ހޮސްޕިޓަލްގެ އޮފީހުގައި އިންނަވައި ރަސްގެފާން ސަލްމާން ކެބިނެޓުގެ ރިޔާސަތު ބަލަހައްޓަވަނީ. --ފޮޓޯ:އޭއެފްޕީ
30 ޑިސެމްބަރ 2021 - 12:30
ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް، އީރާނަށާއި އީރާންގެ މަދަދާ އެކު ހިންގާ ހަނގުރާމަވެރި އަދި ސިޔާސީ ޖަމާއަތެއް ކަމަށްވާ ލެބަނާންގެ ހިޒްބުﷲ އަށް ހާއްސަ މެސެޖެއް ދެއްވައިފި އެވެ.
ސައޫދީ އަރަބިއްޔާގެ ޝޫރާ މަޖިލިސް (ގާނޫނު ހަދާ މަޖިލިސް) އާ ދައުރަކަށް އިއްޔެ އިފްތިތާހް ކޮށްދެއްވަމުން، ރަސްގެފާނު ސަލްމާން ވިދާޅުވީ ސަރަހައްދީ ކަންކަމުގައި އީރާނުން ގެންގުޅޭ ސަލްބީ ސިޔާސަތުތަކާއި ސުލޫކު މުޅިން ބަދަލުކުރަންޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ދޭދޭ ގައުމުތަކާ އެކުގައި ވާހަކަ ދައްކައި މަޝްވަރާކޮށްގެން، ސަރަހައްދީ މައްސަލަތައް ހައްލުކުރަން އީރާނުން މަސައްކަތް ކުރުމަށް ވެސް، ސަލްމާން ރަސްގެފާނު ގޮވައިލެއްވި އެވެ.
ސަލްމާން ރަސްގެފާނު މިމޭރުމުން އީރާނަށް މެސެޖެއް ދެއްވި އިރު، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަވަސްކަން ފިލުވައިލުމަށް އިރާގު މެދުވެރިވެގެން ބާއްވަމުން އަންނަ މަޝްވަރާ ބައްދަލުވުންތަކުގެ އާ ބައްދަލުވުމަކަށް ތައްޔާރަށް އޮތް ކަމަށް، މިދިޔަ ހަފުތާގައި އީރާނުން ވަނީ ބުނެފަ އެވެ. އީރާންގެ ހާރިޖީ ވަޒީރު މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި، އިރާގުން އިސްނަގައިގެން ފަށާފައިވާ މަޝްވަރާތަކުގައި ބައިވެރިވުމަށް އީރާނުން އެއްވެސް އިރެއްގައި ދެކޮޅެއް ނުހަދަ އެވެ.
ސައޫދީގެ ޝޫރާ މަޖިލީހުގެ ބައްދަލުވުމުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ދެއްވި ތަގުރީރުގައި، އީރާންގެ ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން ވެސް ސަލްމާން ރަސްގެފާނު ވާހަކަފުޅު ދެއްކެވި އެވެ. ރަސްގެފާނު ވިދާޅުވި ގޮތުގައި އީރާންގެ ނިއުކްލިއާ މަޝްރޫއާއި ބެލެސްޓިކް މިސައިލް ތަރައްގީ ކުރުމުގެ މައްސަލައިގައި ބައިނަލްއަގުވާމީ މުޖްތަމައާ އެކުގައި އީރާނުން އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ނުދިނުމަކީ، ސައޫދީ އަރަބިއްޔާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ.
މީގެ އިތުރުން ލެބަނަންގެ ސިޔާސީ މަސްރަހަށް، ހިޒްބުﷲ ޖަމާއަތުން ނުފޫޒު ފޯރުވަމުންދާ މައްސަލައިގައި ވެސް ސަލްމާން ރަސްގެފާނު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. މިހާރު ވެސް އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް ލެބަނާންގެ ސިޔާސީ ގުނަންތަކަށް ނުފޫޒު ފޯރުވައިގެން އެ ގައުމުގެ ސިޔާސީ މަސްރަހުގެ ގަޑުބަޑުކުރުން ހުއްޓައިލުމަށް، ސަލްމާން ރަސްގެފާނު ހިޒްބުﷲ އަށް ގޮވައިލެއްވި އެވެ.
ސައޫދީ އަރަބިއްޔާ އާއި އީރާނާ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑައިލިކަން ސައޫދީން އިއުލާން ކުރީ 2016 ވަނަ އަހަރުގެ ކުރީކޮޅުގެ ތެރޭގަ އެވެ. ސައޫދީން އެ ގުޅުން ކަނޑައިލީ، ސައޫދީގެ ޝީއީ ލީޑަރެއްގެ ގޮތުގައި ބެލެވުނު ނަމްރު ބާގިރުއް ނަމްރުގެ މައްޗަށް، ޖެނުއަރީ 2، 2016ގައި މަރުގެ ހުކުމް ތަންފީޒު ކުރި މައްސަލައިގައި އީރާން ސަރުކާރުން ސައޫދީގެ ރަސްގެފާނަށާއި ސަރުކާރަށް ފާޑު ކިޔުމުގެ އިތުރުން، ތެހެރާންގައި ހުރި ސައޫދީ އެމްބަސީ އަށް އީރާންގެ އާންމުންގެ ބަޔަކު ހަމަލާ ދިނުމާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޑަހަނދި
30 December 2021
ދިވެހި ރޯނުއެދުރުންނަށް މާބޮޑަށް އެނގޭނެ ތިޔަކަހަލަ ކަަންތަކަށް ގޮތްކިޔަން.
އޭނަ
30 December 2021
މި ރަސްގެފާނަކީ ހުޅަނގުގެ ޕަޕެޓެއް. މީނާގެ ދަރި ސައޫދީ އަރަބިއާގެ ސަގާފަތް ވެސްޓަނައިޒް ކުރާއިރުވެސް މީނާ ހުންނަނީ ކަނު ލޮލެއް ދީގެން. ޔަމަންގެ މީހުންނަށް އެހާ ބިކަ ހާލު ޖައްސާފަ މީނާ ސުލްހައިގެ ވާހަކަ ދައްކަން ކޮބާ ލަދު!
އަފްރާސިޔާބު
30 December 2021
ސަލްމާނު ރަސްގެފާނު ޔަމަނުގެ ކަންކަމަށް ނުފޫފޫޒު ފޯރުވައި އެތަނުގެރައްޔިތުންގެ ގެތަކަށް ބޮންއަޅައި ހަދަނީވެސް ނުފޫޒު ނުފޯރުވަންތޯ؟ ދެން ސީރިޔާގެ ވެރިކަންވައްޓާލަން ސަލީބީންނަށްވުރެވެސް ނުބައި އައި.އެސް.އައި.އެސް ފޮނުވައި އެގައުމު ހަލާކުކުރީވެސް ނުފޫޒުނުފޯރުވަން ދެއްތޯ؟ ގަޓަރާއި ގުޅުން ކަނޑާލައި އެއްގަމާއި ވަޔާއިގެ މަގުން ގަޠަރަށް މީހުން ދިއުން ހުއްޓުވީވެސް ނުފޫޒު ނުފޯރުވަން ދެއްތޯ؟ 2006 ގައި އިސްރާއީލުން ލުބުނާނަށް އެޅިބޮމަށް ހޭދަކުރީކީއްކުރަންބާ
އަބޫބަކުރުބެ
30 December 2021
މީ އުންމީދީ ޚަބަރެއް. މިކަހަލަ ޚަބަރުތައް އިތުރުކުރާންވީ.
ކައުންސެލަރު
30 December 2021
މުޅި އިސްލާމީ އުންމަތުގެ ވެރިން ކަމުގައިވާ ސައުދީގެ މިހާރުގެ ވެރިން ލަދުކޮބާބާ؟ މިމީހުންނާ ހެދި އިސްރާއީލާށް ނުވަތަ އެމެރިކާއަށް ބޭނުން ގޮތަކަށް އުޅުމުގެ ފުރުސަތު ލިބެނީ. އިސްލާމީ އުންމަތް އެއްބައިވެ އެކަތި ގަނޑަކަށް ހަދަން ސައުދީގެ ވެރިން މަސައްކަތްކޮށް އެކަން ކާމިޔާބު ވެއްޖެނަމަ އިސްލާމީ އުންމަތާއި ކުޅެވޭނެ ބަޔަކު ދުނިޔައަކުން ނޫން "ދުނިޔެއިން ބޭރުން" ވެސް ނާދެވޭނެ. މީ ޝައްކެއްއޮތްކަމެއްނޫން.
އަކީފް
30 December 2021
އަސްލުވެސް
ނަޖްދް
30 December 2021
ޢެމެރިކާ އަށް އެތަަށް ޑޮލަރެއް ދީގެން ހިމާޔަތް ހޯދާގެން އުޅޭ ބަޔަކު އަމިއްލަ ގައުމު ހިމާޔަތް ނުކުރެވޭ ބަޔަކު ކޮން އުމަތެއް ހިމާޔަތް ކުރެވޭނީ.. ފުރަތަމަ އަމިއްލަ ހާލާ މެދު ވިސްނަންވީ.. ސައޫދީ އަކީ އެއްމެ ބޮޑު ހަލާކު.. މީހުންނަށް ހީވަނީ ސައޫދީއޭ ބުނީމަ ލައްކަ އެކޭ ..