އައިޖީއެމްއެޗް: ކޮވިޑް ކޭސްތައް އިތުރުވާތީ އެ ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
28 ޖޫން 2022 - 11:02
ރާއްޖޭގައި މި ދުވަސްވަރު ކޮވިޑް ޖެހޭ މީހުންގެ އަދަދު ދުވާލަކު 100 އިން މަތީގައި އުޅޭ ކަމަށް އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާފައިވާއިރު، ބައެއް ތަންތަނުން އެ ބަލިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ ކޮވިޑްގެ ކޭސްތައް މައްޗަށް ދާތީ، އިއްޔެ އިން ފެށިގެން އެ ހޮސްޕިޓަލުގައި ބަލި މީހުންނަށް ޒިޔާރަތް ކުރެވޭ ގަޑި އަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. މިހާރު ބަލި މީހުންނަށް ޒިޔާރަތް ކުރެވޭނީ ކޮންމެ ދުވަހެއްގެ ހަވީރު 5 އިން ރޭގަނޑު 7 އަށް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ހޮސްޕިޓަލަށް ދާއިރު، މާސްކު އެޅުން މިއަދު ވަނީ މަޖުބޫރުކޮށްފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލުން ވެސް ވަނީ އެ އެއާޕޯޓަށް ދާއިރު މާސްކު އަޅަން އިލްތިމާސްކޮށްފަ އެވެ. ބައެއް އެއާލައިންތަކުން ވެސް ބައިނަލްއަގްވާމީ ދަތުރުތަކަށް ދާއިރު މާސްކު އަޅަން އަންގައިފަ އެވެ.
ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވާތީ އިތުރު ފިޔަވަޅުތަކެއް އަޅަން މަޝްވަރާ ކުރޭތޯ ސާފުކުރުމަށް އެޗްޕީއޭ އަށް ގުޅި ނަމަވެސް އަދި ވަކި ޖަވާބެއް ނުލިބެ އެވެ.
މިދިޔަ މަހާއި މި މަހުގެ ކޮވިޑް ކޭސްތަކުގެ އަދަދު -- ގްރެފިކްސް: އެޗްޕީއޭ
އެޗްޕީއޭއިން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގައި 1،202 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. އެއީ މާލެ ސަރަހައްދުން 528 މީހަކާއި ރަށްރަށުން 452 މީހަކާއި އަދި އެހެން ތަންތަނުން 222 މީހެކެވެ. މިދިޔަ ހަފުތާގައި 51 މީހަކު އެޑްމިޓުކޮށްގެން ފަރުވާދޭން ޖެހުނު ކަމަށް ބުންޏެވެ.
އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައި މި މަހުގެ 22 ގަ އެވެ. އެ ދުވަހު 237 މީހަކަށް އެ ބަލި ޖެހުނެވެ. އެހެން ދުވަސްތަކުގައި ކޭސްތައް އުޅެނީ 100 އާއި 200 އާ ދެމެދުގަ އެވެ.
ފާއިތުވި ހަފުތާގައި ކޮވިޑް ބަލީގައި ތިން މީހަކު މަރުވި އެވެ. އޭގެ ތެރޭގައި 20 އަހަރުގެ ޒުވާނަކު ވެސް ހިމެނެ އެވެ. އެ ބަލީގައި މިހާތަނަށް ރާއްޖެއިން 305 މީހަކު މަރުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޮމްބެ
28 June 2022
ރާއްޖޭގައި ވެސް މި އޮމިކުރޯން އައު ވޭރިއެންޓް ފެތުރޭނީ އެހެން ގައުމުތަކުގައި ވެސް ފެތުރުނު ގޮތަށް. ސައުތް އެފްރިކާގެ ތަޖްރިބާ އަށް ބަލާއިރު ކުރީ ވޭވްތަކަށް ވުރެ މިވޭރިއެންްޓްގެ ޕީކު ކުޑަ، ރާއްޖެ އިން ވެސް އެހެން ގައުމުތަކުގެ ތަޖްރިބާގެ އަލީގައި ކުރިއަށް ދިޔައީމާ ރަގަޅުވާނެ. ސިއްހީ ދާއިރާގެ މީހުންގެ ޖީބުތައް ފުރާލާޒާތުގެ ފިޔަވަޅުތައް އެޅުމަކީ ރައްޔިތުންނަށް ވެވޭނެ ހިޔާނާތެއް.
ފީކުދާން1
28 June 2022
ކޮވިޑު އަލީލަތީފު މެން ރިސޯޓުހަދަން ރަށްތަކާ އެއްޗެހި އެތިބަ ގަނެލަނީ.
އައި ލަވް ކޮވިޑް
28 June 2022
އަދި ގިނަ ވަންދެން މަޑުކޮށްބަލަ.. އަލުން މާސްކު އަޅަން މަޖުބޫރުކޮށް ކަރަންޓީނު ކުރަން ފަށާބަލަ.. ޕްލީސް..
ކޮރަލް
28 June 2022
އެޗްޕީއޭ އިން މަޖްލިސް ރައީސް އާ ވާހަކަ ދައްކާ ފަ ގޮތެއް ނިންމާނެ އެވެ. މަޑު ކޮށްލާށެވެ.
ށަވިޔަނި
28 June 2022
ކޮވިޑް ރާއްޖެއަށް ޒިޔާރަތްކުރިކަމަށް ބުނަނީ 2020 ވަނައަހަރު މާރޗް މަހު. އެދުވަހުން ފެށިގެން މާސްކް ނައަޅާ ގެއިން ބޭރަށް ނުދަން. ސެނިޓައިޒާ އަބަދު ގެންގުޅެން. ޑަބްލިއޫއެޗްއޯއިން ބުނި 2025 ގެކުރިން މިކަމުން ސަލާމަތްވާނެކަމަކަށް ނުފެނެއޭ. އެހެންވެ އެގޮތަށް ބަލައިގެން އުޅެވޭތޯ މިބަލަނީ. ދެރަކަމަކީ ބައެއް މީހުން ހިސާބަށްވުރެ މޮޅީ.
ކަބީލާބެ
28 June 2022
ދެން ލޮކަކަށް ނުދެވޭނެ.
ޒުލޭބި
28 June 2022
އަހަރެންގެ ދާދި ގާތް އެކުވެރިއަކަށް ވަނީ ކޮވިޑްއާއި ހެދި ވަހުމުގެ ބަލި ޖެހިފައެވެ. އޭނާއާއި ދިމާވީ ކާނިވަލުގެ ކެފޭއަކުންނެވެ. ދިމާވެގެން ކޮފީއެށް ބޯލަން އެރީމައި ފެނުނު މަންޒަރުން ދެރަވިއެވެ. ސަލާން ކޮއްލުމާއި އެކު ސެނެޓައިޒް ބޮޑު ފުޅިއެށް ނަގައި ދެއަތް ދެއަތާ އުނގުޅާލިއެވެ. މާސްކު އަޅައިގެން އިނދެ މާސްކު ތިރިކޮއްލައިފައި ކޮފީ ބޯލައެވެ. ކޮފީ ނިމި ފައިސާ ދައްކަން ކޭސްކާޑް މެސިންގެ ބަޓަންތަކަށް ފިއްތަނީ ތަޅުދަނޑިންނެވެ. ހިތާމަކުރަމެވެ.
މަ މަރާލާ
28 June 2022
ސޮރި.. އައި ލާފްޑް
ގުމުރީ
28 June 2022
މި ބޮޑު ވޭނެށް ކަހަލަ ކޮވިޑެށް. ހުސް ބުހުތާނު ދޮގު. މަ ބިރެށް ނުގަނެ ކޮވިޑް ޢޭ ކިޔާފައި ތިހެން ބުންޔަސް. ކޮވިޑްއެށް ގަބޫލެއް ނުކުރަން އެކަމު ކުރިންވެސް ޖެހޭ ރޯގާތަށް ގަބޫލްކުރަން. ކޮންމެ މީހަކީ ތާ އަބަދު ދުނިޔޭގައި ތިބޭނެ ބައެށް ނޫން. މުސްކުޅިބަލީގައި މަރުވާ މީހާވެސް މިހާރު ރޯގާ ކޮޅެށް ޖެހިލިޔަސް މިވަނީ ކޮވިޑަށް. ދިފާއީ ނިޒާމް ބަލިވާނެ މުސްކުޅިން އެނދު ތަންމަތިވާ މީހުން އަދި ތުއްތު ކުދިން. ގަދަ ހުމެއް ޖެހުނަސް ކެތް ނުކުރެވޭނެ.
މުއްސަނދިވާން ބޭނުންވާ ރަހީމް
28 June 2022
ކަލޯ ކޮވިޑްޖެހިގެން މިވެނި އަދަދަކަށް މީހުން މަރުވިޔޯ. ދުނިޔޭގައި މިހާރުވެސް އަބަދުވެސް އެތަށް ބައަކު ކޮންމެ ދުވަހަކު މީހުން މަރުވަމުންދޭ. އަހަރެމެން މޮނީޓަރ ކުރީމައި އެކަން އެނގޭނެ. މާޒީގައި މަރުވެފައިވާ އަދަދު އަދި ތިޔަ ކޮވިޑްގެ އަދަދު އަޅާ ކިރާލީމައި ހަމަ އެކައްޗެށް ފެންނާނެ ކަމަކީ ޔަޤީންކަމެށް އަދި އެ ރެކޯޑް ވައްޓާލާފައި ވާ ދުވަސްތަށް ވެސް ހުންނާނެ.
ސައިކޯ ބޮކި
28 June 2022
މިހާރު ކޮވިޑްގެ ނަން ބޭނުން ކޮއްގެން ވަރަށް ގިނަގުނަ ކަންކަން ކޮއްލެވޭނެ. އިތުރަށް ކޮރަޕްޝަން ހިންގަންވެސް، ވޯކް ލޯޑް މަދުކުރަންވެސް ، ޑިއުޓީއަށް ނުކުނަން ބޭނުން ނުވާ މީހާ ޗުއްޓީނަގަންވެސް. ދުނިޔެ ނިވަނީ ކޮވިޑަށް ވުރެން ނުބައި ބަލި މަޑުކަމެއްގައި. ބަލި ނުޖެހޭ ޖާދޫގެ މާސްކެށް މޫނުމަތީ ތަތްކޮއްގެން އުޅުމުގެ އަޅަކަށް ވެފައި.