އައްޑޫ ހުޅުދޫ ބަނދަރު ސަރަހައްދު: އައްޑޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ހުއްޓާލަން ޖަމިއްޔާތަކުން ވަނީ ގޮވާލާފައި.
15 ފެބުރުއަރީ 2022 - 21:28
އައްޑު އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ފަށަން އުޅޭ ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ ސަބަބުން އެ އަތޮޅުގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުން ފާހަގަވެފައި ވާތީ އެ މަސައްކަތް ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ތިމާވެށީގެ ހައްގުގައި އަޑުއުފުލާ ބައެއް ޖަމިއްޔާތަކުން މިއަދު ގޮވާލައިފި އެވެ.
އައްޑޫން 236.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު މި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރަން ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ. އެ މަޝްރޫއު މިހާރު ވެސް އޮތީ ބަޔަކަށް އެވޯޑުކޮށް މަސައްކަތް ފަށައިގަންނަ ހިސާބުގައި ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްޑޫގެ ބިން ހިއްކުމާ ދެކޮޅަށް ތެދުވީ ޓްރާންސްޕޭރެންސީގެ އިތުރުން ސޭވް މޯލްޑިވްސް އާއި ޒީރޯ ވޭސްޓް މޯލްޑިވްސް އާއި މޯލްޑިވްސް ރިސިލިއަންޓް ރީފްސް އާއި ލޭންޑް ސީ މޯލްޑިވްސް އަދި އިކޯކެއާ މޯލްޑިވްސް އިންނެވެ.
އެ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނީ މި މަޝްރޫއު އަށް 6.9 މިލިއަން ކޮޑި މީޓަރުގެ ވެލި ބޭނުންވާ އިރު، މިކަމަށް ބޭނުންވާ ވެލި ނަގަނީ އައްޑޫގެ އެތެރެވަރީގެ ދެ ސަރަހައްދަކުން ކަމަށެވެ. އެއީ މުޅި އެތެރެވަރީގެ 42 ޕަސެންޓް ސަރަހައްދަކަށް ވުމުން، އޭގެ ސަބަބުން އައްޑޫ އަތޮޅު ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.
ޖަމިއްޔާތަކުގެ ކަންބޮޑުވުމަކީ އެހާ ގިނަ އަދަދެއްގެ ވެލި ނަގައި ބިން ހިއްކުމުން އެ ސަރަހައްދު މުޅިން ކިލަނބުވެ، ކަނޑުގައިވާ މުރަކަ ފަރުތަކާއި މަސްމަހާމެހީގެ ވެށިތައް ހަކާލުވެ، ދިރުންތައް މަރުވުމުގެ ބިރު އޮތުމެވެ.
އެ އަތޮޅު އުފެދިފައިވާ ގޮތުން މާކަނޑަށް ވަދެ ނުކުމެވޭ ހަތަރު ކަނޑުއޮޅި އޮންނައިރު ދެ މޫސުމުގައި ވެސް އަތޮޅުގެ އޮއިވަރު އޮންނަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައި ކަމުން، ވެލި ނަގާ ސަރަހައްދުގައި އުފެދޭ ކިލަނބުގަނޑު ސާފުނުވެ ދިގު މުއްދަތެއް ވަންދެން އޮތުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އީއައިއޭ ރިޕޯޓްގެ މައްޗަށް ބިނާކޮށް، ބަޔާނުގައި ވަނީ އެ ޖަމިއްޔާތަކުގެ ގިނަ ކަންބޮޑުވުންތަކެއް އޮއްސާލައިފަ އެވެ.
- އީއައިއޭ ރިޕޯޓުން އެނގޭ ގޮތުގައި މި މަޝްރޫއުގެ ސަބަބުން 21 ހެކްޓަރުގެ މުރަކައަށާއި 120 ހެކްޓަރުގެ މޫދު ވިނައިގެ މައްޗަށް ކިސަޑު އެޅޭނެ.
- އައްޑޫގެ ބަޔޮސްފިޔާ ރިޒާވް ހަލާކުވެ، ވެލި ނަގާ ސަރަހައްދުތަކާ ކައިރީގައި ހިމަޔާތްކޮށްފައިވާ ތަންތަން ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް) އާއި ކޯމަހާއި ވެލަޔާއި މަޑި ފަދަ ދިރުންތައް ކުޑަކަނޑުގެ ސަރަހައްދަށް ގެއްލުން ވާނެ.
- ޑައިވް ޕޮއިންޓެއް ކަމަށްވާ ބްރިޓިސް ލޯޔަލްޓީ ޝިޕްރެކް ސަރަހައްދުން ފެންނަ މިޔަރު ފަދަ ދިރުންތައް މަދުވާނެ
- ކަނޑުގެ ދިރުންތަކަށް ގެއްލުންވުމުން މިހާރު ވެސް ވަރަށް ހާލުގައި އޮތް އައްޑޫގެ ޓޫރިޒަމަށް 17 އާއި 27.4 މިލިއަން ޑޮލަރާ ދެމެދުގެ އަދަދު ގެއްލުން ވާނެ ކަމަށް އަންދާޒާކުރެވޭ.
މީގެ ކުރިން ވެސް އައްޑޫގައި ހިންގާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ސަބަބުން ގެއްލުންތައް ވެފައިވާ ކަމަށާއި އެގޮތުން ފޭދޫގެ ބިން ހިއްކުމުގެ ފަހުން އެ ސަރަހައްދުގެ އެތެރެވަރި ކިލަނބުވެ، މަސްވެރިކަން ދަތިވި ކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެ ސަރަހައްދުން އެންވެރިކަން ދަށްވެ، މަސްވެރިން އެންވެރިކަމަށް ހުވަދޫ އަތޮޅަށް ދާން ޖެހުނު ކަމަށާއި މި މަޝްރޫއުގެ ސަބަބުން ވެސް އެފަދަ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެފައިވެ އެވެ.
ސަރުކާރަށް މި ހުރިހާ ކަމެއް އެނގެ ތިބެ، މި މަޝްރޫއު ކުރިއަށް ގެންދިއުމަކީ ރައްޔިތުން ނޭނގުމެއްގެ ތެރޭގައި ބައިތިއްބާ ފަހުން އޭގެ ދަތި އުނދަގޫ ތަހައްމަލުކުރަން ޖެހޭނެ ކަމެއް ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.
އައްޑޫން ބިން ހިއްކަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫން ހިއްކަން ހަމަޖެހިފައިވާ 90 ހެކްޓަރު، މަރަދޫ/މަރަދޫފޭދޫން 75 ހެކްޓަރު އަދި ހުޅުދު އާއި މީދޫން 38 ހެކްޓަރުގެ ބިމެވެ. މީގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޓޫރިޒަމަށް އައްޑޫ ހުޅުވާލަން ބޭނުންވާ ބިން ހިއްކުމުގެ ޕްލޭންގެ ދަށުން އެކި ސަރަހައްދުތަކުން 25 ހެކްޓަރުގެ ބިން ހިއްކުން ވެސް ހިމެނެ އެވެ.
އައްޑޫ ފޭދޫގައި ހުރި ޗަސްބިންތަކަށް ވެލި އަޅައިގެން ހިއްކުމުގެ މަސައްކަތް ވެސް މި މަހު ވަނީ ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން.
16 February 2022
އައްޑޫގެ އެތައްބަޔަކު މިހާރުވެސް ގެތައް ފަޅުކޮށް މާލެއަށް ދަނީ ބަދަލުވަމުން. އެއީ އެމީހުން އަތުގަ ބިން ނެތީމަތަ؟ ނޫނީ އެމީހުން އަތުގަ މާލެއިން މާބޮޑު ބިން އޮވެގެން ނޫނީ މާލެއިން ބިން ހޯދަން ފަސޭހަކަމުންތަ؟ ހަގީގަތުގަ ބިމަށް އެހާ ޑިމާންޑް އޮތްނަމަ މާލެހެން އުސް އިމާރާތްތައް ފެންނާނެ. އޭގެ ބަދަލުގަ ފެންނަނީ ފަޅު ގެތައް. އެހެންވީމަ ޖެހިގެން އުޅޭ މައްސަލަޔަކީ ބިން ނެތުމުގެ މައްސަލައެއް ނޫން. އައްޑޫއިން ގިނަ މީހުން މާލެއަށް ދަނީ ރަށުގަ ވަޒީފާ ނެތީމަ.
ނަން.
16 February 2022
ބިން ބޮޑުވީމަ ތަރައްގީ ވަންޏާ މިހާރުވެސް ރާއްޖޭގެ އެއްމެ ތަރައްގީވެފަ އޮންނާނީ ލާމު އަތޮޅާ އާއްޑޫ. އެކަން އޮތީ އެހެންތަ؟ ބޭރުން ބޮޑެތި ލޯނު ނަގައިގެން ސިޔާސީ މަދުބައެއްގެ ޖީބަށާ ބޭރުގެ ކުންފުނިތަކަށް ރައްޔިތުންގެ ފައިސާ އެޅިޔަސް އަދި ތަރައްގީއެއް ނުވާނެ. ބިމަށް ހަގީގަތުގަ އެހާ ޑިމާންޑު އޮތްނަމަ މާލެއާ ދުނިޔޭގެ ސިޓީތައްހެން އުސް އިމާރާތްތައް އެޅޭނެ މުޅި ތިމާވެށި ފުނޑާ ނުލާވެސް. ތި ފައިސާ ކަނޑަށް ނާޅާ އައްޑޫގަ ވަޒީފާ އުފެއްދުން މާ ރަނގަޅުވާނެ.
މާލެރައީސް
16 February 2022
މާލޭ-ބޭސްޑް ޖަމްއިއްޔާތައް އައްޑޫ ތަރައްޤީ ކަންކަމަށް ހުރަސްއަޅަންއުޅޭ ބައެއް. އިހަކަށްދުވަހު ރައީސް އިބްރާހީމް ވިދާޅުވި މިސަރަހައްދުގަ ހުރި ހިއްކޭނެތަނެއް އޮތިއްޔާ މާލޭ މީހުނަށް ގޯތި ދޭނަމޭ. ރާއްޖޭގަ ބިންތައްއެބަހުރި، އެފަރާތްތަކަށް ލ ގަންފަދަތަންތަނުން ގޯތި ދީބަލަ، މާލޭ ސަރަހައްދުން ގޯތި ދެންޏާ ހަމަހަމަކަމާއެކު ހުރިހާ ދިވެހިންނަށް ދީބަލަ. މިއިން އެއްވެސް ޖަމްއިއްޔާއަކުން ޗުއްޕުވެސް ނުބުނޭ، މިސަރަހައްދުގެ މަސްމަހާމެއްސާ ފަރުތައް ހަލާކުވެދާނެތީ.
އަސްލު އައްޑޫ މީހާ (އސ)
16 February 2022
މާލެ މީހުންއައް ހަޖަމް ކުރަން އުދަގޫވާަނެ އައްޑޫ ތަރައްގީކުރަން އުޅެފިއްޔާ. މާލެވަށާ ހިއްކިއިރުގަ ތިމާވެށީގެ އެއްވެސް މައްސަލައެއްނެތް. އޭގެވާހަކައެއް އަޑުވެސް ނީވޭ. ޕޮލިސް ޓްރެއިނިން އެކަޑަމީ ވެސް އައްޑޫގަ އެޅީމަ މައްސަލް މިޖެހުނީ، އިންޑިޔާ ތަނެކޭ ކިޔާފަ. އެވެސް މާލެސަރަހައްދުގަ އެޅިނަމަ މައްސަލަ ނުޖެހޭނެ. އައްޑޫ ތަރައްގީގެ ހުރަހަކައް މާލެ ރައްޔިތުން ހާއްސަކޮއް ޖަމިއްޔާތައް ނުވުމައް ގޫވާލަން
އަައްޑު ގަ ދިރިއުޅޭ އަސްލު އައްޑޫ މީހާ ( އސ)
16 February 2022
މާލެ މީހުންއައް ހަޖަމް ކުރަން އުދަގޫވާަނެ އައްޑޫ ތަރައްގީކުރަން އުޅެފިއްޔާ. މާލެވަށާ ހިއްކިއިރުގަ ތިމާވެށީގެ އެއްވެސް މައްސަލައެއްނެތް. އޭގެވާހަކައެއް އަޑުވެސް ނީވޭ. ޕޮލިސް ޓްރެއިނިން އެކަޑަމީ ވެސް އައްޑޫގަ އެޅީމަ މައްސަލް މިޖެހުނީ، އިންޑިޔާ ތަނެކޭ ކިޔާފަ. އެވެސް މާލެސަރަހައްދުގަ އެޅިނަމަ މައްސަލަ ނުޖެހޭނެ. އައްޑޫ ތަރައްގީގެ ހުރަހަކައް މާލެ ރައްޔިތުން ހާއްސަކޮއް ޖަމިއްޔާތައް ނުވުމައް ގޫވާލަން.
ރައްޔިތޭ
16 February 2022
ބިންހިއްކައިގެން ކަންތައްކުރަން އެދެނީވެސް ރައްޔިތުން. ހުއްޓާލަންގޮވަނީވެސް ރައްޔިތުން. ދެނޯ؟
އަސްލު އައްޑޫ
16 February 2022
ބިންހިއްކައިގެން ކަންތައްކުރަން އެދެނީ އައްޑޫ ރައްޔިތުން. ހުއްޓާލަންގޮވަނީ މާލެ، އައްޑޫ ނުން (ރާއްޖޭގެ އެހެނިހެން) ރައްޔިތުން. ކަމާނުބެހޭ ޖަމިއްޔާތަކުން، އައްޑޫ ތަރައްގީވެދާނެތީ ބިރުން އުޅޭ މީހުން
ބޮޑުމީހާ
16 February 2022
މި ޓްރާންސްޕޭރަންސީ މީހުންނަށް ނޭގޭ ކަމެއްވެސް ނޯވޭ! މުޅި މާލެ ވަށައިގެން ހިއްކައި ނަގާއިރު މިމީހުން ނިދާފަތަ މިތިބެނީ. އައްޑޫ ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކަންވީ. މާލެ ސިޓީއަށް ވުރެ ބޮޑަށް ތަރައްގީކުރަންވީ. ތޮއްޖެހިގެން މާލޭގަ އުޅޭހާ ހިދަނކު ބަޔަކު މީހުން ދެއަތް އުރާލައިގެން ވިލާތު ގައުމުތަކުގަ އުޅެން ފުރުސަތު ލިބޭނެ
ލޯލް
16 February 2022
މާލެ، ހުޅުމާލެ 1، ހުޅުމާލެ 2، ހުޅުލެ އެއްކޮށްލީމަވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކަށްވުރެ ކުޑަ... ދެން ކީއްވެ ތަރައްގީ ނުވީ؟ ނުވީ އައްޑޫގަ ތިބި މުއްސަދިންތައް އައީ މާލެ، މާލެ ތަރައްގީ ކުރަން... ގެޓް އިޓް؟ ޔޫ ޑްމް އިޑިއަޓް!
ބޮޑުރިޔާ
16 February 2022
މިގޮތަށް ކިލަނބުވެގެން ފަރަށްލިބޭގެއްލުން ދުވަސްކޮޅަކުން ރަނގަޅުވެދާނެ ނަމަވެސް މިކަންނުކޮށްފިނަމަ އިންސާނިއްޔަތަށް ލިބޭ ގެއްލުން ދުވަހުން ދުވަހަށްދާނީ ބޮޑުވަމުން އެހެންވީމާ މިންކުރުން ސަރުކާރަށް ލާޒިމް
ހައިސިއްޔަތެއްނެތް
16 February 2022
އައްޑޫގައި ރައްޔިތުން ހޮވާފައި އޮތް ކައުންސިލަކާއި މަޖިލިސް މެމްބަރުން އެބަތިބި. އައްޑޫއާއި ރައްޔިތުންނަށް ގެއްލުންވާކަމެއްގައި ވާހަކަދައްކާނީ އެމީހުން. ނިދިން ހޭލެވުނު ތިންހަތަރު ޖަމުއިއްޔާއަކުން އައްޑޫގެ ކަންކަމާއި ނުބެހެވޭނެ. މިއުޅެނީ އެއްކަލަ "އައުޓު" ގެ ބައެއް. ހިތުން މިއުޅެނީ އެމީހުން ހިންގާ ޕްރޮޖެކްޓްތައް ހުއްޓުވަންވެގެން. އެންމެ ފުރަތަމަ ޖެހެނީ ޓްރާންސްޕޭރެންސީ ޓްރާންސްޕޭރެންޓްކުރަން. މިހާރު ވަރަށް ސުވާލުއުފެދޭ.
ކޮރޯނާބެ
16 February 2022
އަޅުގަނޑު ހިތައްއަރާ ހިއްކުމުގެ ބޭނުމަކީ ކޮބައިބާ!؟ ޓުއަރިޒަމް އެންދު އިތުރު ކުރަންބޭނުންވާނަމަ ޝަންގްރިއްލާ މުޅިން އެހެން ކޮންސްޕްޓް އަކަށް ބޭނުން ނުކުރެވޭނެތަ. އައްޑޫގެ ނެއް ފަޅުރަށެއް. އޮތްރައް އެންމެ ރަނގަޅު ރައް އޮތީ 2 ރޫމް އަޅާފަ!؟ އައްޑޫގެ ފަޅު އެބައޮށް ނުހިއްކާ ޓްއަރިސްޓުންނަށް ބޭނުންވާ ފެސިލިޓީސް ތައްގާއިމު ނުކުރެވޭނެތަ!؟ ކުރަން އުޅުނީމަ ކުރެވިދާނެ. ދެންއޮތީ ގެދޮރު، ބިންއަދި އެބައޮތް. ފްލެޓް ހަދާފަ ދޭންވީ.
އަސްލު އައްޑޫ މީހާ
16 February 2022
އަޅުގަޑުވެސް ހިތައް އަރާ މާލެ ވަށާ ހިއްކީ ކީއްކުރަންތޯ؟