ޓީ-ޖެޓީ ސަރަހައްދުގައި ބަޔަކު މަސައްކަތްކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
27 އެޕްރީލް 2022 - 14:44
ޓީޖެޓީ ސަރަހައްދު އިމުން ބޭރުން، މާލެ ހުޅަނގު ފަރާތުގައި ހަދާފައިވާ ގުދަންތަކާއި އެކި ކަންކަމަށް ބޭނުންކުރާ ބިންތަކާ ގުޅޭގޮތުން އެއްވެސް އެއްބަސްވުމެއް ހަދާފައިވާ ނަމަ އެކަން އަންގަން މާލެ ސިޓީ ކައުންސިލުން މިއަދު އެދިއްޖެ އެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ އެ ބިންތައް ބޭނުންކުރުމަށް ސިޓީ ކައުންސިލް ނުވަތަ ސަރުކާރުގެ އެހެން އިދާރާއަކާ ދެމެދު އެއްވެސް އެއްބަސްވުމެއް ހަދާފައިވާ ނަމަ މިއަދުން ފެށިގެން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި އެ އެއްބަސްވުންތައް ހިއްސާކޮށްދިނުމަށް އަންގައިފަ އެވެ.
އިއުލާނުގައި ބުނީ އެ މުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ނުވަތަ އެއްބަސްވުންތައް ހިއްސާނުކުރާ ނަމަ މާލޭގެ ހުޅަނގު ބަނދަރުގައި ހަދާފައިވާ ގުދަންތަކާއި ބިން ބޭނުންކުރަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށް ބަލާނެ ކަމަށެވެ. އަދި އެ ތަންތަނުގައި ހުރި މުދާތަކާއި ތަކެތި އެއީ ވެރިފަރާތެއް ނުވާ ތަކެތި ކަމަށް ބަލައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.
އެ މަސައްކަތް ކުރާއިރު، ގުދަންތަކާއި ހުސްކޮށް އޮތް ބިމުގައި ބަހައްޓާފައިވާ ތަކެތި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަ ގެނައުމުގައި ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ ކައުންސިލުން ނުނަގާނެ ކަމަށް ވެސް އިއުލާނުގައި ވެ އެވެ.
ޓީޖެޓީ ބަލަހައްޓަން ސަރުކާރާއެކު އެމްޕީއެލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ ތަން ހަވާލުކުރަން ކައުންސިލުން މީގެ ކުރިން އެދުނެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ބަނދަރުގެ ބެލެހެއްޓުން ކައުންސިލާ ހަވާލުނުކުރަން ނިންމައިފަ އެވެ. އެކަމަކު، ޓީޖެޓީން ލިބޭ އާމްދަނީގެ ބައެއް ކައުންސިލަށް ދޭން ރައީސް އޮފީހުން ވަނީ އެ ބަނދަރު ބަލަހައްޓާ އެމްޕީއެލަށް މިދިޔަ ޖެނުއަރީ މަހު އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާހީވޭކަމެއްހެން
27 April 2022
އޭރުވެސް މަބުނީމޭ އެޗްޑީސީއިން މިއުޅެނީ މޭޔަރާއި ކައުންސިލަރުން ރުޅިއަރުވަންވެގެންނޭ. އެއޮތީ މިހާރު އެކަމާއި ވިއްދައިގެން އަމުރެއް ނެރެފަ. އަމުރު ނެރެލާއިރު ހަމަ އެވަރެއްނެތް. ގައުމުގެ ވެރިމީހާގެ އަމުރެއްހެން ހީވަނީ. އެކަމަކު ވަރަށް ދެކޮޅު ނުޖެހޭ. އެހެން މިނިސްޓްރީއެއްގެ ބިމަކާއި ކައުންސިލަކަށް ނުބެހެވޭނެ. އަދި ނުބެހޭކަމަކަށްވާތީ އެގްރީމަންޓެއް ހިއްސާކުރާކަށްވެސް ނުޖެހޭނެ.