ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ އިމާރާތް: އުމުރުން 13 އަހަރުގެ ޝައިހާ އަށް ލޭގެ ކެންސަރު ޖެހިފައިވާކަން ކަށަވަރުވީ މި ހޮސްޕިޓަލްގައި ހެދި ޓެސްޓުތަކުން.
24 ނޮވެމްބަރ 2021 - 13:45
ލޭގެ ކެންސަރު ޖެހިފައިވާކަން މީގެ ހަފުތާއެއް ކުރިން އެނގުނު ގދ. ތިނަދޫ، އައިމިނަތު ޝައިހާ ޝަހީދަށް އިންޑިއާގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.
އުމުރުން 13 އަހަރުގެ ޝައިހާ ނިޔާވީ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް ހަތެއްގައި ކިޔަވަމުން އައި ޝައިހާގެ ދައްތައަކު، "މިހާރު" އަށް ކިޔައިދިން ގޮތުގައި މީގެ ދެ ހަފުތާގެ ކުރިން ވެސް ޝައިހާ ހުރީ ހެޔޮ ހާލުގަައި ކަމަށާއި ސިއްހީ އެއްވެސް އުނދަގުލެއް އޭރު ނެތް ކަމަށެވެ.
އެކަމަކު ޓޮންސިލް ދުޅަވެގެން، ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް މި މަހުގެ ނުވަ ވަނަ ދުވަހު ދައްކައި އެންޓިބަޔޮޓިކް ނެގި އެވެ. އެ ބޭސް ކާން ފެށުމުން، ވަރަށް ބޮޑަށް ދުޅަ ތިރިވި ނަމަވެސް އަނެއްކާ ވެސް ހުން އައިސްފައި ޓޮންސިލް ދުޅަވާން ފެށީ އެވެ.
"އޭރު ފެން ވެސް ވަރަށް ހާލުން [ފެން] ބޮވޭނީ. ހިން ދިރުވައިލާނީ ވެސް ރޮވިފަައި ހުރެ. އޭރު ވެސް ހުމަށް ބޭސް ދެމުން އައީ،" ޝައިހާގެ ބަލީގެ ފުރަތަމަ އަލާމާތްތަކާ ގުޅޭ ގޮތުން އޭނާގެ ދައްތަ ބުންޏެވެ.
ޝައިހާގެ ހާލު ކުއްލިއަކަށް ގޯސްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ 11:30 ހާއިރެވެ. އެ ދުވަހު ވަރަށް ގަދައަށް ހޮޑުލާން ފެށިއިރު، ހޮޑުގައި ކޮންމެވެސް ވަރަކަށް ލޭގެ އަސަރު ހުރިކަން އާއިލާ އަށް ފާހަގަވި އެވެ.
ފަހުން ލޭގެ ރިޕޯޓްތައް ލިބުނީމާ އޭގައި ކެންސަރު ސެލްސް ފެނިގެން މިދިޔަ ބުރާސްފަތި ދުވަހު ޑައިގްނޯޒް ކުރީ ލޭގެ ކެންސަރު ކަމަށް،" --- ޝައިހާގެ ދައްތަ
"ހޮޑުލާއިރު ލޭގެ އަސަރު ހުންނާތީ އަނެއްކާ ވެސް ހޮސްޕިޓަލަށް ދިޔައީ. އެ ތަނަށް ދިޔަ ތަނުން އެޑްމިޓްކޮށްފައި ހެދި ޓެސްޓުން އެނގުނީ ލޭގެ ބައެއް މާއްދާތައް ވަރަށް މަދުކަން،" ދައްތަ ބުންޏެވެ.
އޭނާ ބުނިގޮތުގައި ތިނަދޫން އޭ ނެގެޓިވް ލޭ ހޯދަން އުނދަގޫވެ، ޝައިހާ އަށް ދިމާވެގެން އުޅޭ މައްސަލަ ދެނެނުގަނެވި، ޖެހިގެން އައި ދުވަހު މާލެ ގެނައީ އެވެ. މާލެ ގެނައި ގޮތަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ޝައިހާ އެޑްމިޓް ކުރިއިރު ވެސް އާއިލާ އަށް ގަބޫލު ކުރެވުނީ އިންފެކްޝަނެއް ކަމަށެވެ. އެކަމަކު ލޭގެ ރިޕޯޓްތަކާއެކު ކެންސަރުކަން ޔަގީންވި އެވެ.
"ފަހުން ލޭގެ ރިޕޯޓްތައް ލިބުނީމާ އޭގައި ކެންސަރު ސެލްސް ފެނިގެން މިދިޔަ ބުރާސްފަތި ދުވަހު ޑައިގްނޯޒް ކުރީ ލޭގެ ކެންސަރު ކަމަށް،" ދައްތަ ބުންޏެވެ.
ޝައިހާ އަށް ލޭގެ ކެންސަރު ޖެހިފައި ހުރުމުން، ވީ އެންމެ އަވަހަކަށް ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމަށް އައިޖީއެމްއެޗުން އެންގުމާއެކު އޭނާ ގޮވައިގެން އާއިލާގެ މީހުން ކޮޗިން އަށް ފުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެކަމަކު އައިސީޔޫގައި ބާއްވައިގެން އިއްޔެ ކީމޯތެރަޕީ ވެސް ފަށާފައިވަނިކޮށް، ޝައިހާ ނިޔާވީ އެވެ.
ޝައިހާގެ އާއިލާ އިން ބުނީ، އޭނާގެ ހަށިގަނޑު މާދަމާ ރާއްޖެ ގެންނާނެ ކަމަށެވެ.
ކުއްލިއަކަށް ބޮޑު ބައްޔެއްގެ ޝިކާރައަކަށް ވެ، ޝައިހާ ވަކިވެ ދިޔައިއިރު އޭނާ އަކީ ކުރިން މި ކަހަލަ ބޮޑު ކަމަކަށް ފަރުވާ ހޯދި ކުއްޖެއް ނޫނެވެ. އެ ފަދަ އަލާމާތެއް ވެސް ނުފެނެ އެވެ.
ޝައިހާގެ ކުއްލި ވަކިވުމާ އެކު މުޅި އާއިލާ ފުން ހިތާމައެއްގައި ތިބިއިރު، އެ އާއިލާގައި ޝައިހާގެ ދޮއްޓަށް ތިން އަންހެނުން ތިބެ އެވެ. ޝައިހާއަކީ އެންމެ ހަގު ކުއްޖާ އެވެ.
ޝައިހާގެ ހުރީ ކެންސަރުގެ ކޮން ސްޓޭޖެއްގައި ކަމެއް ނޭނގެ އެވެ. ބޯންމެރޯ ޓެސްޓެއް ހަދައިގެން ކެންސަރުގެ ސްޓޭޖު ބަލާއިރު، ޝައިހާގެ އެ ޓެސްޓު ނުހެދުނީ އޭނާގެ ހާލު ދެރަ ކަމުން ކަމަށް ދައްތަ ބުންޏެވެ.
ކުއްލިއަކަށް ބޮޑު ބައްޔެއްގެ ޝިކާރައަކަށް ވެ، ޝައިހާ ވަކިވެ ދިޔައިއިރު އޭނާ އަކީ ކުރިން މި ކަހަލަ ބޮޑު ކަމަކަށް ފަރުވާ ހޯދި ކުއްޖެއް ނޫނެވެ. އެ ފަދަ އަލާމާތެއް ވެސް ނުފެނެ އެވެ. މި ކަމުގެ ކުރިން ޝައިހާ އެންމެ ފަހުން ވެސް ހޮސްޕިޓަލުގައި އެޑްމިޓްކުރީ އޭނާގެ އުމުރުން ފަސް އަހަރުގައި ޑެންގީ ޖެހިގެންނެވެ.
އާއިލާގެ މިހާރުގެ އެދުމަކީ ޝައިހާ އަށް މާލީ އެހީ ހޯދުމަށް ސޯޝަލް މީޑިއާގައި ޖެހި އެކި ޕޯސްޓްތައް ރިމޫވްކޮށްދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
24 November 2021
މަރުހޫމާ އަށް ހެޔޮ ރަހުަތް ލައްވާ ފާފަ ފުއްސަވާ ން ދޭވެ.
ޙަބީބު
24 November 2021
ޔާ ﷲ މަރުޙޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާ، ޢާއިލާއަށް ކެތްތެެރިކަން މިންވަރުކުރައްވާށި!
އަބްދު
24 November 2021
ޔާ ﷲ މަރުޙޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާ، ޢާއިލާއަށްކެތްތެެރިކަން މިންވަރުކުރައްވާށި!
ހަސަނުު
24 November 2021
ވަރަށްދެރަ. ކާކު އިހުމާލުވީ؟
ދައްމާން
24 November 2021
މިފަދަކޮންމެކަމެއްގަ ވަކިމީހަކު އިހުމާލުވާން ޖެހޭތަ. މިއީ ތަޤްދީރު. އިންސާނުންނަށް އޮތީ ހެޔޮމިންވަރާއި ނުބައިމިންވަރަށް ހިތުންރުހުމުން އީމާންވުން.
އަހުމަދު ޒާހިރު
24 November 2021
މާތްﷲ ޝައިހާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި، އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. އާމީން..
ސަކީނާ
24 November 2021
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ. އާއިލާއަށް ކެއްތެރިކަން މިންވަރުކުރައްވާށި