އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުން ކުރިއަށް ދަނީ. --ފޮޓޯ:އޭއެފްޕީ
21 ފެބުރުއަރީ 2022 - 12:05
ވިލާތުގެ ގައުމުތަކާއި އެމެރިކާ އިން އީރާނާ އެކުގައި، 2015 ވަނަ އަހަރު ގާއިމުކޮށްފައިވާ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމުގައި، އީރާންގެ ގާނޫނު ހަދާ މަޖިލީހުން ވަރުގަދަ ޝަރުތުތަކެއް ކަނޑައަޅައި އިއްޔެ ފާސްކޮށްފި އެވެ.
ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން އޮސްޓްރިއާގެ ވިއެނާގައި މިހާރު ކުރަމުންދާ މަޝްވަރާތައް ނިމުމަކާ ކައިރިވެފައިވާ އިރު، އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ، ހުޅަނގުގެ ޚާއިނުންނާ އެކުގައި އެއްބަސްވުމެއް ހަދާއިރު، އިތުރަށް ސަމާލުވުމަށް އީރާންގެ ރައީސަށް ގޮވާލައްވައިފަ އެވެ.
އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފާސްކުރި ބަޔާނުގައި ރައީސް އިބްރާހީމް ރައީސީ އަށް ގޮވާލާފައި ވަނީ، ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރުމަށް އެއްބަސްވާއިރު، ގާނޫނު ހަދާ މަޖިލީހުން ކަނޑައަޅާފައިވާ ޝަރުތުތަކަށް ފުރިހަމަ އަށް ރައްކާތެރިވުމަށެވެ. މަޖިލީހުގެ 290 މެމްބަރުންގެ ތެރެއިން 250 މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރި އެ ބަޔާނުގައި ބުނެފައިވަނީ، މަޖިލީހުން ކަނޑައެޅި ޝަރުތުތައް ތަންފީޒު ނުކުރެވޭ ގޮތަކަށް، ނިއުކްލިއާ މުއާހަދާ އަށް އަމަލުކުރަން ފެށުމަށް އެއްބަސްވެގެން ނުވާނެ ކަމަށެވެ.
"އެމެރިކާގެ ހަރުކަށި އަދި ޓެރަރިސްޓް ސަރުކާރުންނާއި އެމެރިކާގެ ބަލިކަށި އަދި ނިކަމެތި ބައިވެރިން ކަމަށްވާ ފަރަންސޭސި ވިލާތާއި ޖަރުމަން ވިލާތާއި އިނގިރޭސި ވިލާތުގެ ސަރުކާރުތަކުން މިދިޔަ އަހަރުތަކުގައި ދުނިޔެއަށް ދައްކަމުން އައީ، އެ ގައުމުތަކަކީ އެއްވެސް އެގްރީމެންޓެއް އެމީހުންގެ މައްޗަށް ނުހިނގާނެ ބައެއްގެ ގޮތުގައި. އެހެންކަމުން، މި ތަޖުރިބާތަކުން އީރާން އިބްރަތް ހާސިލުކޮށް، ވަރަށް ސާފު ރަތް ރޮނގެއް މިފަހަރު ކަނޑައަޅަންޖެހޭނެ،" ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކުރި ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ބަޔާނުގައި، އީރާންގެ ރައީސްގެ އަރިހުން އެދިވަޑައިގެންފައިވަނީ، ނިއުކްލިއާ މުއާހަދާ އަށް އަމަލުކުރަން އީރާނުން އެއްބަސްވުމުގެ ކުރިން، އެ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމަށް ފަހުގައި، އެމެރިކާ އާއި އަނެއް ތިން ގައުމު އެ މުއާހަދާ އިން ވަކިނުވާނެ ކަމުގެ ޔަގީންކަން ހޯއްދެވުމަށެވެ.
އީރާންގެ ނިއުކްލިއާ މުއާހަދާ އަށް އަމަލުކުރަމުން އައިސް، އެމެރިކާ ވަނީ 2018 ވަނަ އަހަރު އަމިއްލަ އަށް އެ މުއާހަދާ އިން ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެ މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވާން ނިންމީ، އެމެރިކާގެ ރައީސް ކަމުގެ މަގާމާ ޖޯ ބައިޑެން ހަވާލުވެވަޑައިގަތުމަށް ފަހު، މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.
"ނިއުކްލިއާ މުއާހަދާގައި ބައިވެރިވުމަށް ފަހު، އެ މުއާހަދާއިން ވަކިނުވާނެ ކަމަށް އެމެރިކާ ސަރުކާރާއި ނިއުކްލިއާ މުއާހަދާގެ އެހެން ބައިވެރިން ވެސް ވައުދުވާންޖެހޭނެ،" ނިއުކްލިއާ މުއާހަދާއާ އީރާނު ޚިލާފުވެއްޖެ ހާލަތެއްގައި، އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތައް އީރާންގެ މައްޗަށް އޮޓޮމެޓިކުން ތަންފީޒުވާ ގޮތަށް އެ މުއާހަދާގައި އޮންނަ މާއްދާއާ ހަވާލާދީ، ގާނޫނު ހަދާ މަޖިލީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، އީރާނަށް ދަތިކުރުމަށް 2018 ވަނަ އަހަރު އެމެރިކާ އިން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް ވެސް، އެ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމުގެ ކުރިން އުވާލަންޖެހޭނެ އެވެ.
ނިއުކްލިއާ މުއާހަދާ އިން އެމެރިކާ ވަކިވުމާ ގުޅިގެން، އަހަރު ދުވަހު އިންތިޒާރު ކުރުމަށް ފަހު، 2019 ވަނަ އަހަރު އީރާނުން ވަނީ ނިއުކްލިއާ ގާބިލްކަން އިތުރުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮރިސް .
21 February 2022
އިރާނު ވަރުގެ ހިތްވަރުގަދަ ބަޔަކު ނެތް . ނަސާރާއިންނާ ޔަހޫދީންގެ ކުރިމަތީ ބަސްބުނެ ޢަމަލީގޮތުން ކަންކުރަންކެރޭ ބަޔަކީ އީރާން. ސުންނީ ގައުމުތަކުގާ މިތިބަ ވެރިން އިސްލާމްދީނަށް ހިޔާނާތްތެރި ވިއަސް އީރާނުގެ ވެރިން އުންމަތަށް ހިޔާނާތްތެރިވާ ތަނެއް ނުފެނޭ. ﷲ ހައްގަށް ނަސްރު ދެއްވާށިއެވެ. ތިއަ މުއާހަދާއެއް ހެދިއަސް އެމެރިކާ އިހުތިރާމެއް ނުކުރާނެ. އެއީ ޔަހޫދީ ޕަޕެޓުން.