14 ޑިސެމްބަރ 2021 - 08:40
ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދާ ބެހޭ ގޮތުން އިވޭނެ ދެވަނަ ވާހަކައެއް ނެތެވެ. އެންމެން ވެސް އިއްތިފާގު ވެވެން އޮތީ އެންމެ ޖުމްލައެކެވެ؛ އޭނާ އަކީ "މަޑުމައިތިރި ކަމާއި ހިތްހެޔޮ ކަމުގެ ދެވަނައެއް ނެތް ކަމުގެ ނަމޫނާއެކޭ" އެވެ.
އެކަން، މީގެ އަހަރެއްހާ ދުވަސް ކުރިން އަޅުގަނޑަށް ވެސް ތަޖުރިބާކުރެވުނެވެ. އޭރު ގައުމުގައި ދިމާވި މައްސަލަގަނޑެއްގެ ތެރޭގައި ހުސެއިން ވަހީދު ރާއްޖެ އިން ބޭރުގައި ހުންނަވައިފައި ގުޅުއްވި އެވެ. ވިދާޅުވި އެއް ބަހަކީ، "އަޅުގަނޑު ނެތް ދުނިޔެއެއްގައި ވެސް އަޅުގަނޑޭ ކިޔައިގެން އެއްވެސް މީހަކު ގޯސް ވާހަކައެއް ދައްކަން ބޭނުން ނުވާ" ކަމަށެވެ.
ދެ އަހަރެއްހާ ދުވަހު ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ހުސެއިން ވަހީދު ރޭ އޭޑީކޭގައި އަވަހާރަވެއްޖެ އެވެ. ބައެއް މީހުންނަށް ލިބުނީ ކުއްލި ޝޮކެކެވެ. އެ ވާހަކަ އިވުމާ އެކު، އެންމެންހެން ފާޅުކުރީ އެއް ޝުއޫރެކެވެ. ހިތްހެޔޮ ކަމާއި މަޑުމައިތިރި ކަމުގައި އޭނާ ދެއްކެވި މިސާލުގެ ވާހަކަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު ވިދާޅުވި ގޮތުގައި، އެ ކަމަނާގެ ފިރިކަލުން ވެސް ހުސެއިންއާ ބެހޭ ގޮތުން ދައްކަވާނީ ހުސެއިންގެ ހިތްހެޔޮ ކަމުގެ ވާހަކަފުޅެވެ.
"ވަރަށް ހިތްހެޔޮ ވަރަށް ފައްކާ މީހެކޭ،" ރައީސް އިބްރާހިމް މުހަންމަދު ސޯލިހު، ހުސެއިން ވަހީދާ ބެހޭ ގޮތުން ވިދާޅުވާ ކަމަށް ފަޒްނާ ވިދާޅުވި އެވެ. އަދި އެ ވިދާޅުވާ އެއްޗެއް އެނގިވަޑައިގަތީ، ހުސެއިންއާ ދިމާވުމުން ކަމަށް ވެސް ފަޒްނާ އޭނާގެ ފޭސްބުކްގައި ލިޔުއްވާފައި ވެ އެވެ.
މަޝްހޫރު ޓިމްބާ ހައުސް އާއި ޔުނައިޓެޑް ފުޑް ސަޕްލައިގެ ވެސް އެއް ހިއްސާދާރު ހުސެއިން، އުމުރުފުޅުން 53 އަހަރުގައި އަވަހާރަވި އިރު، އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ވެސް އެއް ދައުރު ފުރިހަމަ ކުރައްވައިފަ އެވެ. އޭނާ އާ އެކު އޭރު ވަރަށް ގާތުން މަސައްކަތް ކުރެއްވި މަޖިލީހުގެ މެމްބަރަކު ވިދާޅުވި ގޮތުގައި ހުސެއިން އަކީ މަޑުމައިތިރި އަދި ވިސްނުންތެރި ކަމާ އެކު ކަންކަން ނިންމުމުގައި އެފަދަ ދެވަނައެއް ނުވާ ބޭފުޅެކެވެ.
"އަޅުގަނޑުމެން ބައެއް ކަންކަމުގައި ރުޅި އައިސްގެން މަޖިލިސް ތެރޭގައި އެއްޗެހި ގޮވައި އަޑުގަދަ ކުރާއިރު ވެސް ހުސެއިން އިންނަވާނެ ބަލަހައްޓަވައިގެން. އަންނާށޭ، މި ކަމުގައި ބައިވެރިވާށޭ ކިޔައި ގޮވިޔަސް ގިނަ ފަހަރު ވިދާޅުވާނެ މަޑުން ތިބެގެން ވިސްނުންތެރި ކަމާ އެކު ކުރިއަށް ގެންދިޔައީމައޭ ކާމިޔާބު ވާނީ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހަގީގަތުގައި ވެސް ނުދެކެން އެފަދަ އަމިއްލަ ގޮތްތަކެއް އަބަދާއަބަދު ހިފެހެއްޓެވި ބޭފުޅެއް. އެމްޑީޕީ އަށް އެހާ ލޯޔަލް ވާނެ. އޭނާގެ ދާއިރާގެ ރައްޔިތުންނާ އެހާ ގުޅުން ބޮޑުވާނެ."
މަޖިލީހުގެ ޖަލްސާއެއްގައި ހުސެއިން ވާހަކަ ދައްކަވަނީ
ށ. އަތޮޅާއި، ފޯކައިދު އަށް އުފަން ހުސެއިން އާއި އޭނާގެ އާއިލާ އޮތީ ވަރަށް ބޮޑަށް ގުޅިފަ އެވެ. އޭނާގެ ބޭބެ އިބްރާހިމް ވަހީދު ވަނީ ހުސެއިންގެ ކުރިން ށ. އަތޮޅުގެ މެމްބަރުކަން ކުރައްވައިފަ އެވެ. އެ ފިޔަވަޅު މަތިން ހުސެއިން ހިންގެވީ ވެސް، ދާއިރާގެ ރައްޔިތުންނަށް ހެޔޮ ހިތަކައިގެންނެވެ.
"މެމްބަރު ކަމުގައި ހުންނެވި އިރު ވެސް އަދި އޭގެ ކުރިން ވެސް ވަކި މީހަކަށް ބެލުމެއް ނެތި ށ. އަތޮޅުގެ ހުރިހާ ރައްޔިތުންނާ ވެސް ގުޅުން ބޭއްވެވި ބޭފުޅެއް އެއީ،" ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
"މުޅި ށ. އަތޮޅަށް ވެސް ވަރަށް އަގުހުރި ހިދުމަތްތެރިއެއް. ހިތްހެޔޮ ބޭފުޅެއް. އަހަރެމެން ކަހަލަ ސިޔާސީ ދާއިރާ އަށް ޅަ މީހުންނަށް އޭނާ އަކީ މާ ބޮޑަށް ވެސް ނަމޫނާ ބޭފުޅެއް."
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އެކަން ސިފަ ކުރައްވަނީ އެގޮތަށެވެ. ވިދާޅުވަނީ އެއް ވާހަކަފުޅެކެވެ؛ ހުސެއިން އަކީ ހިތްހެޔޮ ކަމާއި މަޑުމައިތި ކަމުގެ ނަމޫނާ ބޭފުޅެއް ކަމެވެ. އެއީ އޭނާ ދުނިޔެ ދޫކުރެއްވުމާ ހަމައަށް ދެއްކެވި މިސާލެކެވެ.
ކެންސަރުގެ އާލާސްކަންފުޅުގައި ހުސެއިން ހޭދަކުރެއްވި ދެ އަހަރަށް ވުރެ ގިނަ ދުވަހު އޭނާ އުފުއްލެވި ވޭނުގެ ވާހަކަތައް ދައްކަވަން ހުސެއިން އިއުތިޒާާރު ކުރައްވަ އެވެ. އެކަމާ ބެހޭ ގޮތުން "މިހާރު" ން ގުޅުމުން މީގެ ހައެއްކަ މަސް ދުވަސް ކުރިން އޭނާ ވިދާޅުވެފައި ވަނީ "އަޅުގަނޑު މި އުފުލަނީ ވަރަށް ބޮޑު ވޭނެއް" ކަމަށެވެ. ބަލި މުޅިން ފިލައިގެން ނުދިޔަޔައަސް އޭނާގެ ހާލަތު އޭރު، ކުރިއަށް ވުރެ ރަނގަޅު ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ފަހުން މަޖިލީހުގެ އެއް ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ޖަލްސާގައި ވިދާޅުވީ ޖަލްސާ އަށް ވަޑައިގަތީ ބަލި މުޅިން ރަނގަޅު ވެގެން ނޫން ކަމަށެވެ.
ރޭ ދަންވަރު 1:24 ގައި ހުސެއިން އަވަހާރަވި އިރު ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހު ހުސެއިން އަށް އޭޑީކޭ އިން ފަރުވާ ދީފައި ވަނީ ސްޕެޝަލް ކެއާގައި ބާއްވައިގެންނެވެ. އޭނާގެ ގާތް ރަހުމަތްތެރިއަކު ބުނި ގޮތުގައި ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހަކީ ހުސެއިންގެ އެންމެ ނާޒުކުރު ދުވަސްތަކެވެ.
"އެކަމަކު ގެއަށް ވަޑައިގަންނަވަން ބޭނުންފުޅު ވާތީ މީގެ ދެތިން ރެއެއް ކުރިން ގެއަށް ވެސް ވަޑައިގެންނެވި،" އޭނާ ބުންޏެވެ.
"މި ބަލީގައި ވެސް އަޅުގަނޑަށް ފާހަގަކުރެވުނު އެއް ކަމަކީ ހުސެއިންގެ ހިތްވަރު ގަދަކަން. އެހާ ވޭނުގައި އުޅުއްވި އިރު ވެސް ވަރަށް ހިތްވަރުގަދަ. ވޭތުވެދިޔަ ދެ އަހަރު ވަރަށް ބާރުގަދަ ފަރުވާ ނެންގެވި އިރު ވެސް އެކަން އޮތީ ހަމަ އެހެން."
ހުުސެއިން އަވަހާރަވި އިރު، އޭނާގެ އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ. ހުސެއިންގެ ޖަނާޒާ ބޭއްވުމަށް އާއިލާ އިން ނިންމާފައި ވަނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީ
23 December 2021
އިންނާލިއްލާހި ވައިންނާއިލައިހި ރާޖިޢޫން. ޙުސެއިންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!. އާމީން
އަންތަރީސް8766
14 December 2021
މާދަމާ އަހަރެން ނޫނީ ތިބޭފުޅާ ނޫން ކަމެއްވެސް ނޭންގެ. މީ އިބްރަތެއް ކަމުގައި ބަލައިގެން ހުރިހާ އިއްޒަތްތެރި މެންބަރުންވެސް މަސައްކަތް ކުރަންވީ. ނިކަމެތިންނަށް އޯގާތެރި ވާންވީ. މާދަމާ މަރުވިޔަސް ގެންދާނެ އެއްޗެއް ނޯންނާނެ ހެޔޮ އަމަލެއް މެނުވީ. މާދަމާ އެދިގެން މަސައްކަތްކުރޭ.
ދެރަ
14 December 2021
މަރުހޫމުގެ ފާފަ ފުއްސަވާ ހެޔޮ ރަޙްމަތް ލައްވާށި. އާމީން. ތިޔަ ގޮނޑިއަށް ކުރިމަތިލާން ހާދަ ބަޔަކު ނުކުންނާނެހެން ހީވެއޭ.
އެލޮކޮސް
14 December 2021
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ، ހިތްތިރިކަން އިނގޭނެ ދުވަހެއް އޮންނާނެ ކޮންމެ އިންސާނަކަށްވިޔަސް، ވީމާ ދުނިޔޭގެ މިމަދު ދުވަސްކޮޅު އެންމެ މުސްލިމުން ރަގަޅަށް އުޅުމާ
އައްޔުބޭ
14 December 2021
ހެޔޮލަފާ ރަނގަޅު މީހުންގެ އުމުރު ކުރުވެފައި ނުބައި ނުލަފާ މީހުންގެ އުމުރު ދިގުވުމުގެ އިލާހީ ނިންމެވުމުގެ ސަބަބެއްވާނެ، إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ، ޙުސައިން ވަޙީދަށް ސުވަރުގެ މެދުވެރިކުރައްވާނދޭއެވެ. އާމީން
ދެރަ
14 December 2021
އިންނާލިއްލާހި ވައިންނާއިލައިހި ރާޖިޢޫން. ޙުސެއިންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!. އާމީން
ރަދީފްއޮފިޝިއަލް
14 December 2021
ހުސެއިން ވަހީދަށް ހެޔޮ ރަހްމަތް ލައްވާށި.އާމީން
މާސްޓަރ
14 December 2021
އަސްލުވެސް ސިޔާސީ އެންމެ ހަލަބޮލިކަމުގައި އެމްޑީޕީގެ އިސްސަފުގައި އުޅުއްވި އިރުވެސް އެބޭފުޅާއާއި މެދު ދައްކާނެ އެއްވެސް ލައްގަޑެއްނެތް. ދާއިރާގައި އެހާމަޤްބޫލް. ދީލަތިކަމުގައި އެވަރެއްނެތް. މިއީ ވަރަށް މަދުންނޫނީ ނުފެންނަ ފަދަ ޝަޚްސިއްޔަތެއް.