ރާއްޖޭގައި ދިރިއުޅޭ ލަންކާގެ މީހުން މުޒާހަރާ ކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
13 ޖުލައި 2022 - 16:01
ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ސިއްރުން ރޭ ރާއްޖެ ވަޑައިގެން، ދިވެހި ސަރުކާރުގެ ހިމާޔަތް ހޯދާފައިވާތީ، ރާއްޖޭގައި ދިރިއުޅޭ ލަންކާގެ މީހުން ދިވެހި ސަރުކާރާ ދެކޮޅަށް މާލޭގައި ކުރަން އުޅުނު މުޒާހަރާ ދިވެހި ފުލުހުން ނުކުމެ ދެންމެ ހުއްޓުވައިފި އެވެ.
އަލިމަސް ކާނިވާ ސަރަހައްދު ކައިރިން ޕެޓްރޯލް ޝެޑް ކުރިމައްޗަށް ކަހަލަ ގޮތަކަށް 100 އެއްހާ މީހުން އެއްވެ މުޒާހަރާ ފެށިތަނާ ފުލުހުން ނުކުމެ އެ މީހުން އަނބުރާ ފޮނުވައިލި އެވެ.
އެ މީހުން ފޮނުވައިލީ، ހިފައިގެން ތިބި ލަންކާގެ ދިދަތަކާއި ބެނާތައް އަތުލުމަށް ފަހު ކަމަށް އެ ސަރަހައްދުގައި ހުރި "މިހާރު" ގެ ރިޕޯޓަރު ބުންޏެވެ.
"ވަރަށް ސުލްހަވެރިކޮށް އެ މީހުން ތިބީ. ފުލުހުން ބުނާއިރަށް މުޒާހަރާ ހުއްޓާލާފައި އެ މީހުން ހިނގައްޖެ،" ރިޕޯޓަރު ބުންޏެވެ.
ދިވެހި ސަރުކާރު ދެކެ ހިތްހަމަނުޖެހިގެން ލަންކާގެ މީހުން ފެށި މުޒާހަރާގެ ތެރެއަށް ބައެއް ދިވެހިން ވަންނަން އުޅުނު ކަމަށް ވެ އެވެ. އެކަމަކު، އެ ފުރުސަތު ނުދީ ފުލުހުން މުޒާހަރާ ހުއްޓުވީ އެވެ.
ލަންކާގެ ރައީސް ރޭ ދަންވަރު އެ ގައުމުގެ އަސްކަރީ ބޯޓެއްގައި ރާއްޖެ ވަޑައިގެން މިހާރު ހުންނެވީ ވޮލްޑޯފް އެސްޓޯރިއާ ރިސޯޓުގައި ކަމަށް އެނގިފައި ވެ އެވެ.
މިއަދުގެ ވަގުތެއްގައި އޭނާ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން އިއުލާން ކުރެއްވިޔަސް އަދި އެ ކަމެއް ނުކުރައްވަ އެވެ. އަދި ގޮޓާބަޔަ ރާއްޖެ ވަޑައިގަތީ ޓްރާންސިޓް ވުމަށް ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ބުނެ އެވެ. އެހެންވެ، ބެލެވޭ ގޮތުގައި މިއަދުގެ ވަގުތެއްގައި އޭނާ ރާއްޖެ އިން ފުރާވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
14 July 2022
ފުލުހުންގެ ވެރިން އިސްތިޢުފާ. 2023ގަ ފުރުސަތެއް ނެތް.
އެންޓަން ބާލަ ސުބުރަމާނިއަމް
14 July 2022
މިތާ ކޮން މުޒާހަރާއެއް ކުރާކަށް ބުނޭ ރަށަށްދާށޭ މުޒާހަރާކުރަން! ބަލަ މިމީހުންގެ ބޮޑުއަގުލަބިއްޔަތަކުން ހޮވި ރައީސެއްނޫންތަ އެއީ އަނެއްކާ ތަމަޅައިން މަރާ މުސްލިމުންނަށް އިހާނެތިކޮށްހެދީ މެޖޯރިޓީ ސިންގަޅައިންގެ ތާޢީދާއެކީއޭ... މިހާރު ކޮންފޮނެއް އަރުވާކަށް!
ކޮތަރު
14 July 2022
ލަންކާގައި އޭރު ދިވެހި ވެރިކަމުގައި ހުރި މީހާޔާދެކޮޅަށް ދިވެހި އެންބަސީ ކުރިމަތީގައި ފާޑު ފާޑުގެ ޕޯސްޓަރާ ދިވެހި ދިދަ ހިފައިގެން މުޒާހަރާކުރިކުރުން ލަންކާ ސަރުކާރުން ނުހުއްޓުވާ! ހިފައިގެ ތިބި އެއްޗެތި ވެސް އަތެއްނުލާ! އިއްޔެ މި ފިނޑި ސަރުކާރުން ލަންކާމީހުން ކުރި މުޒާހަރާ ހުއްޓުވީ ހާދަހާ ގޮތެއް ނެތީމައޭ! އަނެއްކާ، ލަންކާގެ ދިދަ ގުޅަކޮށް މުށުތެރެއަށް ޖަހައިގެން ހުރި ފުލުސް މީހާ އެކުރީ ހާދަ ދަށުދަރަޖައިގެ ކަމެކޭ! ފުރަތަމަ ދިދަ ލަންކާގެ ރައްޔިތުންގެ އަތުން އަތުވެސް ނުލެވޭނެ! އެކަމަކު ދިދަ ތިރިކޮށް ފޮރުވާށޭ ބުނެވިދާނެ! ސަބަބަކީ، ގައުމުތަކުގެ ދިދަޔަކީ ގައުމުގެ މިނިވަންކަމާ ސިޔާދަތު ރަމްޒުކޮށްދޭ ނިޝާނަށް ވުން! މިކަހަލަ ކަން ކަމުން ވެސް އެނގެނީ އަދުގެ ފުލުހުންގެ ފެންވަރެއް ނެތުމާ ތަންދޮރު އޮޅުން ނުފިލާ ތިބި ވަރު!
ޙަސަންތަކުރު
14 July 2022
އެމީހުން ގެންގުޅުނު ބެނާ ތަކުގައި ނެތް ދިވެހި ސަރުކާރާ އިދިކޮޅަށް އެއްވެސް އެއްޗެއް. ދެން ކީއްވެ އެ ފަދަ ތުހުމަތެއް އެމީހުންނަށް ތިކުރަނީ؟ މިއީ ތަ ދިވެހި ނޫސްވެރިކަމުގެ ފެންވަރަކީ؟
ފައްކާ
14 July 2022
ދިވެހިން ލަންކާގަ މުޒާހަރާކުރެވޭ. އެކަމަކު ބިދޭސީންނަށް ޗުއްޕުވެސް މިގައުމުގަ ނުބުނެވޭ. ފައްކާ "ޑިމޮކްރަސީ"އެއް ދިވެހިން ގެންގުޅެނީ https://maldivesindependent.com/politics/opposition-supporters-protest-in-sri-lanka-136273
އޮރެންޖްބެރީ
14 July 2022
މިއީ ދިވެހި ސަަރުކާރާ ދެކޮޅަށް ލަންކާ މީހުން ކުރި މުޒާހަރާއެއް ނޫން. ނޫހުގަ އޮތް ސުރުހީ ކަމަކު ނުދޭ. އެމީހުން މުޒާހަރާ ކުރީ އެމީހުންގެ ޝުއޫރު ފާޅުކުރުމަށް ގޮޓަބަޔާ ދެކޮޅަށް. ނޫސްތަކުން ތަންކޮޅެއް ބޮޑަށް ޒިންމާވެރި ތެދުވެރި ގޮތަކަށް ލިޔެބަލަ.
އުލާ
13 July 2022
މުޒާހަރާ ކުރިހުރިހާ މީހުން މަޑުމަޑުން ގައުމަށް ފޮނުވާލުން ވަރަށްވެސް މުހިންމު.
ޕީސްފުލް މުޒާހަރާ
14 July 2022
ޕީސްފުލް މުޒާހަރާއެއްކުރުމަކީ ބައިނަލް އަގްވާމީ މުއާހަދާތަކުން ހުއްދަދޭ ކަމެއް. ދިވެހިންވެސް އެބަހުރި ބޭރުގައި މުޒާހަރާތަކުގައި ބައިވެރިވެފަ. ދުވަހަކުވެސް އެހެން ގައުމަކުން ދިވެއްސަކު މުޒާހަރާގައި ބައިވެރިވިއޭ ކިޔާފަ ޑީޕޯޓްކޮށްފައެއް ނެތް.
ކޮވެލި
13 July 2022
ރަނގަޅު. ކޮން ސަކަރާތެއް ޖަހާކަށް މިތާކު. ކިރިޔާ ކައިބޮއެގެން އުޅޭ ގައުމެއް މީ. މިތަން ހަލާކު ކުރާނެ ކަމެެއް ނެތް ސިޔާސީ ބޭނުމަށް.
ބަޑިއެދުރުކަލޭގެފާނު
13 July 2022
ގޮތަބަޔާ އަކީ ލަންކާގެ ރައީސްޚަމުގައިވާތީ އެގައުމުން ފުރުނީ އަދި ރާއްޖެ އެތެރެވެވުނީވެސް މިދެންނެވި ސަބަބާއިހުރެ. ލަންކާއިން ފުރުން ނުހުއްޓުވުނު އިރު ރާއްޖެއަށް އެތެރެވެވުނީތީ ދިވެހި ދައުލަތާއި ދެކޮޅަށް މުޒާހަރާކުރެވިގެން ނުވާނެ .! ޢަވައްޓެރި ގައުމެއްގެ ރައީސް ރާއްޖެ އެތެރެވުން މަނާ ކުރެވޭނެ ގާނާުނީ ސަބަބެއް ނެތެ!
ގައުމީދޫ001
13 July 2022
ލަންކާގައި އެގަުމުގެ ސަރުކާރާއި ދެކޮޅަށް ދިވެހިންނަށް މުޒާހަރާކުރުމަށް ފުރުސަތުދޭނެބާ؟!
އޮރެންޖްބެރީ
14 July 2022
އެމީހުން ދިވެހިސަރުކާރާ ދެކޮޅަކަށް މުޒާހަރާއެއް ނުކުރޭ. ކުރީ ގޮޓަބަޔާއާ ދެކޮޅަށް. އަދި އެވެސް ސުލްހަވެރިކޮށް.