ކުޅިވަރު / ޔުވެންޓަސް

ވްލަހޯވިޗުގެ 22 ވަނަ އުފަން ދުވަހު ޔުވެންޓަސް އަށްެ

ވްލަހޯވިޗް ފިއޮރެންޓީނާއަށް ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޓިއުރިން (ޖެނުއަރީ 28) - ފިއޮރެންޓީނާ އަށް ކުޅޭ ސާބިއާގެ ޒުވާން ފޯވާޑް ޑޫސާން ވްލަހޯވިޗުގެ 22 ވަނަ އުފަން ދުވަހު، ޔުވެންޓަސް ދަބަލުވާން އެއްބަސްވެއްޖެ އެވެ.

ފިއޮރެންޓީނާ ދޫކޮށް، އިޓަލީގެ އެންމެ ކާމިޔާބު ކުލަބް، ޔުވެންޓަސް އަށް ބަދަލުވާން އިއްޔެ އެއްބަސްވި ވްލަހޮވިޗް ވަނީ މިއަދު ޓިއުރިން އަށް ގޮސް މެޑިކަލް ފުރިހަމަ ކޮށްފަ އެވެ. ވްލަހޯވިޗް ވަނީ 75 މިލިއަން ޔޫރޯ އަށް 2026 އާ ހަމައަށް ޔުވެންޓަސް އަށް ކުޅެން އެއްބަސްވެފަ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން އޭނާއަށް އަހަރަކު ހަތް މިލިއަން ޔޫރޯ ލިބޭނެ އެވެ.

އުމުރުން 18 އަހަރުގައި ފިއޮރެންޓީނާއަށް ބަދަލުވި ވްލަހޯވިޗް ވަނީ މި ސީޒަނުގައި އެ ޓީމަށް ކުޅުނު 24 މެޗުން 20 ގޯލު ޖަހައިފަ އެވެ. ލީގުގައި ކުޅުނު 21 މެޗުން 17 ގޯލު ޖަހައިގެން ލަނޑު ލިސްޓުގެ އެއްވަނައިގައި ވެސް އޮތީ އޭނާ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހު އޭނާ ވަނީ ކަލަންޑަރު އަހަރެއްގައި ސެރީ އާގައި 33 ލަނޑު ހަމަކޮށް، 2020 ގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްގައި ހެދި ރެކޯޑާ އެއްވަރުކޮށްފަ އެވެ.

ވްލަހޯވިޗް ފިއޮރެންޓީނާއަށް ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޔުވެންޓަސް އިން ވްލަހޯވިޗް ހޯދީ، އާސެނަލް އިން 72 މިލިއަން ޔޫރޯ އަށް އޭނާ ގަންނަން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ. އާސެނަލްގެ އިތުރުން ލިވަޕޫލާއި ޗެލްސީ، ނިއުކާސަލް ޔުންއިޓެޑް އަދި ބާސެލޯނާ އިން ވެސް ވްލަހޯވިޗަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ބާސެލޯނާ އަށް ވަނީ 2020 ވަނަ އަހަރު އެންމެ 18 މިލިއަން ޔޫރޯ އަށް ވްލަހޮވިޗް ގަންނަން ލިބުނު ފުރުސަތު ދޫކޮށްލައިފަ އެވެ. ފިއޮރެންޓީނާ އަށް ދެ ސީޒަން ކުޅުމަށް ފަހު ބާސެލޯނާ އަށް ބަދަލުވާން ޓީމާ އެކު އޭނާގެ އެޖެންޓް ވާހަކަ ދެއްކި ނަމަވެސް ބާސެލޯނާ އިން ވަނީ ފުރުސަތުގެ ބޭނުން ނުކޮށެވެ. އެ ސީޒަނުގައި ލީގުގައި 30 މެޗުން ހަ ގޯލު ޖަހައިދިން ކުޅުންތެރިޔާ ވިއްކާލަން ފިއޮރެންޓީނާ އިން ވެސް ތައްޔާރަށް އޮތް ނަމަވެސް އޭރުގެ ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު އަދި ކުރީގެ ކުޅުންތެރިޔާ އެރިކް އަބިދާލް އަށް ގަބޫލް ކުރެވުނީ އޭނާ ގެނައުމަކީ ރިސްކެއް ކަމަށެވެ.

ވްލަހޯވިޗް ލީގުގައި ޔުވެންޓަސް ކޮޅަށް ލަނޑު ޖެހުމަށް ފަހު.

ނަމަވެސް ޖެހިގެން އައި ސީޒަނުގައި އޭނާ ވަނީ އިޓާލިއަން ސެރީ އާގައި 37 މެޗު ކުޅެ 21 ގޯލު ޖަހައިގެން ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ.

ޔުވެންޓަސް އިން ހުށަހެޅި 75 މިލިއަން ޔޫރޯއާ އެކު ވްލަހޯވިޗްގެ މި ޓްރާންސްފާ ވެގެން ދާނީ ޖެނުއަރީ ޓްރާންސްފާގެ ތާރީހުގައި ވެސް ހިނގި ތިންވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާއަށެވެ. މީގެ ކުރިން އެންމެ އަގުބޮޑު ޖެނުއަރީ ޓްރާންސްފާ ހިނގީ ލިވަޕޫލަށް ކުޅެމުން ދިޔަ ޕިލިޕޭ ކުޓީނިއޯ 2018 ވަނަ އަހަރު ބާސެލޯނާއަށް ގެންދިޔަ ޑީލް އާއި ހަމަ އެ އަހަރު ސައުތެމްޓަން އަށް ކުޅެމުން ދިޔަ ވާޖިލް ވެން ޑައިކު ލިވަޕޫލާ ގުޅުނު ޑީލްގަ އެވެ.

މި ސީޒަނަށް ފަހު ޔުވެންޓަސްގެ ތަރި ޕައުލޯ ޑިބާލާގެ ކޮންޓްރެކްޓް ވެސް ހަމަވާއިރު، އޭނާ ވަނީ ޔުވެންޓަސް އިން ހުށަހެޅި އަގާ މެދު ހިތްހަމަ ނުޖެހިގެން ކޮންޓްރެކްޓް އާކުރަން ދެކޮޅު ހަދައިފަ އެވެ. ޑިބާލާ ހޯދަން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ފާރަލަމުން ދާއިރު އޭގެތެރޭގައި ޓޮޓެންހަމާއި އިންޓަ މިލާނާއި އެތުލެޓިކޯ މެޑްރިޑުގެ އިތުރުން މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ވެސް ހިމެނޭ ކަމަށް އިޓަލީ އާއި އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.

ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ޑިބާލާ: އަންނަ ސީޒަނަށް ހިލޭ ޓްރާންސްފާގައި ޑިބާލާ ހޯދަން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އަންނަނީ ފާރަލަމުން.

ޕިއޭ އެމެރިކް އޮބާމެޔަންގެ ބަދަލުގައި ވްލަހޯވިޗްގެ އިތުރުން އާސެނަލް އިން އަންނަނީ ރެއާލް ސޮސިއެޑާޑް އަށް ކުޅޭ ސްވިޑެންގެ ފޯވާޑް އެލެކްޒެންޑާ އައިޒެކް އާއި ނަޕޯލީ އަށް ކުޅޭ ނައިޖީރިއާގެ ވިކްޓާ އޮސީމެން އަދި ޑޮމިނިކް ކެލްވާޓް ލެވިން އާއި 2019 ވަނަ އަހަރު 60 މިލިއަން ޔޫރޯ އަށް ރެއާލް މެޑްރިޑަށް ބަދަލުވި ސާބިއާގެ ލޫކާ ޖޮވިޗަށް ވެސް ފާރަލަމުން ކަމަށް އިނގިރޭސި ބައެއް މީޑިއާތަކުން ބުނެ އެވެ.

އޮބާމެޔަން އަށް ސައުދީ އަރަބިޔާގެ ލީގުގެ ކުލަބުތަކުން ޝައުގުވެރިކަން ފާޅުކުރާއިރު، އޭނާގެ އިތުރުން އާސެނަލްގައި މި ވަގުތު ތިބީ އެންމެ ތިން ސްޓްރައިކަރުންނެވެ. އެއީ އޮބާމެޔަންގެ ބަދަލުގައި މިހާރު އެޓީމުގެ ކެޕްޓަންގެ ޒިންމާ އަދާކުރަމުންދާ އެލެކްޒެންޑާ ލަކަޒޭޓާއި ގެބްރިއެލް މާޓިނެލީ އާއި އެޑީ ކެޓިއާ އެވެ. ލަކަޒެޓާއި ކެޓިއާގެ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާނެ އެވެ.

އެމެރިކާގެ ނިއު އިންގްލެންޑް ރިވޮލިޔުޝަން އަށް ކުޅޭ އެ ގައުމުގެ ގައުމީ ޓީމުގެ ގޯލްކީޕަރު މެޓް ޓާނާ، 27، ވަނީ މި ސީޒަނަށް ފަހު، 10 މިލިއަން ޔޫރޯ އަށް އާސެނަލްއާ ގުޅެން އެއްބަސްވެފަ އެވެ. މި ސީޒަނުގައި އާސެނަލް އިން ކީޕަރު އާރޮން ރަމްސްޑޭލް ގެނައުމުން އެ ޓީމުގެ ޖަރުމަން ކީޕަރު ބާން ލެނޯ އަށް ވަނީ ފުރަތަމަ 11 އިން ޖާގަ ގެއްލިފަ އެވެ. އަންނަ ސީޒަނުގެ ނިޔަލަށް ލެނޯގެ ކޮންޓްރެކްޓް ހަމަވާއިރު، ނިއުކާސަލް އިން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454