29 ޖެނުއަރީ 2022 - 06:37
ގަރުނެއްވާން ގާތްވެފައިވާ ޑިޒްނީގެ މަޝްހޫރު ކާޓޫން ކެރެކްޓާ، މިނީ މައުސް އަށް ބޮޑު ބަދަލެއް ގެންނަން ތައްޔާރުވެއްޖެ އެވެ.
އަންނަ މާޗް މަހުގެ ތެރޭގައި އާ ބަދަލު ދައްކައިލަން ހަމަޖެހިފައިވާ އިރު، އޭގެ ކުރިން މިހާރު ވަނީ އެކަމުގެ ކޮންމެވެސް ވަރެއްގެ ތަސައްވުރެއް ވެސް ގެނެސްދީފަ އެވެ. އެގޮތުން ކުރިން ކަކުލާ ހަމައަށް އޮންނަ ރަތް ހެދުމުގައި އިންނަ މިނީ މައުސްގެ އާ ލުކުން ފާހަގަކުރެވޭނެ އެންމެ ބޮޑު ބަދަލަކީ އޭގެ ހެދުމަށް ގެންނަ ބަދަލެވެ. އެގޮތުން މޭކްއޯވާގެ އެންމެ މުހިއްމު އެއް ބަޔަކީ ކަޅާއި ނުލުގެ ޕޭންޓްސޫޓެކެވެ. އެ ފަރުމާކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ފެޝަން ޑިޒައިނަރު ސްޓެލާ މެކާޓްނީ އެވެެ.
މިނީ މައުސްގެ މިހާރުގެ ލުކް.
ޑިޒްނީލޭންޑް ޕެރިހަށް 30 އަހަރު ފުރުމާއި މި އަހަރުގެ އަންހެނުންގެ ދުވަހާ ވެސް ގުޅުވައިގެން މާޗްގައި މިނީ މައުސްގެ އާ ލުކް ދައްކައިލަން ތައްޔާރުވާ އިރު، މިކަމާ ބެހޭ ގޮތުން ޑިޒްނީން ބުނީ ގިނަ ބައެއްގެ މެދުގައި ލޯބި ކެރެކްޓާއެއްގެ ގޮތުގައި ފާހަގަކުރެވޭ މިނީ މައުސްގެ އާ ލުކުން ދައްކުވައި ދޭން ބޭނުންވަނީ އަންހެނުންގެ ބާރުވެރިކަމެވެ. އަދި މިނީ މައުސް އަށް ގެންނަ ބަދަލުގައި ހިމެނޭ ފަރުމާ އަށް ސްޓެލާ ނެގީ އޭނާ އަކީ ފެޝަނުގެ ދުނިޔޭގައި ވަރަށް ނުފޫޒު އަންހެނަކަށް ވާތީ ކަމަށް ބުންޏެވެ.
Stella McCartney has designed Minnie Mouse's very first pantsuit, and it's gorgeous 😍 #DisneylandParis30 pic.twitter.com/jKSckBji36
— Disneyland Paris EN (@DisneyParis_EN) January 25, 2022
ސްޓެލާ ބުނި ގޮތުގައި މިނީ މައުސް އަކީ އޭނާ އަށް ވެސް ވަރަށް ހާއްސަ އެއްޗެކެވެ.
"އަހަންނެކޭ އެއްގޮތަށް މިނީ މައުސް އަކީ ވެސް އުފާވެރިކަމާއި އުންމީދު އާލާކޮށްދޭ ކެރެކްޓާއެއް. ވަރަށް ލޯބިކުރަން އަބަދު ވެސް މިނީ މައުސް އަށް." އޭނާ ބުންޏެވެ.
މިނީ މައުސް އަށް ގެންނަ ބަދަލާ ދިމާކޮށް ލިމިޓެޑް ޓީޝާޓް ކަލެކްޝަނެއް ވެސް ނެރެން ހަމަޖެހިފައިވެ އެވެ. އެގޮތުން މާޗް 7 ގައި ބާއްވާ ސްޓެލާ މެކާޓްނީ ވިންޓާ ޝޯގައި އެ ދައްކާލައި، ވިއްކަން ފަށާނެ އެވެ.
މިހާރު އުމުރުން 94 އަހަރުގެ މިނީ މައުސް ކެރެކްޓާ އުފަންވީ 1928 ގަ އެވެ. މީގެ މޭސްތިރިންނަކީ ވޯލްޓް ޑިޒްނީ އާއި އަބް އިވާކްސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy