22 ފެބުރުއަރީ 2022 - 12:29
ވައިގެ މަގުން އިންޑިއާ އާއި އެހެން ގައުމުތަކާ ދެމެދު ކުރަމުން އައި އާންމު ވައިގެ ދަތުރުތައް މެދުކަނޑާލާފައި އޮންނަތާ ދެ އަހަރެއްހާ ފަހުން، މި ފެށޭ މާޗު މަހުގެ ތެރޭގައި އެ ދަތުރުތައް އަލުން ފެށުމަށް އިންޑިއާ ތައްޔާރުވެއްޖެ އެވެ.
މާޗު 15 ވަނަ ދުވަހު ނުވަތަ އެ މަސް ނިމޭހާ ތާނގައި، ބައިނަލްއަގުވާމީ ދަތުރުތައް އަލުން ފެށުމުގެ ގޮތުން އިންޑިއާގެ އޭވިއޭޝަން މިނިސްޓްރީން މިހާރު ވަނީ، އެކަމުގެ ހުއްދަ އަށް އެދި ހެލްތު މިނިސްޓްރީ އަށް ހުށަހަޅައިފަ އެވެ. ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑައިލީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ރިއާޔަތްކޮށްފައި ކަމަށްވާތީ، އެ ދަތުރުތައް އަލުން ފެށުމަށްޓަކައި ހެލްތު މިނިސްޓްރީގެ ހުއްދަ ހޯދަންޖެހެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި، މާޗް މަހުގެ މެދުތެރޭގައި ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.
ބައިނަލްއަގުވާމީ އާންމު ވައިގެ ދަތުރުތައް މެދުކަނޑައިލުމަށް ފަހު، މިހާރު އިންޑިއާ އާއި އެހެން ގައުމުތަކާ ދެމެދު ވައިގެ މަގުން ދަތުރުކުރަނީ ހާއްސަ އުސޫލުތަކަކުން ކަމަށްވާތީ، ވައިގެ ދަތުރުތަކުގެ ޓިކެޓްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
ކޮވިޑް ވަބާ ފެތުރެން ފެށުމުގެ ކުރިން، ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް އެންމެ ގިނަވެގެންދާ ދުވަސްވަރު، އިންޑިއާގެ އެއާލައިންތަކުން އެވްރެޖް ގޮތެއްގައި ދުވާލެއްގެ މައްޗަށް 2،800 ދަތުރުކުރެ އެވެ. އެ އަދަދާ އަޅައި ބަލާއިރު މިދިޔަ ހަފުތާގައި އިންޑިއާގެ އެއާލައިންތަކުގެ ދަތުރުތައް ވަނީ 80 ޕަސެންޓަށް މަތިވެފަ އެވެ.
ހަމައެއާ އެކު އިންޑިއާގެ އެތެރޭގެ އުދުހުންތައް ވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. އެ ގޮތުން މިދިޔަ އާދީއްތަ ދުވަހު އިންޑިއާގެ އެތެރޭގައި ކުރި 2،335 ދަތުރުން 343،000 މީހުން އެކި ތަންތަނަށް ދަތުރުކުރި އެވެ.
އިންޑިއާގެ އޭވިއޭޝަން މިނިސްޓްރީން ކުރިން ނިންމާފައި އޮތީ، މިދިޔަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް ފެށުމަށެވެ. ނަމަވެސް ކޮވިޑް ޖައްސާ އޮމިކްރޯން ބާވަތުގެ ވައިރަސް ހަލުވިކަމާ އެކު ފެތުރި ގިނަ ބަޔަކަށް ކޮވިޑް ޖެހުމާ ގުޅިގެން އެދަތުރުތައް ފެށުން ފަސްކޮށްލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy