ފުލުހުންގެ މައްޗަށް ދައުވާ އުފުލަން ފޮނުވީ 2017 ގައި ހިނގި ހާދިސާއެއް ތަހުގީގުކޮށްފައި. އެކަމުގައި 13 ފުލުހަކު ހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުނޭ. -- ފޮޓޯ/މިހާރު
24 ނޮވެމްބަރ 2021 - 11:00
މީގެ ހަތަރު އަހަރު ކުރިން ކުޑަކުދިންގެ ހިޔާގެ ކުދިންތަކެއް ކޭމްޕެއްގައި ގެންގޮސްގެން އަނިޔާކުރި ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ފުލުހުންގެ އިހުމާލެއް އޮތްތޯ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ން ވެސް ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އެޗްއާރުސީއެމުން ތަހުގީގުކުރި މައްސަލައެއްގައި އެދުނީ ގިނަ އަދަދެއްގެ ފުލުހުންތަކަކާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ދައުވާކޮށްދިނުމަށެވެ. އެކަމަކު، ޕީޖީ އޮފީހުން ދައުވާކުރީ 13 ފުލުހަކަށެވެ.
އެ އޮފީހުން ބުނެފައިވާ ގޮތުގައި ދައުވާ އުފުލީ ކުށްކުރި ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ މީހުންގެ މައްޗަށެވެ. އެކަމަކު އެޗްއާރުސީއެމްގެ ތަހުގީގުގައި ފާހަގަވި ފަދަ ކުށްތަކެއް ފުލުހުންގެ ފަރާތުން އެ ކޭމްޕްގައި ހިނގައިދިޔަ ކަމަށް ކުރާ ތުހުމަތު ފުލުހުން ދޮގުކުރެ އެވެ.
ދައުވާއާ ގުޅިގެން ފުލުހުންގެ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ.
އެންއައިސީގެ އިންފޮމޭޝަން އޮފިސަރު، އަބްދުލް އަޒީޒް ޔޫސުފް މިއަދު ވިދާޅުވީ ފުލުހުންނަށް އެޗްއާރުސީއެމުން ތުހުމަތުކޮށްފައިވާ މައްސަލަތަކާ ގުޅިގެން އެކަން ބަލަން ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ. ފުލުހުން އިހުމާލުވިތޯ ބެލުމުގެ އިތުރުން އެ ފުލުހުންނަށް ކުރާ ތުހުމަތާ ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް ކޮމިޝަނުން ބަލަން ވަނީ ނިންމައިފަ އެވެ.
ފުލުހުންނަށް ތުހުމަތުކުރާ މި ހާދިސާ ހިނގީ 2017 ގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުންތަކަކާ ހެދި އެތަން މަރާމާތުކުރަން 12 އަހަރުން މަތީގެ ކުދިންތަކެއް ކޭމްޕެއް ގެންދިއުމުގެ ތެރޭގަ އެވެ.
މި މައްސަލައިގައި 13 ފުލުހުންގެ މައްޗަށް ދައުވާ އުފުލީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.
އެނގިފައިވާ ގޮތުގައި އޭގެތެރެއިން ބައެއް ކުދިން ކޭމްޕްގައި ތުލުސްދުއަށް ދާން ބޭނުން ނުވީ އެވެ. އެހެންވެ ކަނޑުމަތީގައި ހިތްހަމަނުޖެހުން ފާޅުކޮށް ދޯނިން ފުންމާލަން އުޅުމުން ކޮންޓްރޯލްކުރަން އެ ކުދިން ބިޑި އެޅުވީ އެވެ. މި ކަމުގައި ހިމެނުނު ބައެއް ފުލުހުން ބުނާ ގޮތުގައި އެ ވަގުތު ބިޑިއެޅުވީ އެ ކުދިންގެ ފުރާނަ ސަލާމަތްކުރުމުގެ ގޮތުންނެވެ.
އެކަމަކު ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވާ ގޮތުގައި ކުދިންގެ ފުރާނަ ސަލާމަތްކުރަން ފުލުހުން އަޅުވަން ޖެހެނީ ލައިފް ޖެކެޓެވެ. ބިޑިއެޅުވުމަކީ ރައްކާތެރިކަމެއް ނޫން ކަަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މި މައްސަލަ ތަހުގީގުކޮށް ދައުވާކުރަން އެދުނީ އެޗްއާރުސީއެމުން ބުނާ ގޮތުގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބަލާ ކޮމިޝަނުން އެ މައްސަލަ ސަމާލުކަމަށް ގެނައުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނުު
24 November 2021
ޕީޖީ ޝަމީމު ބުނި ގޮތަށް ފުލުހުން ބިޑީގެ ބަދަލުގައި ލައިފް ޖެކެޓެއް އޭޅީމައި އޭގެން ކުއްޖަކު ފުންމާލައިގެން ނުފެނިއްޖިއްޔާ މިއަދު ޝަމީމު ބުނާނީ އެކުދިން އަޅުވަންޖެހޭނީ ލައިފް ޖެކެޓެއް ނޫނޭ ބިޑިއޭ.. އެހެންވީމައި ފުލުހުން އިހުމާލުވީޔޭ ދައުވާކުރަންވިއްޔޭ... އެކުދިން އުޅޭގޮތާއި އެހާލަތާއި ޑިސިޝަން ނަގަން ލިބޭ ކުޑަވަގުތުކޮޅަކީ އެކަމެއް ދިމާވީމައި ނޫނީ އިހުސާސް ނުކުރެވޭނެކަންކަން. ހައްލަކީ ހިޔާއާއި ބެހޭ ކަމެއްގައި މީގެފަހުން ފުލުހުންނަށް ނުގުޅުން
ވަން ނޭމް
24 November 2021
އެ ނޫނީ ނެތްތަ ދަޢުވާ އުފުލާފަ ތިބި ފުލުހުން؟ ރަނގަޅަށް ވިސްނާ އެންމެނާ މެދު ހަމަހަމަކޮށް ކަންކުރަންވާނީ
1828
24 November 2021
ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަން ފަދަ ނިދިން ހޭލައިފި. މިކޮމިޝަނުން ތިކަންތައް ބަލައިފިއްޔަ ނިމޭނީ ފުލުހުންގެ އިހުމާލެއް ނެތްކަމަށް. މިއީ މެންދުރުގެ އަލިފެންފަދައިން ޔަޤީންވާކަންކަން. ހިވޭ މި ކޮމިޝަން އުފައްދާފައި ވަނީ އަބަދުވެސް ފުލުހުން ދިފާއުކުރާށޭ
ޙަސަންދީ
24 November 2021
މި ސަރުކާރުގަ ފުލުހުން މަސައްކަތް ކުރަންވާނީ ވަރަށް ބަލައިގެން. ފެންނަ ކަންތައްތައްވެސް ނުފެންނަ ކަމަށް ހަދައިގެން. ރިސްކެއް ނެގުން ބުއްދިވެރިއެއް ނޫން. ޢާޚިރުގަ ކުއްވެރިވާނީ ފުލުހުން. ކުށް ކުރުން އާއްމު ވީމާ ރައްޔިތުން ގޮތް ނިންމާނެ.