ކުޅިވަރު / އިނގިރޭސި އެފްއޭ ކަޕް

އެފްއޭ ކަޕް: ކުއާޓާ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް މިޑްލްސްބަރާ

މިޑްލްސްބަރާ ކުއާޓާ ފައިނަލަށް ދަތުރުކުރީ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާ މުބާރާތުން ކަޓުވާލާފައި

ލަނޑު ޖެހުމަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާފާޅު ކުރަނީ. --ފޮޓޯ:އޭއެފްޕީ

މިޑްލްސްބަރާ (މާޗް 4) - އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި، ޗެލްސީއާ ދެކޮޅަށް މިޑްލްސްބަރާ ވާދަކުރަން ޖެހިއްޖެ އެވެ.

އެފްއޭ ކަޕް ފަސްވަނަ ބުރުގައި ރޭ ފަސްވަނަ ޑިވިޝަނުގެ ބޯރަހަމް ވުޑް 2-0 އިން ބަލިކުރި އެވަޓަން ކުއާޓާ ފައިނަލުގައި ވާދަކުރާނީ ކްރިސްޓާލް ޕެލަސްއާ ދެކޮޅަށެވެ. އެވަޓަންގެ ދެ ލަނޑު ވެސް ޖަހައިދިނީ ދެވަނަ ހާފުގައި ވެނެޒުއެލާގެ ފޯވާޑް ސަލޮމޮން ރޮންޑޮން އެވެ. ކްރިސްޓަލް ޕެލަސް ވަނީ ފަސްވަނަ ބުރުގައި 2-1 އިން ސްޓޯކް ސިޓީ ބަލިކޮށްފަ އެވެ.

ރޮންޑޮން ރޭގެ މެޗުގައި އެވަޓަން އަށް ގޯލު ޖަހައިދެނީ.-- ފޮޓޯ: އޭއެފްޕީ

ކުއާޓާގައި މެންޗެސްޓާ ސިޓީ ވާދަކުރަން ޖެހޭނީ ރަށުން ބޭރުގައި، ފަސްވަނަ ބުރުގައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރި ސައުތެމްޓަންއާ ދެކޮޅަށެވެ.

ލިވަޕޫލް ވެސް ކުއާޓާ ފައިނަލުގެ މެޗު ކުޅޭނީ ރަށުން ބޭރުގަ އެވެ. ލިވަޕޫލާ ދެކޮޅަށް ނުކުންނާނީ، ފަސްވަނަ ބުރުގައި ޗެމްޕިއަންޝިޕުގެ ނޮޓިންހަމް ފޮރެސްޓާއި ހަޑަސްފީލްޑް ޓަައުން ވާދަކޮށް މޮޅުވާ ޓީމެކެވެ. ފަސްވަނަ ބުރުގެ މި މެޗު ކުޅެން ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުގެ ރެ އެވެ.

ނޮޓިންހަމް ފޮރެސްޓް ވަނީ މުބާރާތުގެ ތިންވަނަ ބުރުގައި، މުބާރާތުގެ އެންމެ ކާމިޔާބު ކުލަބް އާސެނަލް ބަލިކޮށްފަ އެވެ. އަދި ފަސްވަނަ ބުރަށް ދަތުރުކުރީ، ހަތަރުވަނަ ބުރުގެ މެޗުގައި، މިދިޔަ އަހަރުގެ ޗެމްޕިއަން ލެސްޓާ ސިޓީ ފަސޭހަކަމާ އެކު ބަލިކޮށްފަ އެވެ.

ކުއާޓާ ފައިނަލުގެ ބޮޑު މެޗު: މިޑްލްސްބަރާ - ޗެލްސީ

ޗެލްސީ އާއި މިޑްލްސްބަރާ ކުޅޭ ކުއާޓާ ފައިނަލް މެޗަކީ ޝައުގުވެރި ވާނެ މެޗެކެވެ. މިދިޔަ އަހަރުގެ އެފްއޭ ކަޕް ފައިނަލުން ބަލިވި ޗެލްސީ އެފްއޭ ކަޕް ކުއާޓާ ފައިނަލަށް ދަތުރުކުރީ ފަސްވަނަ ބުރުގައި ޗެމްޕިއަންޝިޕުގެ ކްލަބް ލޫޓަން ޓައުން ބަލިކޮށްފަ އެވެ. ޗެލްސީ އާއި މިޑްލްސްބަރާ ބައްދަލުކުރާ ކުއާޓާ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 19 ނުވަތަ 20 ވަނަ ދުވަހުގެ ރޭ މިޑްލްސްބަރާގެ ދަނޑުގަ އެވެ.

ސްބަރާ އިން އެފްއޭ ކަޕް ފަސްވަނަ ބުރުގައި ޓޮޓެންހަމް ބަލިކުރި ލަނޑު ޖަހަނީ.-- ފޮޓޯ: ޓްވިޓާ

މިޑްލްސްބަރާ ކުއާޓާ އަށް ދިޔައީ މުބާރާތުގެ ވަރުގަދަ ދެ ޓީމު ކަޓުވާލައިފަ އެވެ. އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެ ޓީމު ވަނީ ފަސްވަނަ ބުރުގެ މެޗުގައި، އަށް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ޓޮޓެންހަމް ހޮޓްސްޕާއާ ވާދަކޮށް 1-0 އިން މޮޅުވެފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވުމުން މިޑްލްސްބަރާ އިން ގޯލު ޖެހީ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގަ އެވެ. އިތުރު ވަގުތުގެ ދެވަނަ ހާފުގައި، މެޗުގެ 107 ވަނަ މިނިޓުގައި މިޑްލްސްބަރާ މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، 19 އަހަރުގެ ޒުވާން ފޯވާޑް ޖޯޝް ކޯބާން އެވެ.

މިޑްލްސްބަރާ ވަނީ އެފްއޭ ކަޕް ފަސްވަނަ ބުރުގައި ޓޮޓެންހަމް ބަލިކުރުމުގެ ކުރިން، 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކުރި މެންޗެސްޓާ ޔުނައިޓެޑް ވެސް މުބާރާތުން ކަޓުވާލައިފަ އެވެ.

ޗެލްސީ އާއި މިޑްލްސްބަރާ ވަނީ 1997 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލުގައި ވާދަކޮށްފަ އެވެ. އެފަހަރު ޗެލްސީ ވަނީ ފައިނަލް ކާމިޔާބުކޮށް، ތައްޓެއް ނަގަން ކުރި 27 އަހަރުގެ ދިގު އިންތިޒާރަށް ނިމުން ގެނެސްފަ އެވެ. އޭރު ދެ ޓީމު ވެސް ކުޅުނީ ޕްރިމިއާ ލީގުގަ އެވެ. ނަމަވެސް މިޑްލްސްބަރާ އަކީ މިހާރު އިނގިރޭސި ދެވަނަ ޑިވިޝަނުގައި ކުޅޭ ކުލަބެކެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454