިޔާޒުތަކާ ގުޅޭ ލިޔުންތަކެއް ކަމަށްވާތީ، އެ ލިޔުންތައް ދޫކުރެވެން ނެތް ކަމަށް ކަނޑައަޅައިދެއްވުމަށެވެ.

ވައިޓް ހައުސްއާ ކައިރީގައިވާ އެލިޕްސް ޕާކުގައި، ޖެނުއަރީ 6، 2021ގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ޓްރަމްޕް ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

އެ މައްސަލައިގެ އަޑުއެހުންތަކަށް ފަހު، ރޭ އިއްވި ހުކުމްގައި ފަނޑިޔާރު ޓަންޔާ ޗުޓްކަން ވިދާޅުވެފައިވަނީ، ގާނޫނު ހަދާ މަޖިލީހުން އެދިފައިވާ މައުލޫމާތުތަކާ ގުޅޭ ލިޔުންތައް އެ މަޖިލީހަށް ދޫކުރެވޭނެ ކަމަށެވެ.

"ރައީސުންނަކީ ރަސްރަސްކަލުންނެއް ނޫން. ދައުވާ ކުރާ ފަރާތަކީ ރައީސެއް ވެސް ނޫން،" ފަނޑިޔާރު އިއްވި ހުކުމްގައިވެ އެވެ.

ގާނޫނު ހަދާ މަޖިލީހުން ހޯދަން އެދިފައިވާ ލިޔުންތަކުގެ ތެރޭގައި 700 އަށް ވުރެ ގިނަ ސަފްހާގެ ލިޔުން ހިމެނެ އެވެ. އޭގެ ތެރޭގައި ފޯން ކޯލްތަކުގެ ލޮގްތަކާއި ވީޑިއޯ ކޯލްތަކުގެ ލޮގްތަކާއި، ޖެނުއަރީ 6 ވަނަ ދުވަހާ ގުޅޭ ވައިޓް ހައުސްގެ މަސައްކަތްތައް ރޭވިފައިވާ ގޮތާ ބެހޭ ލިޔުންތަކާއި، ޓްރަމްޕުގެ ޗީފް އޮފް ސްޓާފް އަތުން ލިޔުއްވާފައިވާ ތިން ސަފުހާގެ ނޯޓުތައް ވެސް ހިމެނެ އެވެ.

ކޯޓުގެ މި ނިންމުމާ ގުޅިގެން، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު ލިޔުންތައް ހޯދުމުގެ ފުރުސަތު ގާނޫނު ހަދާ މަޖިލީހަށް ފަހިވެގެންދާނެ އެވެ.

ޓްރަމްޕުގެ ސަޕޯޓަރުން، ޖެނުއަރީ 6، 2021ގައި ކޮންގްރެސް އަށް ވަދެ ހިންގި ހަމަނުޖެހުމުގައި ބައެއް ތަކެއްޗަށް ގެއްލުންދީފައިވާ އިރު ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

"ފަނޑިޔާރުގެއިން ދެކޭ ގޮތުގައި، މި ކަމުގައި ގައުމުގެ އާންމު މަސްލަހަތު އޮތީ، ޖެނުއަރީ 6 ގެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ދެނެގަތުމަށާއި، އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުމަށްޓަކައި، ގައުމުގެ ތަންފީޒީ ބާރާއި ގާނޫނު ހަދާ ބާރުން އެދޭ ގޮތަށް (އެލިޔުންތައް ދިނުން) ހުއްދަކުރުމުގައި. ލިޔުންތައް ނުދޭން އަމުރުކުރުމުގައެއް ނޫން،" ފަނޑިޔާރު އިއްވެވި 39 ސަފްހާގެ ހުކުމްގައިވެ އެވެ.

މީގެ އިތުރުން އެ ހުކުމްގައި ބުނެފައިވާ ގޮތުން، ވެރިކަން ކުރައްވަމުން ގެންދަވާ ރައީސެއް ނިންމަވާ ނިންމެވުމެއްގެ ބާރު ކަނޑުވައިލުމަކީ، މަގާމުން ވަކިވެފައިވާ ރައީސެއްގެ އިމްތިޔާޒުތައް ހިފެހެއްޓުމަށްޓަކައި ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ، ތަންފީޒީ ބާރުގެ މަސްލަހަތު ރައްކާތެރިކުރުމަށް އެންމެ އެކަށީގެންވާ ހާލަތެއްގައި ހުންނަވާނީ އެ ވަގުތަކުގެ ވެރިކަމުގައި ހުންނަވާ ރައީސް ކަމުގައިވާތީ ކަމަށް އެ ހުކުމްގައިވެ އެވެ.

"ރިއާސީ އިމްތިޔާޒުތައް ކަނޑައެޅިފައި ވަނީ ޖުމްހޫރިއްޔަތުގެ މަންފާއަށްޓަކައި، އެއްވެސް ފަރުދެއްގެ މަންފާއަށްޓަކައެއް ނޫން،" ފަނޑިޔާރުގެ ހުކުމްގައިވެ އެވެ.

ރައީސުންގެ މުވާސަލާތީ ގުޅުންތަކާ ބެހޭ މައުލޫމާތުތައް، ރައްޔިތުންނާ ހިއްސާކުރަންޖެހިއްޖެ ހާލަތެއްގައި އެފަދަ މައުލޫމާތައް ބެލުމުގެ ގާނޫނީ ބާރު ކޯޓުތަކަށާއި ގާނޫނު ހަދާ މަޖިލީހަށް ދީފައި އޮންނަނީ އެ ސަބަބަށްޓަކައި ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ޓްރަމްޕުގެ ސަޕޯޓަރުން ޖެނުއަރީ 6 ވަނަ ދުވަހު ސެނެޓުގެ ޗެމްބަރަށް ވަދެ ހިންގި ހަމަނުޖެހުމުގައި މީހަކު ސެނެޓުގެ ބެލްކަނީގައި އެލިގަނެގެން. --އޭއެފްޕީ ފައިލް ފޮޓޯ

މި އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހަކީ، އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ރިއާސީ އިންތިހާބުގެ ރަސްމީ ނަތީޖާއާ މެދު ގާނޫނު ހަދާ މަޖިލީހުން ގޮތެއް ކަނޑައެޅުމުގެ ބަހުސްކޮށް، އެ ނަތީޖާ ފާސްކުރުމުގެ ބައްދަލުވުން އޮތް ދުވަހެވެ. އެ ބައްދަލުވުން ފެށުނު ވަގުތާ ދިމާކޮށް، އޭރުގެ ރައީސް ޓްރަމްޕުގެ ސަޕޯޓަރުން ވަނީ އެއްވުމެއް ބާއްވައިފަ އެވެ.

އެ އެއްވުމުގައި ރައީސް ޓްރަމްޕުގެ ބައިވެރިވެވަޑައިގެން ދެއްވި ތަގުރީރަށް ފަހު، އެ ބައްދަލުވުމުގެ ބައިވެރިން މަގުތަކުން ހިނގާފައި ގޮސް، ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް، ކެޕިޓޯލް ހިލް އަށް ވަދެ، އެ އިމާރާތަށް ގެއްލުންދީފައިވެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީން މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ، އެކަމަކީ ރައީސް ޓްރަމްޕަށް ކުރިން އެނގިވަޑައިގެން ދުރާލައި ރާވައިގެން ހިންގާފައިވާ ކަމެއްކަން ނުވަތަ ނޫންކަން ދެނެގަތުމަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454