ކުޅިވަރު / ދިވެހި ކުޅިވަރު

ދިވެހި ޕްރިމިއާ ލީގް: ތިންވަނަ ބުރުގެ ފުރަތަމަ ދުވަހު ޔޫވީ އަތުން ޓީސީ އަށް ފުރިހަމަ މޮޅެއް، އީގަލްސް ވެސް ކުރިއަށް

ޓީސީގެ ފުރަތަމަ ލަނޑު ޖަހައިދިން ޒަޔާން ކައިރިން ބޯޅަ ހޯދަން ޔޫވީގެ ޝަމާލް މަސައްކަތް ކުރަނީ.-- ފޮޓޯ: އެފްއޭއެމް

02 ޖުލައި 2022 - 14:38

އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ތިންވަނަ ބުރުގެ ފުރަތަމަ ދުވަހު ކުޅުނު މެޗުތައް ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ކާމިޔާބުކޮށްފި އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ޓީސީ ސްޕޯސް ކްލަބް ކާމިޔާބުކުރީ، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ވާދަކޮށް 3-0 އިންނެވެ. އެ މޮޅާއެކު ޓީސީ ވަނީ، ދެވަނަ ބުރު ނިންމާލިއިރު 20 ޕޮއިންޓާ އެކު ތިންވަނައިގައި އޮތް ޔޫވީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށް، ފައިދާ ގޯލުގެ ތަފާތުން އެ ޓީީމު ފަހަތަށް ޖައްސާލައިފަ އެވެ.

ޓީސީން މެޗުގައި ލީޑުނެގީ 18 ވަަނަ މިނިޓުގައި މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ހުސްކޮށްލާފައި ދިން ބޯޅައަކުން ފޯވާޑް ޒަޔާން ނަސީރު (ޒައްޔު) އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން 43 ވަނަ މިނިޓުގައި ލީޑް ފުޅާކޮށްދިނީ ހައިޝަމް ރަޝީދެވެ. ތިންވަނަ ލަނޑު ވެސް ޖަހައިދިނީ ހައިޝަމް އެވެ. މެޗުގެ 60 ވަނަ މިނިޓުގައި އޭނާގެ ދެވަނަ ލަނޑު ޖަހަން އެހީވެދިނީ ނިޝާމް އެވެ.

މެޗުގައި ޔޫވީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އާއި ކެޕްޓަން އަލީ ހަމްދާން (އައްޔަ) އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު އިރު، ބެލަރޫސް ފޯވާޑް އިވާން ވެރާސް އާއި ޒުވާން ފޯވާޑް އަރީން އަބްދުﷲ އިބްރާހިމްގެ ހަމަލާތައް، ޓީސީގެ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ދިފާއުކުރި އެވެ.

މިއީ މި ސީޒަނުގައި ޔޫވީ އަތުން ޓީސީ ސްޕޯޓްސް މޮޅުވި ފުރަތަމަ މެޗެވެ. ޕްރެޒިޑެންޓްސް ކަޕުގައި ޓީސީ އަތުން 4-1 އިން ޔޫވީ މޮޅުވި އިރު، ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި އެ ދެ ޓީމުގެ ކުރިމަތިލުން ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. އަދި ދެވަނަ ބުރުގެ މެޗު ޔޫވީ ކާމިޔާބު ކޮށްފައި ވަނީ 3-2 އިންނެވެ.

އީގަލްސް މޮޅަކާ އެކު ކުރިއަށް

އިއްޔެގެ ދެވަނަ މެޗުގައި ބައްދަލުކުރީ ކްލަބް އީގަލްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް އެވެ. ލީގުގެ ދެވަނައިގައި އޮތް އީގަލްސް މި މެޗު ކާމިޔާބުކުރީ 3-1 އިންނެވެ.

ބްރޫނޯ، ގްރާންޑޭ ކީޕަރު ތާހާ ކައިރިން ނައްޓާފައި އީގަލްސްގެ ފުރަތަމަ ލަނޑު ޖަހަނީ.-- ފޮޓޯ: އެފްއޭއެމް

އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) ދިން ބޯޅައަކުން އީގަލްސް އަށް ލީޑު ނަގައިދިނީ މެޗުގެ ނުވަވަނަ މިނިޓުިގައި، ރެއާލް މެޑްރިޑްގެ ސީ ޓީމަށް ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު، ބްރޫނޯ ވިނީޝިއުސް އެވެ.

އީގަލްސް އިން ލީޑު ފުޅާކުރީ 34 ވަނަ މިނިޓުގައި ރިޒުވާޏް ޖެހި ގޯލަކުންނެވެ. ރިޒުވާން ވަނީ މެޗުގެ 85 ވަނަ މިނިޓުގައި އެޓީމުގެ ތިންވަނަ ލަނޑު ވެސް ޖަހައިފަ އެވެ. ތިންވަނަ ލަނޑު ޖެހިތާ މިނިޓެއް ފަހުން ދަ ގްރާންޑޭ އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ، އަބްދުﷲ ޖުނައިދު (ޖެންނެ)ގެ އެހީތެރިކަމާ އެކު، އިސްމާއިލް މަފާޒް އިބްރާހިމް އެވެ.

މަފާޒްގެ އިތުރުން ދަ ގްރާންޑޭގެ އިސްމާއިލް ނަޒީހާއި މުހައްމަދު ލަޔާން އަހުމަދަށް ވެސް ލަނޑުޖަހަން އިތުރު ފުރުސަތު ލިބުނު ނަމަވެސް، ބޯޅަތައް މާ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ.

މެޗު ކާމިޔާބުކޮށް އީގަލްސް ވަނީ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑަކާއެކު އޮތް މާޒިޔާ ސްޕޯޓްސްއާ، ދެ ޕޮއިންޓަށް ގާތް ކޮށްފަ އެވެ. މާޒިޔާ އެއްވަނައިގައި އޮތީ 14 މެޗު ކުޅެގެން ހޯދި 39 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން ހޯދި މޮޅަށް ފަހު އީގަލްސް ވަނީ 15 މެޗުން 37 ޕޮއިންޓް ހަމަކޮށްފަ އެވެ.

މި ސީޒަނުގައި އަދި މެޗަކުން މޮޅެއް ނުހޯދި އޮތް ދަ ގްރާންޑޭ އޮތީ އެންމެ ޕޮއިންޓަކާއެކު ލީގުގެ ފުލުގަ އެވެ.

ލީގުގައި މިއަދު ހަވީރު 4 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. އަދި މިރޭ 9 ޖަހާއިރު ބައްދަލުކުރާނީ، ކްލަބް ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454