މީހަކު ފުށް ބަސްތާތަކެއް ޕިކަޕަކަށް އަރުވަނީ: ދުނިޔޭގެ ބާޒާރުގައި އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ގޮދަނުގެ-- ފޮޓޯ: ނިޝާން އަލީ | މިހާރު
08 އެޕްރީލް 2022 - 15:05
ރަޝިއާއިން ޔުކްރެއިނަށް އަރައި ފެށި ހަނގުރާމައާ ހެދި ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު ރެކޯޑު އަދަދަކަށް އުފުލިފައިވާކަމަށާއި މިއީ ފަހުގެ ތާރީހެއްގައި މަސް ދުވަހެއްގެެ ތެރޭގައި ކާނާގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރު ކަމަށް އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ) އިން ބުނެފި އެވެ.
އެ އިދާރާއިން ބުނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން އެ ބަދަލުތައް ފެންނަން ފަށާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދުނިޔޭގެ ބައެއް ގައުމުތަކަށް ތަދުމަޑުކަމާ ކުރިމަތިވުމުގެ ބިރު އެބަ އޮތް ކަމަށެވެ. މި ބިރު އޮތް ގައުމުތަކުގެ ތެރޭގައި ހިމެނެނީ މެދުއިރުމައްޗާއި އެފްރިކާގެ ގައުމުތަކެވެ.
ދުނިޔޭގެ ބާޒާރުގައި އެންމެ ގިނަ އަދަދަކަށް ކާނާގެ ބާވަތްތައް އުފައްދާ އެއް ބަޔަކީ ރަޝިއާ އާއި ޔުކްރެއިނެވެ. އޭގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި ގޮދަނާއި ތަރުކާރީ ތެލާއި ޒުވާރި ފަދަ ތަކެތި ހިމެނެ އެވެ.
އެފްއޭއޯ އިން ބުނި ގޮތުގައި މިދިޔަ މަސް ނިމުނު އިރު ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު ވަނީ 12.6 ޕަސެންޓަށް އުފުލިފަ އެވެ. މިއީ 1990 ވަނަ އަހަރުގެ ފަހުން އަގަށް އެހާ ބޮޑު ބަދަލެއް އައި ފުރަތަމަ ފަހަރެވެ.
އެ އިދާރާގެ ރިޕޯޓުތައް ދައްކާ ގޮތުގައި އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ވެޖިޓަބަލް އޮއިލް އާއި ސީރިއަލް އާއި މަހުގެ ބާވަތްތަކުގެ އެވެ. ހަކުރާއި ކިރުގެ ބާވަތްތަކުގެ އަގު ވެސް އުފުލިފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.
ދުނިޔޭގެ ބާޒާރުގައި ގޮދަނުގެ އަގު ވަނީ 20 ޕަސެންޓަށް އުފުލިފަ އެވެ. އެއީ ޔުކްރެއިނާއި ރަޝިއާއިން ގޮދަނުގެ އެކްސްޕޯޓުގެ 20-30 ޕަސެންޓް ހިއްސާކުރާތީ އެވެ.
ކައްކާ ތެލުގެ އަގު އުފުލިފައިވަނީ ސަންފްލާވާ ތެލުގެ އަގު އުފުލުމާ ގުޅިގެންނެވެ. ސަންފްލާވާ ތެލުގެ އެންމެ ބޮޑު އެކްސްޕޯޓަރަކީ ރަޝިއާ އެވެ. ބައެއް ގައުމުތަކުން ވަނީ ސަންފްލާވާ ތެޔޮ ވިއްކުން ލިމިޓު ވެސް ކޮށްފަ އެވެ.
ކާބޯތަކެތީގެ އިތުރުން ތެލާއި ގޭހުގެ އަގު ވެސް ދުނިޔޭގެ ބާޒާރުގައި ދަނީ އުފުލެމުންނެވެ. ރަޝިއާއިން ހަމަލާތައް ހުއްޓާނުލައިފި ނަމަ ދުނިޔޭގެ އިގްތިސާދު މަޑުޖެހި ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
09 April 2022
އަމީރު ބުނީ ރާއްޖޭގެ އިންފްލޭޝަން %2 ގައި ހިފެހެއްޓޭނެއޭ. އެހެންވީމާ ހާސްވާކަށް ނުޖެހޭ. ލުނބޯ ވެސް މި ލިބެނީ ނިކަން އަގު ހެޔޮކޮށް.
ކުރޮކުޑައިލް
09 April 2022
ކ.މާލޭ "ލޯކަލް" މާރުކޭޓު އެއީ ދުނިޔޭގެ ބާޒާރު، ބަންގާޅީން މަހުން ލަފައިގެން މަސްވިއްކަނީ، ކޮން ގައުމެއްކަންވެސް ނޭނގޭ ބޭރުގެ އެކިގައުމުތަކުމީހުން ގޮޅިހިންގަނީ، އިންޑިއާ ލަންކާމީހުން އަޑީގަތިބެ ބިދޭސީން އުނގުވިޔަފާރި ކުރަނީ، ގައުމުގަ އުފައްދާ އެކައްޗެއްވެސް ނުހުރޭ، މުޅިން އިންޑިއާ ބަންގާޅު މުދާ.
ހަމް57
08 April 2022
ދިވެހިން އަސްލު މާ ނިކަމެތިވާނެ ހާލުގަ ޖެހޭ އިރު. އަމިއްލަ އައް ކާ އެއްޗިހި އުފައްދާ ގައުމަކައް ނުވާތީ. ތެލުން ކަރަންޓު އުފެއްދުން އެއްކޮއް ހުއްޓަންވީ. އެހެން ގައުމުތައް ހެން އިލެކްޓްރިކް އުޅަނދު ބޭނުން ކުރަން ފޯސް ކުރަންވީ. ޙަލާކު ނުވާނެ ވަރަށް ތެޔޮގެނެސް ބަހައްޓަންވީ. ހިންގާ ހަރަދު ކުޑަކޮއް އާސަންދައިން ލޫޓުވުން ހުއްޓާލަންވީ
ސަރުކާރު.
08 April 2022
މިކަން ހައްލު ކޮށްލަން އަޅުގަނޑުމެން އިތުރު 30 ސިޔާސީ މަގާމުތައް ހަދާލާނަން. ސިމްޕަލް
ކަލޭހުރޭ
08 April 2022
ކަލޭހުރޭ ތިފާޑަށް ބޭކާރު ކޮމެންޓް ކުރަން، އެހެންތާ ވާނީ ދޯ، މިމީހުންނަށް ކަމަކާ ވިސްނާކަށް ޖެހެނީކީނޫން، ހިލޭ ހުރިހާ ކަމެއް ކުރެވޭ، ބޭނުންވާހާ އެއްޗެއް އެއްވެސް ދަތިކަމެއްނެތި ލިބޭ، ބަލަ ކަލޭމެނަށް ތިހެން ތި އުޅެވެނީ ޤައުމު ހިންގަން ތިބި ބަޔަކު ކޮންމެސް ކަންތައްތަކެއް ރަގަޅަށް ކުރާތީ، އެހެންނޫންނަމަ، ލަންކާ އަށްވުރެން ހާލުގަ އުޅުނީހީ. ޝުކުރުވެރިވާން ނޭގޭތާ ހަސަދައިން ފުރިފަ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
08 April 2022
ރާއްޖޭގާ އަދިވެސް ބޭނުންނުކުރާ ބައިވަރު ފަޅުރަށްރަށް އެބަހުރި. ދުރާލާ ދަނޑުގޮވާންކޮށްބަލަ. ފޫކޮޅުގާ ރޮއިވީމާނޫނީ ދިވެހިންނަށް ތެޅިގަންނާކަށް ނޭންގޭނެ.