މިފްކޯ އިން ހިންގާ ފެލިވަރު މަސް ފެކްޓަރީގެ އޮޕަރޭޝަންތައް ނޫސްވެރިންނަށް 2019 ގައި ދައްކާލަނީ: މިދިޔަ 15 އަހަރުގެ ތެރޭގައި ވެސް އެ ކުންފުންޏަށް އެންމެ ގިނައިން މަސް ކިރުވީ މިދިޔަ އަހަރު ކަމަށް ރައީސް މިއަދު ވިދާލުވި.---ފައިލް ފޮޓޯ: މިހާރު
03 ފެބުރުއަރީ 2022 - 09:44
ސަރުކާރުގެ މަސް ކުންފުނި މިފްކޯ، އެސްޓީއޯގެ ދަށުން މި އަހަރު ވަކިކޮށް، އަމިއްލަ ފައިމައްޗަށް ތެދުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހަށް އިއްވެވި މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، އެ ބަދަލު ފެންނާނީ މި އަހަރުގެ މެދުތެރޭގައި ކަމަށެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހިންގަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. މިފްކޯގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ސަރުކާރުން ހަވާލުވެ، އެ ކުންފުނި އެސްޓީއޯގެ ދަށަށް އޮކްޓޯބަރު 2016 ގައި ގެނެސް އޭރުގެ ސަރުކާރުން ބުނީ މިފްކޯއަކީ ފައިދާ ނެރޭ ކުންފުންޏަކަށް ވާނެ ކަމަށެވެ. އެކަމަކު، މިހާތަނަށް ވެސް އެ ނަތީޖާއެއް ނުފެނެ އެވެ.
މިފްކޯގެ ކެޕޭސިޓީ އިތުރު ކުރާނެ ވާހަކަ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވިކަން ފާހަގަކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ، މިދިޔަ 15 އަހަރުގެ ތެރޭގައި އެ ކުންފުންޏަށް އެންމެ ގިނަ މަސް ކިރުވީ މިދިޔަ އަހަރު ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ.---ފޮޓޯ: މަޖިލިސް
ރައީސް ވިދާޅުވިގޮތުގައި، މިފްކޯ އިން ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް މިހާރު އޮންނާނެ އެވެ. އަދި ވިދާޅުވީ، އަންނަ މަހުގެ ފުރަތަމަ ހަފުތާ އިން ފެށިގެން އެ ކުންފުންޏަށް ދެން މަސް ގަންނަ އަގު ބޮޑުވާނެ ކަމަށެވެ.
"ދެން މިފްކޯ އިން މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް. ދުނިޔޭގެ ބާޒާރުގައި ބޮޑު އަގު ލިބޭ ނަމަ މިފްކޯ އަށް ގަންނަ މަހުގެ އަގު ބޮޑުވާނެ،" ރައީސް ވިދާޅުވި އެވެ.
މި ފަހަރުގެ ރިޔާސީ ބަޔާނުގައި، 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމު ހަރުކުރުމަށް 59 މިލިއަން ރުފިޔާގެ ލުއި ލޯނު މި އަހަރު ދޫކުރާނެކަން ވެސް ރައީސް އިއުލާނު ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
04 February 2022
އެމްޑީޕީ ވެރިކަމަށް ފުރަތަމައައިސް މިފްކޯ ފުނޑާލިކަން ހަނދާން ނެތުނީތަ؟ ބަލަ މަނާގޭ ފާއިޒުމެން މިފްކޯގެ ވެރިންނަށް ނަގާފަ. މިފްކޯ ދެކުންފުންޏަކަށް ބައިކޮށް ފުޑާލީ! ކަލޭމެންނަށް މިޤައުމު ހިންގަން ނޭގޭނެ!
ރަކިސްބޮނޑު
03 February 2022
އަށްސަލާމުޢަލައިކުމް. އަންނަ މާރޗްމަހުންފެށިގެން ދުނިޔޭގެ މާރކޭޓްގައި ދިވެހި ކަނޑުމަހުގެއަގު ބޮޑުވާނެ. މީވަރަށް ބޮޑު ބެލުންތަކަކަށްފަހު ކުރާ އިއުލާނެއް. ހަމަ ކުއްލިއަކަށް މިއަހަރު މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވާނީ އޭގެފުރިހަމަ ޞިއްހަތުގައި ކަމަށްވާނަމަ އުފާވެރިކަމުގެ ކޮޅެއްވެސްނެތް. ތައްޓޭ އަލިދީ އަވަހާރަ ވުމަށްފަހު މިފްކޯ ފައިމައްޗަށް ނުތެދުވެވުނީ ސަރުކާރުތަކުގެ ސިޔާސީ ކުޅީގެދަށުވެފައި އޮތުމުން. އަދިވެސްއޮތީ އެހާލަތުގައި. ކުޅިބަލަން މިތިބީ.
ބޮޑުމީހާ
03 February 2022
މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވާނީ ކިހިނެއް؟ ކޮންމެ މީހކަށް 40000 މުސާރަައަށް ދޭންޖެހޭ، ކޮންމެ މީހަކީ މެނޭޖަރެއް، މަސައްކަތެއް ކުރާ ބަޔަކު އުޅެނީކީ ނޫން، ކާޑުޖަހާފަ ކުރަނީ އަމިއްލަ ވިޔަފާރި
ޢިބޫ
03 February 2022
މިފްކޯއަކީ ވަކިރަށަކަށް ދީފައޮތް ކުންފުޏެއްތޯ؟، ވަރަށް ގިނަމީހުން އެހެންކިޔާތީ އަޑުއިވޭ، އެއީ އެތާގެ ވެރިންގެ ގޮތުގަ ތިބީ އެއްރަށެއްގެ އެއްއާއިލާގެ މީހުންނޯ އެއީ ތެދެއްބާ؟
ސީޒަން ޖެކުހަން
03 February 2022
މަސްވެރިންނަށް ހަމައަގުނުދެވިގެންއުޅޭބަޔަކު ކޮންފޮންޏެއް މިކަނޑަނީ؟
ޙިނި
03 February 2022
މިޒަމާނުގަ ފިޝް ޕުރޮސެސިން އަދި ކޭނިން ތިކީ މާ ހައިޓެކް އިންވެސްޓްމެންޓް ބެރިޔަރް އެކުލެވޭ މިޔަފާރިޔެއް ނޫން، ތިކަން ކަން ތީ ކޮޓޭޖް އިންޑަސްޓުރީ ގޮތުގަވެސް ކުރެވޭނެ ކަން ކަން. އާޓިކަން ކިޔާލީމަ އެންގޭ ކަމެއް ބަދަލުނުވާ ކަން ކުރިމަގުގަވެސް މިޕްކޯ ވަނީ މަސްވެރިން ބާނާ މަސް ޑަންޕްކުރާ ތަނަކައް. އެޔަކައް ނުކިޔާނެ ތިޔާގި ވިޔަފާރިޔެކޭ.
ކޮޓެޖް ވިސްނުން
03 February 2022
ބައެއް ކަންކަން ކޮޓެޖް އިންޑަސްޓްރީއެއްގޮތައް ނުިންގޭނެ. އެހެންވީމަދޯ ކޮއްމެ ރިސޯޓެއްގަ އެއާޜޕޯެއްނަހަދާ މައް އެއް އެއާރޕޯޜްޓެއް އޮންނަނީވެސް.
ޝިޔާމް
03 February 2022
ސަރުކާރު އަމިއްލަ ފައި މައްޗައް ތެދުވާނީ ކޮން ދުވަހަކުން؟
ޝަފީރު
03 February 2022
ހާދަހާ އޮޅުވާލުންގިނަ ބަޔާނެކޭ. "ދެން މިފްކޯ އިން މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް. ދުނިޔޭގެ ބާޒާރުގައި ބޮޑު އަގު ލިބޭ ނަމަ މިފްކޯ އަށް ގަންނަ މަހުގެ އަގު ބޮޑުވާނެ،" ރައީސް ވިދާޅުވިއެވެ." މަސްކިލޯއެއް 16ރ އަށް އަގު ދަށްކުރީވެސް ދުނިޔޭގެ ބާޒާރުގެ ހަމަ އަދިނުމަށް. ފެލިވަރުގެ ކެޕޭސިޓީ 2020ވަނަ އަހަރު މަސްވރިން ކެކިއެރުމުން ކެޕޭސިޓީ ބޮޑުކޮށްފިކަމަށް 2021 ގައި އިޢުލާނުކުރިތަނެއް.
ނުވާނެއޭ
03 February 2022
އެސްޓީއޯއިން ވަކިވެ، މިފްކޯ މި އަހަރު އަމިއްލަ ފައިމައްޗަށް ތެދުވާނެ ކަމަށް ރައީސް ވިދާޅުވަނީ އެއީ ކޮން ގޮތަކުން ބަލާފައިތޭ ކުޅަދާނަ އެއް ނޫނޭ މިފްކޯ އަށް އަމިއްލަ ފައި މައްޗަށް ތެދުވަން އެކަން ކުރެވޭނެ އެންމެ ގޮތެއް އޮތީ ތިޔާ ފެލިވަރު ފެކްޓަރީ ބަންދުކުރުމަށް ފަހު އެތަން މާލެ ސަރަހައްދުން ހުޅުމާލޭ ހުޅަނގުން އޮތް ގާގަނޑު ފަޅު ހިއްކާ އެތަނަށް މިފްކޯ ބަދަލުކޮށް ހަދައިފިނަމަ މިފްކޯ އަށް ފައިދާވާނެއޭ އެނޫން ނަމަ މިފްކޯ އަށް ފައިދާނުވާނެއޭ ނުވާނެއޭ