ޖަފްނާ އާއި ކޮލޮމްބޯއާ ދެމެދު މަތީ ފެންވަރުގެ ރޭލުގެ ހިދުމަތް ގާއިމުކުރީ، އިންޑިއާ ސަރުކާރުން ލަންކާ އަށް ދިން ލޯން އެހީއެއްގެ ދަށުން. --ފޮޓޯ:ނިއު އެކްސްޕްރެސް
11 ޖެނުއަރީ 2022 - 11:45
ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯ އާއި ތަމަޅައިގެން އަގުލަބިއްޔަތު އޮންނަ ޖެފްނާއާ ދެމެދު، މަތީ ފެންވަރުގެ ރޭލު ދަތުރުތަކުގެ ހިދުމަތް އާދިއްތަ ދުވަހު ފަށައިފި އެވެ.
ޖަފްނާ އާއި ކޮލޮމްބޯއާ ދެމެދު މަތީ ފެންވަރުގެ ރޭލުގެ ހިދުމަތް މި ގާއިމުކުރީ، އިންޑިއާ ސަރުކާރުން ލަންކާ ސަރުކާރަށް ދިން ލޯން އެހީއެއްގެ ދަށުންނެވެ. ދަތުރުވެރިންގެ ލުއިފަސޭހައަށްޓަކައި، ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ގާއިމުކުރި މި ރޭލު ދަތުރު ކުރާނީ، ކޮލޮމްބޯގެ މައުންޓް ލެވެނިއާ ސަރަހައްދުން ފެށިގެން ޖެފްނާގެ ކަންކެސަންތޫރިއާ ބަނދަރު ސަރަހައްދާ ދެމެދުގަ އެވެ.
ލަންކާގެ ރޭލުގެ ހިދުމަތްތަކާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި، ކޮލޮމްބޯ އާއި ޖެފްނާއާ ދެމެދު ގާއިމުކުރި މަތީ ފެންވަރުގެ ރޭލު މަގުގެ ދިގުމިނަކީ، ގާތްގަނޑަކަށް 386 ކިލޯމީޓަރެވެ.
ސްރީ ލަންކާގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނި ގޮތުގައި މި ރޭލު ހިދުމަތަކީ އިންޑިއާ އާއި ސްރީ ލަންކާގެ ގުޅުމުގައި ހާސިލުކުރެވުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި މިއީ ލަންކާގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގަ އާއި މުޅި ލަންކާ ތަރައްގީކުރުމަށް އެހީވުމުގައި އިންޑިއާއިން ކުރިއަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.
ކޮލޮމްބޯ އާއި ޖެފްނާއާ ދެމެދު މަތީ ފެންވަރުގެ ރޭލު ހިދުމަތް މި ފެށީ، ލޯނު އެހީއެއްގެ ތެރެއިން އިންޑިއާ އިން ދިން އޭސީ ޑީސަލް އިންޖީނުތަކެއް ބޭނުންކޮށްގެންނެވެ. މިރޭލު ހިދުމަތް ފައްޓަވައިދެއްވީ، ސްރީ ލަންކާގެ ޓްރާންސްޕޯޓް މިނިސްޓަރު ޕަވިތުރާ ވަންނިއަރައްޗީ އެވެ. އަދި ލަންކާގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރު ވިނޯދް ކޭ. ޖެކޮބް ވެސް ބައިވެރިވެވަޑައިގަތެވެ.
މީގެ އިތުރުން ވެސް ސްރީ ލަންކާގެ ރޭލު ވިއުގަ ތަރައްގީކުރުމުގައި އިންޑިއާ އިން ވަރަށް ގިނަ އެހީތައް ފޯރުކޮށްދެ އެވެ. އިންޑިއާގެ އެހީގައި މިހާރު ވެސް ލަންކާގައި ރޭލު ދަތުރުފަތުރު ތަރައްގީކުރުމުގެ މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ.
ސްރީ ލަންކާގައި އިންޑިއާގެ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކުގެ ޖުމްލަ އަގު 3.5 ބިލިއަން ޑޮލަރަށް ވުރެ މައްޗެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 570 މިލިއަނަކީ ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާ އެވެ. ސްރީ ލަންކާގެ ރޭލުގެ ހިދުމަތް ޒަމާނީކުރުމުގަ އާއި އާ ރޭލު މަގުތައް ގާއިމުކުރުމުގައި، އިންޑިއާ އިން އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމީލް
12 January 2022
މަތީ ފެންވަރުގެ ދަތުރޭ ބުނާއިރު ރޭލު ވަރަށް ކަޓު ފާޑެއްޖަހަނީ. އިންޑިއަން ސްޓައިލްދޯ.
ފޮނިފޮނިޓައްޕު ކުމާރު
11 January 2022
ތީ ވަރަށް ސަޅިކަމެއް. ތީ އައްޑުއާ މާލެއާދެމެދު ރޭލުދަތުރުގެ ނެޓުވާކުއެޅުންފަދަކަމެއް
ށަވިޔަނި
11 January 2022
ދެން ޖަފްނާއާ އިންޑިއާގެ ރާމެޝްވަރަމްއާ ގުޅުވާލާ. އޭރުން އަހަރުމެން ކުރިފަދަ ބިރުވެރި ނުރައްކާތެރި ދަތުރުކުރުމުން ވަރަށް ގިނަބަޔަކު ސަލާމަތްވާނެ.