މޯހިތު.
03 ޖެނުއަރީ 2022 - 06:56
ޓީވީ ސިލްސިލާތަކުން ވިދައިލުމަށް ފަހު މިހާރު ބޮލީވުޑްގެ ފިލްމުތައް ކުޅޭ އެކްޓަރު، މޯހިތު ރައިނާ ކައިވެނިކޮށްފި އެވެ.
މިދިޔަ އަހަރު ރިލީޒްކުރި އަސަރު ގަދަ ލޯބީގެ ފިލްމު "ޝިއްދަތު" ގެ ރޯލެއް ވެސް ކުޅުނު މޯހިތު ކައިވެނިކުރީ އާ އަހަރުގެ ފުރަތަމަ ދުވަހު މުމްބާއީގައި ބޭއްވި ހަފުލާއެއްގައި އަދިތީ ކިޔާ މީހަކާ އެވެ. ކައިވެނި ހަފުލާގެ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.
ކުރިއަރަމުން އަންނަ 39 އަހަރުގެ އެކްޓަރު ކައިވެނިކުރި އިރު، އޭނާ ކުރިން ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް އަޑުއެރި ބަތަލާ އަކީ ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދައި މިހާރު ބޮލީވުޑްގައި ވެސް މަސައްކަތްކުރާ މޯނީ ރޯއި އެވެ. އެކަމަކު ދެ މީހުން އެކަމަށް އެއްވެސް އިރެއްގައި އެއްބަސްވެފައެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، މޯނީ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އިންޑިއާ ދަރިކޮޅުގެ ދުބާއީގެ ވިޔަފާވެރިވެރިޔާ ސޫރަޖް ނަމްބިއާއާ، މި މަހުގެ ތެރޭގައި ކައިވެނިކުރާނެ އެވެ.
"އުރީ: ދި ސާޖިކަލް ސްޓްރައިކް" އާއި "މިސިޒް ސީރިއަލް ކިލާ" ފަދަ ފިލްމުތަކުން ފެނިފައިވާ މޯހިތު ގިނަ ސިލްސިލާތަކާއި ވެބް ސީރީޒްތައް ވެސް ކުޅެފައިވެ އެވެ. އޭނަގެ އެންމެ ފަހުގެ މަސައްކަތަކީ އެމެޒޯން ޕްރައިމް ވީޑިއޯ އިން ސެޕްޓެމްބަރުގައި ގެނެސްދިން ސީރީޒް "މުމްބާއީ ޑައިރީޒް 26/11" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy