ހުޅުމާލޭ ދެވަނަ ފިޔަވަހި: މި ސަރަހައްދުން މީގެ ކުރިން ވެސް ބިން ވިއްކި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
08 ފެބުރުއަރީ 2022 - 11:26
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭގެ މީހުންނަށް ވިއްކާ 60 ބިމުގެ ތެރެއިން ބީޗް ފްރަންޓުގެ 26 ބިމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މާދަމާ އޮންނާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކި ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ލިބޭނީ ހަމައެކަނި މިދިޔަ މަހުގެ 31 ގެ ނިޔަލަށް ބީލަން ފޯމު ގަތް މީހުންނަށެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދެވަނަ ފިޔަވަހީގެ އަތިރިމަތީގެ ކުރިމަތިން ނުވަތަ ބީޗް ފްރަންޓުން ބިން ގަންނަ މީހުންގެ ބީލަން ފޯމު ބަލައިގަންނާނީ މާދަމާގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކަމަށެވެ. ބީޗް ފްރަންޓުން ވިއްކާނީ 26 ގޯއްޗެވެ.
ބާކީ 34 ގޯތި ވިއްކާނީ ބީޗް ސައިޑުން ކަމަށް ވާއިރު، އެ ގޯތިތަކުގެ ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 16 ގަ އެވެ. ނަމަވެސް އެ ބީލަން ހުޅުވުން ބާއްވާނެ ތަނެއް އަދި ނުނިންމަ އެވެ.
ބީޗް ފްރަންޓުން ވިއްކާ 26 ގޯތީގެ ބީލަން ހުޅުވުން އޮންނާނީ މާދަމާގެ މެންދުރު 1:00 ގަ އެވެ. ބީލަން ފޯމު ބަލައިގަތުމާއި ބީލަން ހުޅުވުން ވެސް އޮންނާނީ ހ. މީރުމާގެ ފަސް ވަނަ ބުރީގަ އެވެ.
އެޗްޑީސީން ބުނީ ކޮންމެ ބީލަން ފޯމަކާއެކު، ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ އެންމެ މީހަކަށް ކަމަށެވެ. އަދި އެތަނަށް ހާޒިރުވާ މީހުން، އން ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކަށް ސަަމާލުވުމަށް އެދެ އެވެ.
ބީލަން ފޯމު ހުށަހަޅަން ހާޒިރުވާ މީހުންގެ ކުރިމަތީގައި ބީލަން ހުޅުވުމަށް ފަހު، އަކަފޫޓަކަށް ބީލަން ފޯމުގައި ހުށަހަޅާފައިވާ އަގު އިއުލާނުކުރާ ގޮތަށް ހަމަޖެހިފައިވާއިރު ބިޑް ސެކިއުރިޓީއަކީ 320،000ރ. އެވެ.
ދެވަނަ ފިޔަވަހިން 60 ބިން ވިއްކުމަށް އެޗްޑީސީން ފުރަތަމަ ހުޅުވައިލިއިރު، އޮތީ އެންމެންނަށް އެ ކަމަށް ފުރުސަތު ލިބޭ ގޮތަށް ކަމަށް ވިޔަސް ފަހުން ނިންމީ މާލޭގައި ރަޖިސްޓަރީ ވެފައިވާ މީހުންނަށް އެކަނި އެ ބިންތައް ހާއްސަ ކުރުމަށެވެ. އެހެންވެ، އެއީ ނަސްލީ ތަފާތުކުރުން ކަމަށް ބުނެ އެތައް ބައެއްގެ ނުރުހުން އެޗްޑީސީ އަށް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް އެ ނިންމުން އެ ކުންފުނިން ބަދަލެއް ނުކުރެ އެވެ.
ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ހިއްކައި އެތަނުގައި މިހާރު ވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށް އެބަދެ އެވެ. އެކަމަކު މާލޭގެ މީހުންނަށް ގޯތި ނުދީ، ހުޅުމާލެ އިން ބިން ވިއްކާތީ އެ މައްސަލަ އޮތީ ބޮޑުވެފަ އެވެ. އަދި އިދިކޮޅު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް މާލޭ ސިޓީ ކައުންސިލާއި އެމްޑީޕީގެ ބައެއް އިސްވެރިންގެ މެދުގައި ވެސް އެ ކަންބޮޑުވުން އެބައޮތެވެ.
އެކަމަކު ސަރުކާރުން ބުނެފައި ވަނީ މާލޭގެ މީހުންނަށް މި ސަރުކާރުން ގޯތި ދޫކުރުމަށް ޕްލޭން ކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު އިއްވެވި މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކަން އިއުލާން ކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ، މާލެ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކައި އެތަނުން މަދުވެގެން 2،000 ގޯތި މާލޭގެ މީހުންނަށް ދޫކުރާނެ ކަމަށެވެ. ރައީސް ވިދާޅުވީ، މާލޭގެ މީހުންނަށް ހާއްސަކޮށް ހުޅުމާލޭގައި އަޅަމުން އަންނަ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށާއި އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ހުޅުމާލޭގައި ފެށޭނެ ކަމަށެވެ.
"އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެ އިން މަދުވެެގެން 1،000 ގޯތި، ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދޭނަން. މި މަސައްކަތް މި އަހަރުގެ ޖޫންގައި ފަށާނަން. އަދި ގިރާވަރު ފަޅުން ހިއްކާ ބިމުން ވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނަން،" ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު.
08 February 2022
ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާ ބިން ދޭންވާނީ ގުރުއަތުން ދިމާވާ ގެދޮރުނެތް ފަރާތްތަކަށް ހަދާނެ ފައިސާ އާއި އެކު. އެއިރުން އާއިލާގެ ތަނަވަސްކަން އިތުރުވި ވަރަކަށް ދައުލަތައް ޓެކްސް ލިބޭވަރު ގިނަވާނެ. ނީލަން ކިޔަންޏާ ލިބޭނީ އަބަދުވެސް ތަނަވަސްކަންހުރި ފަރާތްތަކަށް.
ހަމަ ހިނި
09 February 2022
ކަލޯހީކުރީ މީ ސިންގަޕޫރު ކަމަށްތަ. ތަންކޮޅެއް ގިނައިން ސިޔާސީ މީހުން އަރާ އެހެން ކިޔާލީމަ.. މީ ހަމަ ބިކާރި ގައުމެއް. ދައުލަތުގެ 25 ޖަހާ ސިޔާސީ މަގާމު ތަކަށް މުސާރަ ދެނީ ތެޔޮ ވިއްކައިގެން ތަ
ޖަބުލާނީ
08 February 2022
މާލޭގެ އާދައިގެ މީހަކަށް މިތަނުން ކިހިނެއް ގޯއްޗެ ގަން ނާނީ ސިޔާސީ ބޮޑުންނާއި މަޖްލިސް މެމްބަރުންނާއި ރިސޯޓް އައުނަރުންގެ ތަންތަން މީހުސް .... މިއޮތީ ވާ ޣާއުމެއް....!!!!!
މޑޕ މުއްސަންދިން މުއްސަންދިކުރުމުގައި
08 February 2022
ބިން ވިއްކައިގެން ބިން ހިއްކުމުގެ ފުރިހަމަ އަގު ނުލިބޭނެ ވީމާ ފަގީރުންގެ ޓެކްސް ފައިސާއިން ހިނގާ ސަރުކާރުން ތިޔަ އެހީވެދިނީ މުއްސަންދިންނަށް
ކަބް
09 February 2022
މުއްސަދީންނެވެ އަގު ބޮޑު އެއްޗެހި ވިއްކާ ގިނަ ޓެކްސް ފައިސާ ދައްކަނީ
ނޯ ތޭކްސް
08 February 2022
"މާލޭގެ މީހުންނަށް" މުއްސަދިންނަށޭ ކިޔާބަލަ..
ތޭންކް
09 February 2022
ހަގީގީ މާލެ މީހުން ނުލާހިކު މުއްސަނދި. ފޮތްފޮތުގަ ތިބި އާއިލާތަށް. ދެން މިއުޅެނީ ކޮންމެސް ޒަމާނަކު ގޯތި ފަޅިއެއް ގަނެގެން ނޫނީ ލިބިގެން އުޅޭ ރައްރަށު ކުދިން
ދޮންބެއަލީ
08 February 2022
ވަކި ބަޔަކަށް ހުޅުމާލެއިން ގޯތި ވިއްކުން އެއީ ނަސްލީ ތަފާތު ކުރުން..
މުރުތަލާ
09 February 2022
ވަކި ބައެކޭ ނުކިޔާ ރަށްރަށުގައި ކަލޭމެން މިއޮށްހާ ދުވަހު ކަންކުރީ އެހެން. މީކީ މާލޭ ރައްޔިތުަންނަށް ވިއްކާ ބިމެއްނޫން. ސީދާ މަހުޖަނުންނަށް ވިއްކާ ބިން
ކޮރަލް
08 February 2022
ތިޔަ ޑްރާމާ އޮތީ ނިމިފަ އެވެ. ވިޔަފާރިވެރީންނާ އެމްޑީޕީގެ ނުފޫޒު ގަދަ މީހުންނެވެ. ރައްޔިތުންނަށް ބީޗް ކައިރިން ފްލެޓް އަދި ގޯއްޗެއް ނުދޭނެ އެވެ. 3 އަހަރު ތެރޭ ކެއި ފައިސާ އަށް ގޯތި ގަންނަނީ އެވެ.
މާލޭގެދޮރުގެދަތިކަންހުރިމާލޭމީހެއް
08 February 2022
ހުޅުމާލެ ފުރަތަމަ ހިއްކީ މާލޭ މީހުންނަށް ގޯތިދޭން. އެމްޑީޕީ ސަރުކާރުން ހިއްކި ބިމެއްނޫން ހުޅުމާލެއަކީ. އެމްޑީޕީ ސަރުކާރުން އުފެއްދި ކުންފުންޏެއް އެޗްޑީސީ އަކީ. ލާމަރުކަޒު ޤާނޫނުގައި ވާގޮތުގައި ހުޅުމާލޭގެ ބިންތަކަކީ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައިވާ ހިމެނޭ ބިންތަކެއް. އެކަމަކު އެމްޑީޕީ އަށް މާލޭ ސިޓީގެ މެޖޯރިޓީ ނުލިބުނީމަ, ލާމަރުކަޒުކޮށް ރަށްތަކާ ސިޓީތައް ހިންގާ ބަޔަކީ އެމްޑީޕީ ގޮވަމުންގޮއްސަ, މާލޭސިޓީ ނުލިބުމުން މިހާރު ހަދާގޮތަކީ, މާލޭސިޓީގެ ބާރުދަށުގައިވާ ބިންތަކާއި ޖެޓީތައްވެސް އެތިބީ ހިފަހައްޓައިގެން ލާމަރުކަޒުކޮށް ހިންގާ އުޅޭބަޔަކީ ހަމައެކަނި އެމްޑީޕީއޭ ގޮވަގޮވާފައި. އެހެން ބަޔަކަށް މާލޭގެ މެޖޯރިޓީލިބުމުން ލާމަރުކަޒުގެ ޤާނޫނުގައި މާލޭސިޓީއަށް ލިބިދޭ ބާރުތައް މުށުތެރެއަށްލައިގެން ބާރުތައް ހިފަހައްޓައިގެން. ހުދުމުހުތާރު ވެރިކަމެއް މީ. މާލޭ މީހުން ދެން އިންޝާ ﷲ މިސަރުކާރަކަށް ވޯޓެއް ނުދޭނެ ނުދޭނަން.
ޢަރުތަ
08 February 2022
ދެން ވަކި ކޮން ސަރުކާރަކަށް ވޯޓު ދޭންވީ، ދޭނެ ބަޔަކު ނެތެއްނު، އެހެން ވީމަ އެއްވެސް ބަޔަކަށް ވޯޓު ނުދޭންވީ!
48343
08 February 2022
މުއިއްޒޫ. މިކަން ހުއްޓުވާން ކޮންމެސްކަމެއްކޮށްބަލަ. މިހެންބުނީމާ ފިލާއޮވެ އަނެއްކާ ބިޑުކުރާނީއެއްނޫން.
އެޕިކްޝެލްޓަރ
08 February 2022
އެޕިކްޝެލްޓަރ ބައި ލަކްސްގެ އިސްވެރީން ހިޔާ ފްލެޓް ހެދުމުގެ ނަމުގައި އެތައް ބަޔަކު އަތުން ލާރިނެގުމަށްފަހު ހުޅުމާލެއިން ބިންގަތުމށް ބިޑްތައްޔާރު ކުރާކަމުގެ މައުލޫމާތު އެބަ ލިބޭ، މިއީ ކިހާވަރެއްގެ ތެދެއްބާ؟ އެތައްބަޔަކު ހާލުގައި ޖެހިފައި މި އެޕިކް މީހުންނާ ހެދި، އެތަނުގެ ވެރީން ހެވިފައި. ދައުލަތުގެ އެއްވެސް އިދާރާއަކުން ކަންބޮޑުވެގެން އުޅޭތަނެއް ނުފެނޭ.