ދޮޅު އަހަރުގެ ތެރޭގައި މިފްކޯ ފައިދާވާ ކުންފުންޏަކަށް ހަދާނަން: ރައީސް

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަކީ ފައިދާގައި ހިންގާ ކުންފުންޏަކަށް ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ގއ. ގެމަނަފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ގެއްލުމުގައި ވެސް ހިންގައިގެން މަސްވެރިންނަށް ރަނގަޅު އަގެއް ދިނުމަށް މިފްކޯއިން މަސައްކަތް ކުރާތީ އެ ކުންފުނީގެ މާލީ ހާލަތު ވަރަށް ދަށްވެފައިވާ ކަމަށެވެ.

އެއީ މަސްވެރިކަމުގެ ސިނާއަތަށް އެންމެ ރަނގަޅުގޮތް ނޫން ކަމުގައިވާއިރު މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހަދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ އެކަން ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ ދޮޅު އަހަރުގެ ތެރޭގައި މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް އަޅުގަނޑުމެން ހަދާނަން،" ރައީސް ވިދާޅުވި އެވެ.

މަސްވެރިންނަށް ދިމާވެފައިވާ އަނެއް ދައްޗަކީ ކިރުވާ މަހަށް ވަގުތުން ފައިސާ ނުލިބުން ކަމަށްވާއިރު އެކަން ހައްލު ކުރުމަށް މިފްކޯގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް އިތުރު އިންވެސްޓްމަންޓުތަކެއް އެކުންފުންޏަށް ހޯދަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ މަސް ކުންފުނިތަކުން މަސްވެރިންނަށް ދޭންޖެހޭ 68 މިލިއަން ރުފިޔާ އިއްޔެ ދޫކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް މަސްވެރިންނަށް އެ ފައިސާ ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މަސްވެރިން ބާނާ މަހުން އެއްވެސް ވަރެއް އިސްރާފު ނުވެ ހަމަ އަގު ހޯދައިދިނުމަށް މިފްކޯގެ ކެޕޭސިޓީ އިތުރު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. ފިނިކުރި ރޯމަހުގެ ގޮތުގައި މަސް އެކްސްޕޯޓް ކުރުމުން ލިބޭ އާމްދަނީއަށް ވުރެ ރަނގަޅު އަގެއް ލިބެނީ ދަޅުމަސް އެކްސްޕޯޓް ކޮށްގެން ކަމަށާއި އެހެންކަމުން ދަޅުމަސް އުފެއްދޭ ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް މިފްކޯ އިން 800 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ބުނެ އެވެ. ކުރީގެ ސަރުކާރުން އެސްޓީއޯގެ ދަށަށް މިފްކޯގެ ބަދަލުކުރީ ދަރަނި ބޮޑުވެ، ކުންފުނި ބަނގުރޫޓުވުމުން 2016 ވަނަ އަހަރު އެވެ.

މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރަން މިދިޔަ ފަސް އަހަރުގެ ތެރޭގައި އޭރުގެ ސަރުކާރުން 621.4 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.