ރިޕޯޓް / ކްރިމިނަލް ކޯޓް

ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެކު ޖޫރިމަނާއިން ރެކުން ނިމުމަކަށް

ކޯޓު ރޫމެއް: ޖިނާއީ މައްސަލަތަކުގައި ކުރާ ޖޫރިމަނާތައް މިހާތަނަށް ދައްކަނީ ނިސްބަތުން މަދު ބައެއް. --ފޮޓޯ/މިހާރު

"އުމުރަށް ޖަލަށް ލާފައި ހުންނަ މީހަކު ޖޫރިމަނާ ދެއްކުމުގެ ބޭނުމަކީ ކޮބާ؟ ކާކު ދައްކާނީ؟." މިއީ މަސްތުވާތަކެތީގެ މައްސަލައެއްގެ ޚަބަރަކަށް މީހަކު ފާޅުކުރި ޚިޔާލެކެވެ.

އުމުރަށް ޖަލަށް ލައި، އެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިޔޭ ބުނުމުން ގިނަ މީހުންނަށް އެކަން ވަނީ ޖޯކަކަށެވެ. ތެދެކެވެ. އުމުރަށް ޖަލަށް ލާފައި ހުންނަ މީހަކު ޖޫރިމަނާ ދައްކާކަށް ނޫޅޭނެ އެވެ. އެކަމަކު މިއީ ރާއްޖޭގައި މިއަދު ގާނޫނީ ގޮތުން އެކަން އޮތް ހާލަތެވެ.

ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުވެގެން ކުރާ ހުކުމްތަކުގައި ޖޫރިމަނާ ކުރާ ވާހަކަ އަބަދުހެން އިވޭނެ އެވެ. އެކަމަކު މިހާތަނަށް އެއީ ނަމެއްގައި ކުރާ ޖޫރިމަނާއެކެވެ. ޖޫރިމަނާ ކުރިޔަސް އޭގެ ތެރެއިން ޖޫރިމަނާ ދައްކާނީ ނިސްބަތުން ވަރަށް މަދު ބައެކެވެ. އާންމުންނަށް އިވޭނީ ނުވަތަ ފެންނާނީ ހުކުމުގައި އޮންނަ ޖޫރިމަނާގެ އަދަދެވެ. އެ ޖޫރިމަނާ ލިބުނުކަން ނުވަތަ ނުލިބޭ ކަމެއް ނޭނގޭނެ އެވެ.

ކުށް ސާބިތުވާ ބައެއް މީހުންގެ ނަޒަރުގައި ޖޫރިމަނާއަކީ އަދަބެއް ނޫނެވެ. އެއީ ދައްކަން ޖެހޭ ފައިސާއެއް ކަމަށް އޭގެ ތެރެއިން ގިނަ މީހުން ގަބޫލެއް ވެސް ނުކުރެ އެވެ. އެހެންވެ ޖޫރިމަނާ ދައްކާނީ ވަރަށް މަދު މީހެކެވެ. ޚާއްސަކޮށް ޖަލަށް ލުމާ އެކު ޖޫރިމަނާކޮށްފި ނަމަ ޖޫރިމަނާ ނުދައްކާ ޖަލުގައި ތިބެނީ އެވެ.

މިސާލަކަށް މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލަމާ ހިނގާށެވެ. މަސްތުވާތަކެތީގެ މައްސަލަތަކަކީ ރާއްޖޭގައި ޖިނާއީ ކުށްތަކުގެ ތެރެއިން އެންމެ ބޮޑު ޖޫރިމަނާ އަންނަ އެއް ކުށެވެ. އަދި އެންމެ ގިނައިން ކުށް ސާބިތުވާ ބާވަތުގެ ކުށް ވެސް މެ އެވެ. މަސްތުވާތަކެތި އެތެރެކޮށްފި ނަމަ ނުވަތަ އެތެރެ ނުކުރިޔަސް ވަކި އަދަދަކަށް ވުރެ ގިނައިން މަސްތުވާތަކެތި ގެންގުޅެފި ނަމަ އުމުރަށް ޖަލަށް ލުމާ އެކު 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު 2011 ގައި ވުޖޫދަށް އައި ފަހުން މަސްތުވާތަކެތި އެތެރެ ކުރުމާއި ގެންގުޅުމުގެ އެތައް މައްސަލައެއްގައި އެތައް ބަޔަކު ޖަލަށް ލައި، ބޮޑެތި އަދަދުން ޖޫރިމަނާކޮށްފި އެވެ. ހަމައެކަނި އެ ބާވަތުގެ މައްސަލަތަކުން ވެސް ބޮޑު އާމްދަނީއެއް ދައުލަތަށް ލިބޭ މިންވަރަށް މީހުންނަށް ކުށް ސާބިތުވެ، ޖޫރިމަނާތައް އަތުވެއްޖެ އެވެ. ޖަލަށް ލާން ހުކުމް ކުރުމާ އެކު ވަގުތުން ޖަލު ހުކުމް ތަންފީޒު ކުރަން ފެށިޔަސް ހުކުމުގައި ބުނާ މުއްދަތުގައި ގިނަ މީހުން ޖޫރިމަނާއެއް ނުދައްކަ އެވެ. ނުދެއްކިޔަސް އެ ފައިސާ ދައުލަތަށް ހޯދޭނެ ގޮތެއް ނޯވެ އެވެ.

ޖިނާއީ މައްސަލަތަކުގެ ތެރެއިން ޖޫރިމަނާ ފައިސާ ހޯދަން ބާރު އެޅުމުގެ ފިޔަވަޅުތަކެއް ހިމަނާފައި އޮންނަނީ އަބުރާ ބެހުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަ ދެއްކުމުގެ މައްސަލަތަކުގައި އެކަންޏެވެ. އެއީ ވެސް ދާދި ފަހުން ފާސްކުރި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އަބުރާ ބެހުން ޖިނާއީ ކުށަކަށް ހެދުމަށް ފަހު އަމަލުކުރަން ފެށި އުސޫލެކެވެ. އެ ނޫން ބާވަތުގެ މައްސަލަތަކަށް އެ އުސޫލެއް އަދި ނުހިނގަ އެވެ.

ނަތީޖާއަކަށް ވެފައި އޮތީ ޖިނާއީ މައްސަލަތަކުގައި ކުށްވެރިވެގެން ކުރާ ޖޫރިމަނާ ނުލިބުމެވެ. އެކަމަކު ކުށްވެރިވާ މީހުން ޖަލުގައި ބައިތިއްބައިގެން ދައުލަތުން އެ މީހުންނަށް ޚަރަދު ކުރަން މިޖެހެނީ އާންމުން ޓެކްސް ލާރި ޚަރަދުކޮށްގެންނެވެ. އަދި ޖޫރިމަނާ ނުދެއްކިޔަސް އަދަބު އިތުރަށް ބޮޑެއް ވެސް ނުވެ އެވެ.

އެކަމަކު ޖޫރިމަނާ ނުދައްކާ އުޅެން ދެން މާ ގިނަ ދުވަހެއް ނެތެވެ. އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހު އަމަލުކުރަން ފަށާ ޖިނާއީ އިޖްރައާތުގެ ގާނޫނާ އެކު ޖޫރިމަނާ ފައިސާ ހޯދުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) ގެ ދަށަށް ދާނެ އެވެ. އޭރުން ފައިސާ ނުދައްކައިފި ނަމަ ފިޔަވަޅު އަޅައިގެން ވެސް އެ ފައިސާ ދައުލަތަށް ހޯދޭނެ އެވެ.

މީރާ ހިންގާ އިމާރާތް: ޖިނާއީ އިޖްރާއަތުގެ ގާނޫނާ އެކު ޖިނާއީ މައްސަލަތަކުގެ ޖޫރިމަނާ ބަލައިގަތުން މީރާގެ ދަށަށް ދާނެ.---މިހާރު ފޮޓޯ

ކުރިން ޖޫރިމަނާ ފައިސާ ދައްކަން އޮންނަނީ އެ މައްސަލައެއް ބެލި ކޯޓަކަށެވެ. އެގޮތަށް ނިޒާމް އޮތްއިރު ޖޫރިމަނާ ނުދެއްކުމުން އެ ފައިސާ ހޯދަން އަމަލުކުރާނެ ވަކި އުސޫލުތަކެއް ޖިނާއީ މައްސަލަ ބަލާ ކޯޓުތަކުގައެއް ނޯވެ އެވެ. އެ ފައިސާ ކިރިޔާ ވެސް ހޯދޭނެ ގޮތަކަށް ކުރިން އޮންނަނީ ކުށްވެރިވާ މީހާގެ މުދާ ބަހަން އެ މީހަކު އަމިއްލައަށް ނުވަތަ އެ މީހާގެ ވާރިސުން މަދަނީ މައްސަލައެއް ހުށަހެޅުމުންނެވެ. އޭރުން އެ މީހާގެ ދަރަންޏެއް އޮތް ނަމަ މުދާ ބަހާއިރު އެ ފައިސާ އެއިން އުނިކުރަނީ އެވެ. އެކަމަކު އެއީ ދިގު މަރުހަލާއެކެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނާ އެކު އެ ދިގު މަރުހަލާތައް އުވި، އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ކުރާ ހުރިހާ ޖޫރިމަނާއެއް ބަލައިގަތުން ސީދާ މީރާގެ ދަށަށް ދާނެ އެވެ. ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާ ބުނާ ގޮތުން ކުށް ސާބިތުވާ ކުށްވެރިޔާ ޖޫރިމަނާކޮށްފި ނަމަ އެކަން މީރާއަށާއި ކަމާ ބެހޭ އިދާރާތަކަށް އެ ކޯޓަކުން އަންގަންވާނެ އެވެ. އަދި ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގައި މީރާއަށް ޖޫރިމަނާ ނުދައްކައިފި ނަމަ، ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އަމަލުކުރާ އުސޫލުން އެ ފައިސާ ދައުލަތަށް ނަގާނެ އެވެ.

މީރާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ބޮޑެތި ބާރުތަކެއް މިހާރު ވެސް ލިބިފައި އޮންނަ އިދާރާއެކެވެ. ދައުލަތުން ދޭ ޚިދުމަތްތައް ހުއްޓާލައިގެން ނުވަތަ އެ ފަރާތަކުން އެތެރެކުރާ މުދާ ހިފަހައްޓައިގެން ނުވަތަ އެކައުންޓް ފްރީޒްކޮށްގެން ނަމަވެސް އެ ފައިސާއެއް ހޯދުމުގެ ބާރު މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އޮވެ އެވެ. މިހާތަނަށް ޓެކްސް ފައިސާގެ މައްސަލަތަކުގައި އަމަލުކުރަނީ ވެސް އެގޮތަށެވެ.

ޖޫރިމަނާ ނުދައްކައި އުޅުމަކީ އާންމު ކަމެއް ކަމަށް ވިޔަސް ކުރިއަރާފައިވާ އެހެން ގައުމުތަކުގައި މިއީ އެހާ ފަސޭހައިން ދޫކޮށްލާ ކަންކަމެއް ނޫނެވެ. ބައެއް ގައުމުތަކުގައި ޖޫރިމަނާ ނުދައްކައިފި ނަމަ އަދަބު ބޮޑުވާ ގޮތަށް ނުވަތަ ޖޫރިމަނާގެ ފައިސާ ހޯދޭ އުސޫލުތައް އޮވެ އެވެ. މިސާލެއްގެ ގޮތުން އިންޑިއާ އަށް ބަލާއިރު ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުވުމުން ކުރާ ޖޫރިމަނާ ނުދައްކައިފި ނަމަ ކުށްވެރިޔާ ޖަލުގައި ހޭދަކުރަން ޖެހޭ މުއްދަތު އިތުރުވާނެ އެވެ. އެހެން ބައެއް ގައުމުތަކުގައި ޖޫރިމަނާ ނުދައްކާ ނަމަ އެ މީހަކަށް ދައުލަތުން ދޭ އިނާޔަތުން ނުވަތަ އެ މީހެއްގެ ޕެންޝަން ފަންޑުން ފައިސާ އުނިކުރުން ފަދަ ކަންކަން ކުރެ އެވެ.

ޖޫރިމަނާ ފައިސާ ބޮޑެތި އަދަދުތަކުން ދައުލަތަށް ނުލިބި ހުންނާތީ އެ ފައިސާ ބަލައިގަތުމާއި ހޯދަން މަސައްކަތް ކުރުން މީރާގެ ދަށަށް ބަދަލުކުރަން ޝަރުއީ ދާއިރާ އާއި މީރާއާ ދެމެދު ކުރިން ވެސް މަޝްވަރާތަކެއް ކުރި ކަމަށްވެ އެވެ. އެކަމަކު އަމަލީ ސިފަ ނައިސް އޮއްވާ ޖިނާއީ އިޖްރާއަތުގެ ގާނޫނު އައީ އެވެ.

އެ ގާނޫނު އަޔަސް އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ނުލިބި ހުރި ޖޫރިމަނާ ފައިސާ މީރާ މެދުވެރިކޮށް ދައުލަތަށް ހޯދޭނެ ކަމަކަށް ނުބެލެވެ އެވެ. އެއީ މިހާރު ކޯޓުތަކުން ޖޫރިމަނާ ކުރާއިރު ހުކުމުގައި މުޅިން ވެސް އަންގަނީ ޖޫރިމަނާ ފައިސާ އެ ކޯޓަކަށް ދެއްކުމަށް ކަމަށް ވާތީ އެވެ. އެހެންވެ، އެ ޖޫރިމަނާތައް ނުދެއްކިޔަސް ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނާ އުސޫލުން މީރާ މެދުވެރިކޮށް އެ ފައިސާ ހޯދޭކަށް ނޯންނާނެ އެވެ. ކުރިން ހިނގާފައިވާ ކަންކަމަށް، ފަހުން އަންނަ ގާނޫނުގެ އުސޫލެއް ނުހިނގާނެ އެވެ. އެކަމަކު އެ ފައިސާ ހޯދަން ވަކި ޚާއްސަ އިންތިޒާމެއް ހަމަޖެއްސުމަކީ ޝަރުއީ ދާއިރާއިން ކުރަން ޖެހޭ ކަމެކެވެ.

4 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕޮއް

28 December 2016

އަހަރެންގެ އަތުގައި / އެކައުންޓްގައި ނެތް ފައިސާއެއް އަހަރެން ކިތައްމެ ވަރަކަަަށް ފެލިޔަސް ލިބޭނެ ހަމަ އެއްވެސް ގޮތެއް ނޯނާނެ. މޮޔައިން މިކަހަލަ ދިއުޅިއެއް ނުވާ ގާނޫނު ހަދަނީ.

The name is already taken The name is available. Register?

ދފދ

28 December 2016

މީހަކު ހިޔާނާތްތެރިވީ. ހުކުމް އަންނަނީ ޖަލަށާއި ފައިސާ ދައްކަން. މީރާ މެދުވެރިވެގެން ލާރިދައްކަން ޖެހުމުން ހުރިހާ އުންދަގުލެއް ކުށްނުކުރާމީހުންނަށް ޖެހޭނީ. ބަލަން ތިބޭ. ސަބަބަކީ އެޖަލުގަ ހުންނަމީހާ 3 އިރު ކައިގެން ނިދާނީ. ކުށްނުކުރާ އާއިލާ އެހެން މީހުންނަށް މަޖުބޫރުވާނީ ގަނަތެޅިގެން ހޯދާލާރިކޮޅު މީރާއަށް ދައްކަން ކުށްކުރިމީހާގެ ބަދަލުގަ. އެއީ އެމީހާގެ ގޯއްޗެއް ނުވަތަ އެކަހަލަ އެއްޗެއް ކޯޓަށް ނަގާ އެވިއްކާލާނެ ކަމުގެ ބިރަށްް. އެކުށްކުރިމީހާގެ އާއިލާ ނުވެތަ އޭނަގެ ދަރިންގެ މުސްތަގްބަލް ހަލާކުވެގެން ގޮސް މަގުަމަތިވެދާނެތީ. އެހެންވީމާ ގާނޫނު ހަދާއިރު އެންމެންގެ ހައްގަށް ވިސްނާނަމަ. ނޫނީ ޖަލުގަ ހުންނައިރު އޭނައަށް ކުޑަނަމަވެސް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދާ އޭނަ ހޯދާ ފައިސާއިން އޭނަގެ ދަރަނި އަދާކުރާ ކަހަލަ ގޮތެއް ރޭވުން މުހިއްމު

The name is already taken The name is available. Register?

ފިއުޗަރ 007

28 December 2016

އުމުރަށް ޖަލަށްލާފައި ހުންނައިރު ކިހިނެއް އާމްދަނީ ހޯދާނީ؟ އާމްދަނީއެއް ނުލިބެންޏާ ކޮންގޮތަކަށް އެދައްކާނީ؟ އޯކޭ، އެމީހެއްގެ ގެދޮރު ދަޢުލަތައް ނަގައި ނީލަމުގައި ވިއްކާލުމުން ކޮބާ ދަރިންގެ ހައްގު؟ ބައްޕަ ނުވަތަ މަންމަ ކުރިކުށަކަށް ކުއްނުކުރާ ކުދިންނަށް ކޮންއުސޫލަކުން އަދަބު ދޭންތިއުޅެނީ؟

The name is already taken The name is available. Register?

މެންޓަލިސްޓް

28 December 2016

ދެން މީރާއާއި ހަވާލުވިޔަސް އުމުރަށް ހުކުމްކޮއްފައި ހުންނަމީހަކު ފައިސާނުދެއްކީމައި ދެން މީޜާއިން އެމީހެއްގެ ގެދޮރުނޫނީ މުދާވިއްކާފައި އެފައިސާނެގޭނެތޯ ؟؟ އެމީހަކުގެ ހުުކުމުގެ މުއްދަތު އިތުރުކުރެވޭނެތޯ .؟ ނޫނީ މީރާއިން ވަކިދައުވާއެއްކޮށް އަނެއްކާ އިތުރު ދުވަސް ތަކެށް ހުކުމަށް އިތުރުވާނެތޯ ؟ މިސުވާލުތަކުގެ ޖަވާބުނޭނުން ،،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454