ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދެންނެވުމަށް ކޮމަންޑޫގެ އެމްޑީޕީގެ ސަޕޯޓަރުން ބަނދަރުމަތީގައި. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
03 ފެބުރުއަރީ 2022 - 16:53
އިންތިހާބުތަކުގައި ސިޔާސީ ވާދަވެރިކަމާއި ކެމްޕޭނުގެ ފޯރި އަބަދުވެސް މި ރަށުގައި ގަދަ އެވެ. އެކަމަކު މިވަރުގެ ކަމެއް މި ރަށަކު މިހާތަނަށް ނުހިނގަ އެވެ.
ހޮނިހިރުދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ އިންތިހާބާ ގުޅޭ ގޮތުން އެހުމުން ގިނަ ބަޔަކު ވާހަކަ ފަށަނީ ބަނދަރުން ފެށިގެން މުޅި ކޮމަންޑޫގައި ދަމާފައިވާ ކުލަކުލައިގެ ފޮތިތައް ދައްކަމުންނެވެ. އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީން ކެންޑިޑޭޓުން ނެރެފައިވާ ބައި އިލެކްޝަނަށް މުޅި ރަށް އޮތީ ކުލަކޮށްލައިފަ އެވެ.
ޖަގަހަތައް ހަރަކާތްތެރި އެވެ. ޖަލްސާތަކާއި ބައްދަލުވުންތަކާއި ދޮރުންދޮރަށް ހިނގުން ގިނަ އެވެ.
"ރާއްޖޭގެ އެއްވެސް ކެމްޕޭނެއްގައި މި ވަރަކަށް ފޯރިއެއް ނޯންނާނެ،" ކޮމަންޑޫ ހަސަންފުޅު ބުންޏެވެ.
އެމްއެންޕީގެ ކެމްޕޭން ޓީމެއް ކޮމަންޑޫގެ މަގެއްގެ މަތީގައި. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"ރާއްޖޭގެ ރައީސުންނާއި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންނާއި ކުންފުނިތަކުގެ ވެރިން މި ތިބީ މި ތަނުގައި، ގައުމު މިހާރު މި ހިންގަނީ ކޮމަންޑޫގައި،" އޭނާ ބުންޏެވެ.
މި ރަށުގެ ބައެއް މީހުން ސިފަކުރި ގޮތުގައި، ރިޔާސީ އިންތިހާބަކަށް ވުރެ ވެސް މި ފަހަރުގެ ވާދަވެރިކަން ބޮޑެވެ.
މުޅި ރާއްޖޭގެ އަމާޒު ވެސް ހުއްޓިފައި އޮތީ މި ދާއިރާގެ އިންތިހާބު ކާމިޔާބުކުރާނެ ބަޔަކަށެވެ. މި ރަށުގެ ކެމްޕޭން ޓީމުތަކަށް ނަތީޖާ ސާފެވެ.
ކޮންމެ ޕާޓީއެއްގެ ވެސް ކެމްޕޭން ޓީމުން ޔަގީންކަން ދޭ ގޮތުގައި އެ ޕާޓީއަކަށް އޮތީ ގާތްގަނޑަކަށް ގޮނޑި ކަށަވަރު ވެފަ އެވެ.
ކޮމަންޑޫގައި ބަހައްޓާފައި ހުރި ޕާޓީތަކުގެ ދިދަތަކެއްގެ ކައިރީގައި މީހަކު ފޯނުން ވާހަކަ ދައްކަން މަޑުކޮށްލައިގެން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެމްޑީޕީގެ ސަޕޯޓަރުން ބުނާ ގޮތުގައި ގޮނޑި އެ މީހުން ދިފާއުކުރާނެ އެވެ. އިދިކޮޅު ޕީޕީއެމުން ދެކޭ ގޮތުގައި ކޮމަންޑު އާއި ފޯކައިދު އާއި މަރޮށިން 15 އަހަރަށް ފަހު އެ ގޮނޑި އެ ޕާޓީ އަށް ދީ، އެ ދިގު ތާރީހު މި ފަހަރުބަދަލުކޮށްލާނެ އެވެ. އެމްއެންޕީގެ ސަޕޯޓަރުން ބުނަނީ އެއީ އެ ޕާޓީ އަށް ކަށަވަރު ކަމާ އެކު ނެގޭނެ ގޮނޑިއެއް ކަމަށެވެ.
ޕީޕީއެމްގެ ސަޕޯޓަރު އިސްމާއިލް އިބްރާހިމް ބުނީ ސަރުކާރަށް ކޮމަންޑޫ ދާއިރާގެ ގޮނޑި މި ފަހަރު އާދަޔާ ޚިލާފަށް ހާއްސަވެގެން އުޅޭ ސަބަބެއް ނޭނގޭ ކަމަށެވެ. ވޭތުވެދިޔަ 15 އަހަރުގެ ތާރީހު ބަދަލުކޮށްލައި ޕީޕީއެމުން މި ފަހަރު ގޮނޑި ނަގާނީ ބޮޑު ތަފާތަކުން ކަމަށް އޭނާ ބުންޏެވެ.
"އެ ޔަގީންކަން އެބައޮތް. މި ކެމްޕޭންގައި އަޅުގަނޑުމެންނަށް ހީވަނީ މިއީ ކޮމަންޑު އަށް އައި އީދެއްހެން،" އޭނާ ބުންޏެވެ.
"ރައްޔިތުން ކުރާ މަސައްކަތާއި އޮޑިފަހަރުތައް ވެސް ދޫކޮށްލާފައި މި އިންތިހާބަށް ތައްޔާރުވަމުން އަންނަތާ ދެ މަސްވެއްޖެ،"
އެމްޑީޕީގެ ޒުވާން ސަޕޯޓަރު އަލީ ޝަހީމް ބުނީ، ވޭތުވެދިޔަ 15 އަހަރުގެ ވެސް ދާއިރާގެ މީހުންގެ އިތުބާރު އޮތީ އެމްޑީޕީއަށް ކަމަށެވެ. އެ އިތުބާރުގެ މަތީގައި ހުސައިން ވަހީދު ގިނަ ކަންކަން ފެއްޓެވި ކަމަށް އޭނާ ބުންޏެވެ. ސަރުކާރަށް ގޮނޑި މުހިއްމު ވަނީ އޭނާ ދެކޭ ގޮތުގައި އެ ކަންކަން ނުހުއްޓި ކުރިއަށް ގެންދިއުމަށެވެ.
"ދައުރުގެ މެދުތެރެއިން ބާއްވާ އިންތިހާބެއް ވީމަ ވެސް މުހިއްމު. ސަރުކާރުގެ ތާއީދު އޮތް ކަން އެބަޖެހޭ ހާމަކޮށްދޭން. ދުނިޔޭގެ އެކި ހިސާބުތަކުން ވެސް މި އިންތިހާބަށް ސަމާލުކަން ހުއްޓިފައި އޮތީ،" އޭނާ ބުންޏެވެ.
"އަޅުގަނޑުމެންނަށް އޮތް ޔަގީން ކަމަކީ ބޮޑު ތަފާތަކުން މި އިންތިހާބު ކާމިޔާބުކުރެވޭނެކަން."
ކޮމަންޑޫގެ މަގެއްގައި ދެ އަންހެނަކު ހިނގާފައި ދަނީ: މި ރަށުގައި ކެމްޕޭން ފޯރިގަދަ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އެމްއެންޕީގެ ސަޕޯޓަރުންނަށް އޮތް ޔަގީން ކަމަކީ ހަންނާނަށް ދާއިރާ އިން ކުރާ އިތުބާރެވެ.
ސަރުކާރަށް ކޮމަންޑޫ ދާއިރާ މިހާ މުހިއްމުވި އިންތިހާބެއް މިހާތަނަށް ނާންނަ ކަމަށް ގިނަ ބަޔަކު ބުނަނީ ކުއްލިއަކަށް މަޝްރޫއުތަކުގެ ސްޕީޑް އަވަސްކޮށް، ބަޖެޓް ނުކުރިއަސް ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅައިލުން ފަދަ މަޝްރޫއުތައް ދައްކަމުންނެވެ. ވޯޓާ ގުޅުވައި ފެށިއަސް އެއީ ގިނަ ބަޔަކު ދެކޭ ގޮތުގައި ކޮންމެ ސަރުކާރެއް އޮތަސް އެ ރަށަށް ކޮށްދޭން ޖެހޭނެ ކަންކަމެވެ.
"ވަރަށް ބޮޑެތި ހޭދަތަކެއް މަޝްރޫއުތަކުން ސަރުކާރުން މި ދާއިރާ އަށް ކުރަމުން އަންނަތަން ވެސް އެބަފެނޭ. އެކަމަކު ވޯޓުގައި މި ރަށު މީހުން އެ ކަމަކަށް ނުބަލާނެ،" އެކަކު ބުންޏެވެ.
މިހާ ވާދަވެރިކަން އޮތަސް ކޮމަންޑޫގައި ޕާޓީތަކުން ހިފަހައްޓާ އުސޫލްތަކެއް ހުރެ އެވެ. ކެމްޕޭން ހަރަކާތަކުން ރަށުގެ މަސްލަހަތު ގެއްލިގެން ނުވާނެ އެވެ. ޕީޕީއެމްގެ ދިދައަކާ ޖެހިގެން އެމްޑީޕީގެ ދިދައެއް ދަމާފައި ހުރީ އެ ހަމައަށް ސިޔާސީ ކަންކަމުގައި އިސްވެ މި ރަށުގައި އުޅޭ މީހުންނަށް އެއްބަސްވެވިގެންނެވެ.
ކޮމަންޑޫ: މި ރަށުގެ ކެމްޕޭން ހަރާކާތްތަކުގެ ފޯރިގަދަޔަސް މަސްލަހަތު ނުގެއްލޭނެ ކަމަށް ގިނަ ބަޔަކު ބުނޭ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"ފޯރި ކިތަންމެ އެރިޔަސް އެއް ބަޔަކު އަނެއް ބަޔަކު ގަޔަށް އަތްލާ ހިސާބަކަށް ނުދާނެ. އެއީ ކުރީއްސުރެ ފެށިގެން ވެސް އޮންނަ ގޮތް،" ކުރިން ވާހަކަ ދެއްކި އިސްމާއިލް ބުންޏެވެ.
"އިންތިހާބު ނިންމާލާނީ އަމާންކަމާއެކު."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯޒަސް
07 February 2022
މުސްކުޅިން ބުނެއުޅޭ ވެހޭތާ ފެން ނާގާށޭ... ސާބަސް ތިރަށު މީހުންނަށް.. ފަޅު ފުރި ޖީބުވެސް ފުރިފަ މިހާރު ހުންނާނީ
ލިބޭތަ
04 February 2022
އެމްޑީޕީއަށް ތިޔަ ގޮނޑި ލިބުމުން ދައްކައިދޭނީ ލިބިފައި އޮތް ވެރިކަމުގެ ބާރުގެ ބޭނުންކޮށްގެން ބަޖެޓުން ބޭރުން ގަވައިދާ ޚިލާފަށް ތިމާވެއްޓަށް ނުބަލާ އެހާ މުހިއްމުނުވާ އަދި އެވަރުގެ ޚަރަދެއް ކުރަންނުޖެހޭ ދާއިރާއަކަށް ގޮނޑި ހޯދައިދެވުނުކަން. ރައްޔިތުން އެ ޕާޓީއަށް ވޯޓް ދިނުމުން ދޭހަވާނީ ރައްޔިތުންނަކީވެސް އެފަދަ ކަންކަން ބަލައިގަންނަ އެފަދަ ކޮރަޕްޓް ކަންކަމުގައި ބައިވެރިވާ ބައެއްކަން. ފާޅުގަ ނުފޫޒު ބޭނުންކުރުމަކީ ދެން އަބަދުވެސް ކުރާނެ ކަމެއްކަން.
އޮންނަގޮތް
04 February 2022
އެކަކު އަނެކަކުގެ ގަޔައް އަތްނުލައިފިއްޔާ އެ ނިމުނީތޯ. އޭރުން އެ ވަރައް ރަނގަނޅު އުސޫލުތަކެއް ހިފެހެއްޓުނީތޯ.
ސަ ފަރު ކައްދެ
04 February 2022
ޤާސިމަށް ވޯޓުދޭނީ އިނގޭ!
އަތްޖަހާ
04 February 2022
އަޅުވެތި ވުމާ ދެކޮޅަށް ނޫނެކޭ ބުނޭ
ޖޯޖް
04 February 2022
ކޮނއ ކަމަކު އަޅުވެތި ކަމާ ދެކޮޅަށް ވައްކަމާ ދެކޮޅަށް ނޫނެކޭ ބުނަން ވީ
އަތްޖަހާ
04 February 2022
އަރުމެންނެއް އިންޑިއާ ޕާޓީއަކަށް ވޯޓެއް ނުދޭނަން
ޖޯޖް
04 February 2022
ކަލޭ ނުދިނަސް ހޮވޭނެ އިންޝާﷲ ކަލޭމެން ވޯޓުދޭނީ ދައުލަތުގެ ހަޒާނާ ގެ ތަޅުދަނޑި ދޭ މީހަކައް
މޯޑް
04 February 2022
އިއްވާލި ރިޔާސީބަޔާނަކުން ބޮއިކޮޓް ކުރި އިދިކޮޅޭމެން ތަލިން ކުޅުހިކިންޖެ. މިރޭ ނުވެސް ނިދޭނެ ކަންނޭ. ސިޔާމޫ
ބޮޑުމީހާ
04 February 2022
2 މަސްދުވަހު ރައްޔިތުންކުރާ މަސައްކަތް ހުއްޓާލާފަ ސިޔާސީ ކަންތައްތަކާއި އުޅުމަށްވުރެ މޮޔަކަމެއް ނޯންނާނެ! ރައްޔިތުން ތަމްސީލުކުރަން ހޮވާ މެމްބަރުންގެ ތެރެއިން ރައްޔިތުންގެ ވިންދާއި އެއްގޮތަށް ވާހަކަ ދެއްކޭނީ ކިތައް މީހުންނަށްބާ! މިހާރު ތިބި 85 މެމްބަރުންގެ މާދަމާ ވޯޓެއް ނެގިޔަސް 4 ބައިކޮށްފަ 3 ބައި ނުހޮވޭނެ
ސާދާސީދާ
03 February 2022
ކުރިއެކޭ އެއްގޮތަށް އަމާންކޮށް އިންތިޚާބު ނިންމާލާނެ ކަމުގެ ޔަޤީންކަން ލިބޭތީ އުފާވޭ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް އެންމެ ހެޔޮ ގޮތް މިންވަރު ކުރެއްވުމަށް އެދި ކީރިތި ﷲ އަށް ދުޢާ ދަންނަވަން.
މުޖާހިދުންގެ ހަނދާނުގައި
03 February 2022
ކޮމަންޑޫ ދާއިރާގެ ޒުވާނުން ހޭއަރާށޭ. ދިވެހިޤައުމުގެ ހާލުގުދުލުން ގޮވާއަޑުއަހާށޭ. މިފަސްގަނޑު އިސްލާމްދީން އަނބުރާ ގެނެސްދިން އިސްލާމީ މުޖާހިދު ގަދަހިތްވަރު ނެރުނު ދެފަސްގަނޑު މިއަދުވެސް ވަނީ ތިޔަ ޒުވާނުންގެ ކުރިމަތީގައޭ. ޢެދުވަހުގެ ހިތްވަރުނެރެ އާކޮށްދޭށޭ. އޭ ޒުވާނުންނޭ ހޭއަރައި ހޭލައި ތިބޭށޭ.