ރިޕޯޓް / ހުޅުމާލޭ ކޯޓް

ނަޝީދަށް ފެހި "ކޯޓު": ޒިންމާވާނެ ބަޔަކު ނެތި، ރަށްމެދު ވީތަ؟

ސުޕްރީމް ކޯޓުގެ އެ ނިންމުން ގިނަ ބަޔަކު އޭރު ސިފަކުރީ ނަޝީދަށް "ފެހި ކޯޓެއްގެ" ގޮތުގައި. އޭގެ އެއް ސަބަބަކީ ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައްޔަރުކުރި މައްސަލާގައި ކުރާ ދައުވާއެއް ކްރިމިނަލް ކޯޓުން ބެލުން ރަނގަޅު ކަމަކަށް ނުވާނެތީ ނަޝީދުގެ މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހެޅީ ސުޕްރީމް ކޯޓުން ދިން ލަފައަކަށް ބިނާކޮށް ކަމަށް ވުން.

ނަޝީދާއި އުއްތަމަ ފަނޑިޔާރުންގެ އިތުރުން ޖޭއެސްސީގެ ރައީސް ހިސާން: ހުޅުމާލޭ ކޯޓު އުވާލުމުގެ މައްސަލާގައި ޖޭއެސްސީ އާއި ސުޕްރީމް ކޯޓު ވަނީ ޚިޔާލު ތަފާތުވެފައި --- ފޮޓޯ/މިހާރު

އެއީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި 2012 ވަނަ އަހަރު ދައުލަތުން ދައުވާކުރި ދުވަސްވަރެވެ. އޭރު އުފެދިފައި އޮތް ހުޅުމާލޭ ކޯޓު ސައްހަ ކަމުގެ ބަހުސްގެ ތެރެއިން ހައި ކޯޓުގައި އޮތް ޝަރީއަތެއްގައި ނަޝީދު އެކަން ސިފަ ކުރެއްވީ "ދަގަނޑު ތަޅާ ގެއަކަށް ޔުނިފޯމެއް ފަހަން ދިނުން" ފަދަ ކަމެއްގެ ގޮތުގަ އެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ ކޯޓުތަކުގެ ގާނޫނު ނުދަންނަ ކޯޓެއްގައި އެމަނިކުފާނުގެ ޝަރީއަތް ހިންގާތީ އެކަމަށެވެ.

ފަހުގެ ތާރީޚެއްގައި ކުރީގެ ރައީސެއްގެ މައްޗަށް ފުރަތަމަ ފަހަރަށް ކުރެވުނު ޝަރީއަތާ ހިސާބުން ހުޅުމާލޭ ކޯޓު އެންމެންނަށް އެނގި، މަޝްހޫރުވި އެ ކޯޓު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނަޒަރުގައި ސައްހައެއް ނޫނެވެ. އެކަމަކު ކޯޓު އުވާލުމުގެ ބާރެއް އެ ކޮމިޝަނަށް ނެތްއިރު ކޯޓުތަކުގެ ގާނޫނުން ވެސް އެ ކޯޓެއް ނުދަނެ އެވެ. އަދި އެ ކޯޓު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ކުރިން ކުރި ހުކުމް ދާދިފަހުން ރިވިއު ނުކުރުމުން "އަރައިރުމަކަށް" ވެސް ދިޔައީ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ގާނޫނީ ގޮތުން ޒިންމާވާނެ ބަޔަކު ނެތި "ރަށް މެދުވެ، ޔަތީމުވީ" އެވެ.

ގާނޫނު ނުދަންނަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު

ގާނޫނު އަސާސީ ބުނާގޮތުން ދަށު ކޯޓުތައް އުފެއްދޭނީ ހަމައެކަނި ގާނޫނަކުންނެވެ. އެކަމަށްޓަކައި ހެދި ކޯޓުތަކުގެ ގާނޫނު ބުނާގޮތުން މާލޭގައި ހުންނަ ފަދަ ސުޕީރިއާ ކޯޓުތައް ހުންނަ ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓެއް ނުހުންނާނެ އެވެ. ގާނޫނު އަސާސީގައި އިދާރީ ދާއިރާތައް ކަނޑައަޅާފައި އޮތްގޮތުން ހުޅުމާލެއަކީ މާލޭގެ ބަޔަކަށް ވާތީ ހުޅުމާލޭގައި ވަކި މެޖިސްޓްރޭޓް ކޯޓެއް ގާއިމް ނުކުރެވޭނެ ކަން ގާނޫނުން ސާފެވެ.

ގާނޫނުގައި ސާފުކޮށް އޮތަސް، އެޗްޑީސީގެ އިމާރާތުގެ ބައެއްގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު ކިޔާ ތަނެއް ހުންނަ ކަން ގިނަ ބަޔަކަށް އެނގުނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި، ޖޭއެސްސީގެ މިހާރުގެ މެމްބަރު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި އޭރު ދައުވާ ކުރުމުންނެވެ. އޭގެކުރިން ވެސް އެ ކޯޓު ހުއްޓެވެ. އެކަމަކު އެ ކޯޓުގެ ސައްހަ ނޫން ކަމުގެ ބަހުސް ބޮޑުވެ، މަޖިލީހާއި ސަރުކާރުން ވެސް އޭގެ ތެރެއަށް ވަދެ، ބަސް ބުނަން ޖެހުނީ ނަޝީދުގެ މައްސަލައާ ހަމައިންނެވެ.

ހުޅުމާލޭ ކޯޓު އުފެއްދީ 2007 ވަނަ އަހަރު ޖަސްޓިސް މިނިސްޓަރަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ހުންނެވި ދުވަސްވަރު އޭނާގެ އެދިވަޑައިގަތުމަކަށެވެ. ޝަރުއީ ދާއިރާގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ނިންމެވީ ހުޅުމާލެއަކީ ވަކި ރަށަކަށް ނުވާތީ މާލޭގެ ކޯޓުތަކުގެ ގޮތްޕެއްގެ ގޮތުގައި ހުޅުމާލޭ ކޯޓު ހިންގުމަށެވެ. އާ ގާނޫނު އަސާސީ އައުމާއެކު ޖޭއެސްސީން 2009 ވަނަ އަހަރު ނިންމީ ފެމިލީ ކޯޓުގެ ގޮތްޕެއްގެ ގޮތުގައި ހުޅުމާލޭ ކޯޓު ބޭއްވުމަށެވެ.

ހުޅުމާލޭ ކޯޓު ސައްހަވުން: ނަޝީދަށް "ފެހި ކޯޓެއް"؟

އެކަމަކު ކޯޓުތަކުގެ ގާނޫނު 2010 ވަނަ އަހަރު ވުޖޫދަށް އައިސްފައި ވަނިކޮށް އެ ގާނޫނާ ޚިލާފަށް، 2011 ވަނަ އަހަރު އޭރުގެ ޖޭއެސްސީން ނިންމީ މާލޭގެ އެހެން ކޯޓުތަކާ ވަކިން ހިންގާ މެޖިސްޓްރޭޓް ކޯޓެއްގެ ގޮތުގަ ހުޅުމާލޭ ކޯޓު ހިންގުމަށެވެ. އެކަމާ ދެކޮޅަށް ވަކީލަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ 2012 ވަނަ އަހަރު ޖޭއެސްސީގެ އެދުމަކަށް ސުޕްރީމް ކޯޓަށް ގެންގޮސްގެން އެ ކޯޓަކީ ސައްހަ ކަމަށް ކޯޓެއް ނިންމީ ސުޕްރީމް ކޯޓުގެ އެންމެ ހަނި އަޣުލަބިއްޔަތުންނެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުން ގިނަ ބަޔަކު އޭރު ސިފަކުރީ ނަޝީދަށް "ފެހި ކޯޓެއްގެ" ގޮތުގަ އެވެ. އޭގެ އެއް ސަބަބަކީ ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައްޔަރުކުރި މައްސަލާގައި ކުރާ ދައުވާއެއް ކްރިމިނަލް ކޯޓުން ބެލުން ރަނގަޅު ކަމަކަށް ނުވާނެތީ ނަޝީދުގެ މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހެޅީ ސުޕްރީމް ކޯޓުން ދިން ލަފައަކަށް ބިނާކޮށް ކަމަށް ވުމެވެ. އަދި ހުޅުމާލޭ ކޯޓު ސައްހަ ނޫން ކަމަށް ބުނެ މާ ކުރިން ވަކީލަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއް އިސްތިއުނާފް މަރުހަލާގެ ބޭރުން ސުޕްރީމް ކޯޓަށް ގެންގޮސް އެ މައްސަލަ ނިންމި ދުވަސްވަރާއި ނަޝީދުގެ މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހެޅި ދުވަސްވަރާ ވެސް ދިމާވުމެވެ.

ހުޅުމާލޭ ކޯޓު ހިންގަމުންދާ އެޗްޑީސީގެ އިމާރާތް --- ފޮޓޯ/މިހާރު

ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ އަޣުލަބިއްޔަތުން ނިންމެވި އެ ނިންމުމާ އޭރު ދެކޮޅު ހެއްދެވި އެއް ބޭފުޅަކީ އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. އަދި އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި އޭރުގެ ފަނޑިޔާރު އަބްދުﷲ އަރީފް ވެސް ރައުޔު ނެރުއްވީ ހުޅުމާލޭ ކޯޓު ސައްހަ ނޫން ކަމަށެވެ. ގާނޫނީ ގިނަ ބޭފުޅުން ވެސް އޭރު ވާހަކަ ދެއްކެވީ އެގޮތަށެވެ.

ޖޭއެސްސީގެ ބާރެއް ނެތް، ޒިންމާ ނަގަންވީ ސުޕްރީމް ކޯޓުންތަ؟

ކޯޓު އުވާލުމުގެ ބާރެއް ޖޭއެސްސީއަށް ނޯންނާނެތީ އެ ކޮމިޝަނުން ގަބޫލުކުރީ އެކަން ކުރެވޭނީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުން އެ ކޯޓަށް އަލުން ހުށަހަޅައިގެން ބާތިލް ކޮށްގެން ކަމަށެވެ. އަދި މިހާރު އޮތް ސުޕްރީމް ކޯޓުގެ ބެންޗުން އެކަމަށް ދެކޮޅު ހެދުމުން ޖޭއެސްސީން ފާޅުގައި "އިހްތިޖާޖް" ވެސް ކުރީ އެވެ.

"ސުޕްރީމް ކޯޓުގެ ނިޔާ މުރާޖާކޮށްދެވެން ނެތް ކަމަށް އެ ކޯޓުން ނިންމި ނަމަވެސް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މި ދަނީ ކުރަމުންނެވެ."

ޖޭއެސްސީން ފުރަތަމަ ނެރުނު ނޫސްބަޔާނުން އެ ކޮމިޝަނުން ހިތްހަމަނުޖެހުން ފާޅުވި އެވެ. ފަހުން އެ އިބާރާތަށް ބަދަލު ގެނަ އެވެ.

މިހާރުގެ ސުޕްރީމް ކޯޓަކީ "ހަމަ ތިބެލާފައި" ކުރީގެ ނިންމުންތައް އޭގެ އަނެއް ފުށަށް ޖަހާލުމުގެ ވިސްނުމުގައި އޮތް ކޯޓެއް ނޫނެވެ. ކުރީގެ ނިންމުމަކަށް ވިޔަސް، އަދި އެ ނިންމުންތައް ނިންމާފައި އޮތީ ކުރީގެ ފަނޑިޔާރުންގެ ބެންޗަކުން ކަމަށް ވިޔަސް، ސުޕްރީމް ކޯޓުގެ މިހާރުގެ ވިސްނުމަކީ "ފާޅުކަން ބޮޑު ބޭ އިންސާފެއް" އޮވެގެން ނޫން ގޮތަކަށް އެ ކޯޓުގެ ނިންމުމެއް އެ ކޯޓުން ރިވިއު ނުކުރުމެވެ. މި މައްސަލާގައި ވެސް ސުޕްރީމް ކޯޓުން ދެއްކީ އެ ސަބަބެވެ. އޭގެ މާނައަކީ ހުޅުމާލޭ ކޯޓު އުވާނުލެވޭނެ ވާހަކައެއް ނޫނެވެ.

ހަމައެހެންމެ، ސުޕްރީމް ކޯޓުގެ ނިންމުން ބަދަލު ކުރިޔަސް، ހުޅުމާލޭ ކޯޓު އޮޓަމެޓިކުން އުވިގެންދާނެ ކަމަކަށް ވެސް ނުބެލެވެ އެވެ. އެއީ ހުޅުމާލޭ ކޯޓު އުފެއްދީ ސުޕްރީމް ކޯޓުންނެއް ނޫނެވެ. އަދި ހުޅުމާލޭ ކޯޓުން އެތައް މައްސަލައެއް ބަލަމުން ދަނިކޮށް، ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުން ބަދަލުކުރި ނަމަ ހުޅުމާލެ ކޯޓުގައި ހިނގަމުންދާ މައްސަލަތަކާއި ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި މެދު ދެން އަމަލުކުރަންވީ ގޮތެއް ވެސް ހޯދަން ޖެހޭނެ އެވެ.

މި މައްސަލާގައި އޮތް އެންމެ ރަނގަޅު ހައްލަކީ ކޯޓުތަކުގެ ގާނޫނު އަލުން އިސްލާހު ކުރުން ކަމަށް ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ސުޕްރީމް ކޯޓުން އެކަން ނުވިޔަސް، ގާނޫނު އެގޮތަށް އިސްލާހު ކުރެވޭނެ ކަން ޖޭއެސްސީގެ މެމްބަރުކަން ކުރައްވާ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ.

ގާނޫނީ މިބޮޑު ފުށުއެރުން، ފާޅުކަން ބޮޑު ބޭ އިންސާފު ރަނގަޅު ކުރުމަށް ގާނޫނު އިސްލާހު ކުރާނަން --ރިފްއަތު

"ގާނޫނީ މިބޮޑު ފުށުއެރުން، ފާޅުކަން ބޮޑު ބޭ އިންސާފު ރަނގަޅު ކުރުމަށް ގާނޫނު އިސްލާހު ކުރާނަން." ސުޕްރީމް ކޯޓުގެ މިފަހުގެ ނިންމުމާ ގުޅިގެން ރިފްއަތު ވިދާޅުވެފައި ވެއެވެ.

ގާނޫނު އަސާސީ އޮތްގޮތުން ދަށު ކޯޓުތައް އުފެއްދޭނީ އަދި އުވާލެވެނީ ވެސް ގާނޫނަކުންނެވެ. އެހެންވެ، މިހާރު އޮތް ހަމައެކަނި ގޮތަކީ ކޯޓުތަކުގެ ގާނޫނު އިސްލާހު ކުރުމަށްފަހު، "ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު މިއަދުން ފެށިގެން އުވުނީ" މިފަދައިން ލިޔުމެވެ. އެކަމަކު އެ ގާނޫނު ނުދަންނަ ކޯޓެއް އުވާލަން އެ ގާނޫނުގައި ލިޔާނީ ކިހިނެތްތޯ ވެސް ބައެއް ގާނޫނީ ބޭފުޅުން ސުވާލު އުފައްދަވަ އެވެ.

ގާނޫނެއް ނުދަނޭ ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަ ކަމަކަށް. އެހެންވީމަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު މިއަދުން ފެށިގެން އުވުނީ ކަމަށް އެ ގާނޫނުގައި ލިޔުނީމަ ހަމައެއް ވެސް ނުޖެހޭ.

"ގާނޫނެއް ނުދަނޭ ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަ ކަމަކަށް. އެހެންވީމަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު މިއަދުން ފެށިގެން އުވުނީ ކަމަށް އެ ގާނޫނުގައި ލިޔުނީމަ ހަމައެއް ވެސް ނުޖެހޭ." ގާނޫނު އިސްލާހު ކުރުމަކީ ހައްލެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ގާނޫނީ ބޭފުޅަކު ވިދާޅުވި އެވެ.

ހުޅުމާލޭގައި މިހާރު އިތުރުވަމުންދާ އާބާދީއަށް ބަލައި، ހުޅުމާލޭގައި ވަކި ކޯޓެއް ހުރުމާއި އެކަމުގެ ލުއި ފަސޭހަ ކަމަކީ މުޅިން އެހެން ވާހަކަ އެވެ. އެތައް ބައެއްގެ ހައްގުތަކާ ގުޅުންހުރި ބޮޑެތި މައްސަލަތަކެއް ވެސް ބަލަމުންދާ އަދި ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރާ އެ ކޯޓަކީ މިހާރު ގާނޫނު ދަންނަ ކޯޓެއް ނޫނެވެ. އެކަމުގައި ކޮންމެވެސް ހައްލެއް މިހާރު އެބަ ހޯދަން އެބަޖެހެ އެވެ.

36 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 50%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަބަބައި

24 February 2022

ރައީސް ނަޝީދު އަދި އޭނާގެ އެކުވެރިން ނަކީ ގާނޫނު އަދި ގަވައިދުތަކަށް ވުރެ މަތީ ބަޔަކީތޯ؟ ނަޝީދު 2012 ގައި ގާޒީއެއް ރަހީން ކުރީ ގާނޫނު ބޭރުން! ނަޝީދު، ދޮންބިލެތް އަހުމަދު، އާޒިމް، ޖާބިރު ވިޔަސް އުޅެންޖެހޭނީ ގާނޫނުގެ ތެރޭގައި!

The name is already taken The name is available. Register?

އަބްޑޫޅް

24 February 2022

"ގާނޫނެއް ނުދަނޭ ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ހުންނަ ކަމަކަށް. އެހެންވީމަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު މިއަދުން ފެށިގެން އުވުނީ ކަމަށް އެ ގާނޫނުގައި ލިޔުނީމަ ހަމައެއް ވެސް ނުޖެހޭ." ބަލަ އެހެނެއް ނޫނޭ ގާނޫނުގަ ލިޔާނީ. "....އެހެންވީމަ 'ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު' މިހެން ކިޔެމުން އަންނަ ޝަޚުސު، ނުވަތަ ތަން، މިއަދުން ފެށިގެން އުވުނީ"، މިހެން ލިޔެވުނީމަ އެ މައްސަލަ ގާނޫނީ ގޮތުން ފޫބެދި، ހައްލުވީ.

The name is already taken The name is available. Register?

ވާގޮތް

23 February 2022

ތިމައްސަލަ ހައްލުވާނެ މާލޭގައި ހުރި ދަށު ކޮންމެ ކޯޓެއްގެ ގޮތްޕެއް، ސެކްޝަނެއް ހުޅުމާލޭގަ ހެދީމަ. އޭރުން ގާނޫނަށް ފެންނާނެ. ސަބަބަކީ އެއީވެސް މާލޭގެ ބައެއް. އަދި އެއަށްވުރެ ދުރަށް ގާނޫނަށް ކޯޓުތައް ފެންނާނެ ގޮތަކީ މުޅި ރާއްޖެއަކީ މާލެއަށް ހެދުން. އޭރުން ރާއްޖޭގެ ހުރިހާ ކޯޓެއް ފެންނާނެ. ކަނޑުން ވަކިވެފައިއޮތް ވިލިނގިއްޔާ ހުޅުމާލެއަކީވެސް މާލޭގެ އަވަށެކޭ ބުނީމާ އަވަށަކަށްވީ

The name is already taken The name is available. Register?

ސިޔާމ

23 February 2022

ބާތިލުން ފެށޭ ނަމަ ވާނީ ބާތިލަށް

The name is already taken The name is available. Register?

120687

23 February 2022

ކޮންސްޓިޓިއުޝަނަލް އެނޯމަލީއެއް އުފަންކުރީ ދޮއްތަ؟ ބަލަދުވެރިޔަކުނެތް، އުފަންވިކަންވެސް ނޭނގޭ، އެކަމަކު އޭގެ ޒާތުން ގާއިމުވެހުރި ތަނެއް.

The name is already taken The name is available. Register?

120687

23 February 2022

ރަށް މެދަށް ކޯޓެއް ވިހައިފި. ހައްހައް.

The name is already taken The name is available. Register?

ބޮޑުމީހާމާލެ

23 February 2022

ނަޝިދު އަށް ފަހަންވީ ޖަލު ހެދުމެއް. އޭނަ އޮންނަންޖެހޭތަނަކީ ޖަލު. ދިވެހި ރައްޔިތަކު ވަގައްނަގާ ރަހީނު ކުރި ޓެރަރިސްޓް އެއ ނޝީދު އަކީ

The name is already taken The name is available. Register?

ބޮޑުމީހާ

23 February 2022

ސިޔާސީ ގޮތުން ތަސައްރަފް ނުފުދޭ ޤާނޫނު ނުދަންނަ ބަޔަކު މަޖްލީހަށް ވެއްދީމަ ވާގޮތް

The name is already taken The name is available. Register?

އާފަލު

23 February 2022

މިގައުމުގަ އުޅޭ ގަވައިދާ ޚިލާފު ބިދޭސިން ގަވައިދުގެ ތެރެއަށް ފައްތާ ގޮތަށް ތިޔަ ކޯޓު ގާނޫނުގަ ނެތްނަމަ ގާނޫނުގެ ތެރެއަށް ފައްތަންވީ އެތަން އުވާނުލާ. ހުޅުމާލޭގެ އާބާދީ ގިނަވެގެން އެތަނަށް ހާއްސަ މެމްބަރެއް ހަމަޖެހިއްޖެ. ވަކިން ކައުންސިލަރެއް ހޮވައިފި. ކޯޓެއްވީމަ ކީއްވެ އުވާލަންވީ.

The name is already taken The name is available. Register?

އެމީލް

23 February 2022

ހުޅުމާލެއަކީ މާލޭގެ ބައެކޭ ބުންޔަސް އެއީ އެޗްޑީސީން ހިންގާރަށެއް. ވަކިކުންފުންޔަކުން ކަންކަން ނިންމާ ހަމައެކަނިރަށް. މިހާރުވެސް ޤާނޫނީ ސުވާލުތަކެއްހުރުމުން ކޯޓުގަ މައްސަލައެއޮތީ. މާލޭގައި ކަމެއްކުރަންޔާ ކޮންމެވެސް މިނިސްޓްރީއަކުން ހުއްދަނަގަންޖެހެނީ. އެކަމަކު ހުޅުމާލެވެއްޖެޔާ އެޗްޑީސީން ހުއްދަނަގަންމިޖެހެނީ.

The name is already taken The name is available. Register?

ޖުހާނާ

23 February 2022

"ބުންޔަސް" "ކުރަންޔާ" މިއީ ދިވެހިބަހުން ލިޔެކިޔައި އުޅޭ ގޮތެއް ނޫން. ދިވެހިބަހުން ލިޔެކިޔައި އުޅޭނީ ބުންޏަސް" "ކުރަންޏާ" މިހެން. "ބުންޔަސް" "ކުރަންޔާ" މި 2 ލަފުޒުގައި އެއޮތް ޔާގެ ބަދަލުގައި ބޭނުންކުރާނީ ޏަވިޔަނި. ޏަވިޔަނި ކިޔާ އަކުރެއް ދިވެހިބަހުގައި އޮންނަކަމެއް ނުދަންނަންދޯ؟

The name is already taken The name is available. Register?

ގަބޭ

24 February 2022

ކޮއްކޯ، ކީބޯޑުގަ "ޏ" ނެތީތަ؟ ނޫނީ ސްކޫލްގަ ދިވެހި ނުކިޔަވަނީތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454