ބިސް ތޮށިތައް.
12 މެއި 2022 - 10:44
މިދިޔަ މާޗު މަހު ސިނަމާލޭ ބްރިޖު ކައިރި އަށް އެރި ވެލާގެ ބިސްތައް ކުޑަހުރާ ރިސޯޓުގައި ވިހައިފި އެވެ.
އެ ވެލާ އެޅި 96 ބިސް މާލެ ކައިރީގައި އޮންނަ ކުޑަހުރާގައި ވިއްސުމަށްޓަކައި ގެންދިޔައީ އީޕީއޭގެ ބެލުމުގެ ދަށުން މިދިޔަ މާޗު މަހުގެ 16 ގަ އެވެ.
ކުޑަހުރާގައި ހިންގާ މެރިން ޑައިވާސްގެ ބެލުމުގެ ދަށުން ރައްކާތެރިކަމާ އެކު، ބިސްތައް ވިއްސުމަށް މީގެ ދެ މަހެއްހާ ދުވަސް ކުރިން ގެންގޮސްފައި ވަނިކޮށް، ރޭ ފަތިހުގެ ވަގުތެއްގައި ބިސްތައް ވިހައި ވެލާތައް ވަނީ އެ ތަނުން ގޮސްފަ އެވެ.
ވެލާ ބިހަކީ އާންމު ގޮތެއްގައި ވެސް ދެ މަސްތެރޭގައި ފީވެ، ދަރިމައިވާ އެއްޗެކެވެ.
އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "މިހާރު" އަށް މިއަދު ވިދާޅުވީ ބިސްތައް ވިހައި ވެލާތައް ނުކުމެގެން ގޮސްފައި ވަނީ ރޭ ފަތިހުގެ ވަގުތުގައި ކަމަށް ވާތީ އެ އެއްޗެހި މޫދަށް ފައިބައިގެން ދިޔަ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ވެސް ނުލިބުނު ކަމަށެވެ.
ބިސްތައް ވިހައިގެން ދިޔަ ސަރަހައްދުގައި ރިސޯޓުގެ މެރިން ޑައިވާސް ޓީމުގެ މީހަކު ހަރަކާތްތެރިވަނީ.
ވެލާ އެޅި ބިސްތަކުގެ ތެރެއިން 75 ޕަސެންޓް ވެލާ ރައްކާތެރިކަމާ އެކު ވިއްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މަދު އަދަދެއްގެ ބިސްތައް ހަލާކުވެ ނުވިހައި ވެސް ހުއްޓެވެ.
އެ ވެލާ ސިނަމާލޭ ބްރިޖު ކައިރިއަށް ބިސް އެޅުމުގެ 15 ދުވަސް ކުރިން ވެސް ހަމަ އެތަނަށް އަރާފައިވެ އެވެ. އެކަމަކު އެ ފަހަރު ބިސް އެޅުމުގެ ކުރިން އެ ވެލާ ވަނީ އެ ތަނުން ނަގައި މޫދަށް ދޫކޮށްލައިފަ އެވެ. ދެވަނަ ފަހަރަށް ވެލާ އެރުމުން ފުލުހުން ގޮސް ވަނީ ވެލަޔަށް ގޯނާއެއް ނުވާނެ ގޮތަށް އެތަން ބަންދުކޮށްފަ އެވެ.
މާލޭގެ ގޮނޑުދޮށަށް ވެލާ ބިސް އަޅާފައި-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
ވެލާ އެޅި ބިސް އެހެން ތަނަކަށް ގެންދަން ޖެހުނީ އެއީ ރާޅު އަޅާ ސަރަހައްދަކަށް ވާތީ އެއްވެސް ރައްކާތެރިކަމެއް ނެތުމުން ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.
ވެލާ ބިސް އެއްތަނުން އަނެއް ތަނަށް ގެންގޮސްގެން ކުރިން ވެސް ވިއްސުވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
48343
12 May 2022
ދެން ކުރާނެކަމެއްނެތް. ގަބޫލުކޮށްފިން.
ޢަލީ ނަމީ
12 May 2022
ތޮށިތަކަށް ބަލާފަ ހިޔެއް ނުވޭ! ނިކުމެގެން ދިޔަތަން ފޮޓޯ ނުނެގުނީ ފަތިސްގަޑިވީމަ. ޢެކަމަކު ފަތިހުކަންވެސް އިނގިއްޖެ. ާއެހެންވެ ފޮޓޯ ނުނެގުނީ. ޢެކަމަކު ފައިބައިގެން ދިޔަ ތަން ހުންނަންވާނެ އިނގެން.
ސޭކުބެ
12 May 2022
އަޅުގަޑުމެންގެ މާދަރީ ބަހަށް މިވާގޮތް ހާދަ ދެރައޭ. ދިވެހިބަހުން ވިހެއުން ކިޔަނީ ބަނޑުގަ އޮވެ ދަރިމައިވެގެން ދަރި ބޭރަށް ނިކުންނަ ނިކުތުމަށް. ބިހެއް ނުއެއް ވިހާނެ އަދި ނުވެސް ފަޅާނެ. ބިސް ދަރިމައިވެ ވިހެއުމަށް ދިވެހިބަހުން ކިޔަނީ "މޮވުން". އެހެންކަމުން ރަގަޅު ގޮތަކީ "ވެލާ ބިސްތައް މޮވައިފި" އަންނަން އޮތް ޖީލަށް ބަސް ހިމާޔަތްކުރުމަށްޓަކައި ލިޔުންތެރިން ވީވަރަކުން ބަހުގެ ހަމަތަކާ އާދަކާދައާ އެއްގޮތްވާ ގޮތުގެމަތިން ލިޔުއްވުން ވަރަށް މުހިއްމު.
އަހުމަދު.
10 August 2022
ނޫން ނޫން .ސޭކުބޭ. ތީ ދިވެހިންގެ ތެރޭގައި އާއްމުކޮށް ބޭނުން ކުރާ ދިވެހިބަހެއްނަމަ ތިބަސް އެނގެނީ ކިތަށް މީހުނަށް ތޯއެވެ. ؟ ހުރިހާ އެންމެން ރަދީފު ބަލާ ބަސްކޮށާރު ތައް ބަލާ ނަހަދާނެއެވެ. ތި މާނަ ދޭހަވާ އެހެން ދިވެހިބަހެއްވެސް ފެނިދާނެއެވެ. ޢެއީކީ އެވެނެ މީހަކު ވިހައިފި ވެލާބިސްތަށް ވިހައިފި ނުކިޔޭނެސަބަބެއް ނޫންނެވެ. ޢެކިއެކި ބަސްތަކުގަ އެއްމާނަ އެކުލެވޭ ކިތަންމެ ބަހެއްހުރެއެވެ. ދެން ބުނަންވީތޯ ބަސް ކިޔަނީ 4 ފުރޮޅުލީ ހުއްވާ ވެހިކަލް އަކަށްށޭ.. ÷
ޙަސަން އަޙްމަދު
12 May 2022
ކުޑަހުރައަށް ގެންދިޔަ ވެލާގެ ބިސްތަކޭ ބުނީމަ ހީވަނީ އެރަށަށް ގެންދިޔަ ވެލައެއް އެޅި ބިހުގެ ވާހަކަދައްކާހެން. ވެލާ ބިހަށް ކޮންމެހެން ވެލާގެ ބިހޭ ކުކުޅު ބިހަށް ކުކުޅުގެ ބިހޭ ކީމަ ވާނީ މިހެން.
ޝެލަރީ
12 May 2022
މީ ވަރަށް ބޮޑުމައްސަލައެއް މިދޮންމީހުންނަކީ ގިނަފަހަރަށް އެނގިގަނެގެންއުޅޭ ރޯނުއެދުރުންތަކެއް ދިވެހީންނައް ވުރެބޮޑައް ދިވެހިރާއްޖެ ދިވެހިކަނޑުގެ ކަންކަން އެނގޭބަޔަކުނޫޅޭނެ ވެލާވެސް ވެލާބިސްވެސް އެނގޭނީ ހަމަ ދިވެހީންނައް ސާފް ދެއްތޯ؟
ކަ ހަ ބު
12 May 2022
އެ ވެލާތައް ހޯދަން ބޮޑު އޮޕަރޭޝަނަށް މި އަދު ފަށަނީ
1206
12 May 2022
ބިހެއް ނުވިހާނެ. ބިސް ފީ ވާނީ. ނޫންތަ؟
މޮހިތޮ
12 May 2022
މަހީކުރީ ބިސްފަޅާ ދުވަސް ކާރިވީމަ ބައިލޮޖިސްޓުންނަށް އިނގޭނެ ކަމަށް! ދެން ކާރިވީމަ ޓައިމްލެޕްސް އެއް ހެދުނުނަމަ ތިޔަ މަންޒަރުވެސް ފެނުނީސް! އެންމެ ރަނގަޅު ގޮތޮކީ ވެލާތައް ބޭބީ ނާސަރީ އަކަށް ގެންގޮސް ބޮޑުކޮށްފަ ދޫލޮށްލުން.
އަކަސަކަ
12 May 2022
ސާބަހޭ! އިބޫގެ ސަރުކާރަކީ މިކަހަލަ ބިޔަ މަޝްރޫއުތަށް ހާސިލް ކުރާ ކާމިޔާބު ސަރުކާރެއް.
ޖަސްޓިސް ވޮރިިއަރ
12 May 2022
ސަރުކާރުގެ މެގަ ޕްރޮޖެކްޓެއް ނިންމާލެވުނީމަ އުފާކުރަން. ދެރައީ ފޮޓޯގަނޑެއް ނުލިބުނީމަ.