14 ޑިސެމްބަރ 2021 - 12:43
މި ހަފުތާގެ ކުރީކޮޅު ކެންޓަކީ ސްޓޭޓަށް އެރި ނަގޫރޯޅިތަކުގައި، އެ ސްޓޭޓްގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ މޭފީލްޑް އެއްކޮށް ސުންނާފަތި ވެފައިވާ ކަމަށް، އެ ސަރަހައްދަށް ޒިޔާރަތްކުރި ނޫސްވެރިން މީޑިއާތަކުގައި ރިޕޯޓްކޮށްފި އެވެ.
ނޫސްވެރިން ބުނާ ގޮތުގައި މޭފީލްޑުން މިހާރު ފެންނަނީ ބިމާ ހަމަވެފައިވާ އިމާރާތްތަކެވެ. މީހުން ހޯދުމުގެ މަސައްކަތް ކުރާ ޓީމުތައް މިހާރުވެސް ގެންދަނީ، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން، ދިރި ހުރި މީހަކު ފެނޭތޯ މަސައްކަތް ކުރަމުންނެވެ.
މޭފީލްޑްގެ މަގުތައް ވެސް ވަކިނުވާ ވަރަށް، މުޅި ސިޓީގައި އޮތީ ގާކުނޑިއާއި ދަގަނޑާއި ފާރުބުރިތަކާއި އިމާރާތްތަކުގެ ބައިތަކެވެ. ގޭބިސީތަކުގައި ބޭނުންކުރާ ފަރުނީޗަރާއި ގެވެހި ސާމާނުތައް ވެސް ފެންނަން ނެތުމުން، ނަގުރޯޅީގައި ވައި ޖެހުނު ބާރުމިން އަންދާޒާ ކުރެވޭ ކަމަށް ނޫސްވެރިން ބުނެ އެވެ. ކާރުތައް ވެސް ފުށުން ޖެހިފައިވާ އިރު، މުޅި ސަރަހައްދުން ވަނީ ކަރަންޓު ކެނޑިފަ އެވެ.
ނަގޫރޯޅިތައް އެރުމުގެ ސަބަބުން އިމާރާތްތައް ވެއްޓިގެންނާއި އެހެން ހާދިސާތަކުގައި އެތައް ބަޔަކު މަރުވި އެވެ. އޭގެ އިތުރުން އެތައް ހާސް ބަޔަކު ގެދޮރު ނެތި ހާލުގައި ޖެހިފައިވާ އިރު، ނަގޫރޯޅި އެރި ސަރަހައްދުތަކުގައި އަލުން ދިރިއުޅެން ފެށުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ. ގިނަ ގެތަކާއި ފްލެޓްތައް ވަނީ، އަލުން އިމާރާތްކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތިވެފަ އެވެ.
ކެންޓަކީ ސްޓޭޓަށް ލިބުނު ގެއްލުންތައް ފޫބެއްދުމުގެ ގޮތުން، މާލީ އެހީތެރިކަން ދިނުމުގެ ރިއާސީ ގަރާރެއްގައި، ރައީސް ޖޯ ބައިޑެން މިހާރު ވަނީ ސޮއިކުރައްވައިފަ އެވެ. ވައިޓް ހައުސް އިން ބުނި ގޮތުގައި ނަގޫރޯޅި އެރުމުގެ ސަބަބުން ކެންޓަކީ އަށް ލިބުނު ގެއްލުންތައް ބައްލަވައިލެއްވުމަށް، މާދަމާގެ ވަގުތެއްގައި ރައީސް ބައިޑެން އެ ސަރަހައްދަށް ވަޑައިގަންނަވާނެ އެވެ.
ކެންޓަކީ ސްޓޭޓްގެ ގަވަރުނަރު އެންޑީ ބެޝެއާ އިއްޔެ ވިދާޅުވި ގޮތުގައި، ނަގޫރޯޅިތައް އެރުމުގެ ސަބަބުން އެ ސްޓޭޓުން އެކަނިވެސް 74 މީހަކު މަރުވި އެވެ. އަދި އެހެން ބައެއް ސްޓޭޓްތަކުން އިތުރު 14 މީހަކު މަރުވިކަން މިހާރު ވަނީ ޔަގީން ކުރެވިފަ އެވެ. މީގެ އިތުރުން ވީނުވީއެއް ނޭނގި ގެއްލިފައިވަނީ ކިތައް މީހުން ކަމެއް އަދިވެސް ޔަގީނެއް ނުކުރެވެ އެވެ.
ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން، ދިރިހުރި މީހަކު ފެނޭތޯ މަސައްކަތް ކުރަމުން ދާއިރު، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް، އޮފިޝަލުން ވިދާޅުވެ އެވެ.
މިއަހަރުގެ ފިނި މޫސުން ފެށިފައިވާ އިރު، ނަގޫރޯޅީގައި ސުންނާފަތިވި ސަރަހައްދުތަކުގެ މީހުން، ހަފުތާތަކެއް ވަންދެން، ކަރަންޓާއި އެކަށީގެންވާ ބޯފެނާއި ކާބޯތަކެތި ނުލިބި ތިބެންޖެހިދާނެ ކަމުގެ ބިރު މިހާރުވަނީ އުފެދިފަ އެވެ. ކަރަންޓާއި ޑީސަލާއި ޕެޓްރޯލް ފަދަ ތަކެތި ލިބެން ނެތުމުން، ފިނިން ސަލާމަތްވުމަށް ހޫނު އުފެއްދޭނެ ގޮތެއް ވެސް މިހާރު އެ ސަރަހައްދުތަކުގައި ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫތު
14 December 2021
ނާ ހަމަ ތެދެއް. މުސްލިމުން ދިން ޓެރަރިޒަމް ހަމަލާއެއް ނޫންތަ.
ށަވިޔަނި
14 December 2021
ﷲ މިފަދަ ތޫފާންތަކާއި ގުދުރަތީ އެންމެހައި އާފާތްތަކާއި މުސީބާތްތަކުން އަޅަމެން ރައްކާތެރި ކުރައްވާށި.
ާއަޝްރަފް
14 December 2021
ާމާތް ﷲ ގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލަ. ކުޑަހިނދު ކޮޅެއްގެ ތެރޭ އަވަަށް އެކީގަ ސުންނާފަތިވެގެން ދިޔައީ. ފަލަސްތީން ރައްޔިތުން އަބަދު ތަހަންމަލް ކުރަމުން މިދަނީ މިފަދަ ހިތްދަތިކަން. ޔަހޫދީ ގައުމުގެ ބޮޑުކަމާއި ބާރުގަދަކަން ކޮބާ؟ ކުރެވުނު އެއްވެސް ކަމެއް ނެތް. މުޅި ގައުމު އެކީ ސުންނާފަތި ވެގެން ދާފަދަ ކޯފާއެއް ފޮނުއްވުމަކީވެސް ﷲ އެކަމަށް އިރާދަ ކުރައްވައިފިނަމަ ހިނދުކޮޅެއްގެ ކަމެއް. ވިސްނައިފި ބަޔަކަށް މިއީ އިބްރަތަކަށް ވާނެ.