13 މާޗް 2022 - 13:49
އިރާގުގެ އުތުރުގައި ކުރުދީންގެ ބާރުގެ ދަށުގައި އޮންނަ އިރްބީލް ކިޔާ ސަރަހައްދަށް، އިރާގުން ބޭރުން އިއްޔެ ފޮނުވައިލި ބެލިސްޓިކް މިސައިލްތަކެއް އަމާޒުވެއްޖެ އެވެ.
ކުރުދީންގެ ސަރަހައްދީ ސަރުކާރުން ބުނި ގޮތުގައި އެ ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. މިއީ އީރާނުން ދިން ހަމަލާއެއް ކަމަށް އެމެރިކާ އިން ބުނި ނަމަވެސް، އެއްވެސް ހަނގުރާމަވެރި ޖަމާއަތަކުން މި ހަމަލާގެ ޒިންމާ މިހާތަނަކަށް ނުއުފުލަ އެވެ.
އިރްބީލްގެ ގަވަރުނަރު އިމަދު ޚެޝްނޫ ވިދާޅުވި ގޮތުގައި އިރްބީލްގައި ހުންނަ އެމެރިކާގެ ކޮންސުލޭޓަށް އިއްޔެ ވަނީ ޓެރަރިސްޓް ހަމަލާއެއް ދީފަ އެވެ. އެމެރިކާގެ ހާރިޖިއްޔާ އިން ބުނި ގޮތުގައި އިރްބީލްގައި ހުންނަ އެމެރިކާގެ ކޮންސުލޭޓަށް އަމާޒުކޮށް ދިން ބެލިސްޓިކް މިސައިލްގެ ހަމަލާއަކީ ވަރަށް ފިނޑި އަމަލެކެވެ.
މި ހަމަލާގައި ކޮންސުލޭޓްގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އަދި ކޮންސުލޭޓް ހުންނަ އިމާރާތަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށް އެމެރިކާގެ ހާރިޖިއްޔާ އިން ބުންޏެވެ.
ކުރިދީންގެ ސަރަހައްދީ ސަރުކާރާ ހަވާލާދީ އިރާގު ސަރުކާރުން ބުނި ގޮތުގައި އިރާގުން ބޭރުން އައި 12 ބެލިސްޓިކް މިސައިލެއް އިރްބީލަށް އިއްޔެ އަމާޒުވި އެވެ. ނަމަވެސް އެ މިސައިލްތައް ގޮވީ ކޮންކޮން ތަންތަނަކަށް ކަމެއް އިރާގު ސަރުކާރުން ނުބުނެ އެވެ.
އިރާން ސަރުކާރުގެ ރަސްމީ ޓީވީން ބުނި ގޮތުގައި އިއްޔެ އިރާގަށް ފޮނުވައިލި މިސައިލްތައް އަމާޒުކުރީ، އިރްބީލްގައި ހުރި އިޒްރޭލުގެ ސިއްރު މަރުކަޒުތަކަކަށެވެ. ނަމަވެސް އެ ހަމަލާތަކުގެ އިތުރު ތަފްސީލެއް އީރާން ޓީވީން ނުދެ އެވެ.
ކުރުދީންގެ ސަރަހައްދީ ސަރުކާރުގެ ބޮޑުވަޒީރު މަސްއޫދު ބަރަޒާނީ، އެ ހަމަލާތައް ކުށްވެރި ކުރައްވައި ވިދާޅުވީ، ފިނޑި ޖާހިލުން ދޭ އެފަދަ ޓެރަރިސްޓު ހަމަލާތަކުގެ ކުރިމަތީގައި ކުރުދީން އިސް ދަށަށް ނުޖަހާނެ ކަމަށެވެ.
އިރްބީލްގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދޭތެރެ ދޭތެރެ އިން ހަމަލާތައް ދެ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި އެ ހަމަލާތައް ދެނީ އީރާނަށް ތާއީދުކުރާ ޝީއީ ހަނގުރާމަވެރިންނެވެ.
އިރްބީލްގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް އެންމެ ފަހުން ބެލިސްޓިކް މިސައިލްގެ ހަމަލާތަކެއް ދީފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ ހަމަލާގައި އެމެރިކާ ސިފައިންގެ މީހަކު މަރުނުވިޔަސް، ބައެއް މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބުނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
13 March 2022
އެމެރިކާއިންނާއި ޔޫރަޕުން އިރާގުގެ އެންމެ ތެޔޮގިނަ ސަރައްދު އިރާގު ސަރުކާރަށް ބާރު ނުފޯރުވޭގޮތަށް ވަކިވެރިކަމެއް ހަދާދީފައި އެތަނަށް ޔަހޫދީން ގެންގޮސް އީރާނު ސަރުކާރަށް ދުއްތުރާ ކުރަނީ. ތިޔަ އިރުބީލު ދެވަނަ ޔުކްރޭނަށް ވާނެކަމާމެދު އެއްވެސް ޝައްކެއްނެތް.
އަހުމަދޭ
14 March 2022
މަ ހީ ކުރީ އެއީ ކުރުދީން ކަމަށް.
ޣައްދާރުން
13 March 2022
މަކަރުވެރިކަމުން ފުރިފައިވާ ބައެއް. އީރާނުން ފޮނުވާލާ 12 ބަލަސްޓިކް މިސައިލުން މުޅި އެސަރަހައްދު އޮތީ ގުގުމާފަ އިޒްރޭލް މޮސާދްގެ ހެޑްކުއާޓަރ ބިމާހާމަކޮށްފި...ޔަގީން މަރުވިއަދަދެއްވެސް ބުނާކަށް ނޭގެ..އިހަކަށް ދުވަހު އިޒްރޭލް ވަނީ ސޫރިޔާ އަށް ހަމަލާދީ އީރާންގެ 2 ކޮމާންޑަރުން މަރާފަ. އީރާން ވަނީ ކުޅަދާނަ ރައްދެއް ދޭނެ ކަމަށް ކުރިންވެސްބުނެފަ