ދުނިޔެ

އެމެރިކާ އާއި ރަޝިޔާ އިން ކުށްވެރިން ބަދަލުކުރަނީ

ހަތިޔާރުގެ ވަގު ވިޔަފާރި ކުރުމުގެ ތުހުމަތުގައި ތައިލޭންޑުން ހައްޔަރުކޮށް މިހާރު އެމެރިކާގެ ޖަލުގައި ހައްޔަރުކޮށްފައި ހުރި ރަޝިޔާގެ ވިކްޓާ ބޮޓް.

28 ޖުލައި 2022 - 16:25

ހަތިޔާރުގެ ވަގު ވިޔަފާރި ކުރުމުގެ ކުށުގައި އެމެރިކާގައި ހައްޔަރުކޮށްފައި ހުރި ރަޝިޔާގެ ރައްޔިތަކު މިނިވަންކުރުމުގެ ބަދަލުގައި، ރަޝިޔާގައި ހައްޔަރުކޮށްފައި ތިބި އެމެރިކާގެ ދެ ރައްޔިތުން މިނިވަންކުރުމަށް އެމެރިކާ އިން ރަޝިޔާ އަށް ހުށަހަޅައިފި އެވެ.

ޖާސޫސް ކުރުމުގެ ތުހުމަތުގައި ރަޝިޔާގައި ހައްޔަރުކޮށްފައި ތިބި އެމެރިކާގެ ބާސްކެޓްކުޅުންތެރިޔާ ބްރިޓްނީ ގްރިނާ އާއި އެމެރިކާގެ މެރިން ސިފައިންގެ ކުރީގެ އޮފިސަރެއް ކަމަށްވާ ޕޯލް ވޭލާން އެވެ. ހަތިޔާރުގެ ވަގު ވިޔަފާރީގެ ތުހުމަތުގައި އެމެރިކާގައި ހައްޔަރުކޮށްފައި ހުރީ، ރަޝިޔާގެ ރައްޔިތެއް ކަމަށްވާ ވިކްޓާ ބޯޓް އެވެ.

ޖާސޫސް ކުރުމުގެ ތުހުމަތުގައި ރަޝިޔާގައި ހައްޔަރުކޮށްފައި ހުރި އެމެރިކާގެ މެރިން ސިފައިންގެ ކުރީގެ އޮފިސަރު ޕޯލް ވެލާން

ނަމަވެސް މި ތިން ކުށްވެރިން ބަދަލުކުރުމާ ގުޅޭ ގޮތުން، އެމެރިކާ އިން ރަޝިޔާ އަށް ހުށަހެޅި ހުށަހެޅުމުގެ ފުރިހަމަ ތަފްސީލެއް އެމެރިކާ ސަރުކާރުން ހާމައެއް ނުކުރެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ހުށަހެޅުމާ މެދު ރަޝިޔާއިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އިއްޔެ ވިދާޅުވި ގޮތުގައި މިފެށޭ ހަފުތާގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވާއާ އެކުގައި، ފޯނުގެ ޒަރީއާއިން ކުރައްވާ މަޝްވަރާތަކުގައި ކުށްވެރިން ބަދަލުކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެ އެވެ. މިއީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، މި ދެ ބޭފުޅުން އެއްވެސް ކަމެއްގައި މަޝްވަރާ ކުރައްވާ ފުރަތަމަ ފަހަރެވެ.

ޖާސޫސް ކުރުމުގެ ކުށުގައި ރަޝިޔާގައި ހައްޔަރުކޮށް ޖަލަށް ލާފައިވާ އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ބްރިޓްނީ ގްރިނާ، ޖުލައި 27، 2022 ގައި މޮސްކޯގެ ކޯޓަކަށް ހާޒިރުކޮށްފައި. --އޭއެފްޕީ

އެމެރިކާގެ ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުށްވެރިން ބަދަލުކުރުމުގެ ހުށަހެޅުން އެމެރިކާ އިން ރަޝިޔާ އަށް ހުށައެޅީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި ރައީސް ޖޯ ބައިޑެން ވަނީ އެ ހުށަހެޅުމަށް ރުހުން ދެއްވައިފަ އެވެ.

ރަޝިޔާގެ ކުށްވެރިޔާ ވިކްޓާ ބޯޓްގެ އަންހެނުން އަލާ ބުނީ، ދެ ގައުމުން ކުށްވެރިން ބަދަލުކުރުމުގެ ހުށަހެޅުމާ ބެހޭ އެއްވެސް މައުލޫމާތެއް އޭނާ އަށް ވެސް އަދި އޭނާގެ ފިރިމީހާ އަށް ވެސް މިހާތަނަށް ނުލިބޭ ކަމަށެވެ. ވިކްޓާގެ ގާނޫނީ ވަކީލު ވިދާޅުވީ، ކުށްވެރިން ބަދަލުކުރުމުގެ ހުށަހެޅުމާ ބެހޭ ތަފްސީލުތައް ހާމަކުރެވެން ނެތް ކަމަށާއި، ނަމަވެސް ވަރަށް އަވަހަށް އެކަން ނިމިގެންދާނެ ކަމަށެވެ.

އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވީ އެމެރިކާގެ ހުށަހެޅުން މީގެ ހަފުތާތަކެއް ކުރިން ރަޝިޔާ އަށް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް ރަޝިޔާ އިން މިހާތަނަށް އެ ހުށަހެޅުމަށް ރަސްމީ ޖަވާބެއް ނުދޭތީ، އެ ހުށަހެޅުން ތަންފީޒުވާނެ ކަމާ މެދު އެއްޗެއް ދެންނެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454