އިއްޔެ އެކަނި ވެސް ހަތް މީހަކު އޮމިކްރޯން އަށް ވަނީ ޕޮޒިޓިވް ވެފައި. ކުރިއާ ހިލާފަށް މުޅި ރާއްޖެ އަށް ވެސް މި ރާޅު ފެތުރިދާނެ
ކޮވިޑު-19ގެ މައުލޫމާތު ދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު (މ)، މެޑިކަލް އޮފިސަރު ޑރ. ނަޒްލާ އަދި އެޕިޑެމިއުލޮޖިސްޓް ޑރ. އަފްޒަލް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 ޖެނުއަރީ 2022 - 11:43
ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑު-19 ގެ އާ ވޭރިއެންޓް، އޮމިކްރޯންގެ ނުރައްކާ މުޅި ރާއްޖެ އަށް ފެތުރިދާނެ ކަމަށާއި މި މަހުގެ ފަހުކޮޅު ކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އެޖެންސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މީގެ ކުރިން ފެނުނު ޑެލްޓާ ވޭރިއެންޓަށް ވުރެ އޮމިކްރޮން ވޭރިއެންޓް ފެތުރޭ މިންވަރާއި ބަލި ޖައްސާ ވަރު ހަލުއި ކަމަށެވެ.
މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު މުޅި ރާއްޖެއިން ކޮވިޑުގެ ޕީކެއް ފެންނާނެ ކަމަށް ޕްރޮޖެކްޝަންތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއް ދުވަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ އަހަރު އިތުރުވީ، އޭރު އެންމެ ހަލުއިކޮށް ފެތުރުނު ޑެލްޓާ ވޭރިއެންޓްގެ ސަބަބުންނެވެ. ރަށްރަށުގެ ހާލަތު އޭރު އެއްވަރެއްގައި ހިފެހެއްޓިފައި އޮތްއިރު، އެންމެ ގޯސްކޮށް އުޅުނީ މާލެ، ހުޅުމާލެ އަދި ވިލިނގިލީގަ އެވެ.
ކޮވިޑް ޓެސްޓުކޮށްގެން ނޫނީ ރަށަށް ނުދެވޭ ގޮތަށް އެޗްޕީއޭއިން ކުއްލިއަކަށް އިއުލާންކުރުމާ އެކު ގިނަ ބަޔަކު ކުޑަކުދިންނާއި ދުވަސްވީ މީހުން ޕީސީއާރު ހަދަން ސޯޝަލް ސެންޓަރުގެ ކިއުގައި ޖެހިފައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެކަމަކު އޮމިކްރޮން ވޭރިއެންޓް ފެނުނު ފަހުން، ރަށްރަށުގެ ކޭސްތަކާ އެއްކޮށް މުޅި ރާއްޖޭގެ ހާލަތު ވެސް ގޯހެވެ. ޕީކް ފެންނާނީ ވެސް މާލޭގައި އެކަނި ނޫން ކަމަށާއި ރަށްރަށުގައި ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"މާނައަކީ އެއަށްވުރެ އިތުރު ކޭސްތައް އުޅެމުންދާނެ ކަމަށް. އޮމިކްރޮން ފެތުރެމުންދާ ގައުމުތަކަށް ބަލާއިރު މިއީ ވަރަށް ހަލުއިކޮށް ފެތުރޭ އެއްޗެއް. ކޭސްތައް ޑަބަލްވާ ނިސްބަތް، އެހެން ވޭރިއެންޓުތަކާ ބަލާފައި ވަރަށް މަތީގައި އުޅެނީ. އެއް ދުވަހާ ތިން ދުވަހާ ދޭތެރޭގައި ގާތްގަނޑަކަށް ކޭސްތައް ޑަބަލްވަމުންދާކަށް އޮމިކްރޮން ގިނައިން އުޅޭ ގައުމުތަކުގައި ފާހަގަކުރެވިފައިވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޑެލްޓާ ވޭރިއެންޓް ފެތުރުނުއިރު މާލެއިން ރަށްރަށަށް ދަތުރުކުރުމުގައި އޮތީ ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ. އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަކޮށްފައިވުމުން ފިޔަވަޅުތަކަށް ލުއި ދިނުމުން، މުޅި ރާއްޖެއިން އޭގެ އަސަރު ފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޮމިއުނިޓީ ތެރޭގައި އޮމިކްރޮން ވޭރިއެންޓް އުޅޭކަން ޖީން ސީކުއެންސް އިން ކަށަވަރުވެފައިވާ ކަމަށެވެ. އިއްޔެ ލިބުނު ނަތީޖާއިން ހަތް ދިވެއްސަކު އަދި އޭގެ ކުރީ ހަފްތާގެ ނަތީޖާއިން އެއް ދިވެއްސަކު އޮމިކްރޮނަށް ޕޮޒިޓިވްވެފައިވެ އެވެ. އެއީ މާލެއިން ހަތަރު މީހަކާއި ކ. މާފުށިން ތިނެއް އަދި ދ. ކުޑަހުވަދޫން މީހެކެވެ.
މިހާތަނަށް 19 ޓޫރިސްޓެއް އޮމިކްރޮނަށް ޕޮޒިޓިވްވެފައިވެ އެވެ.
"މާނައަކީ އެއަށްވުރެ އިތުރު ކޭސްތައް އުޅެމުންދާނެ ކަމަށް. އޮމިކްރޮން ފެތުރެމުންދާ ގައުމުތަކަށް ބަލާއިރު މިއީ ވަރަށް ހަލުއިކޮށް ފެތުރޭ އެއްޗެއް. ކޭސްތައް ޑަބަލްވާ ނިސްބަތް، އެހެން ވޭރިއެންޓުތަކާ ބަލާފައި ވަރަށް މަތީގައި އުޅެނީ. އެއް ދުވަހާ ތިން ދުވަހާ ދޭތެރޭގައި ގާތްގަނޑަކަށް ކޭސްތައް ޑަބަލްވަމުންދާކަށް އޮމިކްރޮން ގިނައިން އުޅޭ ގައުމުތަކުގައި ފާހަގަކުރެވިފައިވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެޗްޕީއޭއިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު ވާހަކަދައްކަވަނީ: ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލެނބުމަށް އިލްތިމާސްކުރެއްވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު މަޑުމަޑުން އިތުރުވަމުން ގޮސް ފްލޫ ކްލިނިކްތަކަށް ބާރުބޮޑުވެފައިވާ ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ދެ ހަފްތާއަކީ ގޮންޖެހުންތައް ދިމާވާނެ ދުވަސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމަށް އިތުރަށް ތައްޔާރުވެ، ހުށިޔާރުވެ ރައްކާތެރިވުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހިފައިވާ ރައްކާތެރިކަމުގެ ހުރިހާ ކަމެއް ކުރުމަކީ މިހާރު ވަރަށް މުހިއްމު ކަމެއް....މި އަންނަ ސާޖާ ގުޅިގެން އެޗްއީއޯސީގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް ބައިވަރު މަސައްކަތްތަކެއް މި ދަނީ ކުރެވެނުން،" ޑރ. ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑުގެ ނަމްބަރުތައް ދަށްވާން ފެށުމުން އެޗްއީއޯސީގެ އޮޕަރޭޝަން ކުޑަކޮށްލުމަށްފަހު، ސިއްހީ ހިދުމަތްތެރިންނާއި އިތުރު ވޮލެންޓިއަރުން ހޯދަމުން އަންނަ ކަމަށެވެ.
ކޮވިޑުގެ އެތައް ރާޅަކަށްފަހު އެ ބަލީގައި ރާއްޖޭގެ ހާލަތު ރަނގަޅުވެ، އިގުތިސޯދު ވަނީ ކުރިއަށް ޖެހިފަ އެވެ. ޑރ. ޝާހު ވިދާޅުވި އެ ކާމިޔާބު ލިބުނީ އެންމެން ގުޅިގެން ކުރި މަސައްކަތުން ކަމަށާއި ރާއްޖެއަކީ ކޭސްތައް މެނޭޖްކުރުމުގައި އެހެން ގައުމުތަކަށް ނަމޫނާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެން އަންނަ ސާޖު ކޮންޓްރޯލް ކުރުމަށް ސަރުކާރާއި އާއްމުންގެ އެއްބާރުލުން ވަރަށް މުހިއްމުކަން ފާހަގަކުރައްވައި ޑރ. ޝާހު ވަނީ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަށް އިލްތިމާސްކުރައްވައިފަ އެވެ.
ކޮވިޑު ފެތުރޭ މިންވަރު ފާއިތުވި 4-5 މަސް ދުވަހު ވަރަށް ބޮޑަށް ކޮންޓްރޯލްގައި އޮތުމަށްފަހު، ހަފްތާއެއްގެ ތެރޭގައި އެ ބަލި ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް 1،000 އިން މައްޗަށް އަރާފައިވެ އެވެ. އެއާއެކު، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުމުގައި ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެންް
11 January 2022
ކޮންމެ ކޮރޯނާ ރާޅަކާ އެކް އެޗްޕީއޭ މީހުންނައް ޑޮލަރު ލައްގާނެ، މުއްސަދި ވޭ... ދުވަހަކު ނުފެން ނަ ކްލިނިކް ވެސް މިހާރު ހުރޭ އަނެއްކާ އެހަ މުއްސަދި އެމީހުން....
ހުސެންް
11 January 2022
ގައުމު ބަންދު ކޮއްގެން ނުވާނެ... މީހުން ނައް ބިރުދައްކާ މީހުން ޕެނިކް ކުރުވާނެކަމެއް ނެތް އެލަވަސް ނަގަންވެގެން ކިޔާނަންނަން ތީ..
ނަސްރުު
11 January 2022
އެއްކަލަ ތަންދޮރު ނުދަންނަ ޝާހް މާހިރު.. ކެރަފާ ނަސީމު ގޮވައިގެން އަތަށް ތި ގޮވަނީ ބޭފުޅާ
ލޮލީ ޖާބިރު
11 January 2022
މިހާރު އޮމިކޮރޮން އާ ޑެލްޓާ ކޯލިސަން ހަދައިފި. މިކަން އެޗްޕީއޭއަށް އެނގޭބާ!
ނާމްދި ކާނޫ
11 January 2022
ހުރިހާ އުސޫލުތަކެއް އެންފޯސް ނުކޮށް ބާއްވާފައި އަދި އޭގެ ސަބަބުން އިތުރި ކޮވިޑްގެ ރާޅެއް ނަގާފާނެހެން ހީވީމާ މިހާރު ކޮންވާހަކަެއްތޯ ތި ދައްކަވަނީ! އުންގުޅޭ ބާޒާަރާ ، އާއަހަރުގެ ޕާޓީތައް އެއްވެސް ހަމަޔެއް ލަމަޔެއް ނެތި ބޭއްވިއުރު ނޭންގެނީތޯ އޮމިކްރޯން ރާއްޖޭގައި އުޅޭކަން! ރައްޔިރުންނެއް އިތުރު ލޮކްޑައުންއަކަށް ދާނޭ ހިއްވަރެއް އެބަހުރިބާ؟
ރައްޔިތު އަހުމަދު
11 January 2022
މިހާރު ބޫސްޓަރ ޑޯޒް ޖެހުމުގެ ކަންކަން އޮތީ ކިހާ ހިސާބަކުބާ؟
ހުތްއާދަނު
11 January 2022
ހަޤީޤަތަކީ ކަލޭމެން ދައްކާވާހަކަ މިހާރު ރައްޔިތުން ގަބޫލެއް ނުކުރޭ. އެއަށްވުރެމާ ސިޔާސީވެފައި، އަމިއްލަ އެދުން ބޮޑު.
އެލޮކޮސް
11 January 2022
ކަލޭމެން ކޮންމެ ރާޅަކާއިއެކު މުއްސަނދިވަނީ...ކޮރޯނާއަކީ ނިކމެތިންނަށް ވަބާއެއް މަހުޖަނުން ޑޮކޮޓަރުންނަށް އިތުރަށް މުއްސަނދިވުމުގެ ބޮޑުފުޞަތު
ސޮއްކޭ
11 January 2022
ރާޅުލަސްކޮށް މައިތިރިކޮށްލުމަށް އައުބޭހެއް ފަންޑިތައެއް ތައްޔާރެއްނުވޭބާ؟ ކަންކަން ރަނގަޅަށްދާނަމަ މިހާރު މައިތިރިއެއް އޮންނަންޖެހޭނީ ހޯދިފަ.
ވާނެވާނެ
11 January 2022
ހޯމްސްޓޭއާއެކު ސީދާ ރަށްތަކުގެ ގެތަކުގެ ތެރެއަށްވެސް ވަންނަންވީ. ނެތޭ ހުރަހެއް.