ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އެ ޖަމާއަތުގެ ޓީވީ މެދުވެރިކޮށް ތަގުރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
04 ޖެނުއަރީ 2022 - 15:20
ދުނިޔޭގެ އެކި ކަންކޮޅުތަކަށް، ދީނީ ހަރުކަށި ފިކުރުތަކާއި ޓެރަރިޒަމްގެ އަމަލުތައް ފަތުރަނީ ސައޫދީ އަރަބިއްޔާއިން ކަމަށް، ލެބަނާންގެ ހިޒްބުﷲ ޖަމާއަތުން ތުހުމަތުކޮށްފި އެވެ.
ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުﷲ އިއްޔެ ދެއްވި ޓީވީ ތަގުރީރެއްގައި، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްއާ މުހާތަބުކުރައްވައި ވިދާޅުވީ އައިސިސް (އިސްލާމިކް ސްޓޭޓް)ގެ ފިކުރު، ދުނިޔޭގެ އެހެން ގައުމުތަކަށް ފަތުރަނީ ސައޫދީ އަރަބިއްޔާއިން ކަމަށެވެ. އަދި ޖާނުން ފިދާވުމުގެ ހަމަލާތައް ދިނުމަށް، ގޮވާތަކެތި ހަރުކޮށްފައި ހުންނަ އެއްގަމު އުޅަނދުތައް އިރާގަށް ފޮނުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގަނީ ވެސް ސައޫދީން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިއްޒަތްތެރި ރަސްގެފާނު، ހަގީގީ ޓެރަރިސްޓުންނަކީ ދާއިޝް (އިސްލާމިކް ސްޓޭޓް)ގެ ފިކުރު ދުނިޔޭގެ ގައުމުތަކަށް އެކްސްޕޯޓް ކުރާ މީހުން. ހަގީގީ ޓެރަރިސްޓަކީ، ޖާނުން ފިދާވުމުގެ ހަމަލާތައް ދިނުމަށް، ސައޫދީ އަރަބިއްޔާގެ އެތައް ހާސް ހަނގުރާމަވެރިން އިރާގާއި ސީރިޔާ އަށް ފޮނުވާ މީހާ. އެ މީހަކީ ތިޔަ ރަސްގެފާނު،" ނަސްރުﷲ ވިދާޅުވި އެވެ.
ހިޒްބުﷲގެ ވެރިޔާ ދެއްވި ޓީވީ ތަގުރީރުގައި ޔަމަންގައި ހިނގަމުންދާ ހަނގުރާމައިގައި ސައޫދީ ބައިވެރިވާތީ އެކަމަށް ވެސް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސައޫދީ ސިފައިން ޔަމަނުގައި ހަނގުރާމަކުރަމުން ދަނީ އެމެރިކާގެ ވަރަށް ބޮޑު މަދަދެއް ލިބިގެންނެވެ.
ނަސްރުﷲގެ ފާޑުވިދާޅުވުން ސައޫދީ ރަސްގެފާނަށް މި އަމާޒުވީ، ލެބަނާންގެ ސިޔާސީ އަދި އިގްތިސާދީ މަސްރަހު ގޯސްކުރުމުގައި ހިޒްބުﷲ އިން ނުބައި ދައުރެއް އަދާކުރަމުންދާ ކަމަށް ދޭހަވާ މޭރުމަކުން، ސައޫދީ ރަސްގެފާނު ދާދި ފަހުން ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.
މިދިޔަ ހަފުތާގައި ސައޫދީގެ ޝޫރާ މަޖިލިސް މި އަހަރަށް ހުޅުއްވައިދެއްވަމުން ސައޫދީ ރަސްގެފާނު ވަނީ، ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ވިދާޅުވެ، ލެބަނާން ސަރުކާރުގެ މައްޗަށް ނުފޫޒު ފޯރުވުން ހުއްޓައިލުމަށް، ހިޒްބުﷲ ޖަމާއަތަށް ގޮވާލައްވައިފަ އެވެ.
ލެބަނާންގެ އިދިކޮޅު ފަރާތްތަކުން ވެސް ތުހުމަތުކުރާ ގޮތުގައި ލެބަނާން އާއި ސައޫދީއާ ދެމެދު އޮތް ގުޅުން ހީނަރުވަމުން ދަނީ، އީރާންގެ މަދަދު ލިބޭ ހިޒްބުﷲ ޖަމާއަތުގެ ސަބަބުންނެވެ. ލެބަނާންގެ ކުރީގެ ރައީސް މިޝޭލް އައުން އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ، ކްރިސްޓިއަނުންގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ފްރީ ޕެޓްރިއޮޓިކް މޫވްމަންޓުން ވެސް ވަނީ ހިޒްބުﷲ އަށް ފާޑު ކިޔައިފަ އެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި މިޝޭލް އައުން ވިދާޅުވެފައި ވަނީ ހިޒްބުﷲއާ ނުބެހޭ ކަންކަމުގެ ތެރެއަށް ވަދެ، ގަލްފު ގައުމުތަކާއި ލެބަނާނާ ދެމެދުގައި އޮތް ގުޅުން ހީނަރުކުރާ ކަމަށެވެ. އަދި ލެބަނަންގެ ދާހިލީ ކަންކަމަށް ހިޒްބުﷲގެ ހަނގުރާމަވެރިން ނުފޫޒު ފޯރުވުމުގެ ސަބަބުން ވެސް އަވައްޓެރިންނާއި ލެބަނާނާ ދެމެދު ގުޅުން ގޯސްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ހިޒްބުﷲ އިން މި ތުހުމަތުތައް ދޮގުކުރެ އެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި ގަލްފު ގައުމުތަކުގެ މެދުގައި މައްސަލަ އުފެދެނީ، އެމެރިކާގެ ނުފޫޒުގެ ސަބަބުންނެވެ.
"އަހަރެމެން ސައޫދީއަކަށް އެއްވެސް ހަމަލާއެއް ނުދެން. މުޅި ސަރަހައްދު ސުންނާފަތިކުރަމުންދާ ބޮޑު މުއާމަރާތެއްގައި ބައިވެރިވެގެން އެ އުޅެނީ އެމީހުން (ސައޫދީ އަރަބިއްޔާ)،" އެމެރިކާ އާއި ސައޫދީއާ ދެމެދު އޮތް ގާތް ގުޅުމަށް އިޝާރާތް ކުރައްވައި ނަސްރުﷲ ވިދާޅުވި އެވެ.
ޔަމަންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި، ހޫތީ ހަނގުރާމަވެރިންނަށް މަދަދު ދިނުމުގައި ހިޒްބުﷲ ޖަމާއަތް ބައިވެރިވާ މައްސަލައިގައި، ސައޫދީ އަރަބިއްޔާ އާއި ބަހްރައިނާއި އެމިރޭޓްސް އާއި ކުވައިތުން ވަނީ ލެބަނާން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އެ ގައުމުތަކާއި ލެބަނާނާ ދެމެދު އޮތް ގުޅުން އަލުން ބަދަހިކުރެވޭތޯ ލެބަނާން ސަރުކާރުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި ގަެުމުން
04 January 2022
އީރާނާ ހުޒުބުﷲ ސީރިޔާ މައްސަލައަކީ.
މުޝައްރަފް
04 January 2022
ލުބުނާނެއްކަމަކު ހަގީގަތައް ވާހަކައެއް ނުދެއްކޭނެ. ބިލިއަން ޑޮލަރުގެ ދުރުމި 10 އަހަރުން ސައިންސް ވެރިން އީޖާދު ކޮއްގެން އަދިކިރިޔާ އެ ފޮނުވެނީ، އެކަމަކު އުދުހޭ އަހެއްގަ މާކުރިން ދަތުރު ދިޔަ ވާހަކަ ގަބޫލު ކުރުވަންބޭނުމިއްޔާ ހަގީގަތައް ވާހަކަ ނުދެއްކޭނެ، އިގޭތޯ.
ށަވިޔަނި
04 January 2022
ވަރަށް ބޮޑު ތެދެއް.
ރަދީފްއޮފިޝިއަލް
04 January 2022
މިއަހަރު ވެސް މީހަކު ބުނި އެންމެ ސާފު ތެދު ވާހަކަ.ސާބަހޭ ނަސްރުﷲ.