މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު. --ފޮޓޯ:އޭއެފްޕީ
23 ޖެނުއަރީ 2022 - 13:13
ކުއާލަ ލަމްޕޫރު (ޖެނުއަރީ 23) - ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހުނު ނަމަވެސް މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދުގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާ އިން ބުނެފި އެވެ.
ހިތުގެ ބަލިތަކުގެ ޚާއްސަ ހޮސްޕިޓަލެއްގައި އުމުރުން 96 އަހަރުގެ މަހާތިރު އެންމެ ފަހުން އެޑްމިޓްކޮށްފައިވާ އިރު މިއީ މަހެއްހާ ދުވަހުތެރޭ އެޑްމިޓްކޮށްގެން މަހާތިރަށް ފަރުވާ ދިން ތިން ފަހަރެވެ. ވޭތުވެދިޔަ ދެ ދުވަހު ވަނީ ނޭޝަނަލް ހާޓް އިންސްޓްޓިއުޓުގައި ފަރުވާދީފަ އެވެ.
މަހާތިރުގެ ދަރިކަނބަލުން ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ އެންމެ ފަހުން އެޑްމިޓްކޮށްފައި ވަނީ މީގެ ދެ ހަފުތާކުރިން ހޯއްދެވި ފަރުވާއެއްގެ ފޮލޯއަޕަށް ކަމަށެވެ.
"މަހާތިރުގެ ހާލު ވަރަށް ބޮޑަށް ރަނގަޅު. ފަރުވާ ވެސް ކާމިޔާބު،" ބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ވެސް މަހާތިރަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފަ އެވެ. މަހާތިރަށް މީގެ ކުރިން ވެސް ވަނީ ހިތުގެ މައްސަލަތަކަށް އެތައް ފަހަރަކު ފަރުވާދީފަ އެވެ. އަދި އެމަނިކުފާން ވަނީ ބައިޕާސް ސާޖަރީއެއް ހައްދަވައިފަ އެވެ.
މަހާތިރަކީ މެލޭޝިއާގެ އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެވެ. އެ މަނިކުފާން ވަނީ ދެ ފަހަރެއްގެ މަތިން 24 އަހަރު ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔު
23 January 2022
މަހާތީރަކީ ވަރުގަދަ ލީޑަރެއް. މެލޭ މެލޭއަކަށް ހަދައިދިން. އުއްމަތުގެ މައްސަލަތަކުގައި ބަސްބުނެ، ކުރިއަރުވަން މަސައްކަތްކުރި. މަހާތީރަށް ފުރިހަމަ ސިއްޙަތަކަށް އެދެން.
ގުލްޒާރު
23 January 2022
މަހާތިރަކީ މެލޭޝިޔާގެ ބައްޕަ. މައުމޫނަކީ ދިވެހިރާއްޖޭގެ ބައްޕަ.