ނިއު ޒީލޭންޑް
01 އޯގަސްޓް 2022 - 12:24
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގައުމު ފުރަބަންދުކޮށް ބޯޑަރުތައް ބަންދުކޮށްގެން މަސްތަކެއް ހޭދަކުރުމަށް ފަހު، ފުރަބަންދުގެ ހާލަތު އުވާލައި، ނިއު ޒީލޭންޑްގެ ބޯޑަރުތައް ބައިނަލްއަގުވާމީ ދަތުރުވެރިންނަށް، ރޭ މެންދަމުން ފެށިގެން އެއްކޮށް ހުޅުވާލައިފި އެވެ.
ކޮވިޑުން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް ނިއު ޒީލޭންޑް ސަރުކާރުން ލުއިތައް ދޭން ފެށީ، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ ހުއްދަ ދިނީ، ބޭރު ގައުމުތަކުގައި ތިބި ނިއު ޒީލޭންޑް މީހުން އެނބުރި ގައުމަށް އައުމަށެވެ. އޭގެ ފަހުން ބައެއް، ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ 50 އަށް ވުރެ ގިނަ ގައުމުގެ ފަތުރުވެރިން އެ ގައުމަށް އެތެރެވުން، މިދިޔަ މެއި މަހުން ފެށިގެން ހުއްދަކުރި އެވެ.
މިހާތަނަށް އުވާނުލައި ހުރި ހުރިހާ ފިޔަވަޅުތަކެއް ރޭ ދަންވަރު 12 ޖެހުމާއެކު އުވާލައި، ނިއު ޒީލޭންޑްގެ ކަނޑާއި ވައިގެ ބޯޑަރުތައް މިހާރު ވަނީ އެކުގައި ހުޅުވާލައިފަ އެވެ. އެ ގޮތުން ބައިނަލްއަގުވާމީ ދަރިވަރުންނާއި ޓޫރިސްޓުން ދަތުރުކުރާ ކަނޑުބޯޓުތަކުގައި އަންނަ ފަތުރުވެރިންނަށާއި، ވިސާ ނައިގެން އެތެރެވެވޭ ގައުމުތަކުގައި ފަތުރުވެރިންނަށް ވެސް މިހާރު ވަނީ ނިއު ޒީލޭންޑް ހުޅުވާލައިފަ އެވެ.
ޑިސެމްބަރު 2019 ގައި ޗައިނާ އިން ފެނި، އޭގެ ފަހުން ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު، އެންމެ ހަރުކަށި ފިޔަވަޅުތަކެއް އެޅި އެއް ގައުމަކީ ނިއުޒީލޭންޑެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އެ ގައުމު އޮތީ ކޮވިޑް ނުފެތުރޭ ގައުމެއްގެ ގޮތުގަ އެވެ.
ނަމަވެސް ޑިސެމްބަރު 2021ގެ ފަހުކޮޅު، ކޮވިޑް ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޯން ބާވަތުގެ ވައިރަސް އެ ގައުމަށް އެތެރެވެ، އާންމުންގެ މެދުގައި ފެތުރެން ފެށުމާއެކު، މުޅި ގައުމު ފުރަބަންދުކޮށް ބޯޑަރުތައް ބަންދުކުރި އެވެ. އެއަށް ފަހު ކޮވިޑަށް ޓެސްޓުކުރުން އިތުރުކޮށް، އާންމުންނަށް ވެކްސް ދިނުމުގެ ކަންތައް އިތުރަށް ހަރުދަނާ ކުރި އެވެ.
ކޮވިޑުން ރައްކާތެރިވުމަށް އެޅި ހަރުކަށި އަދި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ނިއު ޒީލޭންޑް ފާހަގަކުރެވިފައިވަނީ، ކޮވިޑް ޖެހިގެން އެންމެ މަދުން މީހުން މަރުވި ގައުމުގެ ގޮތުގަ އެވެ. އެހެންނަމަވެސް، ގައުމު ފުރަބަންދުކުރުމާ ގުޅިގެން، އެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތު މުޅިން ހުއްޓުމަކަށް އައެވެ. އަދި ގައުމުން ބޭރުގައި ތިބި އެތައް ހާސް ބަޔަކު ގައުމަށް ނާދެވި ބޭރު ގައުމުތަކުގައި ތިބެން މަޖުބޫރުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy