ދިވެހިން އެންމެ ގިނައިން އުޅޭ ދެހިވެލައިގެ މަގެއް މިއަދު ހުސްކޮށް
10 މެއި 2022 - 15:14
ކޮލަމްބޯގައި ދިރިއުޅޭ ދިވެއްސަކަށް ގުޅާލައިފައި، ކިހިނެއްތޯ އެހުމުން އޭނާ ފަތިވަރު އަމުނާލި އެވެ.
"ފެނެއް ނެތް، ގޭހެއް ނެތް، ގަންނަން ބޭނުންވާ އެއްވެސް އެއްޗެއް ފިހާރައެއްގައި ވެސް ނެތް. ރަނގަޅު އެއް ކަމެއް ވެސް ނެތީ މިހާރު،" އޭނާ ބުންޏެވެ.
އެހެން އެކަން އޮއްވާ، އިއްޔެ އިން ފެށިގެން ވަނީ މުޅި ގައުމުގައި ކާފިއު އިއުލާންކޮށްފަ އެވެ. ދިވެހިން އެންމެ ގިނައިން އުޅޭ ކަލުބޯވިލާ އާއި ދެހިވެލަ އާއި ނޮގޭގޮޑައިގެ މަގުތައް ވެސް އޮންނަނީ ހުސްކޮށެވެ. މަދުމަދުން މީހުން ނުކުމެ އުޅުނަސް، ދިވެހިން ނުކުމެއެއް ނޫޅެ އެވެ. ބައެއް މީހުން ބުނި ގޮތުގައި "ގޭގައި ތިބީ ހައްޔަރުވެފަ" އެވެ.
އިގްތިސާދު ފުނޑި، ލަންކާ ބަނގުރޫޓުވެފައި އޮންނަތާ މިހާރު މަސްތަކެއް ފާއިތުވެއްޖެ އެވެ. މި ގައުމުގެ ރައްޔިތުން އުޅެމުން އަންނަނީ ވަރަށް ހާލުގަ އެވެ. ޒަރޫރީ ބޭނުންތައް ފުއްދާލާވަރަށް ބައެއް މީހުންގެ އަތުގައި ފައިސާ ހުއްޓަސް، އިންފްލޭޝަން ވަނީ އުފުލިފަ އެވެ. އަނެއްކޮޅުން، މުދާ ހުސްވެ، ޒަރޫރީ މުދާ ވެސް ހުރީ ކިޔޫ ޖެހިގެން ނޫން ގޮތަށް ނުލިބޭ ހާލަތެއްގަ އެވެ. މިއީ، މިވަރުގެ އިގްތިސާދީ ގުޑުމެއްގެ ތެރެއަށް މި ގައުމު ސޮއްސައިލި ފުރަތަމަ ފަހަރެވެ. އެ ވޭނުގައި ތިއްބާ، ގައުމުގައި ބޮޑު ހަމަނުޖެހުމެއް އުފެދި، ލޭއޮރުވައި މީހުން މަރަން ފެށުން ވެގެން ދިޔައީ ދިވެހިންގެ ހިތަށް ވެސް ވަރަށް ބޮޑު ބިރުވެރިކަމެއް ގެނުވި ކަމެކެވެ. ހާއްސަކޮށް އިއްޔެ އިން ފެށިގެން ލަންކާގައި ހިނގަމުން މި ދަނީ އާދައިގެ ކަންކަމެއް ނޫނެވެ. މަގުތަކުން ފެންނަނީ ތަންތަން ރޯކޮށްފައި ހުއްޓަ އެވެ. ދުއްވާ ވެހިކަލްގެ ދެފަރާތަށް ބަލާލުމުން ބައެއް ދިމާތަކުން ފެންނަނީ އަލިފާން ގުޅަގުޅަ އެވެ. އިވެމުންދާ ކޮންމެ ހަބަރަކީ އަހާލަން ފަސޭހަ ހަބަރަކަށް ނުވެ އެވެ.
މެއި 9، 2022 - ކޮލަމްބޯ: ސްރީ ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެ ގައުމުގެ ބޮޑުވަޒީރުގެ ގެކޮޅު ކައިރި ސަރަހައްދެއްގައި ހުރި ކިއޮސްކެއްގައި ރޯކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ
މި ވޭނުގައި ވެސް ގިނަ އަދަދެއްގެ ދިވެހިން ލަންކާގައި އެބައުޅެ އެވެ. ހަމަނުޖެހުން އެންމެ މައްސަލަ ބޮޑުވެފައިވާ ކޮލަމްބޯގެ އެކި ސަރަހައްދުތަކުގައި ވެސް ދިވެހި ދަރިވަރުންނާއި އާއިލާތައް އެބަތިއްބެވެ. ލަންކާގެ އިގްތިސާދީ ކާރިސާގެ ސަބަބުން އެނބުރި ރާއްޖެ ދިޔަޔަސް، ކިޔެވުމާއި ކޯސްތަކާއި ވަޒީފާއާ ހެދި ވެސް އެތައް ދިވެއްސަކު ތިބީ ލަންކާގަ އެވެ. ބައެއް މީހުން ދިރިއުޅުން ބަދަލުނުކުރީ ލަންކާ އަށް ހެޔޮ ބަދަލެއް އަތުވެދާނެ ކަމުގެ އުންމީދުގަ އެވެ.
އެކަމަކު އަދިވެސް އިވެނީ ނާއުންމީދީ ވާހަކަތަކެވެ. މި ގައުމުގެ މަސްރަހު އޮތީ ފަސޭހައިން ހައްލުވާ ވަރަށް ވުރެ މާ ގޯސްކޮށެވެ. ދިވެހިން އުފުލާ ތަކުލީފަކަށް ވެސް ނިމުމެއް ނެތެވެ.
"އިއްޔެ ފެން ގަންނަން ވެފައި ހުރީ، އެކަމަކު ކުއްލިއަކަށް (ކާފިއު) އިއުލާން ކުރީ. ދެން ފެން ގަންނަން ގުޅާ ގުޅާ ވެސް ފޯނެއް ނުނަގާ. ވިހި ލިޓަރުގެ ފެން ފުޅި މި ގަންނަނީ، އެއް ބަޔެއް އަތުން ގަންނަ ފުޅި އެހެން ތަނަކުން ނުނަގާނެތާ،" ބަންޑާރަނައިކެ އެއާޕޯޓާ ކައިރީގައި އެއާކްރާފްޓް އިންޖިނީއަރިން ކިޔަވަން އުޅޭ ދަރިވަރަކު ބުންޏެވެ.
ސިލްސިލާކޮށް ލަންކާގައި ހިނގާ މުޒާހަރާތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން ކިޔެވުމުގެ ކަންކަން ވެސް ކުރިޔަށް ނުދާތީވެ ދަރިވަރުން ތިބީ މާޔޫސް ވެފަ އެވެ. ވިޔަފާރިތަކުގެ އިތުރުން ކޮލެޖްތަކާއި ސްކޫލްތައް ވެސް އެކި ފަހަރު މަތިން ވަނީ ބަންދު ކުރަން ޖެހިފަ އެވެ.
"ދެން އަނެއްކާ މިކޮޅަށް އައީއްސުރެން ލަންކާގައި އަބަދުވެސް ކޮންމެވެސް ހަމަނުޖެހުމެއް ހިނގާ. ސްޓޫޑެންޓް ލޯނުގައި އައީ، ދެ އަހަރާ ބައިން ނިމޭ ކޯހުގައި މިހާރު ފަސް އަހަރު ވަނީ، ކިޔަވަން އޮތް ލޯބި ވެސް ގެއްލިއްޖެ. ކޮލެޖްގެ ހުރިހާ ޓްރޭނިންތަކެއް ވެސް ހުއްޓިފައި އޮންނަނީ ގިނަފަހަރު."
މީހަކު ގޭހުގެ އިންތިޒާރުގައި: ލަންކާ ވަނީ ގޭހަށް ޖެހިފައި -- ފޮޓޯ: އޭއެފްޕީ
އިއްޔެގެ ހަމަނުޖެހުންތައް ހިނގީ ސުލްހަވެރިކޮށް މުޒާހަރާ ކުރަން ތިބި އިދިކޮޅު ބަޔަކަށް، ސަރުކާރުގެ ސަޕޯޓަރުން ބަހެއްގައި އައިސް ކުއްލިއަކަށް ހަމަލާތައް ދޭން ފެށުމުން ކަމަށް ލަންކާގެ ރިޕޯޓްތައް ބުނެ އެވެ. އަދި ކާފިއު އާ އެކު ވެސް އެ މީހުން ހޯދައި، ސަރުކާރުގެ ވެރިން ގައުމު ދޫކޮށް ފިލިޔަ ނުދޭން މަގުތަކުގައި ހަރަކާތްތެރިވަނީ އިދިކޮޅަށް ތާއީދުކުރާ އާއްމު ރައްޔިތުންނެވެ.
"ހައިވޭ ވެސް އޮތީ ބްލޮކް ވެފައި. އެއް ލޭން ހުސްކޮށް، ޓޮލް ފީ ވެސް ދައްކާކަށް ނުޖެހުނު. އެކަމަކު ކޮލަމްބޯއިން ބޭރަށް ދާ ލޭނުގަ ވެހިކަލްތައް ޗެކް ކުރަން ތިބީ އާއްމުން ނިކުމެ ބޮޑެތި ލަޓިބުރި ހިފައިގެން. ސިފައިން ފެންނުނީ ވަރަށް މަދުން، ސައިކަލެއް ރޯކޮށްލައިފަ އޮތްތަން ފެނުނު މަގެއް މަތީ."
"ހައިވޭ ވެސް އޮތީ ބްލޮކް ވެފައި. އެއް ލޭން ހުސްކޮށް، ޓޮލް ފީ ވެސް ދައްކާކަށް ނުޖެހުނު. އެކަމަކު ކޮލަމްބޯއިން ބޭރަށް ދާ ލޭނުގައި ވެހިކަލްތައް ޗެކްކުރަން ތިބީ އާއްމުން ނިކުމެ ބޮޑެތި ލަޓިބުރި ހިފައިގެން. ސިފައިން ފެންނުނީ ވަރަށް މަދުން، ސައިކަލެއް ރޯކޮށްލައިފަ އޮތްތަން ފެނުނު މަގެއްގެ މަތީ،" ކޮލަމްބޯގައި ދިރިއުޅޭ، ސްރީލަންކަން އޭވިއޭޝަން ކޮލެޖުގައި ކިޔަވާ ދަރިވަރަކު ކިޔައިދިނެވެ.
ސްރީ ލަންކާގައި ކާފިއު އިއުލާންކުރާތީ އާއްމުން މުދާ ގަނެގެން ގެންދަނީ. --ފޮޓޯ:އޭއެފްޕީ
"ގޭގައި އުޅޭތީ މީގެ ކުރިން މިކަހަލަ މަންޒަރެއް ހަމަލޮލުން އަދި ނުދެކެން. ކޮލެޖުގައި ހުއްޓާ، ޖީއެމް (ޖެނެރަލް މެނޭޖަރު) އައިސް ބުނީ އެންމެން ގެޔަށް ދާށޯ، ވަރަށް ހާސްވެފައި ހުރީ. ވެހިކަލެއް ވެސް ލިބުނީ އެހާ އުނދަގުލުން. އިއްޔެ ދެން ބަހުގަ ނުވެސް ދެވޭނެ ދޯ، ގާތްގަނޑަކަށް ދޮޅު ގަޑިއިރެއްހާއިރު ފަހުން ކާރެއް ލިބުނީމައި ޑްރައިވަރު ވެސް ވަރަށް ސުވާލު ކުރި. އޭނަ ވެސް ޖެހިލުން ވެފައި ހުރީ އެކޮޅަށް (ކޮލްމަބޯ އަށް) ދާން."
"ދިޔަ މަގުމަތީގައި ގެޔަށް ބޭނުންވާ އެތިކޮޅެއް ގަނެވޭތޯ ވެސް ބެލިން، ކާފިއު ނަގާނެ އިރެއް ނޭނގޭ ވިއްޔާ. އެކަމަކު އެޔޮއް ދިގު ދަތުރުގައި އަހަރެންނަށް ދިމާވީ ހަމަ އެންމެ ސުޕަޕާކެޓެއް. އެތަނުން ލިބުނު އެތިކޮޅުން ދެން ފުއްދާލީ."
ލަންކާގައި ތިބި ދިވެހިންނަށް ރާއްޖެ އައުމަކަށް ހުރަހެއް ނެތެވެ. މިއަދު ލަންކާ އިން އެނބުރި އައި މީހަކު އޭނާގެ ޓްވިޓާގައި ވީޑިއޯއެއް ޝެއާ ކުރަމުން ބުނި ގޮތުގައި އެއާޕޯޓާ ކައިރިން އުޅަނދުފަހަރު ހުއްޓުވައި، އިސްތިއުފާ ދެއްވި ބޮޑުވަޒީރު ރާޖަޕަކްސާގެ މީހުން ތިބިތޯ ބަލަ އެވެ. އަދި ވަރަށް އަވަހަށް ޗެކްކޮށްލުމަށް ފަހު ހިނިތުން ވެލާފައި ދޫކޮށްލާ ކަމަށް އޭނާ ބުންޏެވެ.
ލަންކާގައި ތެޔޮ ގަންނަން ދިގު ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ
ދެހިވެލައިގައި އުޅޭ މީހަކު ބުނި ގޮތުގައި ލަންކާގައި ކަމެއް އުޅޭހެން އެ ހިސާބުގައި އުޅޭ މީހުންނަކަށް އެހާ ބޮޑަކަށް ނޭނގެ އެވެ.
"ހަބަރުތަކުން ބޮޑަށް ފެންނަނީ. އަހަރެމެން މި އުޅޭ ހިސާބާ އެއީ ވަރަށް ދުރު،" އޭނާ ކިޔައިދިނެވެ. "އެހެންވެ ބިރުވެރިކަމެއް ނެތް. އެކަމަކު ބޭނުންވާ ޒަރޫރީ ސާމާނު ހޯދުމުގައި ވަރަށް ތަކުލީފު ބޮޑު. ކިޔޫތއް އަދިވެސް ވަރަށް ގިނަ."
"ބޭނުންވާ ވަރަށް ގިނަ ކާބޯތަކެތި ވަރަށް ގިނަ މީހުން ހުރީ ރާއްޖެ އިން ވެސް ގެނެސްފައި. މިކޮޅުން ކޮންމެހެން ގަންނަން ޖެހޭ އެއްޗެއް ނޫނީ ގަންނާކަށް ވެސް ނުޖެހޭ."
ލަންކާގައި ތިބި ދިވެހިން ވެސް ތިބީ ގައުމަށް ރަނގަޅު ގޮތްތަކަށް އެދިއެދި އެވެ. އަމާން، އަދި ސުލްހަވެރި އަހަރުތަކަކަށް ފަހު ކުރީގެ ލަންކާ އަށް ބަދަލުވުމަކީ އެއްވެސް ދިވެއްސަކު ބޭނުންވާނެ ގޮތެއް ނޫނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސް
11 May 2022
ލަންކާގާ އުޅޭ ގިނަ ދިވެހީންނަކީ ރާއްޖޭގެ ގެދޮރު ކުއްޔަށްދީގެންނާ އެނޫންވެސް ގޮތްގޮތުން ފައިސާ ލިބޭމީހުން އަރާމުގާއުޅެން ދިޔަތަނެއް. އެތަނުގާއުޅޭ މަދު ދިވެއްސެއް ފިޔަވާ ދެންތިބި އެންމެންވެސް އުޅެނީ އެހެން. އެހެންވެ އަންނަންވެސް ބޭނުން ނުވަނީ. ބައެއްމީހުން އެތަނުގެ މީހުނާއިނދެ ދަރީންހޯދާ އެދަރީންވެސް ބޮޑެތިވެއްޖެ. ދެންތިބިމީހުން އެތަންތަނުން ގޭގެ ކުއްޔަށް ނަގައިގެން ދިވެހީންނަށް ކުއްޔަށްދީގެން ފައިސާ ހޯދަނީ. ދެން އެހެންވެ ނާންނާނެ ނޫންތޯ؟
ޔުކުރެއިން
11 May 2022
ޔުރުރެއިންގެ ރައީސް ވިދާޅުވި އެގައުމަށް ހަމަކު 7ބ ޑޮލަރު ތިން މަސް ވަންދެން ދޭންޖެހޭނެ ކަމަށް ޔޫރަޕިއަން ޔޫނިއަނުންނާ އެމެރިކާއިން އަދި ނޭޓޯއިން، އެއީ މުސާރަދިނުމާ އެހެނިނެން ކަންކަމަށް ޙަރަދުކުރަން. އެކަމަކު ލަންކާވީމަ ޑޮލަރު ކޮޅެއްވެސް ދޭން ޖެހޭނެ ޖަމާއަތެއް ހަމަ ނެތީތޯ؟
ރަޝިޔާ
11 May 2022
ލަންކާގެ އިގްތިސާދަށް ވަމުން ދިއަ ގޮތާ ވާން އުޅޭ ގޮތް އެތައް ބަޔަކު ކުރީބައިގަ ބުނަމުން ދިއައިރު އަދި ލަންކާގެ ސިޔާސީ މީހުން އެކަންކަމަށް ނުބަލާ އެކަމަށް ހަރުދަނާ ފިޔަވަޅެއް ނާޅާ އަމިއްލަ ސިޔާސީ އެދުން އިސްކުރުމުގެ ސަބަބުން ލަންކާ އެ ހާލަތަށް ދިއުމަކީ އެހެން މީހުން އަވަހަށް އެހީވެގަންނަން އުޅޭނެފަދަ ކަމެއްހެން ހީނުވޭ. މިގައުމާމެދުވެސް އެބަ ވޯލްޑްބޭންކް ފަދަ ތަންތަނުން ބުނޭ ކަންކަން ގެންދަންވީ ގޮތް އެކަމު އެކަމާ އަޅާލާ ސަރުކާރެއް އެބައޮތްތަ.
މޯނިން
11 May 2022
ސަރުކާރުގެ ހަރަދުގައި ގެންނަން ދެން ހާދަ އުނދަގުލޭ ބިރު ބޮޑޭ ކިޔާލަ ކިޔާލަ ތިބެންދޯ ބޭނުންވަނީ
ޥަޅޯމަސް
11 May 2022
ކަލޭހާ ތަނަވަހެއް ނޫނޭ އަހަރުން ލޯނުގަ ކިޔަވަން ގޮއްސައުޅޭ ކުދިންނެއް ކިޔެވުން ދޫކޮއްލާފަ ބޭނުންހާއިރަކު ޓިކެޓް ނަގާގެން ލޯނު ދައްކާނެ ގޮތެއްނެތި އަނބުރާ އަންނާކަށް ކަލޭތަ ލޯނާއެއްޗެހި ދައްކަދެނީ
ދޮގުމަސް
12 May 2022
ދޮގުނުހަދާ ސްޓުޑެންޓް ލޯނަށް ލާރީ ދޭ ގޮތާއި އެއަށް ލާރި ކަނޑަން ފައްޓަނީ ކޮން އިރަކުން ކަން އެހެން މީހުންނަށް ނޭނގޭނެ ކަމަށް ހީނުކުރައްޗޭ
ޔާރާ
10 May 2022
ކީކުރަންތަ ކިޔަވަން ބޭރައްދަނީ މިހާރު ރާެއްޖެއިންވެސް ތިޔައްވުރެ މާ ފުރިހަމަ ކޮއް ކިޔަވާދޭ މިސާލަކަން ވިލާާކޮލެޖް ތިބޭނެ ދަންނަ ނުދަންނަ ބޭކަލުން
ހެންސަ
11 May 2022
ރާއްޖޭގެ ކޮލެޖްތަކުން ކިޔަވާ އެއްޗެއްގަ އެއްވެސް ފެންވަރެއް ނުހުރޭ. މުޅިންވެސް އެސައިންޓްމަންޓް ދެނީ. ދެން ގެއަށް އައިސް ބަޔަކު ލައްވާ އެސައިންޓްމަންޓް ހަދަނީ. ކިޔަވާ ނިމޭއިރުވެސް ގިނަ ބަޔަކަށް ވާނުވާ ނޭނގެ. ބައެއް ކޮލެޖްތަކުން ޓެސްޓްވެސް ނުނަގާ. ހާޒިރީއަށް 50% ދެން ކޮންމެ މީހަކުވެސް ފާސްވާނެ ދޯ. މީ ރާއްޖޭގެ ކޮލެޖްތަކުގެ ހާލަތު. ޢިލްމުވެރިން މަދުވެ ސަނަދުވެރިން ހިނަވަނީ
ޔާރާގެ އަމާ
11 May 2022
ކަލޭއާ ކޮން ބެހޭ ކަމެއްތައް!!!
ޥަޅޯމަސް
11 May 2022
ކަލޭ ހީކުރީ ރާއްޖޭގަ ހުރިހާއެއްޗެއް ކިޔެވޭކަމައްތަ
ބޮޑުމީހާ
10 May 2022
ލަންކާގެ ހާލަތު މިރާއްޖޭގައި ދިމާވުން އެކަށީގެންވޭ. ކޮރަޕްޝަނާއި ފަސާދަ، އިންސާފު ގާއިމު ނުކުރެވެންޏާ ތިކަހަލަ އެތައް ކަމެއްވާނެ ެ
ހުވަފެނީ
10 May 2022
ބޮޑުމީހާ ހީވަނީ މިފަދަކަމެއް ރާއްޖެއަށް ދިމާނުވެގެން އުޅޭހެން. އިރާދަކުރެއްވިއްޔާ ތިޔަހެންނެއް ނުވާނެ ރާއްޖެއަކަށް.
ހަސަނު
10 May 2022
މި ރާއްޖެ އިން ލަންކާގެ އަޚުންނަށް އެހީއެއް ދޭން ވިސްނަމުތަ؟؟
ބިލް ކުލިންޓަން
10 May 2022
ދިވެހިއަޚުންނާ އުޚުތުން ރަށުން ބޭރުގާ އުޅޭތީ ހާދަދެރަވެއޭ. އަވަހަށް އަންނާންއުޅޭ.
ޥަޅޯމަސް
11 May 2022
ތިބުނާހާ ފަސޭހަޔަކުން އާދެވޭކައް ނެތް
ޒަޔާން ކާފަ
10 May 2022
ކަލޯ ޒަޔާނޫ އަހަރެމެން މިތިބީ ލަންކާގަ ގޭގަ އަހަރެމެން ގަޔައް ބޮލައް އަރަން މުޒާހަރާ ކުރާމީހުން ނާދޭ ކޮންމެހެން ބޭނުންވާ އްޗެތި ހިއްވަރު ކޮއްލީމަ ލިބޭ.ލަންކާ އެއްނޫން ކޮންމެ ގައުމަކައް ވެސް އައިސް ދާނެ މިކަހަލަ ހާލަތެއް،ކެއްކުރަންވާނެ ފުރެންޑު.ދެން ރާޖަޕަކްސަރ ވެސް އެދިޔައީތާ ރަނގަލުވެދާނެ ދެން!
ޒަބީބު
10 May 2022
އިސްތިއުފާ ދިންހިސާބުން ފެށިގެން އެއްވެސްކަމަކަށް ހައްލެއް ފެނިއްޖެބާ! ކަރަންޓު އަދިވެސް ކެނޑޭބާ! ކައްކާގޭސް ލިބުމުގަ ދަތިކަމެއް ނެތްބާ! އިސްތިއުފާ ދިނުމުން މަސްރަޙް ރަނގަޅުވީތަ ނޫނީ ހާލަތު ގޯސްވީބާ!؟
މުލޭ
10 May 2022
ރަނގަޅު އެއްކަމެއް ވެސް ނެތިއްޔާ ދެން ރާއްޖެ އާދޭ ދުވަސްކޮޅަކަށް. ހަމައަކަަށް އެޅުނީމަ ދާނީ. ލަންކާގެ ސުލްޙައަކީ ދިވެހިންނަށް ވެސް ނިޢުމަތެއް. މިޙާލަތަށް ލަންކާ ވެއްޓުނީމަ ދެރަވޭ. ހިތް ނުތަނަވަސްވޭ. އާއިލާއަށް ދެރައެއް ލިބުންފަދަ އިޙްސާސެއް ކުރެވޭ. ތަރައްގީގެ ގިނަަ މަސައްކަތްތަަކެއް ކޮށްފައި ހުށްޓަސް ރާޖަޕަކްސާ ޒިންމާ ނަގަންޖެހެނީ މިކަމުގައި.
އިބްރ
10 May 2022
ތިޔަކަމުން އަރައިގަނެވޭނީ ހުރިއްޔާހުރި މުދަލެއްގައި ހުޅުޖަހައިގެންތޯ؟
ޖުހާނާ
10 May 2022
މި ރާއްޖޭގައި ވެސް 2012 ފެބުރުވަރީ 08 ވަނަ ދުވަހު ބަޔަކު ހުޅުޖެހި. ހުޅުޖެހި މީހުން މިހާރު އެ ތިބީ މި ގައުމުގެ ވެރިކަމުގައި.