ހުޅުމާލޭ ވޮލީ ކޭމްޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ވޮލީ ކޭޟްޕް ފެށުމުގެ ކުރިން އާ ވޮލީކޯޓެއް ވެސް ހުޅުމާލޭގައި ވަނީ ފަށާފަ --- ފޮޓޯ: އެޗްޑީސީ
22 އޯގަސްޓް 2022 - 13:07
ހުޅުމާލޭގައި އާ ވޮލީބޯޅަ ކޯޓެއް ހުޅުވައި، ޒުވާން ކުޅުންތެރިން އެ ކުޅިވަރަށް ނެރުމަށް އެޗްޑީސީން ވޮލީ ސްކިލްސް ކޭމްޕެއް ފަށައިފި އެވެ.
"މައި ހުޅުމާލެ ވޮލީބޯލް ކޭމްޕް" ގެ ނަމުގައި ބާއްވާ ކޭމްޕް ކުރިއަށް ގެންދަނީ ހުޅުމާލޭ ފިޔަވަތި ކައިރީގައި އަލަށް ހެދި ވޮލީކޯޓްގަ އެވެ. މި ކޭމްޕް ހާއްސަކޮށްފައި ވަނީ އުމުރުން 10 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށެވެ. ކޭމްޕުން ދެ ޖިންސުގެ ކުދިންނަށް ވެސް ވޮލީގެ ބޭސިކް އަދި އެޑްވާންސް ތަމްރީންތައް ފޯރުކޮށްދެ އެވެ.
އެޗްޑީސީން ބުނި ގޮތުގައި ބޭސިކް ތަމްރީންތައް ފޯރުކޮށްދެނީ މުޅިން އަލަށް ވޮލީ އަށް ނުކުންނަ ކުދިންނަށެވެ. އެޑްވާންސް ކޯސް ހާއްސަކޮށްފައި ވަނީ މިދިޔަ އަހަރު ކޭމްޕްގައި ބޭސިކް ސްކިލްސް ފުރިހަމަ ކުރި ކުދިންނަށް އިތުރު ތަމްރީން ދިނުމަށެވެ.
އެޗްޑީސީ ވޮލީބޯލް ސްކިލްސް ކޭޟްޕގައި ކުދިން ތަމްރީން ހަދަނީ: ކޭމްޕް ކުރިއަށް ދަނީ އެޗްޑީސީގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު ސާޖިދު ކާއްޓޭގެ ބެލުމުގެ ދަށުން. --- ފޮޓޯ: އެޗްޑީސީ
މިއަހަރުގެ ކޭމްޕްގައި 100 ކުދިން ވަނީ ބައިވެރި ވެފަ އެވެ. ދެހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ ކޭމްޕް ނިންމާލުމުގެ ގޮތުން އެއް ދުވަހުގެ ވޮލީ މުބާރާތެއް ވެސް ކޭމްޕްގައި ބައިވެރިވި ކުދިންގެ މެދުގައި ބޭއްވުމަށް އެޗްޑީސީން ވަނީ ނިންމައިފަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގައި ވޮލީ ކުޅެން ބޭނުންވާ މީހުން ގިނަ ވުމުންނެވެ. އެހެންވެ މިދިޔަ ހޮނިހިރު ދުވަހު އެ ކޭމްޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެ ވޮލީ ކޯޓުވެސް ވަނީ ރަސްމީކޮށް ހުޅުވައިފަ އެވެ.
ވޮލީ ކޭމްޕާއި ރަސްމީކޮށް ފައްޓަވައި ދެއްވައި ވޮލީކޯޓް ހުޅުވައި ދެއްވީ އެޗްޑީސީގެ ޗީފް އޮޕަރޭޓިންގ އޮފިސާ ޝާތިރު އަބްދުލް ރަހްމާން އެވެ.
ވޮލީ ކޭމްޕް ކުރިއަށް ގެންދަނީ ގައުމީ ވޮލީ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ގެ ބެލުމުގެ ދަށުންނެވެ. އޭނާ ވަޒީފާ އަދާ ކުރަނީ އެޗްޑީސީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
22 August 2022
އެޗްޑީސީ އިން ވޮލީ ކުރިއަރުވަން، ސްޓެލްކޯ އިން ފެން ހަދާ/ފްލެޓް އަޅަަން، އެމްޕީއެލް އިން ބަސްދަތުރަށް ނިކުތީމަ، މިކުންފުނިތަކުގެ ޙަޤީގީ މަސްއޫލިއްޔަތު އަދާކުރަންވެސް އުޅެންވީ ބޮންދުންބާ؟